ކޮވިޑް-19 ވެކްސިނެއް ލިބެންވާއިރަށް، ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލައި ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްއޯއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
އެ ސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރާ މަސައްކަތުން ޞިއްޙީގޮތުން ރައްކާތެރި، އަދި ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީންކުރެވިފައިވާ ހަތަރު ވެކްސިނެއް މިހާރު ފާހަގަކުރެވިފައިވާކަމަށެވެ. އެ ވެކްސިންތަކުގެ ސައިންޓިފިކް ޓޭޑާތައް ވަރަށް އަވަހަށް އާއްމުވެ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާތެރޭގައި ވެކްސިނެއް ރަސްމީކޮށް ތަޢާރަފުކުރެވޭނެކަމުގެ އުއްމީދު ބޮޑުވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ވެކްސިނެއް ތައްޔާރުވާންވާއިރަށް، ރާއްޖޭގައި ވެކްސިން ޖެހުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ. ޚާއްސަ ނެޝެނަލް ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލާ، ވެކްސިން ރައްކާކޮށް ބަަހައްޓާނެ ވަޞީލަތްތައް ޤާއިމުކުރުމާއި، ޤައުމުތަކުގެ މެދުގައި ވެކްސިން ބެހުމަށް އެކުލަވާލާފައިވާ "ކޮވެކްސް ފެސިލިޓީ"ގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
"ކޯލްޑް-ޗެއިން ސިސްޓަމް ނުވަތަ ވެކްސިން ރައްކާކޮށް ބަހައްޓާ ނިޒާމް އިތުރަށް ހަރުދަނާކުރުމާއި، އޭގެ އެސެސްމަންޓެއް ހެދި، އެކަމަށް އިތުރަށް ބޭނުންވާ ސާމާނު ގަތުމާއި، އަދި "ކޮވެކްސް ފެސިލިޓީ" މިއީ ބައިނަލްއަޤްވާމީގޮތުން އުފެދިފައިއޮތް ފެސިލިޓީއެއް ގިނަ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭންވެސް މީގަ ބައިވެރިވޭ. މި ފެސިލިޓީގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ ހިލޭ ވެކްސިން ލިބޭނެ. އެހެންވީމަ މި ފެސިލިޓީގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގެ މަސައްކަތާއި، އަދި ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމާއި މިކަހަލަ ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން މިހާރުވެސް ވަރަށް ހަލުވި ސްޕީޑެއްގައި އެބަދޭ" ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ރާއްޖެއަށްވެސް ވެކްސިނެއް ލިބޭނެކަމަށް އުއްމީދުކުރެވޭ ކަމަށެވެ. ނަމަވެސް ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށް އެކި މިންވަރަށްކަން އޭނާ ފާހަގަ ކުރެއްވިއެވެ. ވެކްސިން ލިބެމުންދާ މިންވަރަކުން ގިންތި ކުރެވޭ ތަރުތީބަކުން އެ ވެކްސިން ޖެހުމުގެ މަސައްކަތް ކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މިކަމަށްވާންޖެހޭ ތައްޔާރީތައް ވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި، ޔުނިސެފްގެ އިތުރުން، ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްތައް ފަދަ ޑިވެލޮޕްމަންޓް އޭޖެންސީތަކާއި ބޭންކުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބެމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ވެކްސިން ހޯދުމަށް ވަމުންދާ ތައްޔާރީތަކާއި، މިހާރު ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ މަޢުލޫމާތުދިނުމަށް ވަރަށް އަވަހަށް އެ ސެންޓަރުގެ ފަރާތުން ޚާއްސަ ޕްރެސް ކޮންފަރެންސްއެއް ބާއްވާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.
މިހާރު ވެސް ބައެއް ސިއްހީ މަރުކަޒުތަކުންނާއި ހޮސްޕިޓަލްތަކުން ވަނީ ކޮވިޑް-19 ވެކްސިން ޖެހުމަށްޓަކައި ދާއިމީ ބަލިތަކަށް ބޭސް ކުރަމުންދާ މީހުންގެ މައުލޫމާތު ހޯދަން ފަށާފައެވެ.
އެންމެ އަވަހަށް ލިބޭނެ ކަމަށް ބެލެވޭ ކޮވިޑް-19 ވެކްސިންތަކަކީ އެމެރިކާގެ މޮޑާނާ، ފައިޒާ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް އަދި ޗައިނާގެ ސިނޮވެކް އިން އުފައްދާފައިވާ ވެކްސިނެވެ. މީގެތެރެއިން ބައެއް ވެކްސިންތައް ބައެއް ގައުމުތަކަށް މިއަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ބެލެވެއެވެ.
ކޮވިޑް-19 ވެކްސިން ފުރަތަމަ ލިބޭއިރު ވެކްސިން ދިނުމުގައި އިސްކަން ދޭނީ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.