logoEN
ކޮކާކޯލާ

gaafu article graphics copy

އެޑިޓަރުގެ ނޯޓް: މިއީ "ގާފު އޮންލައިން"ގައި ޝާއިއުކޮށްދިނުމަށް އެދި މި ނޫހުގެ ކިޔުންތެރިއަކު ފޮނުވާފައިވާ ލިޔުމެކެވެ.
އަބުޅޯ

ދިވެހިރާއްޖޭގެ ސިއްޙަތާ ބެހޭ ވުޒާރާގެ ވެރިޔާ އަލްފާޟިލް އަހުމަދު ނަސީމަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއަށް އައިސްފައިވާ ލޮޅުން އަޅުގަނޑަށްވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އިއްޒަތްތެރި މިނިސްޓަރަށެވެ. އަތޮޅު ތެރޭގެ ސިއްޙީ ހާލަތު ދުވަހެއް ދުވަހަކަށް ދަށް ވަމުން ދާއިރު، އޭގެ ސަބަބު ހޯދުމަށް ތިޔަ ވުޒާރާއިން ކުރައްވަނީ ކޮން މަސައްކަތްތަކެއްތޯއެވެ. އަތޮޅުތެރޭ ރަށްތަކުގައި ޑޮކްޓަރުން މަދުވެ ބަލިމީހުންނަށް ލިބެންޖެހޭ ފަރުވާ ނުލިބޭކަން ހަމަ ނޭނގެނީބާއޭ ހިތަށް އަރައެވެ. އެނގެން ބޭނުން ނުވަނީ ތޯއޭވެސް ހިތަށް އަރައެވެ.

ރަށްތަކުގައި އިމާރަތް ކުރެވިފައި ވާ ހެލްތް ޕޯސްޓް އެކޭ އަތޮޅު ހޮސްޕިޓަލެއް އަދި ރީޖަނަލް ހޮސްޕިޓަލެއް ވަކި ކުރާ ކަށް ނޭނގެއެވެ. އެހާމެ ޚިދުމަތް ލިބުން ދައްޗެވެ. އިނގިއްޔެ ބުރިވެގެން އަތޮޅު ތެރޭ ރަށެއްގެ ހެލްތް ސެންޓަރަކަށް ދާ މީހާ އިމަޖެެންސީ ގައި ތިނަދޫ އަށް ގެންނަން ޖެހުމަކީ ހުވަދު އަތޮޅުގެ ރަށްފުށުގެ ސިއްޙީ ހިދުމަތުގެ ފެންވަރު އެނގިގެންދާ ކަމެކެވެ. ހަމަ އެފަދައިން ކަމާ ގުޅޭ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ބަލި މީހުން ރީޖަނަލް ހޮސްޕިޓަލަކުން ޓާޝަރީ ހޮސްޕިޓަލަކަށް ގެންދަން ޖެހުމަކީ އަތޮޅު ތެރެއަށް ދެވިފައިވާ އަހަމިއްޔަތު ސިފަވެ ބަޔާންވެގެންދާ ކަމެކެވެ.

ކޮންމެއަކަސް ،އަތޮޅު ތެރޭގެ ވާހަކަ ބާއްވައި މިފަހުން ރާއްޖޭގެ އެންމެހާ ނޫސް ތަކުގެ ހެޑްލައިން އިން ފަވާލި ސުރުޚީ އަށް އަލި އުޅުވާލާނަމެވެ. މަނިކުފާނު ރައްޔިތުން މަޖިލީހަށް ހާޒިރު ކުރެވި ސުވާލުކުރެވުނީ އަޅުގަނޑުގެ އުފަން ރަށް ތިނަދޫ ގައި ހުރި މުޅި ހުވަދު އަތޮޅު އެ ހޮސްޕިޓަލަކަށް ބަރޯސާ ވާ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ޑޮކްޓަރުންނާ ބެހޭ ގޮތުންނެވެ. ކޮވިޑް19އާ ގުޅިގެން ހޮސްޕިޓަލުގެ ހިދުމަތްތަކަށް ބަދަލު ގެނެސްގެން މަސައްކަތް ކުރަމުން ދާތާ ދެ އަހަރު ވެފައި ވާއިރު އެކަށޭނެ ޑޮކްޓަރުން ފެށުނީއްސުރެ ހޮސްޕިޓަލުގައި ނެތްކަމީ އެންމެހާ ރައްޔިތުން އިއްތިފާގު ވާނެ ހަގީގަތެކެވެ. އެތެރެހަށީގެ އެންމެ ޑޮކަޓަރެއް މުޅި ގދ. އަށް ބެހެއްޓުމުން އެ ޑޮކްޓަރަށް މަސައްކަތުގެ ލޯޑު ބޮޑުވާނެވަރު ވަޒަން ކޮށްލައްވާށެވެ. ފަހަރެއްގައި މަނިކުފާނަށް ނުވިސްނިދާނެ އެވެ.

ތިޔަ ވުޒާރާ މެދުވެރިވެގެން އަތޮޅު ތެރޭގެ ސިއްޙީ ދާއިރާ ކުރިއަރުވަން ކުރައްވާ މަސައްކަތްތަކަށް ސެލިއުޓްވެސް ކުރަމެވެ. ދަތިތަކެއް ހުރިކަންވެސް ދަންނަމެވެ. ނަމަވެސް ސަރުކާރުން ތިޔަ މަސައްކަތް ކުރައްވަނީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުމަށެވެ. އެ މަސައްކަތުގެ ދަށުން ފުރިހަމަ ވަނީ އިމާރާތުގެ ތޮށިގަނޑު އެކަންޏެވެ. ޚިދުމަތެއް ނުލިބެ އެވެ.

އެ ހޮސްޕިޓަލަކީ މައި ރީޖަނަލް ހޮސްޕިޓަލަށް ވެފައި އެންމެ ހަތަރު މެޑިކަލް އޮފިސަރުންނާއި ނުވަ ސެޕެޝިއަލިސްޓުން އެއީ ހަމަ އެކަށޭނެ މިންވަރު ތޯއެވެ. ހޭނައްތާ ޑޮކްޓަރެއް ނެތިވެ ހޮސްޕިޓަލު ހިންގާ ތާ އެތަކެއް ދުވަހެއް ވަނީ ވެފައެވެ. ސައިކޭޓްރިސްޓެއް ނެތްތާ މަދުވެގެން ހަމަސް ވީ އިރު އަދި ބަދަލަށް ޑޮކްޓަރެއް ފޮނުވިފައެއް ނެތެވެ. ގދ. ކޮވިޑް ފެސިލިޓީގައި ބަލި މީހުން ބައިތިއްބައިގެން ފަރުވާ ނުދިން ކަމުގައި ވީނަމަވެސް ހޮސްޕިޓަލު އިމާރާތު ތެރޭގައި ހެދިފައިވާ ކޮވިޑް އައިސޮލޭޝަންގައި ބަރާބަރަށް ބަލިމީހުން ބައިތިއްބައިގެން ފަރުވާ ދެމުން ދާއިރު، ޝިފްޓްގައި މުޅި ހޮސްޕިޓަލަށް ހުންނަނީ އެންމެ ޑޮކްޓަރެކެވެ. އިމަޖެންސީ ޑިޕާރޓްމެންޓާއި، އައިސީޔޫ އަދި ވާރޑް ތަކުގައި ބަލި މީހުންނަށް ފަރުވާދޭން ހުރެފައި އައިސޮލޭޝަނަށް ޑޮކްޓަރަށް ދެވޭލެއް ލަސް ވުމުން ކުށްވެރި ވަނީ ޑޮކްޓަރެވެ. ނޫނީ އިމަޖެންސީ އަށް ގެންނަ ބަލި މީހާ އަށް ފަރުވާ ދޭން ޑޮކްޓަރަށް އާދެވޭ ގޮތް ލަސްވެއްޖެނަމަ އެހީތެރިޔާއަށް އެހާވަރުކޮށްލައެވެ. ހޮސްޕިޓަލް މެނޭޖްމެންޓާއި މަނިކުފާނު ނިދުކުރައްވައި، އަރާމުގައި ކޮފީ ތަކާއި ޕާރޓީ ތަކަށް ގޮސް މަޖާ ނަގާ އިރު މިވަގުތު މިހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އެ ދަނީ ދުވާލުގެ 24 ގަޑި އިރުން 18 ގަޑިއިރު ޑިއުޓީ އަދާ ކުރައްވަމުންނެވެ.

ދާދިފަހުން ފަސް ޑޮކްޓަރުން ހޮސްޕިޓަލަށް ފޮނުއްވި ވާހަކަ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައި ނުވާނަމަ ހޮސްޕިޓަލަށް ފޮނުވާފައި ވަނީ ތިން ޑޮކްޓަރުންނެވެ. އެއީ އެތެރެހަށީގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން ސްކޭން ޑޮކްޓަރެކެވެ. އެ ތަނުން އެތެރެހަށީގެ ޑޮކްޓަރ ވަނީ ހަފްތާއެއްހާ ދުވަހު ޑިއުޓީ ކޮށް ފައެވެ. އަދި އޭގެ ފަހުން ފުރައިގެން ދިޔައީއެވެ. ސްކޭން ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރު އެންމެ ދުވަހަކަށްވެސް ޑިއުޓީ އަށް ނުކުމެފައެއް ނުވެ އެވެ. އެހެން ވީމާ ޒިންމާ ނަގަން ވީ އާންމު ރައްޔިތު މީހާ ދެއްތޯ އެވެ؟ މިނިސްޓްރީއާއި ހޮސްޕިޓަލް މޭނޭޖުމެންޓް ހަމަ އަލިފެކެވެ. ވަރަށް ބުރަކޮށް މަސައްކަތް ކުރެވޭތީ އެވެ.

އިމާރާތް ބޮޑު ކޮށް ޒަމާނީ ފެންވަރަށް ހެދިޔަސް، ޚިދުމަތް ދިނުމަށް ބޭނުން ވާ އިކުއިޕްމެންޓާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށް ނުދެވޭނަމަ "އަމާ ބުނީތީ ފަރަށް ދާ އުސޫލު" ހާ އެވެ. އާ އެހެންޏާ އެވެ. ފަރަށް ދާށޭ ބުނުމުން ދާނީ ފަރަށެވެ. ބޮލި ހޮވާ ކަށް ނުބުނެއެވެ. އެހެން ކަމުން އަދި ޑޮކްޓަރަކު ނެތަސް އޯކޭ ދެއްތޯ އެވެ.

ޚިދުމަތްތައް ބާއްވައި ދެން ހުރި އެހެނިހެން ކަންކަމަށް ވިސްނާލަމާ ހިނގާށެވެ. ކޮންސިއުމަބަލްސް އަށް ރިކުއެސްޓް ކުރެވޭނެ ކަން ކަށަވަރެވެ. އެ އެއްޗެހި ހޯދައި ދިނުމަކީ ހޮސްޕިޓަލާއި މިނިސްޓްރީ ގެ ޒިންމާ އެކެވެ. މިކަމުގެ އަދި އެންމެ ބޮޑު ޖޯކަކީ މިހުރިހާ ކަމެއް ވާ އިރުވެސް އަޅުގަނޑުމެންގެ ހޮސްޕިޓަލުގެ ދެ ވެރިންވެސް ނިދާފައި ތިބި ކަމެވެ. ވަކިން ޙާއްސަ ކޮށް ޕޮލިޓިކަލް އެޕޮއިންޓީ ނުވަތަ ހޮސްޕިޓަލް މެނޭޖަރ ހެލްތް ސާރވިސަސް، އަދި ތަން ހިންގުމާ ހަވާލުވެ ހުންނެވި މެނޭރަޖަރެވެ. ދަންނަ ވަންތޯއެވެ. ބަލި މީހުން ގޮސް ހޮސްޕިޓަލް ބަންޑުން ޖަހާލާއިރުވެސް އެ "މާތް މަނިކުފާނު" ލޮލަށް ނުފެނުމަކީ އާންމު ހާލަތެވެ. ކަހާތަން ހިރުވާ ނުލާތާގައި ތިމާ މީ ތަނެއްގެ ވެރިޔެކޭ ވެސް ހިތަށް ނާރަނީ ކަމަށްވެސް ވެދާނެ އެވެ.

ދާދި ފަހުން އެމަޖެންސީގައި ހޮސްޕިޓަލަށް ވިހަން ގެނައި މާބަޑު އަންހެނަކު ވީ އެންމެ އަވަހަކަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދަން އުޅުނީ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތިގެން ކަމެއް މެނޭޖަރަށް ނޭނގުނީ ކަމަށްވެސް ވެދާނެ އެވެ. އަދި މާތްﷲ ގެ ހެޔޮ ރަހުމަތް ފުޅާއެކު ހޮސްޕިޓަލަށް އެ ބަލިމީހާ ވިހެއި އިރު އެކަމެއް އެނގުނުހެނެއްވެސް ހިޔެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ހޮސްޕިޓަލް ޑިއުޓީ އަށް ގޮސް ސައިން އިން ވުމަށްފަހު ދެން ދާންވީ ކޮފީ އަކަށް ފަހު ކޮފީ އަކަށެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންގެ ހާލަތު ދެނެގަތުމަކީ މެނޭޖަރު ކުރަން ޖެހޭ ކަމެއް ކަން ފަހަރުގައި ހަދާން ނެތުނީ ކަމަށް ވެދާނެ އެވެ. ބަލި މީހުން އެއްކައިރީ ބާއްވައި ހޮސްޕިޓަލް މެނޭޖަރަށްވެ ހުރެ މުވައްޒަފުންނާ މިވީ ތިން އަހަރު ތެރޭ ކިތައްފަހަރު ބައްދަލު ކުރައްވައިފިންތޯ "މާތް މަނިކުފާނާ" ސުވާލުކޮށްލައްވަބަލާށެވެ. ބައްދަލު ނުކުރައްވާތާގައި މުވައްޒަފުންނަށް ބަދު ބަސް ބުނުމަކީ ކުރާ އެއްކަން ކަން ކަށަވަރެވެ.

އަޅުގަޑަނޑު ހައިރާންވި ކަމަކީ، ކޮވިޑުން ރައްކާތެރި ވުމަށް އަޅާ ޕީ.ޕީ.އީ އަޅަގައިން އުޅުމަކީ އެހާ ބޮޑު ކަމެއްހޭ މެނޭޖަރު ވިދާޅުވުމެވެ. އެހެންވެސް ވިދާޅުވެފައި އެބަހުއްޓެވެ. އެހާ ބޮޑު ކަމަކަށް ނުވަންޏާ މެނޭޖަރު އެކަމުގައި އުޅެންވީ ނޫންތޯއެވެ. ހޮސްޕިޓަލު ސްޓޮކުން އެއްޗެއް ހުސްވެ މަސް ދެމަސް ވެގެންދާއިރުވެސް ސްޓޮކަށް އެ ނުލިބުމުން ޒިންމާ ނަގަން ވީ މަސައްކަތް ކުރާ މުވައްޒަފު ތޯއެވެ. ހޮސްޕިޓަލް ސްޓޮކަކީ މުޅި އަތޮޅުގެ ރަށްތަކަށް ސަޕްލައި ކުރާ މެއިން ސްޓޮކަށް ވެފައި ހިދުމަތް ދިނުމަށް ބޭނުންވާ މުހިންމު ކޮންސިއުމަބަލްސް އާއި ބޭސް ހުސްވުމުން އެ ރަށްތަކުގައި ދިމާވާނެ ދަތިތައް އަންދާޒާ ކޮށްލާށެވެ.

ޑޮކްޓަރުންގެ ޓާރން އޯވާ ހައިވާ ވާހަކަ އާއި ގެންނަ ޑޮކްޓަރުން ފިލައިގެންދާ ވާހަކަ ދައްކާ އިރު، އޭގެއިން ޑޮކްޓަރެއް އަލަށް ހޮސްޕިޓަލަށް ޖޮއިން ކުރާ ދުވަހުވެސް ހުންނަނީ އެކަނި ދޫކޮށްލާފައެވެ. އެއްވެސް އޮރިއެންޓޭޝަނެއް ދިނުމެއް، މެނޭޖްމެންޓާ ބައްދަލު ކުރުމެއް ނޯވެއެވެ. އެކުގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުން ކުރެން އަދި އިންޓަރޕްރޭޓަރ ކުރެން އަހައިގެން އަމިއްލަ އަކަށް އުޅެގަންނަނީ އެވެ. އެހެން އުޅޭތަން ބަލިމީހާ އަށް ފެނުމުން މި ހީވަނީ މީ އެއްވެސް އެއްޗެއް ނުދަންނަ ޑޮކްޓަރެކޭ އެވެ. ވާނީ ވެސް އެހެންތާއެވެ. މޯލްޑިވިއަން މެޑިކަލް ކޮންޓެކްސްޓް ނޭނގި ފަރުވާ ދޭނީ ކިހިނެއް ހެއްޔެވެ. ޑޮކްޓަރަކު އެހެން ބުނެ ޝަކުވާ ކޮށްފި ނަމަ ލިބޭ ޖަވާބު އަދި މާ ކުރުވެފައި ފޮންޏެވެ. "އެ ކަންތައް ހޯދައި ބެލުމަކީ އަމިއްލަ ކަމެއް" ކަމުގައެވެ. މީ ދެން އަރަތެއް ނޫން ހެއްޔެވެ. ބޮޑު މުސާރަ ދީފައި މެނޭޖަރުގެ މަގާމުގައިި ތިތިބެނީ ގޮނޑި ހޫނުކުރަން ހެއްޔެވެ. ގިނަ ފަހަރު ޑޮކްޓަރެއްގެ އަތުން ކަމެއް ދިމާވުމުން ސްޓޭޓްމެންޓް ނެގުމުގެ ބަދަލުގައި ޖެހިގެން އޮންނަ ރަށަށް ފޮނުވާލަނީ ކޭސް ރިވިއު ކުރުމެއްވެސް ނެތިއެވެ.

ވިސްނައި ފިކުރު ކޮށްލާށެވެ. މުޅިން އަލަށް ރަށަކަށް އައިސް، ހޮސްޕިޓަލުން ފޯރުކޮށްދޭ އެކޮމޮޑޭޝަންގެ ފެންވަރު ދަށްވެގެން އަމިއްލައަށް އެކޮމޮޑޭޝަން ހޯދުމަކީ ކިހާ އުނދަގޫ ކަމެއް ހެއްޔެވެ. މި ފަހަކަށް އައިސް އެފަދަ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. މުސާރައިގައި އެކޮމަޑޭޝަން އެލަވެންސް ހިމެނިގެން ދިޔަ ނަމަވެސް އެކަން ކަމުގައި އެމީހުންނަށް އެހީތެރިވުމަކީ އެމީހުންނާ ހަވާލުވާ ބައެއްގެ ޒިންމާ އެކެވެ. ހަމަ އެކަނި މުސާރަ ދިނުމަކުން ހަމައެއް ނުޖެހޭނެއެވެ. އެމީހުންނަށް ދިމާވާ ދަތިތައް ބަލަން ޖެހެއެވެ. އެއީ ވަޒީފާ އަދާ ކުރާއިރު ކަމުގައި ވީނަމަވެސް ނޫނީ ދިރުއުޅުމުގައި ވިޔަސްމެއެވެ. ހިތާމަ އަކީ ޑިއުޓީގައި ކަމެއް ދިމާވުމުގެ ސަބަބުން ބޮޑުމީހަކާ ބައްދަލު ކުރަން ބޭނުންވިޔަސް އެކަން ނުވާ ކަމެވެ. އެންމެ ފަހުން ހޮސްްޕިޓަލުން ރިޒައިން ކުރި ސްކޭން ޑޮކްޓަރ ކުރެން، ދަނީ ކީއްވެ ތޯ އެހުމުން ފުރަތަމަވެސް ބުނީ މި މެނޭޖްމެންޓާއެކީ މަސައްކަތް ކުރަން ވަރަށް ދަތި ކަމަށާއި އެ ޑޮކްޓަރ ހޮސްޕިޓަލާ ގުޅުނު އިރާ އަޅާބަލާއިރު މިހާރާ ހާސް ބައި ތަފާތު ކަމަށްވާތީ އިތުރަށް ހުންނަން ބޭނުން ނުވާ ކަމަށެވެ.

އެހެން ކަމުން ހޮސްޕިޓަލް މެނޭޖުމެންޓްގައި މައްސަލަ އުޅޭކަން މިއޮތީ ފެންނާށެވެ.

މާބަނޑު މީހުން ކޮންމެ ހަފްތާއަކު ކުރަން ޖެހޭ ސްކޭނެއް ނުކުރެވެއެވެ. އެންމެ އާދައިގެ ހެލްތް ޕޯސްޓަކުން ނެގޭ އެކްސްރޭ ގަނޑެއްހާ މިންވަރު ނުނެގި އެތައް ދުވަހެއް ދަނީއެވެ. އެމަޖެންސީގައި ވިހަން ގެންނަ މާބަނޑު މީހާ ހޭނައްތާ ޑޮކްޓަރެއް ނެތި ގއ. އަތޮޅު ހޮސްޕިޓަލަށް ބަދަލު ކުރާއިރު ޓިކެޓް ނުލިބި މާކަނޑުގައި ރާޅުތަކުގެ ޝިކާރައަށްވެ ދަތުރު ކުރާ މާބަނޑު މީހާއަށް އަޅާނެ ވޭނަކާއި ފިރިމީހާއަށް ކުރާނެ އަސަރު "ފީކޮއި ކުޅުއްވާ ހޮސްޕިޓަލުގެ" ވެރިންނަށް އިހުސާސް ނުވަނީތޯއެވެ؟ މިދެންނެވީ ހޮސްޕިޓަލުގެ އެކި ފަންތީގެ ބޭފުޅުންގެ އުސޫލު ހުންނަ ގޮތުގެ ވަރަށް ކުޑަ މިންވަރެކެވެ.

އިއްޒަތްތެރި މިނިސްޓަރެވެ. ހޮސްޕިޓަލް އިމާރާތުގެ ގޯތިތެރޭގައި ބަރި ބަރިއަށް ކޮންކްރިޓުން ކިތަންމެ އިމާރާތެއް އަޅާ ޒަމާނީ ފެންވަރު ޗާލު ކުލަވެސް ހާއްކާ ލެވިދާނެއެވެ. އޭރުން މަގުންދާ ބަޔަކަށް އިމާރާތުގެ ޗާލުކަމާއި ފެންވަރު ބޭރުންބަލާފަ އަގުވަޒަން ކުރެވިދާނެއެވެ. ނަމަވެސް އިމާރާތުގެ އެތެރެއަށް ވަނުމުން "ފިލާނެ" ތަންތަން ހުރިކަމާއި ފިލައިގެން އުޅެވޭނެ އުސޫލުތައްވެސް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ހޮސްޕިޓަލަށް ހިދުމަތް ހޯދަން ބަލި މީހުންނަށް އެންމެ ދޮރަކުން ވަދެވޭގޮތަށް ހުރި ނަމަވެސް ހިދުމަތް ދޭން ތިއްބެވި "ޑޮކްޓަރުން ފިއްލަވަން" އެތައް ދޮރުތަކާއި ކުޑަދޮރާއި "ކިޑިކީ" ތަކެއް އެބަހުއްޓެވެ. ފުރަތަމަ އެދޮރުތައް ބަންދު ކޮށްދެއްވާށެވެ. އޭގެ ފަހުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެހެނިހެން ބޭފުޅުން ގެނެސްގެން ހިދުމަތް ދެވޭތޯ ބަލަމާ ބަހީ އެވެ.

ތަނުގެ ފެންވަރު ދަށްވާ މައިގަނޑު ސަބަބަށް ވާސިލުވެ، އޭގެ މުލަށް ފެންދީ އާރޯ ކުރައްވަން ނުވޭތޯ އެވެ. ފެއިލްވެފައި އޮތް ޖިފުޓިގަނޑަކަށް ތިނަދޫ ހޮސްޕިޓަލް ވެގެންދާއިރު އަޅުގަނޑު ފަދަ އަތޮޅު ރައްޔިތުންނަށް ބަލަން ތިބޭން ދައްޗެވެ. މިއީ ޙައްގުވާ މިންވަރެއް ނޫނެވެ. މިއީ ހައްގު ނިގުޅައިގަތުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރެވެ އެވެ. ބޭސް ފަރުވާއަކީ އަސާސީ ހައްގެއް ކަމަށްވާއިރު، އެ ޙައްގުން ދިވެހި ރައްޔިތުންތަކެއް ބޭއިންސާފު ނުކުރައްވާށެވެ.

ވީމާ ތިނަދޫ ހޮސްޕިޓަލުގައި މިހެން ހުރި ނޭދެވޭ ކަންކަން ހައްލުކޮށްދެއްވައި، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ބޭސް ފަރުވާގެ ޚިދުމަތް ލިބޭނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވުން އެދެމެވެ. މިއީ ހުވަދު އަތޮޅާއި ތިނަދޫ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ