
Dr.Jameel Vp
ފުލުހުން ތެރޭގައި ޣައިރުޤާނޫނީ އަމަލުތައް އާއްމުވަނީ ބިރުވެރި މިންވަރަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ރޭ މުޒާހަރާގައި ފުލުހުން ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށްފައިވާކަމަށްބުނެ އިދާރާތަކާއި މުއައްސަސާތަކުން އެމައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައިވަނިކޮށެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުން ތިބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ގެ ފިނޑި ސިޔާސަތު ދިފާއުކުރަން ފޫގަޅާލާފައިކަމަށާއި. ވެރިކަން ފެށުނީއްސުރެ ސުލްހަވެރި އިޙްތިޖާޖުގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރާކަމަށެވެ. ޖަމީލް އިތުރަށް ވިދާޅުވީ، ފުލުހުންގެ ތެރޭގައި ޣައިރުޤާނޫނީ ޢަމަލުތައް އާއްމުވަމުންދަނީ ބިރުވެރި މިންވަރަކަށް ކަމަށާއި، ފުލުހުން އަތުގައި އަނިޔާވެރިވުމުގެ ލައިސެންސް އޮތްކަމަށް ދެއްކުން ހުއްޓުވަންޖެހޭކަމަށެވެ.
ރޭގައި އާންމުން ކުރިޔަށް ގެންދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. މި އިހްތިޖާޖު އެމީހުން ފެށީ ރަސްފަންނު ސަރަޙައްދުންނެވެ. އެއްވުމުގެ ބައިވެރިން މަޖީދީމަގުން ހިނގައިގަންނަން އުޅުމުން ފުލުހުން ވަނީ ބައިވެރިން ހުއްޓުވާ އަޑުގަދަކުރަން ބޭނުން ކުރާ ލައުޑް އަތުލާފަ އެވެ. އަދި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާފަ އެވެ.
ރޭ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރިގޮތް ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ކޮމިޝަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.












