logoEN
ޕީއެންސީ 2
ކޮލަމް: ކޮވިޑުން އެޅުވުނު ބިޑި

ކޮލަމް: ކޮވިޑުން އެޅުވުނު ބިޑި

ކ.ތ.ޒ

logo

7/9/2021, 9:30:30 AM

# ކޮވިޑް19

DSC_6186

ކޮވިޑް ހާލަތު ގޯހުން ގޯހަށް ދާކަމަށް ނޫސް ތަކުގެ ފަލަ ސުރުހީ ތަކުންނާއި މީސްމީޑިއާގެ އެކި ކުލަ ކުލައިގެ ޕްލެޓްފޯމްތަކުން ފެންނަމުން ދެއެވެ. މިބަލީގެ ނުރައްކާތެރިކަން ސިފަކުރެވި ރައްޔިތު މީހުން ބިރުން އަމިއްލައަކަށް ގޭބަންދުވެގެން ތިބި ދުވަސްތަކެއްވެސް ރާއްޖެ ދެކެފިއެވެ. މިގޮތުން ޕޮޒިޓިވް މީހަކާ ދިމާވެފައި ހުރި މީހަކު އެކަހެރިކޮށްފައި ހުންނަ ގެއަކާއި ކައިރިވާން ނުކެރިފައި ދިވެހިން ތިބި ހަނދާން ވެސް އަދި ހިތަކުން ފިލައިގެން ނުދާނެއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ޝަރީ 2024

އެހެން ނަމަވެސް ކޮވިޑްގެ އެކި ރާޅުތައް ދުނިޔޭގެ އެކި ގައުމުތަކަށް ތޫފާނީ ސިފައިގައި އަރަމުން އިންސާނުން މަރައި ހުސްކުރަމުން ދިޔައިރު ރާއްޖެއަށް އަރަމުންދިޔައީ "ސިޔާސީ" ތޫފާނެކެވެ. ސިއްހީ މުފައްކިރުންނާއި ސިއްހަތާ ބެހޭ ވުޒާރާތަކާ ގުޅިގެން ހެދިފައިހުރި ގަވާއިދުތަކާ ޚިލާފަށް ގައުމު ބޮލަށް ލައިގެން ދުވާނެ ކަމަށް އެކިއެކި ދަރުބާރުތަކާއި "ކަޅުފޮށި" ތަކާއި ހޮޅުއަށި އަދި ގޭގެ އަސްކަނި ދަށުގައި ވައުދު ވަމުންދިޔަ ގައުމުގައި ތިބި ހަމައެކަނި "އިއްޒަތްތެރި މެމްބަރުން" ކަމަށް ދައުވާ ކުރަމުންދިޔަ ބޭފުޅުން ކުޅެން ރާވަމުން ދިޔަ ޑްރާމާތަކުގެ "ސްކްރިޕްޓް ތައް" ލީކްވުމާއެކު ހެވާ ނުބައި އޮޅުވާލަމުންގޮސް ކޮވިޑް ބަލީގައި ނިޔާވާ ލޯބިވާ މައިންބަފައިން މޫނު ބަލަން ނުދެވޭއިރު ވޯޓްލުމަށް ދެވޭނެ ގޮތާއި، ފައްސިއެއް ނައްސިއެއް ނުބަލައި ގޮތެއް ފޮތެއް ފަންސުރަކަށް ނުބަލާ އެވެރިންގެ ޖީބު ތަނަވަސްކުރުވާ ކަންކަމުގައި ގައިދުރުކަމާއި އެކުގައި އުޅެވޭނެ އަދަދުތަކަށް ބެލުމެއްނެތި މީހުންއުޅޭ ރަށްތަކަށްގޮސް އުމުރުން ބޮޑެތި ޓައިތަކާއި އުމުރު ހަމަ ނުވާ ބޫޓްތައް ތުރުކުރައްވައިގެން ޗަކަފަލުތަކާއި ހޭޅިފަށާއި ވާޓަރު ތަކުގެ ފުރަގަހުގައި ކަރުގެ ކުޑަދޫ ބޭރުވެ އަރުތެރެއިން ރަހަލާ ވަރަށް "ބަތްކައްކާ ކުޅޭ ގޮތުގެ" ވާހަކަ ދައްކަމުން ދިޔަ އިރު ރައްޔިތުންގެ ތެރެއިން ބަޔަކު ހީލަމުންދިޔައީ މިފަދަ ކަންތަކުން ޖާއިޒް ދޫކޮށް ނާޖާއިޒް ފައިދާ ނަގާނެ ކަމަށް މިވެރިންގެ ޅަދޮޅު ސިކުނޑިތަކަށް ނުވިސްނުނީ ބާވެއެވެ؟

މިވެރިން ލިޔަމުންދިޔަ ކިޔާބުތައް ވަގަށް ނަގައި އޭގެ ބަނޑޭރި ގަޑުގައި ލިޔެއިފައި ހުރި ތަންތަންކޮޅު ހިޔަޅުބުއްދީގެ ވިސްނުމާއެކު ބޭނުންކުރަމުން ދިޔުމުން އޭރު އެވެރިންނަށް ހުއްދަވި ގޮތަށް މަގުމައްޗަށާއި ހޭޅިފަށަށް މިވެރިންނަށް ނުކުންނަން ގަލަމުން ކުރަހާ ވެރިޔާއަށް މަނާކުރެވޭނެ ހެއްޔެވެ؟ ކަރަންޓީނުގައި ހުންނަ މީހެއް އެގަހު ކޭލެއް މިގަހު ކޭލެއް އެނގޭނެ އެއްވެސް ކަހަލަ ނިޝާނެއް ވެސް ރައްޔިތު މީހާއަށް ނޭނގޭ ހާލު ކަރަންޓީނު ކުރެވޭ މީހަކަށްވެސް ނޭނގެއެވެ. ކަރަންޓީނު ކުރަންޖެހޭ މީހަކު ބުނާގެއެއްގައި ހަމަ ކަރަންޓީނު ކުރަންވީ ބާއެވެ؟ މީހަކު ފައްސިވާ ހިސާބުން ފައްސިވާ މީހަކާއެކު އުޅުނު ނުވަތަ ދިމާވި އެއްވެސް މީހަކު ނުހުރެއެވެ.

އެއް ތަށިންކައި އެއްބާލިހަކަށް ބޯލައިގެން ނިދިޔަސް ފައްސިވާ ހިސާބުން އެއީ ނުދަންނަ މީހެކެވެ. މީހަކު ފައްސިވާ ހިސާބުން އޭނާގެ މިތުރުން "ރައްޔިތުންނަށް ނުފެންނަ" ފޭރާން ތުރު ކުރައްވަނީ ތޯއެވެ. މިދެންނެވި ފައްސިވާ މީހުންނާއި، ޑައިރެކްޓް ކޮންޓެކްޓުން ރޯމާދުވާލު މީހުންގެ އޯޑަރުތަކަށް ގަސްތަކުން އަނބު ބިންނަމުން ގޭގެ ވަޅު ދިޔަ ހިއްކަމުން ފުރާޅުގެ ޓިނު ބަދަލު ކުރަމުންދާއިރު ޕިކަޕް ތަކުގައި އަޑުގަދަކުރާ ހަރުކޮށްގެން އެދުވަހު ވެކްސިން ޖަހަން ރައްޔިތުންނަށް ގޮވަމުން ދިޔަ ގޮތަށް ޑައިރެކްޓް ކޮންޓެންޓް މީހުންގެ ނަންވެސް ގޮވިނަމަ ޑައިރެކްޓް ކޮންޓެކްޓްވާ "މައްކަލޯއެއް" އެހެން ކަލޯއެއް މަގު ދަނޑުގައި އަނބާއި ޖަންބު ބިންނާކަށް ނުހުރެވުނީހެވެ.

ސަލާމަތީ ބާރުތަކުން ވަރުބަލި ކަމެއް ނެތި ރަށުތެރެ ފޯރިމަރަމުންދާއިރު ކާފިޔު ގަޑީގަ ބޭރުގަ އުޅޭމީހުން ވަކި މީހަކަށް ކަނދުރާއަކަށް ނުބަލައި ޖޫރިމަނާވެސް ކުރެއެވެ. އެބޭފުޅުންނަށް ޖާމިނު ކުރެވިފައިވާ ގޮތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ހިލާފްވާ މީހުންނަށް އަމަލުކުރާ އުސޫލުން މާސްކު ނާޅާއުޅޭ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާ ކުރެވި ކަރަންޓީން އުސޫލާ ހިލާފްވާ މީހުން 10000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. މިދެންނެވި ފަރާތުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްވީ ފަރާތް ރަށުގެ ހައިރިސްކު މީހުން އުޅެމުންދާ ކިތައް ގެއަކަށް ވަދެ ކިތައް ބަޔަކާ ދިމާވެފަ ހުންނާނެބާއެވެ؟

އެމީހުންގެ ނަޒަރުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިކުރާ ޖޫރިމަނާއެކޭ ޓްރެފިކް ޤާނޫނާއި ހިލާފްވެގެން ކުރާ ޖޫރިމަނާއެކޭ އެއްވެސް ތަފާތެއް ނޯންނާނެއެވެ. ދައުރުގެ ފަހު ދުވަސްތައް ގުނަމުންދާ ސަރުކާރުތަކުގައި ޓްރެފިކް ޤާނޫނާއި ހިލާފްވެގެން ހާހުން ދެހާހުން ބައިލައްކައިން ނޫރިމަނާ ދައުލަތަށް ދައްކަން ދަރާ ވިކިފަ ތިބޭ ރަހުނުވެރިންތައް ހުރިހާ ދަރަނިތައް މަޢާފްކޮށް ދަރަނިވެރިޔާ ހުދު ކާފޫރަކަށްވާ ކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެހެންވީއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރާ ޖޫރިމަނާވެސް ވަނީ އެހެން ކަމަށް "އެވެރިން" މިވެރިންނަށް ކިޔައިދެމުން ދިޔުމަކީ 24 ގަޑިއިރު ހަމައިގައި ނުތިބޭ ދައުލަތުން ބަލަން ބަލަދު އަރާފައި "އަބަދު ނިދި މޫޑުގައި ތިބޭ" ރަންދަރިން ވެސް މިފަދަ ހާލަތުގައި ޤާނޫނާއި ގަވާއިދުތަކަށް ބޯނުލެބުމަށް މަގުފަހި ނުވާނެ ކަމަކަށް ނުވާނެބާއެވެ؟ އެހެންކަމަށްވާ ނަމަ އެއް އަތުގަ "ބިޑި" މިއަޅުވަނީ އަނެއް އަތަށް ބިޑި ތަޅުދަނޑި ދީފައި ނޫންބާއެވެ؟

އެޑިޓަރުގެ ނޯޓް: މިއީ ގާފު ނޫހުގެ ކޮލަމް ސެކްޝަނަށް ކ.ތ.ޒ ލިޔެފައިވާ ކޮލަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ