


.jpg?w=3840&q=75)



.jpeg?w=3840&q=75)

ދިވެހިރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ހައްލުކުރެވޭނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރުމަށާއި، ވަޒީރުންނާއި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުންނެއެވެ.
މި ފޯރަމްގައި، މިރޭ ވާހަކަދައްކަވަމުން، ބިދޭސީން ގެނެސް، އެކަމަށް އިހުމާލުވާ ފަރާތްތައް ބިދޭސީ ކޮންމެ މީހެއްގެ ބޮލަކަށް 50000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، 1980ގެ އަހަރުތަކުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ޤަވައިދާ ހިލާފަށް އުޅެމުންދިޔަ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެވިފައިވާ ކަމެއް ނޫން ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ރެކޯޑް ކުރެވިފައިވާ 295,000 ބިދޭސީން ތިބިއިރު، އޭގެތެރެއިން ފިންގަރޕްރިންޓް ނަގައި، ކާކުކަން ދެނެގަނެވިފައިވަނީ އެންމެ 22,000 މީހުންނެވެ. ނަމަވެސް ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތުން 260,000 މީހުންގެ މައުލޫމާތު ވަނީ ވެރިފައިކުރެވިފައެވެ.
މިހާރު ރާއްޖޭގައި ބަޔޯމެޓްރިކްސް ނުނެގި ތިބޭނީ އެންމެ 1 އިންސައްތަ މީހުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ބަލާއިރުވެސް، އެ ޤައުމެއްގެ ބިދޭސީ އާބާދީގެ ތެރެއިން ބަޔޯމެޓްރިކްސް ދެނެގަނެވިފައިނުވާ ނުވަތަ މަޢުލޫމާތު ފުރިހަމައަށް ނޭނގޭ މީހުންގެ އަދަދު 1 އިންސައްތައިގެ ތްރެޝްހޯލްޑްގައި ހިފެހެއްޓިފައި އޮތީ އެންމެ 3 ޤައުމެވެ. އެއީ ދިވެހިރާއްޖެ، ސިންގަޕޫރު، އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެކަމަށެވެ. އަދި ބިދޭސީ އާބާދީ ބޭރު ދުނިޔޭގައިވެސް ބަލައިގަންނަ މިންވަރަށް އޮންނާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގައި، ޤަވައިދާ ހިލާފަށް އުޅޭ މީހުންނާއި ޤަވައިދާ އެއްގޮތަށް އުޅޭ މީހުން ވަކިކުރެވޭނެއެވެ. މީގެ އިތުރުން، ކުރަން އައި މަސައްކަތް ނޫން އެހެން މަސައްކަތެއްގައި އުޅޭ ބިދޭސީން ޑީޕޯޓް ކުރެވޭނެ ކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން މި ބަލަނީ 100 އިންސައްތަ ހާސިލްކުރުމަށް. ރާއްޖޭގައި އަޅުގަނޑުމެން އެޗީވް ކުރަން ބޭނުންވާ ނަތީޖާއަކީ އެއީ،" ވަޒީރު އިޙުސާން ވިދާޅުވިއެވެ.
"މީގެ ތެރޭގައި އެބައުޅޭ ބަރާބަރަށް ފައިސާ ދައްކާ ދިވެއްސެއްގެ ނިވަލުގައި ތިބެގެން ފިޔަފާރި ބަރާބަރަށް ކުރަމުން އަންނަ މީހުން. ދިވެހި މީހާއަކީ ރެންޓް ހޯލްޑަރެއް އޭނާއަކަށް ނޭނގޭ މީނާ ކުރަނީ ކޮންކަމެއްކަމެއް. މިކަން ހައްލުކުރުމަށްޓަކައި ޤާނޫނު އޮނިގަނޑަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން މިހާރު ބިދޭސީ ކޮންމެ މީހަކަށް އެމީހާ ގެނެސް އިހުމާލުވާ ފަރާތެއްގެ ތެރެއިން ބިދޭސީ ކޮންމެ މީހެއްގެ ބޮލަކަށް 50000 ރުފިޔާ ޖޫރިމަނާ ކުރެވޭނެ."
ވަޒީރު އަލީ އިޙުސާން ވިދާޅުވީ، އަންނަ އަހަރުގެ މެއި މަހަށް ދާއިރު ރާއްޖޭގެ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެކަމަށާއި، ދިވެހިން ކުރަމުންދިޔަ މަސައްކަތުގައި ހަރަކާތްތެރިވާ ބިދޭސީން ނެރެވި، އެ މަސައްކަތުގައި ދިވެހިން އަލުން ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ.



.jpg?w=3840&q=75)



