ދަރިފުޅަށް ގަދަކަމުން ކާންދެންތަ؟ އެއީ ގޯހެއް!

ދަރިފުޅުގެ ހެދިބޮޑުވުމުގައި ޞިއްހަތު ރަނގަޅު ކުއްޖަކަށް ހެދުމަށްޓަކައި ދަރިފުޅުގެ ކެއިންބުއިމުގެ ކަންކަމަކީ ބެލެނިވެރިން އެންމެ ބޮޑަށް ވިސްނާ އެއްކަމެވެ. އެގޮތުން ދަރިފުޅުގެ ބަރުދަން އެއުމުރުގެ ކުދިންނާއި އެއްވަރަށް ބަރު ނުވާނަމަ އެކަމަށް ފަރުވާއެއްގެ ގޮތުން ގިނަ ބެލެނިވެރިނަށް ކުރެވޭ ކަމަކަކީ ގަދަކަމުން ނަމަވެސް ދަރިފުޅަށް ގިނައިން ކާންދިނުމެވެ. އެހެން ނަމަވެސް މަޖުބޫރުކުރުވުމުގެ ސަބަބުން ނުވަތަ ގަދަކަމުން ކާންދިނުމުން ބައެއްފަހަރު ދަރިފުޅު ކެއުން އިތުރުކުރެވުނު ނަމަވެސް އެކަމަކީ ދަރިފުޅު ކެއުމާއި ގުޅުންހުރި ކަންކަމުގައި ނުރަނގަޅު އަސަރުތަކެއް ކުރާނެކަމެކެވެ.

ކެއުމަށް ހާއްޞަ ގަޑިތަކެއް ކަނޑަ އަޅަންޖެހޭނެއެވެ. އަދި ކެއުމުގެ ގަޑިތަކުގައި ދެވޭ ކާނާއަކީ ސިއްހަތައް ފައިދާ ކުރާ ކާނާކަމުގައި ވުން ރަނގަޅެވެ. އާންމު ކެއުމުގެ ގަޑިތަކުގެ އިތުރުން އެހެނިހެން ގަދިތަކުގައިވެސް (މިސާލަކަށް މެންދުރު ކެއުމާއި ރޭގަނޑު ކެއުމާއި ދެމެދުގައި) ސިއްހަތައް ފައިދާ ކުރާ ފަދަ ލުއިކާނާއެއް ދިނުމަކީ މުހިންމުކަމެކެވެ. މިސާލަކަށް ކޮންމެވެސް ބާވަތެއްގެ މޭވާއެއް، ޔޯގަޓްއެއް ފަދަ އެއްޗެއް ދެވިދާނެއެވެ.

އާންމުކޮށް ދަރިފުޅު ބަނޑުހައިވުމުން އެކުދިންނަށް އެކަން ދެނެގަންނަން އެނގޭނެއެވެ. ބަނޑުހައިވުމުން އެކުދިން ކާނެކަން ޤަބޫލުކުރަން ޖެހެއެވެ. އެހެންކަމުން ގަދަކަމުން ކާންދޭން އުޅޭކަށް ނުޖެހޭނެއެވެ. ހަމައެގޮތަށް އަލަށް އެއްޗެއް ކެއުމަށް ނުވަތަ ހިތިރަހަ ހުންނަ އެއްޗެއް ކެއުމަށް ދަރިފުޅު ދެކޮޅު ހެދުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް ގަދަކަމުން އެކާންދޭން މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ދަރިފުޅު ވަކި އެއްޗެއް ނުކާން އުޅުމުން އެކަން ބަލައިގަންނަންވާނެއެވެ. އަދި ފަހުން އެހެން ވަގުތެއްގައި  އެއެއްޗެއް އަލުން ކެއުމަށް ހުށަހެޅިދާނެއެވެ. ނުވަތަ އެއެއްޗެއްގައި ހިމެނޭ މާއްދާތައް އެކުލެވޭ އެހެން ކާނާއެއް ދެވިދާނެއެވެ. ތަފާތު ބާވަތްތަކުގެ ކާނާ ސުފުރާގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކެއުމުގެ ގަޑިތަކުގައި ދަރިފުޅަށް ވަކިން ކާންދިނުމުގެ ބަދަލުގައި އާއިލާގެ އެންމެން އެކުގައި ކެއުމަކީ ވެސް ރަނގަޅު ކަމެވެ. އަދި ކެއުމަށް ތައްޔާރު ކުރާ ތަކެތީގެ ތެރޭގައި ތަފާތު ވައްތަރުގެ ކާނާ ހިމެނުން ވަރަށް ރަނގަޅެވެ. ކެއުމުގެ ވަގުތުގައި ދަރިފުޅު ވަކި ވައްތަރެއްގެ ކާނާ ކެއުމަށް ބާރު އެޅުމުގެ ބަދަލުގައި ޞިއްހަތަށް ފައިދާ ކުރާ ކާނާ ކެއުމަށް ނަމޫނާ ދެއްކުން މުހިންމެވެ. އަދި ތަރުކާރީ ފަދަ ތަކެތި ކެއުމަށް ދަރިފުޅު ހިތްޖެއްސުމުގެ ގޮތުން ކެއުމުގެ ވަގުތުގައި އެއެއްޗަކީ މީރު އެއްޗެއްކަމަށް ބެލެނިވެރިން އެކަކު އަނެކަށް ދެކެވޭ ވާހަކައިގެ ތެރޭގައި ފާހަގަ ކުރުމަކީ އެކުދިން އެތަކެތީގެ ރަހަ ބެލުމަށް ޝައުޤުވެރިވާނެ ކަމެކެވެ. ދަރިފުޅު ކާނެގަޑިތަކާއި ކާންއިށީންނާނީ ކޮންތާކުކަން ބެލެނިވެރިން ނިންމި ނަމަވެސް ކެއުމާއި ނުކެއުން އަދި ކާނީ ކިހާވަރަކަށްކަން އެކުދިންނަށް އިހުތިޔާރީ ކަމެއްގެ ގޮތުއި ދޫކޮށްލުން މުހިންމެވެ.

ދަރިފުޅު އަމިއްލައަށް ކެއުމަށް ދޫކޮށްލުމަކީވެސް އެކުދިން ކެއުމަށް ބާރު އެޅޭނެކަމެކެވެ. ސަމުސަލުން ކެއުމުގެ ބަދަލުގައި އަމިއްލަ އަތުން ކެއުމަށް އެކުދިން ބޭނުންވާނަމަ އެގޮތަށް ދޫކޮށްލުން ރަނގަޅެވެ. އޭގެސަބަބުން ކެއުމުގެ ވަގުތު އެކުދިންނަށް ވެގެން ދާނީ ހިންހަމަޖެހޭ އުފާވެރި ވަގުތަކަށެވެ.

 

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް