
ތިނަދޫ ހޮސްޕިޓަލުގެ ބޯޑު އެކުލަވައިލިތާ 10 ދުވަސް - އަދިވެސް ބައްދަލުވުމެއް ނުބޭއްވޭ
# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްDJI_0455
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިންގުން ވަކި ގަވަރނިން ބޯޑެއްގެ ދަށުން ހިންގުމަށް ނިންމައި، އެ ބޯޑު އެކުލަވައިލީ މި ހިނގާ މާޗް މަހުގެ އެއް ވަނަ ދުވަހު އެވެ. ހޮސްޕިޓަލުގެ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު، އޭގެ ފަހުން މިހާތަނަށް 10 ދުވަސް ވެފައިވާއިރު ބޯޑުގެ ބައްދަލުވުމެއް ބޭއްވިފައި ނުވެއެވެ. އެ ބޯޑުން ހޮސްޕިޓަލްގެ ކަންކަން ރަނގަޅުކުރަން ރާވާފައި ހުރި ކަންކަމަކީ ކޮބައިތޯ ބެލުމަށް އަތޮޅުގެ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ ބޯޑުގެ ބައްދަލުވުމެއް މިހާތަނަށް އަދި ބޭއްވިފައިނުވާ ކަމަށެވެ. ނަމަވެސް ބައްދަލުވުމެއް ބޭއްވުމަށްޓަކައި އިދާރީ ގޮތުން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، މާ ދުރު ނޫސް މުސްތަގްބަލެއްގައި އެ ބައްދަލުވުން ބޭއްވިގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ދުވަހަކުވެސް ދަށަށް ނުދާހާ މިންވަރަށް މިއަދު ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ހެލްތް މިނިސްޓްރީގެ ދަށުން މިހުރިހާ ދުވަހު ހިންގި ހޮސްޕިޓަލްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ޚިދުމަތްތައް ގާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފެންނަން ހުރީ ހޮސްޕިޓަލުގެ ގޯތި ތެރޭގައި އަލަށް އިމާރާތް ކުރަމުންދާ އިމާރާތްތަކުން އެކަންޏެވެ. ޚިދުމަތަށް ރަނގަޅު ބަދަލެއް ނާންނަކަމީ އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ.
ގަވަރނިން ބޯޑެއްގެ ދަށުން ހިންގުމަށްޓަކައި ސަރުކާރުން އެ ހޮސްޕިޓަލަށް އެކުލަވައިލި ބޯޑުގެ ޗެއަރ އަކީ ޑޮކްޓަރ ލަވްޝާ މުޙައްމަދު، ކާއިނާތު، ގދ.ތިނަދޫ (ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް) އެވެ.
ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެނިހެން މެމްބަރުން:
ޑޮކްޓަރ ޢަބްދުﷲ ޢުބައިދު، ދަފްތަރު. ނަންބަރު ރސ 6099 (ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)
ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް
މަރްޔަމް ނާޒްނީން، ހ.ބަޑިދޫގެ (މިނިސްޓްރީ އޮފް ހެލްތް ތަމްސީލުކުރާ މެންބަރެއް)
ޖީޒާ ޙަސަން، ނީލުގެ، ގދ.ތިނަދޫ (ސަރަޙައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ މެންބަރެއް)
ސަޢުދު ޢަލީ، ޢަބުހަރީއާގެ، ގދ.ތިނަދޫ (އަތޮޅު ކައުންސިލްގެ މެންބަރެއް)
ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ
ބޯޑު އެކުލަވައިލިތާ 10 ދުވަސް ވެފައިވާއިރު ބޯޑު ބައްދަލުވުމެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައިވުމުގެ ސަބަބުން ހޮސްޕިޓަލް ހިންގުމުގައި އަލަށް އެކުލަވައިލި ބޯޑު ފެއިލްވެފައިވާކަމަށްވެސް ގިނަ ބަޔަކު ދެކެ އެވެ.