logoEN
ޕީއެންސީ 2
ގދ. ކާޑެއްދޫ ފަޅުވުން

ގދ. ކާޑެއްދޫ ފަޅުވުން

ގާފު އެޑިޓޯރިއަލް

logo

11/22/2020, 8:36:08 AM

# adhi

Kaadehdhoo

ކާޑެއްދޫ އަކީ ބިން ބޮޑު ރާއްޖޭގެ ޤަދީމީ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއްކަމަށް ތާރީޚުން އެނގެއެވެ. މީގެ އިތުރުން ކާޑެއްދޫއަކީ ކުރީ ޒަމާނުގައި މިހުން ދިރިއުޅުނު ރަށެއްކަން، ރަށުގެ އެކި ހިސާބުތަކުން ފެނިފައިވާ ގަބުރުސްތާނުތަކުން، އަދި ފެނިފައިވާ ޒިޔާރަތްތަކުން ސާބިތުވެއެވެ. ރަށަކީ އޮޅުބިމާއި ޗަސްބިން އޮތް ރަށެކެވެ. ރަށް އުފެދި ވޮޑެމުން އައިއިރު، ރަށުގައި އުފެދުނު ކުޅިތައް ފަހުން ޗަސް ބިމަށް ބަދަލުވެ،އެތަންތާގައި އޮޅު އަލަ އަދި ފެންފޯއް ރުއް ހައްދައި އުޅުނު ބަޔަކު އުޅުނު ރަށެކެވެ. ކާޑެއްދޫގައި ދިރިއުޅުނު މީހުންނަކީ ހަށިގަނޑުން ވަރުގަދަ ބަޔެކެވެ. އަދި ތަނަވަސް ދިރިއުޅުމެއް އުޅުނުބައެކެވެ. އަމިއްލަ އޮޑި ދޯނިފަހަރު ގެންގުޅެ، ރާއްޖެއިން ބޭރަށްވެސް ދަތުރުކޮށް ހެދި ބަޔެއް އުޅުނު ރަށެކެވެ. ރަށުގައި އުޅުނު މީހުންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް މަދުވުން އެކަށީގެންވެއެވެ. މިއީ މިފަދަ ރަށްރަށް ފަޅުވުމަށް މެދުވެރިވެފައިވާ ސަބަބުތަކެވެ. ރަށުގައި މެލޭރިޔާ ފަދަ ތަފާތު ބަލިތައް ފެތުރި ރަށުގެ ބޮޑު އާބާދިއެއް ނެތި ގޮސް، ފަހުން ބާކީ ތިބި މީސްކޮޅު އަތޮޅުގެ އެހެން ރަށްރަށަށް ބަދަލުވެ ރަށް ފަޅުވީކަމށް ވުން އެކަށީގެންވެއެވެ. ކާޑެއްދޫ ފަޅުވީ ސަބަބެއް ތާރީޚީ ފަތްފުތްކުން ސީދާ އެނގޭކަށް ނެތެވެ. މިލިޔުމަށް މަޢުލޫމާތު ހޯދުމަށް މުޙައްމަދު އިބްރާހީމް ލުތުފީ، ފަތްތޫރައިގެ 163 ވަނަ އަދަދުގައި "ކާޑެއްދޫ ފަޅުވުން" މިސުރިޚީދެ ދަށުން ލިޔުއްވާފައިވާ ލިޔުމާއި، ދިވެހިތާރީޚް އަދި ތުންތުން މަތިން ކިޔަމުން އަންނަ "ކާޑެއްދޫ ގޮއިމަކަލޯ" ވާހަކަ މައިގަނޑު ހާދިސާކަމަށް ބަލައިގެން މި ލިޔުން އެކުލަވާލެވިފައި ވާނެވެ.

ޝަރީ 2024

ކާޑެއްދޫ ފަޅުވުމާއި މެދު ދެކެވޭ ފުލޯކް ވާހަކަތަކެއް އެބަހުއްޓެވެ. ފާހަގަކުރެވޭ އެއްކަމަކީ، މި ފަދަ ހުރިހާ ފޯކުލޯރު ވާހަކަތަށް، ގުޅިފައިވަނީ ރޫޙާނީ ބާރުތަކާއި ސިޙުރުހާހޫރާއި ފަންޑިތައާއެވެ. ކާޑެއްދޫ ފަޅުވިކަމަށް ދެކެވޭ ވާހަކަޔަކީ "ވާދޫ އެދުރުކަލޭގެފާނުގެ ބޮޑު ފަންޑިތަ ފޮތް ކާޑެއްދޫ އެދުރުކަލޭގެފާނު އަތުގައި އޮވެގެން އެދެމެދުގައި ހިނގި ފަންޑިތަވެރިކަމުގެ ތަޅާފޮޅުމެއްގެ ވާހަކައެއްގެ ގޮތުގައި މުޙައްމަދު އިބްރާހީމް ލުތުފީ. ފަތްތޫރައިގެ 163 ވަނަ އަދަދުގައި "ގދ. ކާނޑެއްދޫ ފަޅުވުން" މިސުރުޚީގެ ދަށުން ލިޔެފައިވެއެވެ. ދިވެހި ތާރީޚުގައި، "ކާޑެއްދޫ ގޮއިމަކަލޯ" މި ސުރުޚީގެ ދަށުން ކާޑެއްދޫ ފަޅުވުން ތަފާތުކޮށް ދެފަންޑިތަ ވެރިންގެ ދެކުދިންގެ ދެމެދުގައި އުފެދުނު ލޯބީގެ ގުޅުމަކާއި ގުޅިގެން އުފެދުނު ކޯޅުމެއްގައި، ވާދޫ ކަންވެރިކަލޭގެފާނާއި، ކާޑެއްދޫ ގޮއިމަކަލޯގެ ދެމެދުގައި ބަދަލުކުރެވުނު ފަންޑިތައިގެ ހަމަލާތަކެއްގައި ފަޅުވެގެން ދިޔައީކަމަށް ލިޔެފައިވެއެވެ..

ކުރީޒަމާނުގައި ހުވަދުއަތޮޅު ކާޑެއްދޫއަކީ ބޮޑު އާބާދީއެއްގެ މީހުން ދިރިއުޅުނު ރަށެކެވެ. ހުވަދު އަތޮޅަކީ ފަންޑިތައިގެ ރޮގުން ކުރީ ޒަމާނުގައި މަޝްހޫރު އަދި ބޮޑެތި ފަންޑިތަވެރިން ދިރިއުޅުނު އަތޮޅެކެވެ. އެދުވަސްވަރު ކާޑެއްދޫ އަދި ހުވަދު އަތޮޅު ވާދޫގައި ފަންޑިތައަށް ކުޅަދާނަ ވަރުގަދަ 2 ފަންޑިތަވެރިން އުޅުނުވެ. މި ދެ ފަންޑިތަވެރިންނަކީވެސް ވަރަށް ވާދަވެރި ދެ ފަންޑިތަވެރިންނެވެ. ކާޑެއްދޫ ފަންޑިތަވެރިކަލޭގެ ގޮއިމަ ކަލޯގެ ޒުވާން ފިރިހެން ދަރިޔަކު ހުއްޓެވެ. އަދި ވާދޫ ފަންޑިތަވެރި ކަލޭގެފާނުގެ ޒުވާން އަންހެންދަރިޔަކު ހުއްޓެވެ. ފަންޑިތަވެރިކަމާއި، ބޭސްވެރިކަން، މުދިންކަން، ރާވެރިކަންފަދަ ކަންތައްތަކީ މައިންބަފައިންގެ ފަރާތުން ދަސްކޮށްގެން ދަރިންވެސް، މައިންބަފައިން ފަދައިން އެފަދަ ކަންކަން ދަސްކޮށްގެން ކޮށް އުޅޭ ޒަމާނެއްކަމުން، ބަފައިންގެ ފަރާތުން މި ދެފަންޑިތަވެރިންގެ ދެ ދަރިންވެސް ފަންޑިތައިގެ ރޮގުން ކުރިހޯދާފައި ވެއެވެ.

ކާޑެއްދޫ ފަޅުވުމުގެ ހާދިސާއާއި ގުޅުވައިގެން ތާރީޚީ ފޮތްތަކުގައި ގެނެސްދީފައިވަނީ، ކުރިން ދެންނެވުނު ދެފަންޑިތަވެރިންގެ ދެދަރިންގެ ދެމެދުގައި އުފެދުނު ލޯބީގެ ގުޅުމެވެ. މިއީ ވާދަވެރި ދެ ފަންޑިތަވެރިންނަށް ބަލައިގަނެވޭ ގުޅުމަކަށް ނުވެ، އުފެދުނު ފަންޑިތައިގެ ވާދަވެރިކަމެއްގެ ތެޜޭގައި މީހުން ދިރި އުޅުނު ބޮޑު ސިންގާ އާބާދިއެއް ފަޅުވެ ދިޔައީއެވެ. މިހިސާބުން މިހާދިސާއަށް އިތުރަށް ތަފްޞީލް ކޮށްލާނަމެވެ.

ކާޑެއްދޫ ގޮއިމަކަލޯގެ ފިރިހެން ދަރި އާއި، ވާދޫ ކަންވެރި ކަލޭގެފާނުގެ އަންހެން ދަރި ލޯބީގެ ގޮތުން ގުޅުނެވެ. ވަކި ހިސާބަކުން ދެލޯބިވެރިން ދެރަށުގައި އުޅެންޖެހުމުގެ ސަބަބުން، ބައްދަލުނުވުމުގެ ނުތަނަވަސްކަން ކުރިމަތިލާން ޖެހިއްޖެއެވެ. މިހސާބުން ދެޒުވާނުންނަށް ލިބިފައިވާ ފަންޑިތައިގެ ހުނަރުގެ ބޭނުންކޮށްގެން ފަންޑިތައިގެ ބާރުގައި ދެލޯބިވެރިން އެކަކު އަނެކަކާއި ދެފަރާތުގެ އާއިލާއަށް ސިއްރުން ބައްދަލުކޮށް އުޅުނު ކަމުގައިވެއެވެ. ޖިންނީންގެ އެހީގައި އެއްރަށަކަށް ގޮސް ބައްދަލުކުރަނީ ކަމުގައި ވެދާނެއެވެ.

ނަމަވެސް މިސިއްރު މާގިނަ ދުވަހަކަށް ސިއްރެއްގެ ގޮތުގައި ނޯވެ، ދެފަރާތުގެ އާއިލާއަށް އެނގި، ވާދަވެރި ދެ ފަންޑިތަވެރިންނަށް ފަޅާއަރާފިއެވެ. މިހިސާބުން މުޅި މަސްރަހު ބަދަލުވެއެވެ. ވާދޫ ފަންޑިތަވެރި ކަލޭގެފާނު، ފަންޑިތައިގެ ބާރުގައި ދެޒުވާނުން ބައްދަލުކުރި ބައްދަލުވުން ފަންޑިތައިގެ ބާރުން ހުއްޓުވުމަކަށް ގެނެސް، ދެޒުވާނުންނަށް ބައްދަލު ނުވާނޭގޮތް ހަދައެވެ. ކާޑެއްދޫ ގޮއިމަކަލޯ އަށް ވެސް މިލޯބީގެ ކުޅިގަނޑު އެގިގެންދެއެވެ. މިކަމުގެ ހިތާމައިގައި ދެލޯބިވެރިން ފުން ހިތާމައިގައި ނުކައި ނުބޮއި ދުވަސްތަކެއް ވަންދެން އުޅުނު ކަމުގައި ވިއެވެ. ވާދޫ ކަންވެރިކަލޭގެ، ގޮއިމަކަލޯގެ ފިރިހެންދަރި އޭނާގެ އަންހެން ދަރިފުޅާއި އަރާ އަރަފޯދިވެގެން ނުވާކަމަށް ބަލާތީ، އެކަމާ ނުހަނު ރުޅި އައެވެ. އައި ރުޅީގައި ފަންޑިތައަށް ކުޅަދާނަ މީހަކު މިފަހަރު އަންގާލާނަމޭ ބުނެ، ވާދޫ ކަންވެރި ކަލޭގެފާނާއި ވާދަ ކުރެއެވެ.

ކާޑެއްދޫ ގޮއިމަކަލޯ ގަސްތުކުރީ އޭނާގެ ފަންޑިތައިގެ ބާރުން ވާދޫ ފަޅުރަށަކަށް ހަދާލުމަށެވެ. މިގޮތުން ކުދި އޮޑިއާއި ގުރާބު ހަދައި އެއަށް ފަންޑިތަ ހަދައި ވާދޫ އާއި ދިމާއަށް ފުރުވާން ފެށިއެވެ. ނަމަވެސް ވާދޫ ކަންވެރި ކަލޭގެފާނަށް މިކަން އެނގި އަންނަ ކޮންމެ އޮޑިއަކާއި ގުރާބެއް ފަންޑިތައިގެ ބާރުގައި އަލުން އަބުރާ ފުނުވިއެވެ. އަދި މިފަންޑިތައިން އެއްވެސް ފަންޑިތަ ވެރިޔަކަށް ކުރިއެއް ނުލިބުނެވެ.

ދެން މިދެފަންޑިތަވެރިން ވާދަޔަށް ދެ މަސްއޮޑި ބަދެގެން ދެމީހުންގެ ރަށުން ދެދޯނި މަހަށް ފުރުވާން ފެށިއެވެ. ހުވަދު އަތޮޅު ފަންޑިތަވެރިންނަކީ މަސް ފަންޑިތައަށްވެސް މޮޅު ބަޔެކެވެ. ދެން ދިމާވީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. މަހަށް ފުރާ ކޮންމެ ދުވަހަކުވެސް މި ދެފަންޑިތަވެރިންގެ ދެ ދޯންޏަށް މަސް ބޭނެނީ އެއްވަރަކަށެވެ. މިވެސް ފަންޑިތައިގެ ކަމެކެވެ. ތަފާތު އެކި ފަންޑިތަ ހަދައިގެން އެކަކު އަނެކަކުގެ ދޯންޏަށް މަސްނުބޭނޭ ގޮތް ހެދޭތޯ މަސައްކަތް ކުރިއެވެ. މިގޮތުން އެއްދުވަހު ގޮއިމަކަލޯގެ ދޯނި މަހުން އައިސް ލެފިއިރު އެއްވެސް މަހެއް ނުބާނައެވެ. ނަމވެސް ވާދޫ ކަންވެރި ކަލޭގެފާނުގެ ދޯނި، މަހުން ލެފީ ހައްސަ ބާނައިގެންނެވެ.

ގޮއިމަކަލޯ އައި ރުޅީގައި ވަގުތުން ދޯނިން ފުރައިގެންގޮސް، ވާދޫ ކަންވެރި ކަލޭގެފާނުގެ ދޯނިން ބާނާފައި ހުރި މަސް އެއްގަމަށް އެރުވުމަށް ފަޅުތެރެއަށް އުކާފައި ވަނިކޮށް ދޯނީގައި ފަޅުތެރެއަށް ވަދެ، ހަތަރު ދޮށިއަޅައި، ފަޅުތެރޭގައި ހުރި މަސްކޮޅު މަހަކަށްފަހު މަހެއް ބާނައިގެން ކާޑެއްދޫއަށް ފުރައިގެން ދިޔައެވެ. ވާދޫ ކަންވެރި ކަލޭގެފާނުވެސް އައި ރުޅީގައި ކާޑެއްދޫއަށް އައިސް މަސްކޮޅު އެއްގަމަށް ގެންދަން ފަޅުތެރެއަށް އުކާފައި ވަނިކޮށް، ގޮއިމަކަލޯ ކަންކުރި އުސޫލުން ކަން ކޮށްފިއެވެ. ދެވަނަ ފަހަރަށްވެސް ގޮއިމަކަލޯ ފުރަތަމަ ފަހަރު ފަދައިން އޮޑީގައި ވާދޫފަޅަށް ދިޔައެވެ. ނަމަވެސް ކުރިން ފަހަރުހެން މިފަހަރު ފަޅުތެރޭގައި ހުރިމަސް ނުބޭނުނެވެ. ވީދެރައިން ގޮތް ހުސްވެ ގޮއިމަކަލޯ އަބުރާ ކާޑެއްދޫއަށް އައެވެ.

ދުވަސްކޮޅެއް ފަހުން ވާދޫ ކަންވެރި ކަލޭގެފާނު، ގޮއިމަކަލޯ އަށް ފަންވަތެއްގައި އިންޒާރެއް ލިޔެ ފުނުވައެވެ. ގޮއިމަކަލޯ އާއި އާއިލާ އެއްކޮށް ނެތިކޮށްލާނެކަމުގެ އިންޒާރެވެ. އަދި ކާޑެއްދޫ ގޮއިމަކަލޯ އަންނަން އުޅޭ ފަންޑިތައިގެ ހަމަލާޔަށް ތައްޔާރުވިއެވެ. ދިފާއުގައި ބާސްމާނު ނަނަކަށް ކިޔާ ވައްތަރެއްގެ ގުޅަވަރެއް ހެދިޔެވެ. މި ގުޅަވަރަކީ ކާމިޔާބު ވެއްޖެނަމަ، ވާދޫ ކަންވެރި ކަލޭގެފާނަށް މަރުގެ އެތިފަހަރެކެވެ. ނާކާމިޔާބު ވެއްޖެނަމަ މުޅި ކާނޑެއްދޫގެ އެންމެންގެ އަޖަލެވެ. މިގުޅަވަރު ހެދުމަށްފަހު ބޭއްވީ ގޮއިމަކަލޯގެ ގެއަށް ވަންނަ ދޮރުގެ މަތީ އޮޅީގައެވެ. އަދި މިގުޅަވަރަށް ކަންތައް ކުރަންވީގޮތް ޖިންނިއަކަށް އަންގައި، މިމަސައްކަތް އެޖިންނި އާއި ހަވާލުކުރިއެވެ. ވާދޫ ކަންވެރި ކަލޭގެފާނު ކާނޑެއްދޫއަށް އައިސް، ފުރަތަމަވެސް ވަންނާނީ އެގެޔަށްކަމާއި، ވަނުމާއެކު އެއްކަލަ ބާސްމާނު ގުޅަވަރު، ވާދޫ ކަންވެރި ކަލޭގެފާނު ބޮލަށް ވައްޓާލުމަށް އެޖިންނިއަށް އަމުރު ކުރިއެވެ. އަދި މިކަމުގައި ވަރަށް ބޮޑަށް ފަރުވާ ބެހެއްޓުމަށް ޖިންނިއަށް އެންގިއެވެ. އަދި ވަރަށް އަވަހަށް ވާދޫ ކަންވެރި ކަލޭގެފާނު އަންނާނެވާހަކަވެސް ބުނިކަމަށް ވެއެވެ.

ޖިންނިއަށް އިރުޝާދު ދިނުމަށްފަހު، ގޮއިމަކަލޯ ކާނޑެއްދޫ އަތިރިމައްޗަށް ނުކުމެ ފަންޑިތަ ހަދައި، ކާޑެއްދޫގެ ދިގަށް ފަޅުތެރެއިން ދޯނިފަހަރަށް ނުވަދެވޭގޮތަށް ހިމަ ދިގު ދެ ފިނޮޅު ހިއްކާލިއެވެ. އަދި އެރަށު ނެރުވެސް ނުފެންނަގޮތް ހެދިއެވެ.

އަނެއްދުވަހު ހެނދުނު ވާދޫ ކަންވެރިކަލޭގެފާނު، ގޮއިމަކަލޯ އާއި ހަމަލާ ދޭން ކާޑެއްދޫއަށް ދާން ފުރިއެވެ. ނަމެވެސް ކާޑެއްދޫ އޮންނަ ހިސާބަށް ކައިރިޔަށް އައިސް ބަލާބަލާ އެރަށެއް ނުފެނުނެވެ. ގޮއިމަކަލޯ ވަނީ ފަންޑިތައިގެ ބާރުން ރަށް ފޮރުވާފައެވެ. ނެރެއްހާ މިންވެސް ފެންނާކަށް ނެތެވެ. ދެން އެންމެފަހުން، ދޯންޏާއިގެން ފަރުމަތިން ފަޅުތެރެއަށް ވަނެވެ. ތަންކޮޅެއް ދެވުނުތަނާ، ދޯނި ހިއްކާފައި އޮތް ފިނޮޅެއްގައި ބީހިއްޖެއެވެ. ދެން އެއަށް ފަހު ވާދޫ ކަންވެރި ކަލޭގެފާނު ދޯނިން ފޭބުމަށްފަހު ކާޑެއްދޫ އަށް އަރަން ހިގައިގަތެވެ. ހައިރާން ކުރުވަނި ގޮތަކަށް އަނެއްކާ ރަށް ގެއްލުނެވެ. ގޮއިމަކަލޯއެއްވެސް ފެންނާކަށް ނެތެވެ. ހަމައެކަނި ފެންނަން ހުރީ ގޮއިމަކަލޯގެ ގެއެވެ. އެހެން ގެއެއްވެސް ފެންނާކަށް ނެތެވެ.

އެއިރު ގޮއިމަކަލޯ ދިގު ރުކެއްގެ ކުރީގައި އޮވެގެން ހަމަ ފަންޑިތަ ހަދާ ކިޔަވަނީއެވެ. ދެން ވާދޫ ކަންވެރި ކަލޭގެފާނު އަވަސް އަވަހަށް ހިގައިގަތީ ގޮއިމަކަލޯ އާއި ހަމަލާދޭން އެގެއަށް ވަންނާށެވެ. މިކަލޭގެފާނު ބާރަށް ހިގާފައި އަންނަތަން ފެނިފައި ދޮރުއޮޅިމަތީގައި އޮތް ބާސްމާނު ގުޅަވަރު ވައްޓާލަން ހަވާލުކޮށްފައިވާ ޖިންނި ބިރުގަތެވެ. އަދި ބިރުން ތުރުތުރު އަޅައިގަތް ބާރުކަމުން ބާސްމާނު ގުޅަވަރު އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.

ގުޅަވަރު ބިންމައްޗަށް ވެއްޓުމާއެކު، ރަށުގެ އެންމެންނާއި ގޮއިމަކަލޯ މަރުވެ ނެތި ހިގައްޖެއެވެ. ދިރިތިބީ ހަމައެކަނި ޖިންނިއާއި ވާދޫ ކަންވެރި ކަލޭގެފާނެވެ. އެކަލޭގެފާނުވެސް އޮތީ ހޭނެތިގެން ބިއްމައްޗަށް ވެއްޓިފައެވެ. ދެން ޖިންނި އެކަލޭގެފާނު ނަގައިގެން ގެންގޮސް ވާދޫއަށް ލިޔެވެ. ޖިންނި ވާދޫން އެބުރި ކާޑެއްދޫއަށް އައިއިރު އެރަށު ފަޅުގައި ދަތުރު ކުރާ ބައްތެއްޔެއް އޮތެވެ. އެރަށުގައި އެއްވެސް ދިރިހުރި އިންސާނަކު ފެންނަންނެތުމުން، މި ބައްތެލީގެ މީހުން، ކާޑެއްދޫގެ ގޭތަކުގައި ހުރި މުދާތައް ބައްތެއްޔަށް އަރުވަނީއެވެ. މުދާ އަރުވައި ބަރުކޮށްގެން ބައްތެލި ފުރުމުން، ބައްތެލީގެ ފަހަތުން ޖިންނި ގޮސް ބެލިއިރު، އެއީ ކޮލަމާފުށީ ބައްތެއްޔެކެވެ. އަދި ބައްތެލި ރަށަށް ގޮސް މުދާ ބޭލުމުން، އެރަށުގެ ވަރަށް ގިނަމީހުން ފުރައިގެންގޮސް ކާޑެއްދޫއިން މުދާ އެރަށަށް ގެނައެވެ.

އޭގެފަހުން ކޮންމެ އަހަރަކުވެސް ކޮލަމާފުށީގެ ވަރަށް ގިނަ ގެތައް ގޮތް ނޭނގޭ އާދަޔާޚިލާފު ގޮތްގޮތަށް އަލިފާނުގެ ހާދިސާތައް ހިގައި މުޅި މުދާ އަދައިގެންދާކަމުގައި ވެއެވެ. މިއީ ސީދާ ކާޑެއްދޫ ގޮއިމަކަލޯ ގެންގުޅުނު ޖިންނިއާއި ގުޅުންހުރި ކަމެއް ކަމެއް ސީދާ ނޭނގެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ