ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް 11 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފިއެވެ.
ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންކަމަށެވެ. މިގޮތުން މިއަހަރު ކުރީކޮޅު ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުވެސް ޕާޓީތަަކަށް ފައިސާ ދޫކޮށްފައިވާކަމަށެވެ. އެގޮތުން ދެވަނަ ބުރުގައި ތިން ޕާޓީއަކަށް 11 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާކަމަށެވެ.
1- އެމްޑީޕީއަށް 5.8 މިލިއަން ރުފިޔާ
2- ޕީޕީއެމްއަށް 3.9 މިލިއަން ރުފިޔާ
3- ޖުމްހޫރީ ޕާޓީއަށް 1.3 މިލިއަން ރުފިޔާ
ސިޔާސީ ޕާޓީތަކަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވަނީ މި އަހަރު ދައުލަތުގެ ބަޖެޓުގައި ދަތިތަކެއް ހުރެގެން ކަމަށް ޝަރީފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއިންކަމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވެއެވެ. އަދި ދައުލަތުގެ އަހަރީ ބަޖެޓްގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެކަަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަންވާނީ ދިހަ ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނިކަމަށެވެ.