
DSC_9735
ރޭގަނޑު ބުރުޖަހާލަން ނުކުތީ ހިތްފަސޭހަ ކޮށްލުމުގެ މަގްސަދުގައިއެވެ. ނަމަވެސް، ހިތްފަސޭހަކަން ހިތްމޯޅިވުމަށް ބަދަލުވީ ރަށުގެ އުތުރު ފަރާތުން މުޅި އުދަރެސް ބަނަކުރަމުން އައި ބޮޑު ވިއްސާރަ ވިލާގަނޑެއް ފެނިފައިއެވެ. ބަލާކަށް ނެތި އަވަހަށް ގެއާ ދިމާލަށް މިސްރާބު ޖަހާލީ ގޯތިތެރޭގައި ހިއްކަން އަޅުވާފައިތިބި ހެެދުންތައް ނެގުމަށެވެ. ނަމަވެސް ގެއާ ހިސާބަށް ފޯރިއިރު ވެގެން އުޅޭ ގޮތެއް ރޭކާ ލައިފިއެވެ. މިއީ ވަކި ބޮޑު ވިއްސާރަ ވިލާގަނޑެއްގެ ބަދަލުގައި އެއްކަލަ ކުނި ކޮށީގެ އަންދަމުން ދިޔަ ކުނިތަކުން އަރަމުން ދިޔަ ވިހަ ދުމެގެ ބޮޑު ދުންގަނޑެވެ.

މިއީ ތިނަދޫގެ ކުނި ކޮށި، މާފުށީ ސަރަހައްދަށް ބަދަލުކުރިފަހުން މިވީ 22 އަހަރުގެ އާދައެވެ. އާދެ ބަދަލެއްނުވި ވާހަކައެވެ. އެތަކެއް ބަޔަކު، އެތަކެއް ރައީސަކު ވަޑައިގެންވެސް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި ތިނަދޫ ކުނި ކޮށީގެ ހާލަތެވެ. ކޮންމެ ދުވަހަކު ނޫނަސް، ގާތްގަޑަކަށް 2 ދުވަހުން 1 ދުވަހަކު ވަކީން ހާއްސަކޮށް އެސަރައްދުގައި ދިރިއުޅެމުންދާ އެންމެހާ ރައްޔިތުންނަށް ކުރިމަތިވަމުންދާ ދުއްތުރާތަކެވެ. ކުނި އެންދުން ނޫން އިތުރުގޮތެއް މިވީ 22 އަހަރު ދުވަހު ތެރޭ ތިނަދޫ ރައްޔިތުންނަށް، ވަކިން ހާއްސަކޮށް އެކި ސަރުކާރުތަކުން މިކަމާއި މެދު މަސައްކަތްކުރި ކައުންސިލް މެމްބަރުންނާއި މަޖިލިސް މެމްބަރުންނަށްވެސް ނުލިބުނީތާއެވެ.
"އިންސިނަރޭޓަރު ބެހެއްޓުމަށް ރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މިހާރު މަސައްކަތް އެބަ ކުރެވޭ"
މިއީ 21 ފެބްރުއަރީ 2022 ވަނަ ދުވަހު "ގާފު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ދެއްވި ޖަވާބެވެ. ޖަވާބު ވަރަށް ސާދާވެފައި ސީދާއެވެ. އެ ހުވަފެނަށް މިއަދަށްވެސް 5 މަސްވެ ހިނގައްޖެއެވެ. އެގޮތުން މި އިންސިނަރޭޓަރުގެ އެންމެ ފަހުގެ އަދާހަމަތައް ހޯދުމަށް "ގާފު" ނޫހުން ކައުންސިލްގެ ރައީސް ސައުދުއަށް ގުޅުއްވުމުން ޖަވާބެއް ނުދެއްވިއެވެ. ކައުންސިލްގެ އެކި މެމްބަރުންނަށް ގުޅުއްވުމުންވެސް އެންމެ އެދެވޭ ޖަވާބެއް ނުލިބުނެވެ. ފޯނު ނަންގަވައި ޖަވާބު ދެއްވި ބޭފުޅަކަށްވީ އެކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަރީފު އެކަންޏެވެ.
އިންސިނަރޭޓަރު ގެނައުމުގެ މަސައްކަތުގެ އެންމެ ފުރިހަމަ އަދާހަމައެއް އަޅުގަނޑަކަށް ނޭނގޭ. - މުހައްމަދު ޝަރީފް
މިއީ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަރީފު ދެއްވި ޖަވާބެވެ. އިންސިނަރޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާތާ 5 މަސްވީއިރު، އެ މެޝިން މިރަަށަށް ނުގެނެވޭ އެންމެ ބޮޑު ސަބަބެއްކަމުގައި ކައުންސިލްގެ ރައީސް ކުރިން ދެއްވި ޖަވާބަކީ އެމެޝިން ބަހައްޓާނެ ސްޓޭޝަން ހެދުމާއި އެއަށް ބޭނުންވާ ތްރީ ފޭސް ކަރަންޓު ލުމުގެ މަސައްކަތް ނުނިމުމެވެ. އެވިދާޅުވާ ސްޓޭޝަނެއްގެ މަސައްކަތް މިއަދުވެސް ހުރީ މީގެ 5 މަސް ކުރިންވެސް އެތަނުގެ މަސައްކަތް ހުރި ހިސާބުގައިއެވެ. އެއްވެސް ކުރިއެރުމެއް، ތަނަށް އައި ބަދަލެއް ފެންނަން ނެތް ކަހަލައެވެ. މިކަމާއި ބެހޭގޮތުން ވެސް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާއި ކުރެވުނު ސުވާލަށް ދެއްވި ޖަވާބު ވަރަށް ސާފެވެ.
އެތަނުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަހުން. ކައުންސިލުން ބަޔަކާ ހަވާލުކޮށްގެން ކުރާ ކަމެއްވީމަ، ވަރަށް ބޮޑަށް ކައުންސިލުން އެދޭ އެމަސައްކަތް އަވަހަށް ނިންމަން. - މުހައްމަދު ޝަރީފް
ކައުންސިލުން މާއިސްކަމެއް ދެއްވައިގެން ރައްޔިތުންނަށް ހުވަފެން ދެއްކެވި އިންސިނަރޭޓަރު އަދިވެސް ވީ ފުވައްމުލަކުގައިއެވެ. ކައުންސިލްގެ ރައީސް ކުރިން ފާހަގަ ކުރެއްވިގޮތަށް، ތިނަދޫއަށް އިންސިނަރޭޓަރު ގެންނަން ބޭނުންނުވަނީ އެމެޝިން ދަބަރައްވެ ހަލާކުވިޔަ ނުދިއުމަށެވެ. މިއަދު އެ އިންސިނަރޭޓަރުގެ ހާލަތެއް އަޅުގަނޑުމެންނަށް ހަމައެކަނި ކޮށްލެވޭނީ ވަޒަނެވެ.
ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ކުޑަ ނަމަވެސް އަޅާލުމެއް ނެތީތަ؟
ގައިމު މިއީ ތިލަފުށްޓެއް ނޫންވިއްޔާ. ދުން ގިނަކަމުން ގޭގަ ތިބެވެނީއެއް ނޫން. ހުރިހާ ދޮރެއް ޖަހައިގެންވެސް ކިރިޔާ ސަލާމަތްވަނީ - ރައްޔިތެއްގެ އާދޭސް
މިއީ އެކުނިކޮށީގައި އަލިފާން ރޯކުރާ ކޮންމެ ދުވަހެއްގެވެސް ހާލަތެވެ. އެސަރަހެއްދެކޭ އަސްލުވެސް ތިލަފުށްޓެކޭ ތަފާތެއް ނެތެވެ. އެހާވެސް މެހި ގިނައެވެ. އެހާ ދުންވެސް އޮވެއެވެ. ކައުންސިލުން މިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި މެދު ސުވާލުކުރުމުންވެސް އެކަމަށް މާބޮޑު ކަންކަމެއް ކުރެވިފައިނުވާކަން ހާމަވެގެން ދިޔައެވެ. ނަމަވެސް، އެކަމުގައި ކައުންސިލުން ދެއްވި ޖަވާބުގައި ގޯސްވީ ރައްޔިތުންނެވެ.
ކައުންސިލާއި ރައްޔިތުންނާއި އެއްކޮށް ވަކި މިކަމަށް ނޫނަސް ބައްދަލުވުންތަކެއް ބޭއްވުނު. ނަމަވެސް އެބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ނުލިބުނު. - މުހައްމަދު ޝަރީފް
ރައްޔިތުންގެ އެއްބާރުލުން މިފަދަ ކަންކަމަށް ނުލިބުމަކީ އަދި ބަހަނާއެއްކަމަށް ގަބޫލެއް ނުކުރެވެއެވެ. ރައްޔިތުންގެ އިތުބާރު ދަމަހައްޓާނީ ކައުންސިލުންނެވެ. އެ އިތުބާރު ގެއްލުމުގެ ސަބަބަކީވެސް ކައުންސިލުންވެސް މިހާ ދުވަހު ރައްޔިތުންނަށް އަޅާނުލުމާއި ރައްޔިތުންނަށް ލިބެންޖެހޭ އެހީތެރކަން ފޯރުކޮށްނުދިނުން ކަމަށް ވެދާނެއެވެ.
މިކަމުގެ ހެއްކެއްގެ ގޮތުގައި ކޮންމެ ހޯމަ ދުވަހަކު ކައުންސިލުން ބާއްވަމުންދާ "ރައްޔިތުންގެ ގަޑި"އަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެ ފާހަގަ ކުރެއްވި ބައްދަލުވުންތަކެވެ. ކައުންސިލްގެ 7 މެމްބަރުން އެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވިއިރު، ރައްޔިތުންގެ ތެރެއިން ވަޑައިގެންނެވީ އެންމެ 3 ބޭފުޅުންނެވެ. އެއްކަލަ ރައްޔިތުންގެ ގަޑި މިހާރު ކައުންސިލް ގަޑިއަށް ބަދަލުވެއްޖެއެވެ. މިފަދަ ބައްދަލުވުންތަކުގައި ރައްޔިތުން ބައިވެރިވުމުގެ ނިސްބަތް މަދުވަނީ ކައުންސިލްގެ އަމިއްލަ މައްސަލައަކުންތޯ ކައުންސިލް މެމްބަރުން އަމިއްލަފުޅަށް ސުވާލުކުރެއްވުން ވާނީ ކީއްތޯއެވެ.
މި އިންސިނަރޭޓަރު އަޅުގަނޑު ބަހައްޓާނަން! - ތިނަދޫ ރައީސް
މި ވިދާޅުވުން އަދިވެސް ވީ ބިލާހެއްގެ ގޮތުގައިއެވެ. މި ހުވަފެނީ އާލަމުން އަރައިގަނެ ރައްޔިތުންނަށް ދިމާވާ ދަތިތަކުން އަރައިގަންނަށް އެހީތެރިވެ ދިނުމަކީ ރައްޔިތުންގެ އެދުމެވެ. އެ ކުނިކޮށީގެ ހާލަތު މިނޫން އެހެން ހަރުފަތަކަށް ފޯރުކޮށްދިނުމަކީ ތިނަދޫ ރައްޔިތުންގެ އާދޭހެވެ. ތިނަދޫއަށް އުމްރާނީ ގޮތުން ލިބެމުންދާ ތަރައްގީއާއި އެއްވަރަށް، މިފަދަ އިޖްތިމާއި މައްސަލަތައްވެސް ހައްލުކޮށް ދިނުމަކީ ރައްޔިތުން އެދޭ ގޮތެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
