
DSC_4048
ރާއްޖޭގެ ކޮވިޑް19 ހާލަތު ގޯސްވާން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އަނެއްކާވެސް އިތުރުވަމުންދާތީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެކަމަށް އަޅަންވީ ޚާއްސަ ފިޔަވަޅުތަކެއްވެސް ވަނީ އާންމުކޮށްފައެވެ.
ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމާއެކު ބައެއް ޤައުމުތަކުގައި މިހާރުވެސް ކޮވިޑްގެ ހާލަތު ދަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރަމެވެ. --- އެޗްޕީއޭ
ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އަނެއްކާވެސް އިތުރުވަމުންދާތީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަމާލުކަންދެއްވާ: https://t.co/EFvbtJNrNY
— Health Protection Agency (@HPA_MV) June 13, 2022
ސަމާލުކަން ދޭންވީ ކަންކަން:
ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުން
މާސްކް އެޅުން - ޚާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައާއި އެތަންތަނަށް ޒިޔާރަތްކުރާއިރު
ކޮވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުން
ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން
އެޗްޕީއޭއިން ބުނީ، 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓަރ ޖެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.