logoEN
ޕީއެންސީ 2
ދާއިމީ އުފާ ބޭނުން ތޯއެވެ؟

ދާއިމީ އުފާ ބޭނުން ތޯއެވެ؟

# ދީން

8E2DD87F-9EC1-4ED0-8883-D42D28E7716A

بسم الله، الحمد لله، والصّلاة والسّلام على رسول الله وبعد:

ޝަރީ 2024

ލައްޒަތާއި އަރާމާއި އުފާ ބޭނުން ނުވާ އެކަކުވެސް ހުންނާނެ ތޯއެވެ؟ ހާސްކަމާއި މޮޅިވެރިކަމާއި ހިތާމަ ކުރިމަތިވާން އެދޭ މީހަކު ހުންނާނެ ތޯއެވެ؟ ނޫނެކެވެ. ކޮންމެ އިންސާނަކުމެ ބޭނުންވާނީ އަބަދުވެސް އުފަލާއި އަރާމާއި ލައްޒަތެވެ. މެދުކެނޑުމެއްނުވާ އުފާ ލިބުމީ ކޮންމެ މީހަކު އެދޭނެ އެދުމެކެވެ. އެހެނަސް ފެންނަން ހުރި ހަޤީޤަތަކީ މިއީ ތޯއެވެ؟

އަބަދާއި އަބަދު އުފާލާއި އަރާމުގައި ހާސްކަމެއްނެތި އުޅޭ މީހަކު ނުފެންނާނެއެވެ. ކިތަންމެ ފައިސާ ހުއްޓަކަސް އަދި ކިތަންމެ ޝާހީ ދިރިއުޅުމެއް އުޅުނަކަސް އުފަލާއި ހިންހަމަޖެހުމުގައި އަބަދު އުޅޭ މީހެއް ނުފެންނާނެއެވެ. ކޮންމެވެސް އުނދަގުލެއް، ނުތަނަވަސްކަމެއް ކުރިމަތި ނުވާ އެކަކު ވެސް ނުހުންނާނެވެ. ސަބަބަކީ ކޮބައި ތޯއެވެ؟ އުފާ އަބަދަށް ލިބޭނެ ގޮތެއް އޮންނާނެ ތޯއެވެ؟

ވިސްނައިލައްވާށެވެ! މުޅި ދުވަހު އަވަދިނެތި ހިތް އެދޭ އުފާތައް ހޯދަން އުޅުމުގެ ތެރޭގައި އަޅުގަނޑުމެން ވަނީ އާޚިރަތުގެ މަތިން ހަނދާން ނެތިފައެވެ. ހަޤީޤީ އަދި ދާއިމީ އުފާ ހާޞިލްވާން އޮތް މަގުގެ މަތިން ޣާފިލްވެފައެވެ. الحَدِيْدސޫރަތުގެ 20 ވަނަ އާޔަތުގައި ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ.

﴿اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ۖ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّـهِ وَرِضْوَانٌ ۚ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ﴾

މާނައީ: " ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދ މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށްވާ ފަޚުރެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރީންތަކާއިމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް ދަނޑުވެރިން ޢަޖައިބު ކޮށްފިއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްގެ ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

ދުނިޔޭގެ ޙަޤީޤަތަކީ މިއެވެ. މަދު ދުވަސްކޮޅެކެވެ. ފަނާވެދަނިވި، ހިނދުކޮޅެއްގެ އަރާމެވެ. އެއަށް ހެއްލި އޭގެ އަވައިގައި ޖެހިއްޖެނަމަ އާޚިރަތުގައި ހިތާމައާއި ކުރިމަތި ކުރުވާނެ ކެހިވެރި މަޅިއެކެވެ. އިސްވެދިޔަ އާޔަތުގެ ތަފްސީރުގައި އަލްއިމާމް އައްސަޢްދީ رحمه الله ވިދާޅުވެފައިވެއެވެ. " އެކަން ( އާޔަތުގައިވާ ކަންކަން) ތެދުކަން ބަޔާންކޮށްދޭ ހެއްކަކީ ދުނިޔެއަށް ލޯބިކުރާމީހުންނާ އެ ދުނިޔެއާ މެދު ހިތްހަމަޖެހިގެން އުޅޭމީހުންގެ ފަރާތުން މިފަދަ ކަންތައް ވުމެވެ. ދުނިޔެ އެނގި، އޭގެ ޙަޤީޤަތް އެނގޭ މީހާއާއި ޚީލާފަށެވެ. ފަހެ އޭނާ އެ ދުނިޔެ ހަދާނީ ހުރަސްކުރާ ފާލަމަކަށެވެ. ގަރާރުވާ ތަނަކަށް ނަހަދާނެއެވެ. ފަހެ ﷲ އާއި ގާތްކޮށްދޭ ކަންކަމުގައި ވާދަކުރާނެއެވެ. އަދި ﷲ އަށް އޭނާ ވާސިލުކޮށްދޭ ވަސީލަތްތަކުގައި ހިފާނެއެވެ. އަދި މުދަލާއި ދަރީން ގިނަކުރުމުގައި އޭނައާއި ވާދަކުރާ މީހެއް ފެނިއްޖެނަމަ، ހެޔޮ އަމަލުތަކުން އެމީހަކާ އޭނާ ވާދަކުރާނެއެވެ". ( تيسير الكريم الرحمن في تفسير كلام المنان ، ص: 841)​

ހަނދާނުގައި ބަހައްޓަންވީ ޙަޤީޤަތަކީ ދުނިޔެއަކީ އިމްތިޙާނުގެ ގޮވެއްޗެއްކަމެވެ. ކުޑަކުޑަ އުފަލެއްކަމެވެ. އެއްދުވަހު އުފަލުގައި ހުއްޓަސް އަނެއްދުވަހު ހިތާމައާއި ކުރިމަތިލާން ޖެހޭ ތަނެއްކަމެވެ. އަދި އަޅުގަނޑުމެންނަކީ އަބަދަށް މިތާގައި އުޅެން ތިބި ބައެއް ނޫންކަމެވެ. ދާއިމީ ގޮވެއްޗަކީ އާޚިރަތެވެ. ދާއިމީ އުފާވެރިކަން ޙާޞިލްވާނީ އާޚިރަތުގައި ކާމިޔާބު ލިބުނު މީހަކަށެވެ. ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޡްފުޅަށް ވިސްނާލައްވާށެވެ! " كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ أَوْ عَابِرُ سَبِيْلٍ" "ދުނިޔޭގައި ތިބާ ބީރައްޓެއްސެއް ފަދައިން ނުވަތަ މަގެއް ހުރަސްކުރާ މީހެއް ފަދައިންވާށެވެ." (صحيح البخاري : 6416).

وصّلى الله وسلّم على نبيّنا محمّد وعلى آله وصحبه أجمعين، والحمد لله ربّ العالمين

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ