logoEN
cocacola
ކޮލަމް: ޤައުމު މިއޮށްގެން ރޮނީއެވެ!

ކޮލަމް: ޤައުމު މިއޮށްގެން ރޮނީއެވެ!

Admin

logo

12/3/2020, 12:29:54 PM

Maldives

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ ސަޢުދުﷲ ޙިލްމީ، ގާފުގެ ކޮލަމަށް ލިޔެފައިވާ ލިޔުމެެކެވެ.

ގޮސިޔާ

ކޮންމެ ޤައުމެއްގެ ރައްޔިތުންވެސް އެޤައުމެއްގައި އޮންނަ ސަރުކާރެއް ވޯޓުން ވިޔަސް ނުވަތަ އެހެންގޮތަކުންވިޔަސް ބަދަލުކުރަނީ އައު ސަރުކާރު ކުރީސަރުކާރަށްވުރެ ރަނގަޅުވާނެކަމަށް ބަލައިގެން ނުހަނު ފޮނިއުއްމީދާއެކުއެވެ. އެއީ ވައްކަމާއި ކޮރަޕްޝަން ކަމަށްވިޔަސް ނުވަތަ އަނިޔާ އާއި އުފާފާގަތި ކަމަށްވިޔަސް ނުވަތަ ހިންގުންތެރިކަމާއި ކަންކަން ކުރުމުގެ ޤާބިލް ކަމަށް ވިޔަސްމެއެވެ. އެކަމަކު ރައްޔިތުންގެ އުއްމިދުތައް ގިނަފަހަރަށް ވެފައިވަނީ ފުރިހަމަނުވާ އުއްމީދެއްގެ ގޮތުގައެވެ. ރާއްޖޭގެ ތާރީޚަށް ބަލާލުމުންވެސް މިކަން ވަރަށްރަގަޅަށް ފެނި ސާފުވާން އެބައޮތެވެ. ދުރު މާޒީއަށް ދިޔުމުގެ ބޭނުމެއްނެތެވެ. އެންމެކައިރި މާޒީއަށް ބަލާލުމުންވެސް ފެންނަނީ ހަމައެފަދަ ގިނަ ކަންކަމެވެ.

މިދިޔަ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ އެއިރު އިދިކޮޅުގައިތިބި މިހާރު ސަރުކާރުގައިތިބި ފަރާތްތައް ވަރަށް އަޑުހަރުކޮށް ދައްކަމުން ގެންދިޔައެވެ. ދައުލަތުގެ އެކިއެކި މަޤާމުތަކުގައިތިބި މީހުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ވާހަކައާއި ކޮރަޕްޝަނުގެ ގޮތުގައި އެތައްކަމެއް ކުރަމުން ގެންދާކަމުގެ ވާހަކައެވެ. އެފަދަމީހުން މާލެއިން ބިމާއި ފްލެޓް ގަންނަމުންދާ ވާހަކައާއި ޔޮޓާއި ސަފާރީއާއި މަސްދޯނިތަކާއި ބޯޓްފަހަރު ބަންނަވާހަކައާއި ރިސޯޓާއި ގެސްޓްހައުސްތައް ހަދަމުންދާ ކުއްލި މުއްސަދިކަމުގެ ވާހަކައެވެ. ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެތައްފައިސާއެއް އެކިއެކި ފަރާތްތަކުގެ ޖީބަށް ވަންނަމުންދާ ވާހަކައާއި "ސައި" ދީގެންމެނުވީ އެއްވެސްކަމެއް ދައުލަތުގެ ތެރެއިން ނުކުރެވޭ ވާހަކައާއި "ސައި" ދިނުމުން ކޮންމެކަމެއްވެސް ދައުލަތުގެ ތެރެއިން ކުރެވޭ ކަމުގެވާހަކައެވެ. އަދި ތިމަންމެން ސަރުކާރާއި ޙަވަލުވެފައި އެހުރިހާކަމެއް ރަނުންރަނަށް ބަލައި އެފައިސާތައް އަތުލާނެވާހަކައާއި އެކަންކުރި މީހުންނަށް ޙައްޤު އަދަބު ދޭނެވާހަކައެވެ.

ހަމައެގޮތަށް މިހާރު އިދިކޮޅުގައިތިބި ފަރާތްތަކުގެ އިތުރަށް މިހާރުއޮތް ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުންވެސް ދައުލަތުގެ އެކިއެކި މަޤާމް ތަކުގައި މިހާރު ތިބި ފަރާތްތަކާއި ބެހޭގޮތުން ގޮވަމުންދަނީ ހަމައެގޮވެލިތަކެވެ. އެކިއެކި މަޤާމްތަކުގައި ތިބި މީހުން އިންތިހާއަށް ވައްކަންކުރާ ވާހަކައާއި ކޮރަޕްޝަން ހިންގުމުގައި ހައްދުން ނެއްޓިފައިވާ ވާހަކައެވެ. ކޮރަޕްޝަން ހިންގާ އަދި ވައްކަންކުރާ ފަރާތްތަކުން މަޑުޖެހުމެއް، ބިރެއްނެތި ދައުލަތުގެ ފައިސާއިން ވައްކަންކޮށް ޚިޔާނާތްތެރިވެ ކޮރަޕްޝަން ހިންގާ ވާހަކައާއި އެފަދަމީހުންގެ ކަންކަން ހެއްކާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިޔަސް ނުވަތަ އެންގިޔަސް އެކަންކަން ނުބެލޭ ވާހަކަ ނުވަތަ ބެލުން އިންތިހާއަށް ލަސްވާކަމުގެ ވާހަކައެވެ. ބެލުނަސް ބެލެނީ ވަކިބަޔެއްގެ ކަންތައް ކަމާއި "ޒީރޯ ޓޮލަރެންސް"ގެ ދަށުން އެއްވެސް ފިޔަވަޅެއް އެޅެމުން ނުދާ ކަމުގެ ވާހަކައެވެ.

އެއިރުގެ ސަރުކާރުގެ މީހުން ކުރިޔަސް މިހާރުގެ ސަރުކާރުގެ މީހުންކުރިޔަސް އެކުރަމުންދަނީ ރައްޔިތުންގެ ފައިސާއިން ވައްކަމެވެ. ހަރާންކޯރުވަމުން އެދަނީ އެމަޤާމްތަކަށް އެމީހުންގެނައި ރައްޔިތުންނަށެވެ. ކޮޅުފައިން ޖަހަމުން އެދަނީ އެތައް ދިވެހި ރައްޔިތެއްގެ އުއްމީދުގައެވެ. ޤައުމުގެ އެންމެނަށް ލިބެންޖެހޭ މުއްސަދިކަން އެދަނީ ވަކިބައެއްގެ އަމިއްލަ އެއްޗަކަށްވެގެން އެމީހެއްގެ ދަރިފަސްކޮޅަށް ވާރުތަވާ މުއްސަދިކަމަކަށް ވެގެންނެވެ. ހަލާލެއް ޙަރާމަކަށް ބެލުމެއްނެތި، އަލިފާނެއް ޒައްގޫމަކަށް ބެލުމެއް ނެތިއެވެ. ޤައުމުގެ އެންމެންގެ ޙައްޤު ވަކިބަޔަކު ފޭރި ވަގަށް ނަގަމުންދާއިރު އެކަން ނުބެލި ދިޔުމަކީ ކުރިމަގުގައި މަޤާމް ތަކާއި ޙަވާލުވާ މީހުންވެސް އެފަދަ ކަންކަން ކުރުމަށް ބާރުއެޅޭ އަދި ހިތްވަރު ލިބޭނެ ކަމަކަށް ވާތީ އެކަމަކީ ޤައުމުގެ ކުރިމަގު ނެތިވެ އަބަދަށްޓަކައި ޤައުމު ހަލާކުވެގެން ހިގައިދާނެ ކަމެކެވެ. ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ފޭރި ކޮރަޕްޝަން ހިންގި މީހުންގެ މައްސަލަތައްބެލި އެފައިސާތައް އެމީހުންގެ އަތުން އަތުލައި ޤައުމުގެ މާލިއްޔަތަށް ވައްދައިގެން މެނުވީ މުސްތަޤުބަލުގައިވެސް މިފަދަ ކަންކަން ހުއްޓުވޭނެ ކަމަކަށް ނުބެލެވެއެވެ. ވަގުންނާއި ޚިޔާނަތްތެރިންނަށް ފުރުޞަތު ދިނުމަކީ އޮވެގެންވާނެ ގޮތެއް ނޫނެވެ.

ވައްކަމާއި ކޮރަޕްޝަނުން ޤައުމަށް ވަމުންމިދާ ދެރަނިކަމެތި ގޮތާމެދު ޤައުމު ރޮއި ގިސްލާ އަޑު އަހާނެ ޤައުމުގެ ދަރިން ނެތި ހަމައެގޮތަށް ޤައުމު ދޫކޮށްލައިގެން ތިބޭނީތޯއެވެ؟ ނޫނީ ޤައުމު ރޮއިގިސްލާ އަޑު އަހައި ޤައުމަށްޓަކައި ޚިޔާނާތްތެރިންނާއި ވަގުންގެ ކަންތައް ބަލައި އެކަންކަން ހުއްޓުވެންއޮތް ގޮތަކުން ހުއްޓުވޭތޯ ބަލާނީތޯއެވެ؟ އެނގޭހާވެސް އެއްޗަކީ ވައްކަމާއި ކޮރަޕްޝަނުގެ ސަބަބުން ޤައުމު މިދަނީ ހަރުއަޑުން ބާރަށް ރޮމުން ގިސްލަމުން ކަމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ