logoEN
cocacola
ޗުއްޓީ ދަތުރުތަކުން އިތުރު ކްލަސްޓާތަކެއް އުފެދިދާނެ؟

ޗުއްޓީ ދަތުރުތަކުން އިތުރު ކްލަސްޓާތަކެއް އުފެދިދާނެ؟

ރ.ޝ.މ

logo

8/1/2021, 6:59:55 PM

# ކޮވިޑް19# ގދ.ތިނަދޫ

DSC_4615

ސްކޫލް ބަންދާއި އީދު ބަންދު އަދި މިނިވަން ދުވަހާ ދިމާކޮށް ތޮއްޖެހިފައިވާ މާލެއިން މީހުން ޗުއްޓީއަށް އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ދާން ބޭނުންވެގެން ސަރުކާރަށާއި އެޗްޕީއޭ އަށް ޕްރެޝަރ ކުރަން ފެށިއެވެ. ރައްޔިތުން ކުރަމުންދިޔަ ޕްރެޝަރތަކުގެ ސަބަބުން އެޗްޕީއޭ އިން ނެރޭ ބަޔާންތައް ކަނޑައެޅުމުގައި ދެއިރު ދެދަޅައަށް އުސޫލުތައް ބަދަލު ކުރަމުން ދިޔައެވެ. އެއްފަހަރު ދެ ޑޯޒް ވެކްސިން ޖަހާފައިތިބި މީހުން 72 ގަޑި އިރުގެ ނެގެޓިވް ނަތިޖާއެކު ދަތުރު ކުރެވޭނެ ކަމަށް ބުނަމުން ދިޔައިރު ކުޑަކުދިން ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ ކަމަށް ވެސް ދިޔައީ ބުނަމުންނެވެ.

ގޮސިޔާ

އަވަސް އަރުވާލާފައި ރަށްރަށަށް ދަތުރު ކުރި މީހުން އެމީހުން ފުރަން ގެންދިޔަ ފޮށި ތަންމަތި ޖެޓިމަތިގައި ބަހައްޓަފައި ދެވުނީ ކިތައް މީހުންހެއްޔެ؟ އެއްބަޔަކު އެބަޔެއްގެ ކައުންސިލް ތަކުގެ ރައިސްއަށާއި އެރަށެއްގައި ސަރުކާރުގެ މުވައްސަސާތަކަށް ފާޑު ކިޔަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ ވާގި އެދެންތިބި މަޖްލިސް މެންބަރުންނާއި ވުޒާރާތަކުގެ ވެރިންގެ އިތުރުން ސިޔާސީ މަގާމު ތަކުގައި ތިއްބެވި ވެރިންނަށް ބިރުދައްކާ އެމީހުންގެ އާރާއި ބާރުގައި ސަރުކާރަށް އެކި ވަރުގެ ފިއްތުންތައް ކުރަމުންނެވެ.

ދަންނަ ނުދަންނަ މީހުން ރޯނުއެދުރުންނަށް ބަދަލުވެ "ކިތަންމެ ދުވަހަކު ރަށް ބަންދުކޮށްގެން 24 ގަޑި އިރު ކާފިޔު ހިންގިޔަސް ރަށުގައި ކޮވިކް ކޭސްތަކެއް މަދެއް ނުކުރެވޭނެ ކަމަށް ބުނެ" ރަށުގައި ތިއްބެވި ތަޖްރިބާކާރު ސިއްހީ މާހިރުންނާއި ކޮވިޑް ކަންތަކުގައި އިސްކޮށް އުޅުއްވި ފަރާތްތަކަށް ބަޔަކު ފާޑު ކިޔަމުންދިޔައެވެ. މިފަދަ ފިއްތުން ސަރުކާރަށް އަމާޒުވުމުން "ގަލަމުގެ ވެރިޔާ" އާއި "ވާހަކަ ފަތުރާ" ވެރިޔާ ދައްކާ ވާހަކަތައް ދިމާނުވެ "ބަސް އަހައިގެން" ތިބި ރައްޔިތުންނަށް މިވެރިން ދައްކާ ވާހަކަތައް ފަހުމް ނުވެ އެމީހުންގެ ޝުޢޫރު މީސްމީޑިއާގެ މަންސަތަކަށް ދޫކުރިއެވެ. އިސްލާހަކަށް ފަހު އިސްލާހެއް ހިމަނައި އުސޫލުތައް ކޮށައި ކުދިކޮށްގެން އެންމެ ފަހުގެ ބަދަލުތަކާއެކު "ގަލަމުގެ ވެރިޔާ" ރައްޔިތުންނަށް ދައްކާލި ލިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންގެ މޫނުމައްޗަށް އުޖާލާ ކަމާއެކު ހިނިތުންވުން ގެނެސްދިން ލިޔުމަކަށް ވިއެވެ. ޖުލައި 8 ން ފެށިގެން ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލާ މުޅި މާލެ ސަރަހައްދު އެއްކޮށް ހުޅުވާލިއެވެ.

ތޮއްޖެހިފައިވާ މާލެއިން އީދު ބަންދާ ދިމާކޮށް އަތޮޅުތެރެއަށް ދާން ބޭނުންވެފައި ތިބި ރައްޔިތު މީހުން އެމީހުންގެ ފޮށި ތަންމަތި ހިފައިގެން އަތޮޅުތެރެއަށް ފުރައިގެން ދާން ފެށިއެވެ. ސާދަ ދުވަހު އެކަހެރިކޮށް ތަނެއްގައި މަޑުކުރަން އޮންނަ އުސޫލާ ޚިލާފަށް ދަށަށްދާ ގޮތަށް އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ފުރުޞަތު ލިބުމުން މާލެ ހުސްކޮށް މީހުންތައް އަތޮޅުގެ ރަށްތަކަށް އަންނަން ފެށިއެވެ. ބަންދާ ދިމާކޮށް އަހަރު ދެކޮޅު ރާއްޖެއިން ބޭރުގެ ގައުމު ތަކަށް ގޮސްއުޅުނު "މާލޭގެ ބޭފުޅުން" އެމީހުންގެ "ގަނޑުވަރުގެ ގޮއްޔެ" ތައް ގޮވައިގެން މިފަހަރު ދަތުރުފެށީ އެމިހުންގެ ރައްޓެހިންނާއި އެކު މާލޭ ބޭފުޅުން ބުނެއުޅޭ "ރާއްޖެތެރޭ" ރަށްތަކަށެވެ.

މާލެ ހުޅުވާލި ނަމަވެސް ރާއްޖޭގެ ބައެއްރަށްތައް އޭރުވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. މިގޮތުން އާބާދީގޮތުން އެންމެ ބޮޑު އަތޮޅުގެ ވެރިރަށް ތިނަދޫ ވެސް އޮތީ އެފަދަ ހާލެއްގައެވެ. މޮނިޓަރިންގ ގައި އޮންނަތާ 60 ދުވަހަށްވުރެ މައްޗަށް ގުނަމުން ދަނީއެވެ. ކޭސްތައް މަދުވެ ރަށުގެ ހާލަތު ބަދަލުވާން ފެށުމުން ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ކާފިޔު ވަގުތު އުވާލުމަށްފަހު ހަމަ އުސޫލަކަށް ބަދަލުތަކެއް ގެނެވުނެވެ. ތިނަދޫގެ މަރިޔަމް މިސްކިތަށް ޢީދު ނަމާދަށް ދިޔަ މީހަކު ފައްސިވުމާ ގުޅިގެން އެދުވަހު ޖަމާއަތުގައި ތިބި މީހުންނާއި އިތުރު ބަޔަކާއެކު ތިނަދޫ އިން ޖުމްލަ 200 ރޭންޑަމް ސާމްޕަލް ނެގި އެވެ. މަރިޔަމް މިސްކިތުގެ ކްލަސްޓާއެއް ތިނަދޫގައި ފެތުރުމުގެ ބިރު ހީވިއެވެ. މިސާމްޕަލް ތަކުގެ ތެރެއިން ގިނަ ސާމްޕަލް ތަކެއް ނައްސިވުމުން ތިނަދޫގެ ގިނަ ރައްޔިތުން އުއްމީދުތަކާ އެއްގޮތަށް ތިނަދޫ ރައްޔިތުންގެ ވެރިމީހާ މީސްމީޑިއާގެ ޕްލެޓްފޯމް ތަކުގައި އެޗްޕީއޭ އަށް ޓެގްކޮށް ތިނަދޫ މޮނިޓަރިންގ ހާލަތުގައި އޮންނަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެބޭފުޅާގެ ޝުޢޫރު ފާޅުކުރަމުން ދިޔައެވެ.

އެ ޕޯސްޓުތައް ޖަހަމުން ދިޔަ އިރު އެ އިދާރާއިން އޮތީ ތިނަދޫ މޮނިޓަރިން ހާލަތުން ނަގައިދިނުމަށް އެދި އެޗްޕީއޭގައި ދަންނަވާފައެވެ. އެ ޕޯސްޓުތައް ޖަހަމުން ދިޔައީ މޮނިޓަރިން ނަގާނެކަން ޔަގީންވުމުން ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ. އެހެން އެކަން އޮއްވާ ފެނިގެން ދިޔައީ އިތުބާރު ހިފޭ ކަމަށްބުނާ މަސްދަރަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ތިނަދޫ މޮނިޓަރިންގ ހާލަތު އުވާލައިފިކަމަށް ބުނެ ބްރޭކިންގ ނިއުސް ނަގަމުން ދިޔަ މަންޒަރެވެ. ބައެއް ނޫސްތަކުން އެބުނާ ބްރޭކިންގ ނިއުސް ދޮގުކުރަމުން ދިޔައެވެ. ނޫސްތަކުގައި މިދެއްކި ވާހަކަ ތަކާ ގުޅިގެން މީހުން ވާނުވާގައި ތިއްބާ ރަށުގެ ވެރިޔާ ސޮއިކޮށް ބަޔާން ނެރުނީ ތިނަދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް ރަސްމީ ފަރާތުގެ ރަސްމީ ލިޔެކިޔުމެއް ލިބިފައިނުވާ ކަމަށެވެ. އެހެން ކަމުން ނޫސްތަކުން އެފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

އަވަސް އަރުވާލައިގެން އެ ޚަބަރު ގެނައި ނޫސް ކުށްވެރިކޮށް ބަޔާން ނެރުނުތާ މާ ގިނަ އިރުތަކެއް ނުވެ އެޗްޕީއޭގެ ރަސްމީ ލިޔުން ކައުންސިލަށް ލިބުނެވެ. އެއާއެކު ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ބަޔާންވެސް ކުއްލިއަކަށް ގެއްލި ދިޔައެވެ.

އީދުވެސް ދިޔައީ ތިނަދޫ ރައްޔިތުން ބަންދުވެފައި ތިއްބައެވެ. ދިވެހި ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހު މުނާސަބާތާއެކު ތިނަދޫ ރައްޔިތުންނަށް "މިނިވަންކަން ލިބި" ތިނަދޫއަށް އަޅާފައިވާ މޮނިޓަރިންގ ހާލަތު އުވާލި އެވެ. އެދުވަހު އެވަގުތުން ފެށިގެން ގިނަ ބަޔަކު މޫދަށް އެރޭތަން އާއިލާއެކު ފުރާލަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ ކައިރި ފަޅު ރަށްރަށުގައި އާއިލާއެކު އޯވާނައިޓް ހަދަމުންނެވެ. ސުކޫލު ހުޅުވެން ކައިރިވެފައި ވަނިކޮށް ދެ ޑޯޒް ފުރިހަމަ ކޮށްގެން މާލެއިން އައިސް ކަރަންޓީނު ނުވެ ތިބި ގިނަބަޔަކާއެކުވެގެން ކުރާ މިފަދަ ދަތުރު ތަކާއި މަޖާކުރުމުގެ ސަބަބުން "ނަގާ ރާޅަކުން" މާދަމާ ސްކޫލު ހުޅުވަން ތައްޔާރަށް އޮތް ރާއްޖޭގެ ކިތައް ސުކޫލު ހުޅުވިގެން ދާނެ ބާއެވެ؟ ޢީދު ދުވަހު ޢީދު ނަމާދުން މަރިޔަމް މިސްކިތުގެ ކްލަސްޓާގެ ބިރުވެރިކަން ތިނަދޫ ރައްޔިތުންގެ ހިތްތަކުގައި އުތުރިގެން ދިޔައިރު މިފަހަރު އޯވާ ނައިޓް ނިމިގެން "މާގޮޑެރެހާ" ނުވަތަ "ހަވޮޑިގަލާ" ކްލަސްޓާ ކިޔުމުގެ ބިރެއް ނޯންނާނެ ބާއެވެ؟

އެޑިޓަރުގެ ނޯޓު: މިއީ ގާފުގެ ކޮލަމް ސެކްޝަނަށް ރ.ޝ.މ ލިޔެފައިވާ ލިޔުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ