logoEN
Sto top
ތިނަދޫގެ ކުޅިއަށް ތަރައްގީގެ ކުލަވަރު!

ތިނަދޫގެ ކުޅިއަށް ތަރައްގީގެ ކުލަވަރު!

# ގދ.ތިނަދޫ

220839490_3143503979258819_2717540220025175816_n

ރާއްޖޭގެ ޖަޒީރާވަންތަ ރަށްތަކުގެ ޤުދުރަތީ މުއްސަނދިކަމަށް ފުރިހަމަކަން ގެނުވަނީ އެރަށެއްގައި ހެދިފައި އޮންނަ ޤުދުރަތީ ކުޅިންނެވެ. އެކުޅިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެތަނުގެ "އިކޯސިސްޓަމްގައި ދިރިއުޅޭ" ދިރުންތަކެވެ. އޭގެ ތެރޭގައި މަސްމަހާ މެއްސާރި ދޫނި ސޫފާ ސޫފި ހިމެނެއެވެ. ކުޅިތަކަކީ މިފަދަ ޖަޒީރާވަންތަ ރަށްރަށުގެ ތިމާވެއްޓާ ގުޅިލާމެހިފައިވާ ތަންތަނެވެ.

Wamco

ޤުދުރަތީ ގޮތުން ކުޅިތައް މަސައްކަތް ކުރަނީ އެރަށެއްގެ ފެން ފަށަލަ ހިމާޔަތްކުރުމުގައެވެ. އެގޮތުން ފެން ފަށަލައިގައި ހުންނަ ނޭދެވޭ މާއްދާތައް ފިލްޓަރކޮށް ފެނުގެ ކޮލިޓީ ހިފަހައްޓައިދެނީ ކުޅިންނެވެ. އަދި ރަށް ވަށައިގެން އޮންނަ ފަރުގެ މުރަކަތައްވެސް ރައްކާތެރިކޮށްދޭ އެއް މަސްދަރަކީ ކުޅިއެވެ. ކުޅިތަކުގެ ތިމާވެއްޓަކީ ނާޒުކު އެއްޗެކެވެ. ކުޅިތައް ހިމާޔަތްކުރަން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

undefined

ގދ. ތިނަދޫގައި އޮންނަ "މާހުއްޓޭ ކުޅިއާ" އަކީ ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ތަނެއްކަން ފާހަގަވެއެވެ. އެތަން އޮންނަނީ ރަށުގެ ކުށިކޮށްޓާ ޖެހިގެން ކަމަށްވުމުން އެތަނަށް ކުނީގެ އަސަރުވެސް ކޮށްފައިވެއެވެ. ނަމަވެސް މި ފަހުން ސަރުކާރުގެ, ކުނި މެނޭޖްކުރާ ކުންފުނި ވެމްކޯއިން ވަނީ ތިނަދޫގެ ކުނިކޮށީގައި ހުރި ކުނިތައް ނަގައި އެތަން ސާފުކޮށްފައެވެ. އަދި ރަށުން ނެގޭ ކުނިތައް އެތަނަށް ފުނި ނުޖެހޭނެހެން ގަވާއިދުން ތިލަފުއްޓަށް ކުނިތައް ގެންދިއުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އެއާ އެކު ފެންނަން ފެށީ ކުޅީގެ ރީތިކަމާއި ޒީނަތްތެރިކަމެވެ.

ކޮވިޑް19ގެ ހާލަތާ ގުޅިގެން މޮނިޓަރިންގައި އޮތް ތިނަދޫ އާންމު ހާލަތަށް ރުޖޫއަވީ މީގެ ދެ ދުވަސް ކުރިން, މިމަހުގެ 24 ވަނަ ދުވަހު އެވެ. ތިނަދޫ އާއްމު ހާލަތަށް ރުޖޫއަވިކަން އިއުލާންކުރުމާއެކު ތިނަދޫގެ ޒުވާނުންގެ ޓީމަކުން އަވަސްވެގަތީ ކުޅި ސާފުކުރުމަށެވެ. ތިނަދޫގައި ހުންނަ ޕަބްލިކް ވޯކްސް ޔުނިޓާ ގުޅިގެން ކުޅިއަށް އެޅިފައި ހުރި ކުންޏާއި, އެތާ ތެރޭގައި އުފެދި ބޯވެފައި ހުރި ބައެއް "ފެންކުރިތަކާއި ފެނުގައި ހެދޭ ގަސްތައް" ވަނީ ނަގައި ސާފުކޮށްފައެވެ.

undefined

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވި ގޮތުގައި ކުޅި ސާފުކުރުމުގައި ހަރަކާތްތެރިވަނީ ރަށުގެ ޒުވާނުން ކަމަށެވެ. އަދި އެ ތަނުގައި މިހާރު ތިބި ދޫނިތަކަކީވެސް ޒުވާނުން ގެނެސް އޮޅުކޮށްގެން ގެންގުޅޭ ދޫނިތަކެއް ކަމަށާއި އެ ދޫނިތައް އެތަނުގައި އާލާވެ އަދަދުތައް އިތުރުވެފައިވާކަންވެސް ސައުދު ފާހަގަކުރިއެވެ. އެގޮތުން އެތަނުގައި ތިބި ދޫނިތަކުގެ 90 އިންސައްތަ ދޫނިތަކަކީ ޒުވާނުން ގެނެސްފައި ހުރި ދޫނިތައް ކަމަށާއި މިހާރު އެތަނުގައި ތިބީ "ރޭރު" އާއިލާގެ 80 އާ ގާތްކުރާ އަދަދުގެ "ރޭރު" ތަކަކީ އެ ތަނަށް އާލާވެފައިވާ ތަކެތިކަން އޭނާ ފާހަގަކުރިއެވެ.

އެރަށުގެ ކުޅި ސާފުކުރުމުގައި ހަރަކާތްތެރިވާ ޒުވާނަކު "ގާފު" އަށް މައުލޫމާތު ދެމުން ބުނީ އެ މަސައްކަތް ފަށާފައިވަނީ, ރަށުގެ ކުޅި ހިމާޔަތްކޮށް އެތަނުގައި ޕާކެއް ހެދުމުގެ މަގްސަދުގައި ކަމަށެވެ. އެކަމާ ގުޅިގެން ތިނަދޫ ރައީސް, ސައުދު ވިދާޅުވީ ޒުވާނުންގެ އިސްނެގުމުގެ މަތިން ރަށުގައި ކުރާ އެފަދަ ހުރިހާ ކަމަކަށް ކައުންސިލުން އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން ކުޅީގެ ތަރައްގީއަށް ކުރަން ޖެހޭ ކަންކަންވެސް ކުރިއަށް ގެންދަނީ ޒުވާނުންގެ މަޝްވަރާއާއެކު ކަމަށާއި އެފަދަ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރަން ބޭނުންވާ ކަމަށެވެ.

undefined

"ދެން އަންނަ އަހަރުގެ ބަޖެޓުގައި ކުޅި ތަރައްގީ ކުރުމަށް ބަޖެޓެއް ކަނޑައެޅުމަށް އަޅުގަނޑު މަސައްކަތްކުރާނަން. އެތަނުގައި ޕްލެޓްމެއް ގާއިމްކޮށް, ތިރީގައި ކެނޯ ދުއްވައި އެތަނަކީ އިޖްތިމާއީ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ކައުންސިލްގެ އަމާޒެއް," ސައުދު ވިދާޅުވިއެވެ.

ތިނަދޫގެ ކުޅި ސާފު ކުރުމުގެ ޕްރޮގްރާމުގެ ދަށުން މިއަދު އެރަށުގެ ޒުވާނުން ނުކުމެ ކުރި މަސައްކަތަކީ ކުޅީގެ މެދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ ގޮތަށް ގަސް އިންދުމެވެ. އެ ގަސްތައް އިންދާފައިވަނީ ވަކަރު ފްރޭމެއްގެ ތެރޭގައެވެ. އެ ފްރޭމުގެ ތެރޭގައި ގަސް އިންދާފައި ހުއްޓާ ނަގާފައިވާ ޑްރޯން ފޮޓޯތަކެއް މިހާރު ދައުރުވަމުންދާއިރު އެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

undefined

އެރަށު ޒުވާނުން ކުރަމުންދާ މަސައްކަތުން, ރަށުގެ ކުޅި ތަރައްގީވެ ޒަމާނީ ފެންވަރުގެ ތަނަކަށް ވެގެން ދިއުމަކީ ތިނަދޫ ރައްޔިތުންގެ އުއްމީދެވެ. އެ ކުޅީގެ ދިރުންތައް އިތުރު ކުރުމަށްޓަކައި ޒުވާނުން ކުރާ މަސައްކަތުގެ ދަށުން އެކި ކުލަކުލައިގެ އިތުރު ދޫނިތަކެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ. އެ ދޫނިތައް ގެންނަން ނިންމާފައިވަނީ ޒުވާނުން އަމިއްލައަށް ޚަރަދުކޮށްގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside