ކީރިތި ރަސޫލާ -صلّى الله عليه وسلّم- އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މުޢާމަލާތްކުރެއްވި ގޮތުގެ ތެރެއިން (1)

بسم الله، الحمد لله، والصّلاة والسّلام على رسول الله، وبعد:

ނަބިއްޔާ صلّى الله عليه وسلّم ގެ ސީރަތް ރަނގަޅަށް ކިޔައިފި ކޮންމެ މީހަކަށް، އެކަލޭގެފާނު މީސްތަކުންނާ މުޢާމަލާތްކުރައްވައި އުޅުއްވި މާތް އަޚްލާޤު ރަނގަޅަށް ބަޔާންވެގެން ދާނެއެވެ. އެހެނަސް، އެކަލޭގެފާނު صلّى الله عليه وسلّمއެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި މުޢާމަލާތްކުރެއްވި ގޮތަކީ އޭގައި ވަކިން ޚާއްޞަކޮށް އެކަލޭގެފާނުގެ ޠަބީޢަތުގެ ފުރިހަމަކަމާއި، އިޙްސާސްތަކުގެ ފުންކަމާއި، ޝަރީޢަތާއި ޚިލާފް ނުވާހާ ހިނދަކު އެކަނބަލުންގެ އިޙްސާސްތަކަށް ރިޢާޔަތްކުރެއްވުމާއި، އެކަނބަލުންގެ ޝުޢޫރުތަކަށް އިޙްތިރާމްކުރެއްވުން އެއިން ނުހަނު ފާޅުކޮށް ފެންނާނޭ ކަންތައްތަކެވެ. ވުމާއެކު، މި ލިޔުންތަކުގެ މަޤްޞަދަކީ އެކަލޭގެފާނު،އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މެދު މުޢާމަލާތްކުރައްވާފައިވާ ގޮތުގެ ބައެއް މިސާލުތައް ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމެވެ.

ފުރަތަމަ މިސާލު:

ޢާއިޝާ -رضي الله عنها- ވިދާޅުވެފައި ވެއެވެ. "ނަބިއްޔާ -صلّى الله عليه وسلّم- ގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޚަދީޖާ -رضي الله عنها- އަށްވުރެ ބޮޑަށް ތިމަން ކަމަނާ އެކަނބަލެއްގެ މައްޗަށް ޣީރަތްތެރިވެވަޑައިގެންނެވި ކަނބަލަކު ނުވެއެވެ. އެއީ ތިމަން ކަމަނާއަށް އެކަމަނާ ފެނިވަޑައިގެންފައި ނުވީކަމުގައިވިޔަސް މެއެވެ. އެހެނީ، ނަބިއްޔާ -صلّى الله عليه وسلّم-  ވަރަށް ގިނައިން އެކަމަނާގެ ވާހަކަ ދައްކަވައި އުޅުއްވިއެވެ. އަދި ބައެއްފަހަރު، ބަކަރިއެއް ކަތިލައްވައިފިނަމަ އެކި ބައިބަޔަށް އޭގެ މަސް ކޮށާލައްވައި އެމަސްތައް ޚަދީޖާ -رضي الله عنها- ގެ އެކުވެރިންނަށް ބައްސަވައެވެ. ފަހެ، އެކަމާހުރެ "ދުނިޔެމަތީގައި ޚަދީޖާ ނޫން އެހެން އަންހެނަކު އުޅެފައި ނުވަނީހޭ؟" މިފަދައިން ތިމަން ކަމަނާއަށް އެކަލޭގެފާނަށް ދެންނެވިފައިވެސް ހުންނާނެއެވެ. ފަހެ، އެހިނދު އެކަލޭގެފާނު ވިދާޅުވެއެވެ. (( إِنَّهَا كَانَتْ وَكَانَتْ وَكَانَ لِي مِنْهَا وَلَدٌ )) މާނައީ: "އެކަމަނާއަކީ އެވެނި މިވެނި (ސިފަތަކެއްގެ ވެރި) މީހެއެކެވެ. އަދި ތިމަންކަލޭގެފާނަށް ދަރިން ލިބިވަޑައިގެންފައިވަނީ އެކަމަނާގެ އަރިހުންނެވެ." (ޞަޙީޙުލް ބުޚާރީ، 3818)

މިއީ ނަބިއްޔާ -صلّى الله عليه وسلّم- އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖާ-رضي الله عنها- އަވާހަރަވުމަށްފަހުގައިވެސް އެކަމަނާއަށް ވަފާތެރިވެވަޑައިގެންނެވި މިންވަރެވެ. އެކަމަނާއަކީ އެކަލޭގެފާނަށް އެންމެ ފުރަތަމަ އީމާންވެވަޑައިގެންނެވި އިންސާނާއެވެ. މީސްތަކުން އެކަލޭގެފާނު ދޮގުކުރި ދުވަހު އެކަލޭގެފާނު ތެދުކުރެއްވިއެވެ. މީސްތަކުން އެކަލޭގެފާނަށް ކާފަރުވީ ހިނދު އެކަމާނާ އެކަލޭގެފާނަށް އީމާންވެވަޑައިގެންނެވިއެވެ. މީސްތަކުން އެކަލޭގެފާނު މަޙުރޫމުކުރި ހިނދު، އެކަމަނާ އެކަމަނާގެ މުދަލުން އެކަލޭގެފާނަށްޓަކައި ހޭދަކުރެއްވިއެވެ. މީސްތަކުން އެކަލޭގެފާނަށް ދުއްތުރާކުރި ހިނދު، އެކަމަނާ އެކަލޭގެފާނަށް ހިތްވަރު ދެއްވުމާއި ފަސޭހަކޮށްދެއްވުމުގައި ހުންނެވިއެވެ. ވަފާތެރި އަންބެއްގެ ގޮތުގައި، ފިރިކަލުންނަށްވާ އެހީތެރިއެއްގެ ގޮތުގައެވެ. އަދި ކިއެއްތަ! إِبْرَاهِيمُ ފިޔަވައި ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގެންނެވި އެންމެހާ ދަރިން ލިބިވަޑައިގެންނެވީ ޚަދީޖާ -رضي الله عنها- ގެ ކިބައިންނެވެ.

އެކަމަނާ އަވަހާރަވުމަށްފަހުގައިވެސް ނަބިއްޔާ -صلّى الله عليه وسلّم- އެކަމަނާގެ ހަނދާން އާކުރައްވައެވެ. އެކަމަނާއަށް ވަފާތެރިވެވަޑައިގެންނެވުމުގެ ގޮތުން އެކަމަނާގެ ގާތްތިމާގެ މީހުންނާއި، ރަޙުމަތްތެރިންނަށް، ބަކިރިއެއް ކަތިލައްވައިފިނަމަ އޭގެ މަސް ބައްސަވާ އުޅުއްވިއެވެ. އަދި އަބަދުވެސް އެކަމަނާއަށް ޘަނާގެ ބަސްތައް ވިދާޅުވެ އުޅުއްވިއެވެ. އަދި، ޢާއިޝާ -رضي الله عنها- ދެކެ އެކަލޭގެފާނު ވެވަޑައިގެންނެވި ލޯތްބަކީ، މިއިން އެއްވެސް ކަމަކަށް އުނިކަން ގެންނާނޭ ކަމެއްކަމުގައި ވިޔަ ނުދެއްވައެވެ. މިތަނުގައި ޢާއިޝާ -رضي الله عنها- ކިޔައިދެއްވާފައިވާ ޙަދީޘާ ހިނގާފައި މިވަނީ ޚަދީޖާ-رضي الله عنها- އަވަހާރަވުމަށްފަހު ގާތްގަނޑަކަށް 5 އަހަރަށްވުރެވެސް ގިނަ ދުވަސް ވީފަހުންނެވެ. ފަހެ، ޢާއިޝާ -رضي الله عنها- އަށް ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރެއްވިއެވެ. (( إِنِّي رُزِقْتُ حُبَّهَا ))  މާނައީ: "ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް އެކަމަނާގެ ލޯބި ދެއްވުނެވެ." (ޞަޙީޙު މުސްލިމް، 2435)

މިއީ ވަފާތެރިކަމުގެ ފުރިހަމަ މިސާލެކެވެ! ލިބިވަޑައިގެންނެވި ލޯތްބަށް ޝުކުރު އަދާކުރެއްވުމުގެ ފުރިހަމަ މިސާލެކެވެ!

​​​​​​​​​​-ނުނިމޭ

ކޮމެންޓް

One Response

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް