ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާރިޗް މަހުގެ 13 ވަނަ ދުވަހަށް ފަސްކުރަން ޖެހިދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އީސީން ކުރިން ލަފާކޮށްފައިވަނީ މާރިޗް މަހުގެ 6 ގައި އިންތިޚާބް ބޭއްވުމަށެވެ. އެހެން ނަމަވެސް މާރިޗް މަހުގެ 6 ވަނަ ދުވަހު އިންތިޚާބު ބާއްވާނަމަ، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އީސީގެ ރައީސް ޝަރީފް ވިދާޅު ވިއެވެ.
އީސީގެ ޝަރީފް މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވާ ގޮތުގައި އިންތިޚާބު މިހާރު ބާއްވަން އޮތް ތާރީީޚަކީ ސްކޫލުތަކުގެ ކިޔެވުން ކުރިއަށްދާ ދުވަސްވަރަކަށްވާއިރު، އިންތިޚާބުގައި ގިނައިން ބޭނުންކުރަންޖެހެނީ އެޑިއުކޭޝަން މިނިސްޓްރީގެ ވަސީލަތްތައް ނުވަތަ ސްކޫލްތަކުގެ ކްލާސް ރޫމްތަކާއި ބައެއް ވަސީލަތްތައްކަމަށެވެ. އަދި އިންތިޚާބުގައި ހަރަކާތްތެރިވާނެ ގިނަ އޮފިޝަލުންނަކީވެސް ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށް ވުމުން މާރިޗް 6 ގައި އިންތިޚާބު ނުބާއްވާ މާރިޗް މަހުގެ 13 އަށް ފަސްކުރަން ޖެހިދާނެކަަމަށެވެ.
ޝަރީފް ވިދާޅުވީ، ކުރިން ތަޢާވަލުކުރި ތާރީޚަށް ބުރެ ހަފްތާއެއް ފަސްކުރިނަމަވެސް، ރަމަޟާން މަހުގެ ކުރިން އިންތިޚާބުގެ މަސައްކަތްތައް ނިންމާލެވޭނެކަމަސެވެ. އެކޮމިޝަންގެ އަމާޒަކީ ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވުންކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ރަމަޟާން މަހުގެ ކުރިން އިންތިޚާބުގެ ދެބުރު ބޭއްވުނުނަމަވެސް، ނަތީޖާ އިޢުލާންކުރަންޖެހޭނީ ރަމަޟާން މަހުގެ ތެރޭގައިކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ޖެނުއަރީ 5 ގެ ކުރިން އިންތިޚާބުގެ މަސައްކަތް ފެށުމުގެ ހުއްދަށް އެޗްޕީއޭއިން ނުދީފިނަމަ އިންތިޚާބު ބޭއްވުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބުނެފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިން ބޭއްވުމަށް ނިންމި ކައުންސިލް އިންތިޚާބު މިހާރުވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެގޮތަށް ފަސްކުރަންޖެހުނީ ކޯވިޑް-19އާއި ގުޅިގެން އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅުގެންނެވެ.