logoEN
ކޮކާކޯލާ
ކޮލަމް: ތިނަދޫއަށް މުހިއްމީ ލޮކްޑައުނެއް ނޫން!

ކޮލަމް: ތިނަދޫއަށް މުހިއްމީ ލޮކްޑައުނެއް ނޫން!

ކ.ތ.ޒ

logo

6/25/2021, 10:48:08 AM

# ކޮލަމް# ގދ.ތިނަދޫ# ކޮވިޑް19

DSC_4930

ތިނަދޫގެ ކޮވިޑް ހާލަތާ ގުޅިގެން ރަށް މޮނިޓަރިނގްއަށް ލެވުނުތާ މިވަނީ ދެ މަސް ވެފައެވެ. ކޭސްތައް ދަށްވުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. ދުވަހެއް ދުވަހަކަށް ރިކޯޑު އަދަދުން ފައްސިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެއާއެކު ކޭސްތައް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ފެށިއެވެ. ނަމަވެސް ރައްޔިތުން އެއް އަޑަކުން ގޮވަމުން ދިޔައީ ރަށް އެއްކޮށް ބަންދު ކުރުމަށެވެ. ތިމާމެންގެ ފަރުދީ ޒިންމާ ފޭސް ބުކް ޕޯސްޓަކުން އަދާ ކުރުމަށް ފަހު އިނގިލިތައް ދިގު ކުރަމުން ދިޔައީ ކައުންސިލާއި ހޮސްޕިޓަލަށެވެ.

އަބުޅޯ

ކައުންސިލް ރަޢީސް ރަށް ލޮކްޑައުން ކުރަން އެދި އެޗް.ޕީ.އޭ އަށް ފޮނުވި ސިޓީ ގައި އޮތް އިބާރާތް ކަމުނުގޮސްގެން ފަޔަށް ހިނި އަރައިގެން އުޅުނު މީހުންވެސް މަދެއް ނޫނެވެ. ސޯޝައަލް މީޑިޔާގައި އެ ސިޓީ ޝެއަރ ކޮށް އެއަށް ހަޖޫ ޖަހަމުން ދިޔައީ ކުރާނެ އިތުރުކަމެއް ނެތިގެން އުޅޭ ބީދައިންނެވެ. ސިޓީގައި އިބާރާތް ކުރެވިފައިވާ ގޮތުގެ ސަބަބުން ރަށް ލޮކްޑައުން ނުކުރާނެކަމަށް ގިނަ ބަޔަކު ހީ ކޮށްގެން ތިބި ނަމަވެސް އެޗް.ޕީ.އޭ އިން ވަނީ ލުއިތަކަކާ އެކީ ރަށް ލޮކްޑައުން ކޮށްފައެވެ. ހައުސް ހޯލްޑް ޕޮލިސް ޕާމިޓާ ނުލައި ބޭރަށް ނުދެވޭނެހެން ގެއިން ބޭރަށް ނިކުތުން މަނާ ކުރެވުނެވެ. މީގައި ކޮންމެހެން ޑިއުޓީ އަށް ނުކުންނަން ޖެހޭ މުއައްޒަފުން އިސްތިސްނާ ވެއެވެ. އަދި އެނޫން މުއައްޒަފުން ވޯރކް ފްރޮމް ހޯމް ޖެއްސުމަށް އެދިފައިވެއެވެ.

ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ލިބެން ހުންނަ އިރު ފިހާރަ ތަކަށް ދިޔުމަށް ހުއްދަ ދިނުމަކީ ކޮން ކަމަކު, ކޮން ބޭނުމަކު ކޮށްގެން އުޅޭ ކަމެއް ބާއެވެ. ކާފިއު އިއުލާން ކޮށްފައި ވީ ނަމަވެސް ހަވީރު 16:00 ހާއިރުވެސް ރަށުތެރެއިން މީހުން މަދެއް ނުވެއެވެ. ގިނަމީހުން ފިހާރަތަކަށް ދިއުމަށް ނިކުމެ އުޅެފަ އުޅޭނެ ތަނެއްގައި އުޅެނީ އެވެ. އަނެއްބަޔަކު ޑެލިވަރީ ހިދުމަތުގައި ކަމަށް ބުނެ ބޭނުން ގޮތަކަށް އުޅެމުން ދަނީ އެވެ. ހައުސް ހޯލްޑް ޕާމިޓް ލިބުން ވެގެން ދިޔައީ، ކޮށިން ދޫކޮށްލާ ގުރައަކަށް އުދުހި ގަންނަން ލިބޭ ފުރުސަތެއް ކަހަލަ ކަމަކަށެވެ. މީހުން ނޫޅޭ ގެ ތަކުގެ މީޓަރ ތަކުގެ ބޭނުން ހިފައި އެފަދަ މީޓަރ ތަކަށް ޕޮލިސް ޕާމިޓް ނަހަމަ ގޮތުގައި ހޮވައި ބޭނުން ކުރަމުން ދަނީ ތިމާ އަށް މިކުރެވެނީ ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ލިބޭ ވަރުގެ ކަމެއް ކަމަށް ހީކޮށެވެ. ވިޔަފާރި ކުރުމަށް ފިހާރަތެރެއަށް ވަދެވޭނެ ކަސްޓަމަރުންގެ އަދަދު ކަޑައަޅައިފައި ވުމުން ދެން ތިބޭ ކަސްޓަމަރުން ފިހާރައިން ބޭރުގައި ތިބެނީ އިޖުތިމާޢީ ގައިދުރުކަމެއް ނެތިއެވެ. ތިމާމެން އަމިއްލަ އަށް އެދިގެން ރަށް ފުރަބަންދު ކުރުމުން މިއަދު އެކަން ބޮޑު ކަމަކަށް ހަދަމުން ދަނީ ގޭގައި ތިބުމުން ގޭއަށް ބޭނުން ވާ ސާމާނު ހޯދައިދޭނީ ކޮންބައެއްހޭ ކިޔަމުންނެވެ. ހަމަ އެއާއެކު ދުވަހަކު ކަސްރަތު ކުރުމަށް ނުދާ މީހުން ދަނީ ފަތިހު ގަޑީގައި ބޭރަށް ނިކުތުމުގެ ބޭނުގައި ނަމަވެސް ކަސްރަތު ކުރަމުންނެވެ.

ތިނަދޫ އަކީ މަސްވެރި ރަށަކަށް ވީހިނދު މަސްވެރިން މަހަށް ނުދެވި ތިބުމަކީ ރައްޔިތުންނަށް އޭގެއިން އެތައް އަސަރުތަކެއް ކުރާނެ ކަމެކެވެ. ނަމަވެސް މަސްވެރި އުޅަނދު ތަކުގެ ފަޅުވެރިންތަކެއް ފައްސިވުމާ ގުޅިގެން ގިނަ އުޅަނދުތައް ކަރަންޓީނު ކުރެވުނެވެ. އަދި ކަރަންޓީން ކުރާ ދޯނިތައް މަހަށް ފުރުން މަނާ ކުރެވުނެވެ. ނަމަވެސް މި ހާލަތުގައި ވެސް ބައެއް ދޯނި ފަހަރުގެ ކެޔޮޅުން މަހަށް ދެއެވެ. ޕޮޒިޓިވް ކޭސްތަކާއި ޑައިރެކްޓް ކޮންޓެކްޓުންނާ އެކީ ގޮވައިގެންނެވެ. އަލާމާތެއް ނެތި މީހުން ތިބި ނަމަވެސް އުފެދޭ ސުވާލަކީ މިފަދަ ހާލެއްގައި މަހަށް ގޮސް އުޅެނިކޮށް ހާލު ދެރަވެއްޖެނަމަ ހަދާނީ ކިހިނެއްތޯއެވެ؟ ގިނަ ދޯނި ތަކުގައި ފަސްޓް އެއިޑް އަދި އޮކްސިޖަން ހިދުމަތެއްވެސް ނުހުރެއެވެ. އަދި އެކަމުގެ ތަމްރީނު ލިބިފައިވާ މީހުން ނުތިބެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސިއްޙީ ފަރުވާ ލިބޭ ހިސާބަށް ފަޅުވެރިޔާ ގެނެވޭ އިރު ވަގުތު ފާއިތު ވުމަކީ އެކަށީގެން ވާ ކަމެކެވެ. އެހެންކަމުން މިފަދަ ހުއްދަ ދޭއިރު ދިމާވެދާނެ ކަމަކަށް ޒިންމާނަގާނެ ފަރާތެއް ހުންނަންޖެހެއެވެ.

ކުރިއެކޭ އެއްގޮތައް އަނެއްކާވެސް ކައުންސިލުން މިވަނީ ތިނަދޫ ބަނދަރަށް އަރައި ފައިބާ މީހުން ބެލެހެއްޓުމަށް ޓީމްތައް ބަދަރުގައި ޤާއިމް ކޮށްފައެވެ. ދަންފަޅިތަކަށް ބަހާލައިގެން ޓީމްތައް ޑިއުޓީގައި މަސްޢޫލު ވެގެން އުޅޭއިރު އެ ފަރާތްތަކުގެ ރައްކާތެރިކަމަށް ވިސްނައިފައި ވަނީ ކިހާ މިންވަރަކަށް ތޯ އެވެ؟ ވެރި ރަށް މާލެ އިން އަންނަ މީހާގެ ނަން ލިސްޓުން ހޯދުމަށް ދެބައިމީހުން ބޮލާއި ބޯ ޖެހޭ ވަރަށް ކައިރި ވާއިރު މާސްކް ފިޔަވައި އިތުރު ރައްކާތެރި ކަމުގެ ވަސީލަތެއް ނުހުރެއެވެ. ގިނަ ފަހަރު ދެ ފަރާތުން އަޅައިގެން ތިބެނީ އާދައިގެ ފޮތި މާސްކެވެ. މީގެއިން ބަލި ފެތުރުމުގެ ޗާންސް ސާޖިކަލް މާސްކަށް ވުރެ އެތައް ގުނައެއް ބޮޑެވެ. ބަނދަރު ބަލަހައްޓާ ކުދިންނަށް ފޭސް ޝީލްޑުގެ އިތުރުން އަންގި ފޯރުކޮށްދޭން ޖެހޭ ކަމަށް ގަބޫލުކުރެވެއެވެ.

ރަށް ފުރަބަންދު ކުރުމާ ގުޅިގެން ފުލުހުން ރަށުތެރެ ބަލަހައްޓަމުން ދިޔަ ދިއުމަށް މިވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތި ވެފައެވެ. ތިބި މަދު ފުލުހުން ދަނީ އޮފަކާއި ނުލައި 24 ގަޑި އިރު ރަށުތެރެ ބަލަހައްޓަމުންނެވެ. އެހެން ނަމަވެސް ޢާންމުންގެ ފަރާތުން ފުލުހުންނަށް ދޭންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދެވޭބާއެވެ؟ އަވަށްޓެރި އިންޑިއާ ފުލުހުން ހެން 2 އިންޗު ފުޅާ 4 ފޫޓު ދިގު ލަޓި ބުރިތައް ހިފައިގެން ދިވެހި ފުލުހުން ވެސް މަގުމައްޗައް ނުކުންނަންވީތޯއެވެ؟ ކަރަންޓީނު ކުރެވިފައިވާ ކޮންމެ ގެއެއްގެ ފާރަވެރިއަކަށް ފުލުހަކު ނުބެހެއްޓޭނެކަން ދަންނަން ވާނެއެވެ. ތިމާ މީހާ އަމިއްލަ ފަރުދީ ޒިންމާ އަމަލުން ދައްކާށެވެ. ރަށުތެރޭ ފުލުހުންގެ ހަތަރު ބީޓް ނުވަތަ ފަސް ބީޓު ކޮންމެ ޝިފްޓެއްގައި ފޯރިމަރަމުންދެއެވެ. ނަމަވެސް ޢާންމު މީހާ އަށް ދޭ ނަސޭހަތައް ދެނީ ބީރު ކަންފެތެވެ. ބޭރުތެރޭ އުޅެނީ ކީއްވެ ތޯ އެހުމުން "ތިނަދޫގެ ހާލަތު ހަމަ އެހާ ގޯސް ހޭ " ކިޔާ ފުލުހުންނާ ސުވާލު ކުރާ އިރު ހަމަ ރަނގަޅަށްވެސް ހާލަތު ނޭނގެނީ ހެއްޔެވެ. ނުވަތަ އެބައި މީހުން އެއައީ "ކަހުފް ބާގައިގެ" މީހުން ހެން އެތައް އަހަރުތަކެއް ވަންދެން ނިދި ކުރައްވާފަ ތޯއެވެ؟

ކޮންމެއަކަސް މިހާރު ތިނަދޫ އަށް ދިމާވެފައިވާ މި ހާލަތުން އަރައިގަތުމަށް ފްރަންޓަލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރާ މިންނެތް މަސައްކަތައް އެއްބާރުލުންދީ އެއަށް އަމަލުކުރަން ޖެހެއެވެ. ކޮންމެ ކަމެއް ވަރިހަމަ ވެގެން ފަރުޖައްސާލެވެން ނެތެވެ. އަމިއްލަ ރައްކާތެރިކަން ހޯދާނީ އަމިއްލަ އަށެވެ. ތިމާ މީހާ ބައްދަލުވާ މީހުން މަދުކުރުމުން ފައިދާ ވަނީ ތިމާ އަށެވެ. ބަބުލް ކުޑަ ކުރުމުގެ ޒިންމާ އާއި އެކީ ދެން ހުރި ޒިންމާ ތައްވެސް ފުރިހަމަ ކަމާއެކީ ކުރާށެވެ. އިސްވެ ބުނިހެން ފޭސް ބުކް ޕޯސްޓަކުން ފަރުދީ ޒިންމާ އަދާކޮށް ނުނިންމާށެވެ.

މައްސަލަ އުޅެނީ އިދާރާތަކުގެ އެކަންޏެއް ނޫން ކަން ގަބޫލުކޮށް, އަމިއްލަ މީހާ ފަރުދީ ޒިންމާ އަދާކުރީމާ ހުންނާނީ ރަނގަޅަށެވެ. ލޮކްޑައުނެއްގެ ނަމުން ތިނަދޫ ބަންދުކޮށްފައިވީ ނަމަވެސް ހަގީގަތުގައި އޮތީ ލޮކްޑައުނެއް ނޫނެވެ. ލޮކްޑައުނެއްގެ އަސްލު ސިފަ ތިނަދޫއަށް ގެނެސްފިނަމަ ރައްޔިތުންނަށް ދަތި އުނދަގޫތަކަކާ ކުރިމަލާން ޖެހޭނެ އެވެ. އެހެން ކަމުން އަސްލު ލޮކްޑައުނަކަށް ދާން އިދާރާތަކަށް މަޖުބޫރު ނުކުރުވައި, ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ކުރަމާ ހިނގާށެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާފު ނޫހުގެ ކޮލަމް ސެކްޝަނަށް ކ.ތ.ޒ ލިޔެފައިވާ ކޮލަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ