ކީރިތި ރަސޫލާ -صلّى الله عليه وسلّم- އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މުޢާމަލާތްކުރެއްވި ގޮތުގެ ތެރެއިން (2)

بسم الله، الحمد لله، والصّلاة والسّلام على رسول الله، وبعد:

މިއީ މި ލިޔުމުގެ 2 ވަނަ ބައެވެ. ފުރަތަމަބައި ކިޔާލެއްވުމަށް މި ލިންކަށް ފިއްތަވާލައްވާށެވެ!

ނަބިއްޔާ -صلّى الله عليه وسلّم- އަކީ އެކަކަށްވުރެ ގިނަ އަނބިކަނބަލުންނާ ކައިވެނި ބައްލަވައިގެންނެވި ބޭކަލެކެވެ. އަދި އެ އަނބިއަނބިކަނބަލުންގެ މެދުގައި ބައެއް ފަހަރު އަރައިރުންވެ ޒުވާބު ހިނގައެވެ. އެއީ ޢާންމުކޮށް ގިނަ އިނބިންތަކަކާ ކައިވެނިކޮށްގެން އުޅޭ ކޮންމެ ފިރިހެނަކަށްވެސް ކަންދިމާވާ ފަދައިންނެވެ. އެހެނަސް، އެފަދައިން ހިންގާ ކަންކަމުގައި އެކަލޭގެފާނު އެކަނބަލުންނާ މުޢާމަލާތްކުރެއްވި ގޮތް ބަލައިލަމާ ހިނގާށެވެ!

އެއްދުވަހަކު ޢާއިޝާ -رضي الله عنها-  ގެ އަރިހުގައި ނަބިއްޔާ -صلّى الله عليه وسلّم- އިށީނދެވަޑައިގެން އިންނަވަނިކޮށް ޒައިނަބު ބިންތު ޖަޙްޝު-رضي الله عنها-  އެތަނަށް ވަޑައިގެންނެވިއެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން، އެކަމަނާ ވެދެވަޑައިގެންނެވީ އިޛުނަހޯއްދެވުމަކާ ނުލައެވެ. ކޯފާވެވަޑައިގެން ހުންނެވިލެއް ބޮޑުކަމުންނެވެ. އެގޮތަށް ވެދެވަޑައިގެންނެވުމަށްފަހު، ނަބިއްޔާ -صلّى الله عليه وسلّم- އަށް ދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ! އަބޫބަކުރުގެ އަންހެން ދަރި އޭނާގެ މުލަތްދަނޑި ތަޅުވައިލުމުން އިބަ ނަބިއްޔާ (އެކަމަނާގެ އަރިހުގައި) ހައްޔަރުވެވަޑައިގެންނެވީ ތޯއެވެ؟" އެއަށްފަހު އެކަމަނާ ޢާއިޝާ  -رضي الله عنها-  އާ ކުރިމަތި ލެއްވިއެވެ. އެހަނަސް، ޢާއިޝާ  -رضي الله عنها-   އެކަމަނާއަށް އެއްވެސް ރައްދެއް ނުދެއްވިއެވެ. އެހިނދު، ޢާއިޝާ -رضي الله عنها-   އަށް ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރެއްވި އެވެ. (( دُونَكِ فَانْتَصِرِي )) އެބަހީ: ދޫނުކުރައްވައި ނަޞްރު ހޯއްދަވާށެވެ! ފަހެ، އެހިނދު، ޒައިނަބު -رضي الله عنها-  އަށް ޢާއިޝާ  -رضي الله عنها-  ކުރިމަތި ލެއްވިއެވެ. އަދި ރައްދުގައި ބަސްވިދާޅުވިއެވެ. އަދި ޒައިނަބު-رضي الله عنها-  އެއްވެސް އެއްޗެއް އިތުރަށް ވިދާޅުނުވެ ހުންނެވިއެވެ. އެހިނދު ނަބިއްޔާ -صلّى الله عليه وسلّم- ހިނިތުންވެލެއްވިއެވެ.  (އަލްއަދަބުލް މުފްރަދު، 558)

މިތަނުގައި ނަބިއްޔާ -صلّى الله عليه وسلّم- މިވަނީ، އެއް ފިރިއަކާ އިނދެގެން އުޅޭ ދެ އަންހެންގެ މެދުގައި އެކަކު އަނެކެއްގެ މައްޗަށް އޮންނަ ޣީރަތްތެރިކަމުގެ ޝުޢޫރަށް ޤަދަރުކުރައްވާފައެވެ. އަދި ފިޠުރަތަށް ރިޢާޔަތްކުރައްވާފައެވެ. އެކަލޭގެފާނު މިވަނީ ޒައިނަބު -رضي الله عنها-  ގެ ހިތްޕުޅުގައިވީ ރުޅި ބޭރުކޮށް ހުސްކުރެއްވުމަށް ފުރުޞަތު ދެއްވާފައެވެ. އެކަމަނާއަށް އިންކާރެއް ނުކުރައްވައެވެ. އަދި ރައްދު ދެއްވުމަށް ޢާއިޝާ -رضي الله عنها-   އަށް އިޛުނަވެސް ދެއްވި އެވެ. އެކަލޭގެފާނު މިވަނީ ދެ ކަނބަލުންނަށްވެސް ޢަދުލުވެރި ވެވަޑައިގެންފައެވެ. ފަހެ، ޒައިނަބު -رضي الله عنها-  އަކީ އެކަލޭގެފާނުގެ ދެބެއިންގެ ދެދަރި ކަނބަލެކެވެ. އެކަމަނާއަކީ އެކަލޭގެފާނުގެ ބޮޑުދައިތާފުޅުގެ ދަރިކަނބަލެކެވެ. ދެން ހުންނެވީ ޢާއިޝާ -رضي الله عنها-  އެވެ. އެކަމަނާއަކީ އެކަލޭގެފާނުގެ އެންމެ ގާތް އެކުވެރިޔާގެ ދަރިކަނބަލުންނެވެ. ދެކަނބަލުންނަކީވެސް އެކަލޭގެފާނު ދެ އަނބިކަނބަލުންނެވެ. ދެކަނބަލުން ކުރެ އެއްވެސް ކަނބަލެއްގެ މައްޗަށް އެކަލޭގެފާނު ރުޅި އިސްކުރައްވާފައި ނުވެއެވެ. އަދި ކިއެއްތަ! އެކަލޭގެފާނުގެ މޫނުފުޅުން ނުރުހުންތެރިކަމުގެ އިޝާރާތެއްވެސް ކުރައްވާފައި ނުވެއެވެ. އަދި ކިއެއްތަ! ޒައިނަބު -رضي الله عنها-  އަށް ރައްދު ދެއްވައި ޢާއިޝާ -رضي الله عنها-  ބަސްވިދާޅުވެ އިންޞާފް ޤާއިމްކުރުވުނު ހިނދު އެކަލޭގެފާނު އިންނެވީ ހިނިތުންވެވަޑައިގެންނެވެ.

ނަބިއްޔާ -صلّى الله عليه وسلّم- ގެ ލޯބި ލިބިވަޑައިގެންނެވުމުގައި އަދި ނަބިއްޔާ -صلّى الله عليه وسلّم-ގެ އަރިހުގައި އިސްވެގެންވާ މީހެއް ގޮތުގައި ވުމަށްޓަކައި ޢާއިޝާ -رضي الله عنها-  އާއި އެންމެ ބޮޑަށް ވާދަކުރެއްވި ކަނަބަލަކީ ޒައިނަބު -رضي الله عنها-  އެވެ. އެއީ އިފްކުގެ ޙާދިޘާއާ މެދު އައިސްފައިވާ ޙަދީޘްގައި ޢާއިޝާ -رضي الله عنها-  ވިދާޅުވެފައިވާ ފަދައިންނެވެ.

ފަހެ، އެ ޙަދީޘްގައި ޢާއިޝާ -رضي الله عنها-  ވިދާޅުވެފައި ވެއެވެ. ﷲ ގެ ރަސޫލާ -صلّى الله عليه وسلّم- ތިމަން ކަމަނާގެ ކަންތަކާ މެދު (އެބަހީ: އިފްކުގެ މައްސަލައާއި މެދު) ޒައިނަބު -رضي الله عنها-  އާ ސުވާލުކުރެއްވިއެވެ. (( مَا عَلِمْتِ أَوْ مَا رَأَيْتِ )) އެބަހީ: ކަމަނާއަށް އެނގިވަޑައިގަންނަވަނީ ނުވަތަ ދެކެ ވަޑައިގެންނެވީ ކޮން އެއްޗެއް ތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު އަޅުގަނޑުގެ ކަންފަތާއި ލޯ ރައްކާތެރި ކޮށްފީމުއެވެ. ﷲ ގަންދީ ދަންނަވަމެވެ. (ޢާއިޝާ -رضي الله عنها-  ގެ ކިބައިން) އަޅުގަނަޑަށް ހެޔޮ ކަމެއް ނޫނީ އެނގިފައެއް ނުވެއެވެ."

މި ހިސާބަށް ކިޔައިދެއްވުމަށްފަހު ޢާއިޝާ -رضي الله عنها-  ވިދާޅުވިއެވެ. "އެކަމަނާ (އެބަހީ: ޒައިނަބު -رضي الله عنها-  ) އަކީ ނަބިއްޔާ -صلّى الله عليه وسلّم- ގެ އަނބިއަނބިކަނބަލުންގެ ތެރެއިން ތިމަން ކަމަނާއާ އެންމެ ބޮޑަށް ވާދަކުރެއްވި ފަރާތެވެ. އެހެނަސް، ވަރަޢަވެރިކަމުން އެކަމަނާއަށް ﷲ ރައްކާތެރިކަން ދެއްވިއެވެ." (ޞަޙީޙުލް ބުޚާރީ 4141، އަދި ޞަޙީޙު މުސްލިމް 2770)

ޢާއިޝާ -رضي الله عنها-  އަށް މައްޗަށް އޮތް ޣީރަތްތެރިކަމާ ވާދަވެރިކަމާއެކުވެސް، އެ ދަނިޑިވަޅުގައި ޒައިނަބު -رضي الله عنها-  އިސްކުރެއްވީ ތެދުވެރިކަމެވެ. ޢާއިޝާ -رضي الله عنها-  އާއި މެދު ދޮގެއް ނުހައްދަވައެވެ. އަދި ރަސޫލު ﷲ -صلّى الله عليه وسلّم-  އާއި ޢާއިޝާ -رضي الله عنها-  އާއި ދެމެދު މައްސަލަޖައްސަވާކަށް ނުއުޅުއްވައެވެ. އޭގެ ބަދަލުގައި އެ ފިތުނަވެރި ވާހަކަތަކުން ދުރުހެލިވެ ވަޑައިގެންނެވިއެވެ. އަދި ޢާޢިޝާ -رضي الله عنها-  ގެ ދިފާޢުގައި ވާހަކަ ދެއްކެވިއެވެ. މިއިން ބަޔާންވެގެންދަނީ، ކިތަންމެ ވާދަވެރިކަން އޮތަސް، އިންޞާފާ ޢަދުލުވެރިކަމަށް ލޯބިކުރަންޖެހޭ ކަމެކެވެ. އަނެކާގެ މައްޗަށް އަނިޔާވެރިވެގެން ނުވާނެކަމެވެ.

ޢާއިޝާ -رضي الله عنها-  ގެ އަރިހުންވެސް ފެންނަނީ ހަމަ އެފަދަ ފުރިހަމަ ނަމޫނާއެކެވެ. ޒައިނަބު -رضي الله عنها-  އާއި ދެމެދު އޮތް ވާދަވެރިކަމާއެކުވެސް އެކަމަނާ ވިދާޅުވެފައި ވެއެވެ.  (( لم أر امرأة قط خيراً في الدين من زينب، وأتقى لله، وأصدق حديثاً، وأوصل للرحم، وأعظم صدقة، وأشد ابتذالاً لنفسها في العمل الذي تصدق به وتقرب به إلى الله تعالى))   މާނައީ: "ދީނީ ގޮތުން ޒައިނަބުއަށްވުރެ ހެޔޮ ކަނބަލަކު، އެކަމަނާއަށްވުރެ ﷲ އަށް ތަޤުވާވެރި، އެކަމަނާއަށްވުރެ ވާހަކަ ދެއްކެވުމުގައި ތެދުވެރި، އެކަމަނާއަށްވުރެ ރަޙިމުގެ ގުޅުންތައް ދެމެހެއްޓެވި،  އެކަމަނާއަށްވުރެ ބޮޑަށް ޞަދަޤާތްކުރެއްވި، އަދި ﷲ تَعَالَى އާއި ކުއްތަންވެ، އެކަލާނގެއަށްޓަކައި ޞަދަޤާތްކުރެއްވުމުގައި އެކަމަނާއަށްވުރެ ބޮޑަށް އަމިއްލަ ނަފްސުން ހޭދަކުރެއްވި އެހެން ކަނަބަލަކު ދެކެވަޑައިނުގަންނަވަމެވެ!" (ޞަޙީޙު މުސްލިމް 2442)

އެއްވެސް ޝައްކެއްނެތެވެ! އެންމެ ފުރިހަމަ ފިރިއެއްގެ ސިފަތައް ނަބިއްޔާ -صلّى الله عليه وسلّم-  ގެ އަރިހުން ހޯދާ ފިރިއަކަށް އެ ނަމޫނާ ފެންނާނެއެވެ. އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އަރިހުން މިޒަމާނުގެ އަނބިންނަށް ޢަޖައިބިކުރުވަނިވި ފަދަ ފުރިހަމަ މިސާލު ފެންނާނެއެވެ.

(ނުނިމޭ)

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް