ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް މި ކަންތަށް ކޮށްލާ!

އަޅުގަނޑުމެން ކޮންމެ މަޔަކު އަދި ބަފަޔަކުވެސް މަސައްކަތް ކުރާނީ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތަކާއި ރަނގަޅު ތަޢުލީމެއް ދެވޭތޯއެވެ. ނަމަވެސް، ބައެއްފަހަރު އަޅުގަނޑުމެންގެ ދަރިންގެ އުޅުން ގޯސްވުމުން ނުވަތަ ކުރާ ނުރަނގަޅު ކަމެއްގެ ސަބަބުން ބޮޑުވަރަކަށް ދަރިފުޅު ކުއްވެރި ކުރުމަށް ފަހުން އެކަން ނިންމާލައެވެ. ނޫނީ އެއީ ކުޑަކުއްޖެއް ކަމަށް ބުނެ އެކަން ދޫކޮށްލައެވެ. އެގެ ނަތީޖާ ފަހުން ވަރަށް ހިތި ކޮށްވެސް ފެނިފަ އެބަހުރެވެ.

ދަރިޔަކަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ އެންމެ އިސް މަގާމެއް އަދާކުރާނީ އެ ދަރިއެއްގެ މަންމަ އާއި ބައްޕަ ކަމުގައި ދެބަސް ވެވޭކަށެއް ނޯންނާނެވެ. އެހެންކަމުން ދަރިފުޅަށް ރަނގަޅާއި ނުރަނގަޅު އުނގަންނައިދީ ތަރުބިޔްޔަތު ކުރުމުގައި މައިންބަފައިން  ތިރީގައި މިވާ ގޮތަށް އަމަލު ކޮށްފިނަމަ ނަތީއްޖާ ރަނގަޅުވާނެއެވެ.

 

1. ދަރިފުޅަށް ނަމޫނާ ދެއްކުން.

ދަރިފުޅު ކައިރީގައި ކުރަން ޖެހޭ ކަން ކަން ބުނުމުގެ ބަދަލުގައި ދަރިފުޅަށް ފެންނަހެން އެކަންތައް ކުރާށެވެ. މިސާލަކަށް ކައި ނިމުމުން ތަށި ދޮވުމަށް ބުނުމުގެ ބަދަލުގައި ބައްޕައެއް ކަމުގައި ވިޔަސް، ކައި ނިމިގެން ތަށި ދޮންނަ ކަމަށް ވަނީ ނަމަ އެ ކަން ދަރިފުޅަށް ވަރަށް ފަސޭހައިން ނަގައި ގަނެވިދާނެވެ. އަދި އެގޮތަށް އަމަލު ކުރަން ފަށަން ލަހެއް ނުވާނެވެ.

2. ދަރިފުޅާއި ގާތް ގުޅުމެއް ބޭއްވުން.

ކޮންމެ މީހަކުވެސް ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ ދަރިންނާއި އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ނަމަވެސް، ހަގީގަތަކީ އަޅުގަނޑުމެން ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން މައިންބަފައިންނާއި ދަރިންނާއި ދެމެދުގައި އޮންނަނީ ވަރަށް ކުޑަ ގުޅުމެކެވެ. ގުޅުން މާނާ މި ކުރަނީ ޚިޔާލު ބަދަލުކޮށް ދެފަރާތުންވެސް ވާހަކަ ދެކެވުމެވެ. އަޅުގަނޑުމެންނަށް މައިބަފައިން އެއްޗެެއް ބުނުމުން ދެބަސް ނުވެވޭ ފަދައި، އަޅުގަނޑުމެންގެ ދަރިންގެ ކަންކަމުގައި ގިނަ ފަހަރު ގޮތް ނިންމެނީ އަޅުގަނޑުމެންގެ ބަހަކީ ފަހު ބަސް ކަމަށް ޚުދު އަޅުގަނޑުމެންނަށް ވެސް ގަބޫލު ކުރެވޭތީއެވެ. ދަރިފުޅާއި ގިނައިން ވާހަކަ ދައްކާށެވެ. އޭނާގެ ކަންކަމުގައި އޭނާ ދެކޭ ގޮތް އަޑު އަހާށެވެ. ގޯސް ކަމެއްނަމަ ކިޔާދޭނީ އެ ކުޑަ ސިކުނޑިއަށް ވިސްނޭނެ ގޮތަކަށް ލޯބިންނެވެ. އޭގެ ސަބަބުން ދަރިފުޅު ވެސް ވާހަކަ ދައްކަން ފަހެއް ނުޖެހޭނެއެވެ. އޭނާގެ ސިއްރުތައް ވެސް މައިންބަފައިންނާއި ހިއްސާކުރާނެވެ.

3. ލޯބިވާ ވާވަރު ހަނދާން ކޮށްދިނުން.

ކޮންމެ މަޔެއްވެސް އަދި ބަފަޔެއްވެސް، އޭނާގެ ދަރިފުޅު ދެކެ ނުހަނު ލޯބިވާނެވެ. އެއީ ކުޑަވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް، ދަރިފުޅު ކައިރީގައި އަބަދުވެސް ދަރިފުޅު ދެކެ ލޯބިވާ ވާހަކަ ބުނާށެވެ. އަދި ދަރިފުޅު ދެކެ ލޯބިވާތީ ކޮށްދޭ ކަންކަން ވެސް ބުނެދޭށެވެ. އޭރުން އެ ކުއްޖާވެސް އެކަމާ އުފާކޮށް ވިސްނާނެވެ. އަދި ނުރަނގަޅު ކަމެއް ކުރުމުގެ ކުރިން އޭނާގެ މައިންބަފައިންނަށް ކުރާނެ އަސަރު ބޭއިޚްތިޔާރުގައި ހަނދާންވާނެވެ.

4. ދަރިފުޅުގެ ކުރި މަތީގައި ދެމަފިރިން ޒުވާބު ނުކުރުން

ތުއްތު ކުދިންނަކީ ވަރަށް އަވަހަށް ކަންތައްތައް ދަސްކުރާ ބައެއް ކަމުން ދަރިފުޅަށް ފެންނަ ހިސާބުގައި ނުވަތަ ދަރިފުޅަށް އަޑު އިވޭ ތަނެއްގައި ދެމަފިރިން ގެ މައްސަލަތަކުގެ ވާހަކަ ދައްކައި އަރައިރުންވެ ޒުުވާބު ނުކުރާށެވެ. އެކަހަލަ މަންޒަރުތައް ދަރިފުޅަށް ފެންނަ ނަމަ ބޮޑުވަމުން އަންނަ ކުއްޖެއްކަމުން އޭނަ އެ ފަދަ ކަންކަމަށް ހޭނެން ފަށާނެވެ. އަދި އޭގެ ސަބަބުން ސްކޫލުގައި އަދި އެނޫންވެސް ތަންތާގައި އަނެއްކުއްޖާއި ޒުވާބު ކުރުމައި ތަޅައި ފޮޅައި ހަދަން ފަށައިފާނެވެ.

 

 

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް