logoEN
cocacola
ކޮވިޑް19ގެ ބަލިމަނޑުކަމުން ދުނިޔެއަށް ރަނގަޅު ފިލާވަޅެއް ދަސްވެއްޖެ ބާ؟

ކޮވިޑް19ގެ ބަލިމަނޑުކަމުން ދުނިޔެއަށް ރަނގަޅު ފިލާވަޅެއް ދަސްވެއްޖެ ބާ؟

ގާފު އެޑިޓޯރިއަލް

logo

12/12/2020, 9:49:27 AM

# ކޮވިޑް19

HzRED9yo1OkhUMp33LC5

ސިއްހީ މާހިރުން ކޮވިޑް19 ގެ ނުރައްކާތެރިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައި ކަމުގައިވިޔަސް، ކޮވިޑް19ގެ ސަބަބުން މިން ނުކުރެވޭނެ ގެއްލުން ދުނިޔެއަށް ކުރިމަތި ކުރުވައިފިއެވެ. މިފަދަ ނުރައްކާތެރި ބަލިމަނޑުކަމެއް މުޅި އިންސާނިއްޔަތަށް ކުރިމަތިވުމުން، އަހަރަމެން އިންސާނުންނަށް، މިއިން އެއްވެސް ފިލާވަޅެއް ދަސްކުރެވިއްޖެ ހެއްޔެވެ؟ މިއީ ގިނަ ބަޔަކު ޖަވާބު ހޯދަން ބޭނުންވާނެ ސުވާލެކެވެ.

ގޮސިޔާ

ދުނިޔެއަށް ދިމާވާ ސިއްހީ ނުރައްކަލުގެ ހާލަތްތަކާއި ގުޅޭގޮތުން، އެކި ޤައުމުތަކުގެ، ސިޔާސީ، އިޤްތިސާދީ އަދި ސިއްހީ މާހިރުން އެއްކޮށްގެން ދުނިޔޭގައި އިންތިޒާމް ކުރެވޭ އެންމެ ބޮޑު ފޯރަމް ކަމުގައިވާ އިވެންޓް 201، ފާއިތުވީ އަހަރުގެ އޮކްޓޯބަރ ގައި، ނިއުޔޯކުގައި ބޭއްވުނެވެ. މިފޯރަމްގައި ދުނިޔެއަށް ދިމާވެފައިވާ ސިރިއަސް ސިއްހީ ބަލިމަނޑުކަމެއް ކަމުގައިވާ ކޮވިޑް19 ގެ ނުރައްކަލާއި ގުޅޭގޮތުން، ކަންބޮޑުވުން ފާޅުކޮށް، ކޮވިޑް19 އާއި ގުޅިގެން ކަންތައް ކުރެވޭނެ ގޮތްތަކެއްގެ މަޝްވަރާކުރެވުނެވެ. ނަމަވެސް މިބައްދަލުވުމުން މާބޮޑު ކުރިއެރުމެއް ނުވަތަ ބަލި ހުއްޓުވުމަށް އެޅިދާނެ މާބޮޑު ހަރުދަނާ ފިޔަވަޅެއް ނުނިންމުނެވެ.

undefined

މުޅި އިންސާނިއްޔަތަށް ކުރިމަތިވި މި ސިއްޙީ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ އިޤްތިސޯދު އިދަޖެހިގެން ގޮސް، ސަރުކާރުތަކާއި، މީޑިއާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެން ގޮސްފައި ވެއެވެ. މިގޮތުން މިބަލިމަނޑުކަމާއި ގުޅިގެން ލިބިފައިވާ، އިޤްތިޞޯދީ، އިޖްތިމާޢީ ގެއްލުންތައް އަނބުރާ އިޔާދަކުރުމަށް އަހަރުތަކެއް ނެގުން އެކަށީގެންވެއެވެ.

ކޮވިޑް19ގެ ބަލިމަނޑުކަމުން ފިލާވަޅެއް ދަސްކޮށް، އިބްރަތް ޙާސިލް ކުރަން އަދި އަވަސް ހެއްޔެވެ؟

ނަސީބު ކަންދިމާކުރިގޮތުން ކޮވިޑް19 ގެ ވައިރަސްއަކީ ބަލި ޖެހޭ ކޮންމެ މީހެއްގެ ފުރާނަ ދުއްވާލާ ވައިރަހެއް ނޫނެވެ. ނަމަވެސް މިބަލީގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞޯދު އިނދެ ޖެހި، ދުނިޔޭގެ ބޮޑެތި ޤައުމުތައް ހުއްޓުމަމަކަށް ގެނެސްފިއެވެ. މިބަލީގެ ސަބަބުން ގާތްގަނޑަކަށް 1.4 މިލިޔަން މީހުންގެ މީހުންގެ ފުރާނަ ދުއްވާލައި އެތައް ހާސް ބަޔަކަށް އެތަކެއް ސިއްޙީ މައްސަލަތަކެއް ކުރިމަތި ކޮށްފިއެވެ. ކޮވިޑް19ގެ ސަބަބުން އެތައް ބައެއްގެ ވިޔަފާރި ބަގުރޫޓުވެ، އެތަކެއް ހާސް ބައެއްގެ އާމްދަނީ ހޯދުމަށް އަދާކުރާ ވަޒީފާ ގެއްލިއްޖެއެވެ. ކޮވިޑް19ގެ ސަބަބުން ސަރުކާރުތަކާއި، ކުންފުނިތަކަށް ދަރަނީގެ ބޮޑު ސުނާމީއެއް ކުރިމަތިވެފައިވާއިރު، ބޮޑެތި ޤައުމުތަކަށް ކޮވިޑް19ގެ ދެވަނަ ރާޅެއް ބޯމަތި ކުރުވައިފިއެވެ. އެހެންކަމުން ކޮވިޑް19 އިން ދުނިޔެއަށް ލިބުނު ފިލާވަޅާއި އިބުރަތުގެ ވާހަކަ މިއީ ދައްކަން ޖެހޭ ވަގުތުކަމުގައި ދެކެމެވެ. މިފަދަ ސިއްހީ ނުރައްކަލަކުން ދުނިޔެއަށް ލިބިދާނެ ގެއްލުން ކުޑަކުރުމަކީ ކުރަންޖެހޭ ކަމެކެވެ.

undefined

ފިޒަރ/ބަޔޯންޓެކް ކުންފުނިން އަދި މޮޑާނާ ކުންފުނީގެ، ކޮވިޑް19ގެ އުއްމީދީ ވެކްސިނުން، މިނުރައްކަލުން އަރައިގަނެ އަލުން އަނބުރާ އާންމު ޙާލަތަށް ރުޖޫޢު ވެވުމުގެ އުއްމީދު މުޅި ދުނިޔެއަށް ގެނެސްދީފެއެވެ. ނަމަވެސް އާންމު ހާލަތަކީ އަހަރަމެން ކުރިންވެސް ކުރަމުން އައި އިޤްތިޞާދީ މަސައްކަތްތަކަށް ޖަންގަލިތައް ކޮށައި ތިރިކޮށް، ތަފާތު ވަލު ޖަނަވާރުތަކާއި ދިރުން އެކުލެވޭ ތަންތަން ނެތިކުރުމުގެ މަސައްކަތް އަލުން ފަށައިފި ނަމަ، ޖަނަވާރުންގެ ފަރާތުން ކޮވިޑް19 ފަދަ ނުރައްކާތެރި ބަލިތައް އިންސާނުންނަށް ފޯރުމުގެ ނުރައްކާ އެބައޮތެވެ. މިގޮތުން މިފަދަ ގޮތަކަށް އަލުން އަހަރަމެން އިންސާނުންގެ އަމަލުތައް ބައްޓަން ވެއްޖެ ނަމަ، މުސްތަޤްބަލުގައި އިންސާނިއްޔަތަށް ކުރިމަތިވެދާނެ ނުރައްކާތެރި ބަލިމަނޑުކަމެއްގެ އަންދާޒާކޮށްލަން ވެސް ދަތި ވާނެއެވެ. ދުނިޔޭގެ އާބާދީ އިތުރުވެ، އިންސާނުންގެ ތަފާތު އެކި ބޭނުންތަކަށް ގިނައަދަދަކަށް ޖަންގަލިތަށް ނައްތައިލުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ތިމާވެއްޓަށް އަސަރުކޮށް ތަފާތު މޫސުމީ މައްސަލަތައް ދުނިޔެއަށް ކުރިމަތިކުރުވައެވެ. ޖަންގަލިތައް ނެތިގެން ދިޔުމާއި، މޫސުމީ ބޮޑެތި ބަދަލުތަކެއް ދުނިޔެއަށް އައުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ބަލިތައް އާންމުވުމުގެ ފުރުޞަތު ބޮޑުވެއެވެ. މިގޮތުން ނިއުސް ޑިކޯޑާއިން ކޮށްފައިވާ ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުން ދުނިޔޭގެ ސިއްޙަތާއި ބެހޭ ވުޒާރާ، ޑަބްލިއު. އެޗް. އޯ އިން ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނުންގެ ބޭނުންތަކަށް ޤުދުރަތީ ވަޞީލަތްތައް ނައްތާލުމުގެ ސަބަބުން ތަފާތު ގިނަ ސިއްޙީ މައްސަލަތައް އިތުރުވެ، ތަފާތު ނުރައްކާތެރި ބަލިތައް ދުނިޔެއަށް ތަޢާރަފް ވުމުގެ ފުރުޞަތު ބޮޑެވެ.

undefined

އަމަލުކުރާނެ ގޮތުގެ ޕްލޭނެއް މުޅި ދުނިޔެއަށް ބެނުންވޭ!

މުޅި އިންސާނިއްޔަތަށް ކުރިމަތިވި ކޮވިޑް19 ފަދަ ސިއްޙީ ނުރައްކަލަކާއި ކުރިމަތިލުމަށް މުޅި ދުނިޔެއިން އަމަލު ކުރާނެ ޕްލޭނެއް އެކުލަވާލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މިފަދަ ނުރައްކަލެއް ކުރިމަތިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ. އިކޮނޮމިކް ކްރައިސިސްއެއްގައި، ނުވަތަ އިޤްތިސާދީ މަސައްކަތްތައް ހުއްޓި ހިގައިދާނެ ދަނޑިވަޅެއްގެ، ނިކަމެތި ރައްޔިތުންނަށް ދަތިނުވާނެފަދަ ގޮތަކަށް އާމްދަނީ ފޯރުކޮށް، ގައުމުތަކުގެ އިޤްތިޞާދު ކޮޅަށް ޖަހާނެ ގޮތުގެ ބަޖެއްޓެއް ހަދައި، ޕްލޭނެއް އެކުލަވާލަން ޖެހެއެވެ. މުޅި ދުނިޔޭގެ އެންމެހާ ސަރުކާރުތަކުން ފަންޑުކޮށްގެން ސިއްހީ ދިރާސާތަށް ކުރާ، ޚާއްސަ ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކަށް ވާންޖެހެނީ، ނުރައްކާތެރި ބަލިތަކާއި، އަލަށް ތަޢާރަފްވާ ބަލިތަކުގެ ދިރާސާ ހުއްޓުމެއް ނެތި ކުރިޔަށް ގެންގޮސް، ބައްޔެއް އިންސާނިއްޔަތަށް ފެތުރުމުގެ ކުރިން އެބަލި ހުއްޓުވަން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، ސައްޙަ ރައްކާތެރި ކަމުގެ މަޢުލޫމާތު މުޅި ދުނިޔެއަށް ފޯރުކޮށް ދިނުމެވެ.

ގައުމުތަކުގެ ސިއްޙީ ހާލަތު ރަނގަޅުކުރުން

މުޅި ދުނިޔެއަށް ކުރިމަތިވެގެން ދިޔަ ސިއްޙީ ނުރައްކަލުގެ ހާލަތުން އެނގިގެން ގޮސްފައިވާ ހަޤީޤަތަކީ، ގިނަ ޤައުމުތަކުގައި ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދެވޭނެ ސިއްޙީ ނިޒާމެއް ޤާއިމް ކުރެވިފައި ނެތްކަމެވެ. ކޮވިޑް19 ފަދަ ސިއްހީ އިމަޖެންސީއަކަށް ދުނިޔޭގެ އެއްވެސް ސިއްޙީ ނިޒާމެއް ތައްޔާރަށް ނެތްކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ގޮސްފައިވެއެވެ. މިއީ ޢިބްރަތެއް ކަމުގައި ދެކިގެން، މިފަދަ ދެވަނަ ނުރައްކަލަކަށް ލޯހުޅުވައި ޤައުމުތަކުން ތައްޔާރުވާންޖެހެއެވެ.

ކާމިޔާބު ގޮތްތަކާއި، ފިޔަވަޅުތައް ހިއްސާކުރުން

ކޮވިޑް19ގެ ހާލަތުން އަރައިގަތުމަށް ޤައުމުތަކުން އަޅާފައިވާ ރަނގަޅު ފިޔަވަޅުތަކާއި، ކާމިޔާބު ގޮތްތައް އެހެން ޤައުމުތަކުން ފިލާވަޅެއްގެ ގޮތުގައި ބަލައިގަނެ، އެފަދަ ހަރުދަނާ ގޮތްތަކަށް އަމަލުކުރަން ފަށަންޖެހެއެވެ. ކޮވިޑް19ގެ ހާލަތުން ދަސްވެގެން ގޮސްފައިވަނީ، ސިއްހަތާއި ގުޅޭ ދިރާސާތަކަށް އަމިއްލަ ފަރާތްތަކަށް ނުވަތަ ކުންފުނިތަކަށް ހުޅުވާލުމުން، ނަތީއްޖާ ހާސިލްވެގެންދާ ގޮތް އަވަސްކަމެވެ. މިފަދަ ދިރާސާކުރުންތަކަކީ، ސަރުކާރަށް ނިސްބަތްވާ ވަކި ޚާއްސަ ދިރާސާ ކުރާ ފަރާތްތަކަކަށް އެކަނި ބަރޯސާވެގެން ދޫކޮށް ލެވޭނެ ގޮތްތަކެއް ނޫންކަމެވެ.

ސިއްހީ ގޮތުން ބޭނުންކުރެވޭ އާލާތްތަކަށް އީޖާދީ، ޒަމާނި ވިސްނުން ބޭނުންވާކަން ސިއްހީ މިފަދަ ނުރައްކަލަކުން އެނގިގެން ގޮސްފައިވެއެވެ. ދުނިޔޭގެ ސިއްޙީ ނިޒާމު އެންމެ އެކަށީގެންވާ ފެންވަރަށް ތަރައްޤީވެފައި ނުވާ ކަމުގެ އިހްސާސް، ކޮވިޑް19ގެ ހާލަތުގައި މުޅި ދުނިޔެއަށް ކުރަންޖެހިފައި ވެއެވެ.

ކޮވިޑް19 ހުއްޓުވުމަށް ގިނަ ޤައުމުތަކުން، ހަރުދަނާ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައި، ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑުތަން ކޮންޓްރޯލްކޮށް، ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މިފަދަ ކާމިޔާބު ގޮތްތައް އެހެން ޤައުމުތަކުން ބަލައިގަނެ، ކޮވިޑް19 ގެ ހާލަތުން ދަސްވެގެން ގޮސްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ، މާސްކު އެޅުން، ގައިދުރުކަން، ސާފުތާހިރުކަން، އަދި ރަނގަޅު އާދަތައް ދެމެހެއްޓުން މުހިންމެވެ.

ދުނިޔޭގެ ޤުދުރަތީ ވަޞީލަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުން

ކޮވިޑް19 ފަދަ އިންސާނިއްޔަތަށް ކުރިމަތިވި ސިއްހީ ކޮންމެ ނުރައްކަލެއްގެ ފަހަތުގައި ވަނީ، ދުނިޔޭގެ ޤުދުރަތީ ވަޞީލަތް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރުމެވެ. އަހަރަމެން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ނުރަނގަޅު އާދަކާދަތަކާއި، އަމަލުތަކެވެ. ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުން ދުނިޔެއަށް ދިމާވާ ސިއްހީ ނުރައްކަލުން އަރައިގަތުމަށް އެޅިގެންދާނެ އެންމެ މުހިންމު ފިޔަވަޅަކީ ދުނިޔޭގެ ޤުދުރަތީ ވަޞީލަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، ޤުދުރަތީ ވަޞީލަތްތަކާއި އިންސާނުންނާއި ރަނގަޅު ގުޅުމެއް ޤާއިމްކޮށް އިންސާނާގެ ބޭނުންތަކަށް ޤުދުރަތީ ވަޞީލަތްތައް ބޭނުންކޮށް ހުސްކޮށް ނުލުމެވެ.

ދުނިޔޭގެ ބޮޑެތި ޖަންގަލިތައް ނައްތާލުމުގެ ސަބަބުން އެތަންތަނުގައި ދިރިއުޅޭ ޖަނަވާރުންނާއި އެހެން ދިރުންތައް ނެތިގެން ދެއެވެ. އިންސާނުންގެ އަމަލުތައް ގޯސްވެ ހައްދުން ނެއްޓި، އަތުޖެހުނު ކޮންމެ އެއްޗެއް ކާފަދަ ހާލަތްތަކަށް ދިޔުމުގެ ނަތީޖާއަކަށް ވަނީ، ޖަނަވާރުންގެ ފަރާތުން ފެތުރޭ ތަފާތު ބަލިތައް އިންސާނުންނަށް ޖެހި މުޅި އިންސާނިއްޔަތު ނުރައްކަލަށް ހުށަހެޅިގެން ދިޔުމެވެ. ރަނގަޅު އާދަކާދަ ދަމަހައްޓައި އަދި އިންސާނީ އަމަލުތައް ކޮންޓްރޯލް ކޮށްގެން ނޫނީ އިންސާނިއްޔަތަށް ރައްކާތެރިކަމެއް ނެތެވެ.

ކޮވިޑް19 ފަދަ ސިއްޙީ ނުރައްކާތަކުން މުސްތަޤުބަލުގައި ސަލާމަތްވުމަށް ސަރުކާރުތަކުން ތިރީގައިވާ ސުވާލު ތަކުގެ ޖަވާބު ހޯދާލުން މުހިންމެވެ.

1. ކޮވިޑް19 ފަދަ ސިއްޙީ ނުރައްކާތަކުން ސަލާމަތްވުމަށް ކުރިޔަށް އޮތް އަހަރުތަކުގައި ސަރުކާރުން އަޅަން ފެންނަ ފިޔަވަޅުތަކަކީ ކޮބައި ހެއްޔެވެ؟

2. ކޮވިޑް19 އާއި ގުޅިގެން އާންމުކުރެވުނު މައުލޫމާތާއި، އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅުތައް ތިބާއަށް ސާފު ހެއްޔެވެ؟ އެއްވެސް އޮޅުމެއް އަރާފައި ވޭ ހެއްޔެވެ؟ ކޮވިޑް19 އާއި ގުޅިގެން ޝޯޝަލް މީޑިއާއިން ފެތުރި ކޮވިޑް19 ގެ މަޢުލޫމާތުތަކުން، ކޮވިޑް19 އާއި ގުޅޭ ހަޤިޤަތް އެނގިގެން ގޮސްފައިވޭ ހެއްޔެވެ؟

3. އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތިބާ ޤަބޫލުކުރާ ގޮތުގައި އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައި ހެއްޔެވެ؟

ކޮވިޑް19 ފަދަ ސިއްޙީ ނުރައްކާތަކުން އަރައިގަތުމަށް، އަހަރަމެން މިފަދަ ސުވާލުތަކުގެ ޖަވާބު ހޯދިގެން ނޫނީ ރައްކާތެރިކަމުގެ އައްސޭރިއަކަށް ނުދެވޭނެއެވެ. އިންސާނިއްޔަތަށް ދިމާވާ މިފަދަ ކޮންމެ ނުރައްކަލެއް ގުޅިފައިވަނީ، ދުނިޔޭގެ ޤުދުރަތީ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އިންސާނުންގެ ޢަމަލުތައް ގޯސްވެ، ދިރިއުޅުމުގެ ވައްޓަފާޅި އާއި، އުޅުމާއި ގުޅުން ވަކި ހުދޫދަކުން ބޭރުވުމެވެ.

މިއީ ކޮވިޑް19 ފަދަ ސިއްހީ ނުރައްކަލުން ފިލާވަޅެއް ލިބިގަނެ އިބްރަތް ހާޞިލް ކުރަންވީ ވަގުތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ