
ރީޖަނަލް ހޮސްޕިޓަލް ހެލްތް ޕޯސްޓެއްގެ ދަރަޖައަށް، އިންޓަނޭޝަނަލް އެއާޕޯޓު ބިލާހަކަށް
# ގދ.ތިނަދޫ# ކާޑެއްދޫ# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްWhatsApp Image 2022-01-24 at 01.50.46
"ސަރުކާރުން ތިނަދޫ އަށް ހައްގުވާ މިންވަރު ހޯދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް." މިއީ ތިނަދޫ ކައުންސިލްގެ ރައީސް، އޮންލައިން ނޫހެއް ކަމުގައިވާ "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ބަސްކޮޅެކެވެ. އެބަސްކޮޅުގެ މުރާދު އެނގިވަޑައިގަންނަވާނީ ހަމައެކަނި އެބޭފުޅާއަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށެވެ. އެހެނީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޖާނާއި މާލުން ވެ ވަޑައިގަތް ގުރުބާންތަކަށް މިއަދު ކަންބަޅި ވެސް ކަތިލެވޭވަރު ވެފައެއް ނެތްކަމީ ތިނަދޫއަށް ފެންނަން ހުރި ހަގީގަތެވެ.

އަޅުގަނޑުމެންގެ އޮތީ އެންމެ ސުވާލެކެވެ. ހައްގުވާ މިންވަރަކީ އަތޮޅުގެ އެންމެ މައި ހޮސްޕިޓަލުގެ ފެންވަރު ސިއްޙީ މަރުކަޒަކަށްވުރެ ދަށްވުން ހެއްޔެވެ؟ ތިޔަ ވިދާޅުވާ ހައްގުވާ މިންވަރަކީ އެއީ ކަމަށް ވާނަމަ، ގދ. ތިނަދޫގައި ޓާރޝަރީ ހޮސްޕިޓަލެއް އެޅުމުގެ ވިސްނުން އަދި ފަހަށް ބަހައްޓަވާށެވެ. ކޮވިޑްގެ ހަތަރު ވަނަ ރާޅާއެކު ވޭދަނަތައް ދެހާހުން މަތީގައި އުޅޭއިރު، މިއަދާ ހަމައަށްވެސް އެންމެ ހާލުގައި އޮތް އެއް ހޮސްޕިޓަލަކީ ހުވަދު އަތޮޅުގެ މައި ހޮސްޕިޓަލް ކަމުގައިވާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
https://gaafu.mv/news/46206
އެތެރެހަށީގެ ޑޮކްޓަރެއް ހޭނައްތާ ޑޮކްޓަރެއް ނެތް. އެކަށީގެންވާ އަދަދެއްގެ އާއްމު ބަލިތަކުގެ ޑޮކްޓަރުންނެއް ނެތް. ކަން މިހެން އޮތް އިރު ހަތަރު ވަނަ ރާޅެއް މިއޮތީ ނަގާ މި ރަށަށް ބިންދާލާފަ. މި ރާޅު މެނޭޖް ކުރެވޭނެ ކަމަށް އެ އުއްމީދު ކުރަނީ ކިހިނެއް؟
މިހާހިސާބުން އަޅުގަނޑުމެން އިތުރަށް ކިޔާނެ އެއްޗެއްނެތެވެ. ކޮވިޑްގައި ދެ އަހަރަށްވުރެ ގިނަ އަހަރު ވޭތުވެގެން ދިޔައިރު، ހޮސްޕިޓަލުގެ ކުރިއެރުމަށް ކުރެވުނު ކަމެއް ފެންނާކަށް ނެތެވެ. ކަންކަން ހައްލުކުރުމަށް ކުރެވުނު ކަމެއްވެސް ފެންނާކަށް ނެތެވެ. ހައްގުވާ މިންވަރަކީ މިއީއެވެ.
ދެން އޮތީ އެ ހޮސްޕިޓަލުގެ ބޯޑު އެކުލަވައިލުމަށް ކުރެވޭ މަސައްކަތުގެ ވާހަކަ އެވެ. އެކަން ވެސް ނިކަން "ސިޔާސީ" ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުން އައި އެ ހޮސްޕިޓަލް މިހާރު މިނިސްޓްރީގެ ބެލުމުގެ ދަށުން އޮތީ ކެނޑިފައެވެ. މިއަހަރުގެ ޖެނުއަރީ 1 ގައި އެކުލަވާލަން ޖެހޭ ބޯޑު އޮތީ އަދިވެސް އެކުލަވައި ނުލެވި ކަމަށް ވެއެވެ. އެހެން ކަމުން ހޮސްޕިޓަލުގެ ގާނޫނީ ޝަޙުސިއްޔަތަށް ކޮންމެވެސް ވަރަކަށް އޮޅުން އަރާފައި އޮތް ކަމަށް ބެލެވެއެވެ.
ދެން އޮތީ ހުވަފެނީ އާލަމުން ކުރި ނޭރުނު ކާޑެއްދޫގެ ވާހަކައެވެ. ކާޑެއްދޫއަކީ ދިވެހި ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެއް އެއާރޕޯޓަށް ވާއިރު، މިއަދު ކާޑެއްދޫ އެއާރޕޯޓްގެ ހާލަތު ބައްލަވަމާ ހިންގަވާށެވެ. އެތަނުގައި އޮތް މޮޅު ބަނދަރު މިއަދު އޮތީ ފެނު އަޑީގައިއެވެ. އެއަރޕޯޓް ޗެކްއިން ލައުންޖް އަދި އެރައިވަލް ލައުންޖެކޭ ބާދަގަނޑު ބާޖެކޭ ތަފާތެއް ނެތެވެ. ހިނގަން އޮތް ތާރު މަގެކޭ ވެލި މަގެކޭ ތަފާތެއް ނެތެވެ. އެއަރޕޯޓްގެ ފަޔަރ ލޮރީ ހަލާކުވެގެން އެއަރޕޯޓްގެ ޚިދުމަތް މެދުކެނޑިފައި އޮތީ ކިތައް ދުވަހުތޯއެވެ. ކިރިޔާވެސް ބަލާލަން ކެރޭތަނަކަށްވެސް ހުރީ "އެއަރޕޯޓުގައި" ހުރި ޒިމަމަން ރެސްޓޯރެންޓެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް 2018 ވަނަ އަހަރު ވިދާޅުވި "ބައިނަލްއަގުވާމީ އެއާރޕޯޓްގެ" ހާލަތެވެ. 2018 ވަނަ އަހަރު މަޑަވެލީގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވެސް ވިދާޅުވި "ބައިނަލްއަގުވާމީ އެއާރޕޯޓް"ގެ ހާލަތެވެ. ކަން ނިމިގެން ދިޔައިރު، އެއާޕޯޓު އޮތީ ސާބިތު ވާރިސެއް އޮވެމެ، ނެތް ހާލުގައެވެ.
2019 ވަނަ އަހަރު، ތިނަދޫގެ ދެ މެމްބަރުންނާއި މަޑަވެލި ދާއިރާގެ މެމްބަރާ އެކު ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ބޭއްވެވި ބައްދަލުވުމުގައި ޔަގީންކަން ދެއްވި "ބައިނަލްއަގުވާމީ އެއަރޕޯޓް" ގެ ފެންވަރު ދިޔައީ އޭގެ ފަހުން އެއަށްވުރެވެސް ދަށަށެވެ. މިއީ ހަމަ ހައްގުވާ މިންވަރެވެ.
ކާޑެއްދޫ އެއާޕޯޓަކީ މުޅި ހުވަދު އަތޮޅުގެ މައި ދޮރާއްޓެވެ. ފަތުރުވެރިންނަށް ފެންނަ، އަތޮޅުގެ އެންމެ ފުރަތަމަ މަންޒިލެވެ. އެ މަންޒިލުގެ ހާލަތާއި ފެންވަރު، މަހަކު އެއްފަހަރު ނުވަތަ އަހަރުގެ ދެކޮޅުގައި އަންނަ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރިންނަށްވެސް ފެންނާނެ އެވެ. ދާދި ފަހުން ޓުއަރިޒަމް މިނިސްޓަރުވެސް ކާޑެއްދޫއަށް ވަޑައިގެން، ތަނުގެ ހާލަތު ބެއްލެވި އެވެ. ބައުވެ، ދަބަރުޖަހާފައިވާ އެ ދޮރާށިން އަތޮޅުގެ ހިތްގައިމު ރަށްރަށަށް އަންނަ ފަތުރުވެރިންވެސް މަދެއް ނޫނެވެ. ރާއްޖޭގެ އެހެން އަތޮޅުތަކާ ބަލާއިރު މި އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ވަކި މަދެއް ނޫނެވެ.
https://gaafu.mv/business/28252
ފަތުރުވެރިކަމާ ބެހޭ ވަޒީރު ކާޑެއްދޫއަށް ވަޑައިގެން ވިދާޅުވީ އެ އެއާޕޯޓު އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ގާއިމްވެފައި ހުރި ވަސީލަތްތައް ވަރަށް ބޮޑުތަން ކުރިއަރަން ޖެހޭ ކަމަށާއި, އެ އެއާޕޯޓު މިނިމަމް ސްޓޭންޑަޑަށްވެސް ނުފެތޭ ކަމަށެވެ.
"މިތަނުގެ މިހުރި, ޚާއްސަކޮށް ބޭސިކް, އަސާސީ ޚިދުމަތްތައް އަޅުގަނޑު ހިތުން ވަރަށް ބޮޑުތަން ކުރިއަރަން ޖެހޭ. މި ޒަމާނަކަށް އެއްވެސް ވަރަކަށް ނުފެތޭ. މިނިމަމް ރިކުއާމަންޓް ހަމަވާން ޖެހޭ. ދެން މި އަތޮޅުގެ ބޭފުޅުންނަށް މާ ރަނގަޅަށް އެނގޭނެ. މި އެއާޕޯޓަކީ އަބަދުވެސް ދެ ފެން ދޭތެރޭ އޮންނަ އެއާޕޯޓެއް. ކޮންމެވެސް އެއް ކޮޅެއްގަ ޖެހިގެން ކަންނޭގެ މި އެއާޕޯޓު ރަނގަޅަށް ކުރިއަށްދާނީ" މިނިސްޓަރ މައުސޫމް (12 އޮގަސްޓު 2021)
މިނިސްޓަރ އެފަހަރު އިޝާރާތް ކުރެއްވީ ވިލާ ކުންފުންޏަށް އެއާޕޯޓު ދޭން ސުޕްރީމް ކޯޓުން ކުރައްވާފައި އޮތް ހުކުމަށެވެ. އެ ހުކުމް ތަންފީޒު ނުވެ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާއިރު، ހުކުމް ތަންފީޒުވާނެ ކަމުގެ ހިލަމެއްވެސް ވީ މިއަދު އެވެ.
https://gaafu.mv/news/46297
ފަންސާސް އަހަރަށް ވިލާ އެއާރއަށް ކާޑެއްދޫ އެއާޕޯޓް ދީފައި ވަނިކޮށް އެއްބަސްވުން ބާތިލުކުރުމަށްފަހު އެއާޕޯޓް އަތުލީ ރައީސް ޔާމިންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ. ނަމަވެސް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކުރުމަށް ހުކުމްކޮށްފައެވެ.
ވިލާއަށް އެއާޕޯޓް ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރިނަމަވެސް މިހާތަނަށް އެތަން އެކުންފުންޏާ ހަވާލުކޮށްފައެއް ނުވެއެވެ. ވިލާ އިން ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓް ހަވާލުކުރުމަށް އެގްރިމެންޓް ހެދުމަށްޓަކައި އެކުންފުނިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ވަރަށް އަވަހަށް އެގްރިމެންޓް ގާއިމްކުރާނެކަމަށް އުއްމީދުކުރާކަން ފާހަގަކޮށްފައިވެއެވެ.
ކާޑެއްދޫ އެއާޕޯޓް މިވަގުތު ހިންގަމުން އަންނަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ. އެއާޕޯޓްގެ ހާލަތު ދަށް ކަމުގެ ޝަކުވާތައް އެތަން ބޭނުންކުރާ މީހުން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ. އެހެން އެކަން އޮއްވާ އެއާޕޯޓް އޮތް ރަށުގެ ޖެޓީގެ ބޮޑުބައެއް މިދިޔަ ހުކުރު ދުވަހު ވަނީ ވެއްޓިފައެވެ.
އެއާޕޯޓު ތަރައްގީ ކުރުން ފަދަ ބޮޑެތި ވައުދުތައް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ނިކަން އަޑު ގަދަކޮށް އިވެއެވެ. ނަމަވެސް އަލަށް ގާއިމްކުރާ އެއާޕޯޓުތަކާ އެއް ފެންވަރަށް، ކުރިން ހެދިފައިވާ އެއާޕޯޓުތައް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ބުނާ އަޑެއް ނީވެއެވެ. ކާޑެއްދޫ އެއާޕޯޓު ވެފައި އޮތީ ކެމްޕެއިނުގެ "ބިލާހީ" ވައުދަކަށެވެ. ވޯޓަށް ޖަހާ ކަޑައަކަށެވެ.
އުއްމީދަކީ ވިލާ ކުންފުންޏާ އެއާޕޯޓު ހަވާލުވެގެން އަންނަ އިރު ރަނގަޅު އެއްބަސްވުމެއް ގާއިމްވެ، ތަނުގެ ފެންވަރާއި ގާބިލްކަމަށް ޒަމާނީ ބަދަލުތަކެއް އައުމެވެ. ހުވަދު އަތޮޅުގެ ދެކުނުބުރީގެ ރައްޔިތުންގެ އުއްމީދަކީ އެއީ އެވެ.
ހަގީގީ ހައްގުވާ މިންވަރަށް ވާސިލްކޮށްދިނުމަށް، އަދިވެސް ކުރެވެން ހުރި ބައިވަރު ކަންކަން އެބަހުއްޓެވެ. ހުވަދު އަތޮޅުގެ އެންމެ މައި ހޮސްޕިޓަލުން ފެށިގެން ރާއްޖޭގެ އެންމެ ދުވަސްވީ އެއް އެއަރޕޯޓާ ހިސާބަށެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ ހައްގުވާ މިންވަރަށް ވާސިލް ނުވެވޭ ތަނެވެ. ހައްގުވާ މިންވަރަށް ވާސިލްވާން ކުރަން ހުރި މަސައްކަތްތަކުގެ ބުރަކަމެވެ.
ގުޅުންހުރި

ތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކޮށްފި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
