
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ރައީސް ތަސްދީޤްކުރައްވައިފި
# ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްraees_thasdeegu-1024x683
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ކަނޑައެޅާފައިވާ ބިލެކެވެ.
މި ބިލުގެ މަޤްޞަދަކީ، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހެޔޮ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ. އަދި އެ ޚިދުމަތްތަކަކީ އެފިޝަންޓް އަދި ތިމާވެއްޓާ ރައްޓެހި ޚިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުމާއި، ރަނގަޅު ފެންވަރުގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ.
ރައީސް މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.