logoEN
ކޮކާކޯލާ
ސިޔާސީ ދާއިރާގެ ފުރަތަމަ ފިޔަވަޅު ކާމިޔާބު, ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކުރަން

ސިޔާސީ ދާއިރާގެ ފުރަތަމަ ފިޔަވަޅު ކާމިޔާބު, ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކުރަން

# ގދ. ތިނަދޫ ކައުންސިލް# މުޙައްމަދު ޒަލީފް އަބްދުﷲ# ގާފު ފީޗަރ

2C161EE5-5361-4ECD-838B-B8BABCCDEBD0

މުޙައްމަދު ޒަލީފް އަބްދުالله އަކީ ރާއްޖޭގެ އެއްވެސް މީހަކަށް ނޭނގޭނެ ނަމެއް ނޫނެވެ. މޯލްޑިވިއަން އައިޑަލްގެ ސްޓޭޖުން ވިދާލި ޒަލީފް, ނުވަތަ "ފިޓް ގާއި" ވެގެން ދިޔައީ އެ ޝޯއަށް މީހުންގެ ހިތްތައް ލަންބާލި އެއް މޫނަށެވެ. އޭ ޝޯއަށްފަހު ލަވަކިއުމުގެ ދާއިރާގައި އުޅުމަށްފަހު ޒަލީފް ފެނިގެން ދިޔައީ ސިޔާސީ ދާއިރާއިންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރުން ފެށިގެން ސިޔާސީ ދާއިރާގައި ޒަލީފް މަސައްކަތް ފެށީ އުއްމީދަކާ އެކު އެވެ.

އަބުޅޯ

ޒަލީފް ކިޔައިދިން ގޮތުގައި, ސިޔާސީ ދާއިރާގެ "ފަރުދާ ފުރަގަހުގައި" މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެދާނެ އެވެ. އަދި އެ ދާއިރާގެ އެކި މަސައްކަތްތަކުގައި އުޅޭތާ މިހާރު ތިން އަހަރު ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ތިން އަހަރު ޒަލީފް މަސައްކަތް ކޮށްފައިވަނީ އިދިކޮޅުގައި މިހާރު އޮތް ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) ގެ ކުރިއެރުމަށެވެ.

ޕީޕީއެމްގެ ކުރީ ސަފުގައި ގދ. ތިނަދޫގައި އެކި ގޮތް ގޮތުން ރަށާއި, ރަށުގެ ތަރައްގީއަށް ޒަލީފް ވަނީ މަސައްކަތްކުރައްވާފައެވެ. އެ މަސައްކަތްތަކަށް އިތުރުވެގެން ދިޔަ ބޮޅަކީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އޭނާއަށް ތިނަދޫ ކައުންސިލުން ކަށަވަރުވި ގޮނޑިއެވެ. މިއީ ސިޔާސީ ދާއިރާގައި އޭނާ އެޅި ފުރަތަމަ ފިޔަވަޅެވެ. އެ ފިޔަވަޅު އޭނާ ކާމިޔާބު ކުރީވެސް ތަފާތު ދައްކައިގެންނެވެ. ޒުވާނުންގެ ތާއީދާއެކު ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި ކެނޑިޑޭޓަކީ ޒަލީފެވެ. އެންމެ ގިނައިން ވޯޓު ހޯދީ އަޙްމަދު ވަހީދު (ރަކާ) އެވެ. އެއީ 1331 ވޯޓެވެ. ދެން އެންމެ ގިނައިން ވޯޓު ހޯދީ ޒަލީފެވެ. ޒަލީފަށް ލިބުނީ 1307 ވޯޓެވެ.

"މިކަމަކީ އަޅުގަނޑު ވަރަށް ކުރީއްސުރެވެސް ވިސްނަމުން އައި ކަމެއް. ގދ. ތިނަދޫ ކައުންސިލަކީ ދުވަހަކުވެސް ޕީޕީއެމް އަދި އެނޫންވެސް ފިކުރެއްގެ ބަޔަކު އައިސްފައި އޮތް ކައުންސިލަކަށް ނުވާތީވެ. 100 ޕަސެންޓު އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލަކަށް ވާތީވެ ކައުންސިލަށް އައިސް ރައްޔިތުންގެ މާޔޫސްކަން ފިލުވާލުމަށް. ރައްޔިތުން މާޔޫސްކަމެއްގެ ތެރޭގައި އޮތީ އެމްޑީޕީ ކައުންސިލާ ހެދި. އެޅި ވޯޓުން ރައްޔިތުން އެކަން ހަރު އަޑުން އިއްވައިފި"

އެ އިންތިޚާބުގައި އޭނާއަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން އޭނާ ޝުކުރު އަދާ ކުރެއެވެ. އެ ދާއިރާއަށް އޭނާ ނުކުތީ ތިނަދޫގެ ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދީ, ކަންތައްތަކެއް ކޮށްދިނުމުގެ އުއްމީދުގައެވެ. އެ އުއްމީދުގައި ކުލަ ޖެހި, ހަގީގަތަކަށް ވެއްޖެ އެވެ.

ސިޔާސީ ދާއިރާއަކީ ވަރަށް ކުރީއްސުރެ ޒަލީފްގެ ޝައުގުވެރިކަން ހުންނަ ދާއިރާއެކެވެ. އެންމެ ފުރަތަމަ އެ ދާއިރާގައި ޒަލީފް ހަރަކާތްތެރިވީ ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާތަކާއި އެމަނިކުފާނު ބައިވެރިވާ އެހެނިހެން ޖަލްސާތަކުގައެވެ. އޭރު އެކި ލީޑަރުންގެ މަސައްކަތްތަކުގައިވެސް ޒަލީފް ވަނީ ހަރަކާތްތެރިވެފައެވެ. އެދާއިރާއަށް ޒަލީފް ޝައުގުވެރިކުރުވި އެއް ފަރާތަކީ އަބްދުالله ޙަމީދުގެ ދަރިކަލުން ހަމްދޫން ޙަމީދެވެ.

"ޙަމްދޫން ޙަމީދަކީ އަޅުގަނޑު ސިޔާސީ ދާއިރާއަށް ނުކުތް އެއް އަސްލު ޙަގީގަތުގަ. އޭރުއްސުރެވެސް އަޅުގަނޑުގެ އާއިލާއަކީ ސިޔާސީ އާއިލާއަކަށް ވުމާއެކީ މި ދާއިރާއަށް ނުކުންނަން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ. މިއުޒިކް ދާއިރާގައި އުޅުމަށްފަހު ސިޔާސީ ދާއިރާއަށް ނުކުންނަން ފުދޭ ވަރަކަށް މީހުންގެ އެއްބާރުލުން ބޭނުންވާނެ. އެކަމަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު އާއިލާގެ ފަރާތުންނާއި ޕީޕީއެމްގެ ފަރާތުން,"

ތިނަދޫ ކައުންސިލުން ޒަލީފަށް ޖާގަ ލިބުމާ ގުޅިގެން ޒަލީފްގެ އުއްމީދީ ތަސައްވުރުތަކެއްވެސް އެބަހުއްޓެވެ. ރަށުގެ ތަރައްގީއާއި ކުރިއެރުމަށް އެޅޭ ކަޅު ހިޔަންޏަކަށް ވާން ޒަލީފް ބޭނުމެއް ނުވެއެވެ. އަދި އިދިކޮޅު ކޯލިޝަނުގެ މެމްބަރެއްގެ ގޮތުގައި ކައުންސިލްގައި މަސައްކަތްކުރި ނަމަވެސް އެފަދަ އެއްވެސް މަޝްރޫއެއް ހުއްޓުވުމަށް މަސައްކަތް ކުރަން ޒަލީފް ބޭނުމެއް ނުވެއެވެ. ޒަލީފް ބޭނުންވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށެވެ.

"ރައްޔިތުން ކަމަކަށް އެދިގެން ކައުންސިލަށް ދާއިރުގަ އެއީ ރައްޔިތުންނަށް އެޅޭ ހުރަހަކަށް ނުވެ ރައްޔިތު މީހާ އައްޔަންކުރި ކެންޑިޑޭޓާ ބައްދަލުކުރެވެން ޖެހޭނެ. އެބައި އަޅުގަނޑު ބޭނުންވަނީ މި ފަސް އަހަރު ނިމިގެންދާއިރު އެކަންތައް ރަނގަޅުކުރަން. އަޅުގަނޑު މިއީ ޕްރޮގްރެސިވް ޕާޓީގެ މެމްބަރެއް. ޕްރޮގްރެސްގެ މާނައަކީ ކުރިއެރުން. އަޅުގަނޑުމެންނަކީ އެއްވެސް ގޮތަކަށް ކުރިއެރުމަކަށް ހުރަސް އަޅާނެ ބައެއް ނޫން. އެއީ އަޅުގަނޑުމެންގެ ޕާޓީގެ މޮޓޯއަކީވެސް"

މިފަހަރު ތިނަދޫ ކައުންސިލަށް އިންތިޚާބުވީ އެމްޑީޕީ އަދި ޕީޕީއެމްގެ މެމްބަރުން ހިމެނޭ ހެން ދެ ފިކުރުގެ މެމްބަރުންނެވެ. ޕީޕީއެމަށް ކައުންސިލްގެ ތިން ގޮނޑި ލިބުނު އިރު އެމްޑީޕީއަށް ހަތަރު ގޮނޑި ވަނީ ލިބިފައެވެ. ޒަލީފް ވިދާޅުވީ ވަކި ފިކުރަކަށް ނުބަލައި ރައްޔިތުން ބޭނުންވާ ގޮތަށް ކައުންސިލްގެ ހުރިހާ މެމްބަރުންގެ އެއްބާރުލުމާއެކު, ތިނަދޫ އަކީ ތިނަދޫ ރައްޔިތުން ފަޚުރުވެރިވާ ފަދަ ތަނަކަށް ހެދުން އެއީ މަޤްސަދެއް ކަމަށެވެ.

"ލާމަރުކަޒީ ނިޒާމުން އަޅުގަނޑުމެންނަށް ދޫކޮށްފައިހުރި ބާރުތައް ހިފައިގެން އަޅުގަނޑުމެން ބަލާނީ ގދ. ތިނަދޫ އެއީ ރައްޔިތުން ހިތްހަމަޖެހޭ ހިތްފަސޭހަ މައިދާނަކަށް ވެގެންދިއުން އެއީ އަަޅުގަނޑުމެން ބޭނުންވާ ގޮތް"

ޒަލީފް ވިދާޅުވީ އެއް ޕާޓީއަކަށް ކައުންސިލްގެ ހުރިހާ ގޮނޑިއެއް ދިނުމުގެ ސަބަބުން ކައުންސިލްތެރޭގައި ހިނގާ ކަންކަން ރައްޔިތުންނާ ހަމައަށް ނައިސް މަޑުޖެހިގެން ދާ ކަމަށެވެ. އަދި ބައެއް ކަންތައްތައް ވާނުވާ ހިސާބަށްވެސް ދާ ފަހަރު އަންނަ ކަމަށެވެ. އެފަދަ ކަންކަން ކުރީގެ ކައުންސިލްތަކުންވެސް ފެންނާން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް އެބަ އެނގެން ޖެހޭ, މިވެނިކަމެއް މިވެނި ގޮތަކަށް މިއަދު ނިމިގެން ގޮސްފިއޭ. ނޫނީ މިވެނި ކަމެއް މިވެނި ގޮތަކަށް ދާން ޖެހުނީ މިހެން ވެގެންނޭ. އެބައި ރައްޔިތުންނަށް އެބަ އެނގެން ޖެހޭ. ދެން އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ދެކެނީ ޒުވާނުން ބާރުވެރިކުން"

ކައުންސިލްގެ ފަސް އަހަރުގެ ދައުރުގައި ޒަލީފް އެންމެ ބޮޑު އިސްކަމެއް ދޭނީ ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށެވެ. އެގޮތުން ދައުރު ނިމޭ އިރު, ރަށަށް ޚިދުމަތްކުރާނެ ޒުވާނުންތަކެއް ބިނާ ކުރުމަކީވެސް ޒަލީފްގެ ތަސައްވުރެކެވެ. އޭގެ އިތުރުން ކައުންސިލްގެ މަސައްކަތްތަކާއި ނިންމުންތައް ރައްޔިތުންނަށް އެނގޭނެ ނިޒާމެއް ގާއިމް ކުރުމަކީވެސް ޒަލީފްގެ ތަސައްވުރެކެވެ.

"ޒުވާނުންނަކީ ފަސް އަހަރު ނިމިގެންދާއިރުގަ ތިނަދޫގައި ކަންތައްތައް ހިންގޭ ވަރުގެ ބައެއް ކަމަށް ހެދުން. ޒުވާނުންގެ އާބާދީ ބޮޑު ތަނެއް ތިނަދޫ އަކީ. ޒުވާނުން ތަމްސީލު ކުރާ ޒުވާނުން ވަރުގަދަ ކުރާ ކެންޑިޑޭޓުންތަކެއް އުފައްދާފަ ދިއުން. އެއީ ޕާޓީ ގޮތުން ވިޔަސް. މުޅި ތިނަދޫން ކަމުގައިވިޔަސް. އެއާ އެކުއެކީ ނަޒާހަތްތެރިކަމާއެކީ ދެފުށް ފެންނަ ގޮތަށް ކައުންސިލްގެ މަސައްކަތްތައް ރައްޔިތުންނަށް ހާމަކޮށްދޭ ކައުންސިލަކަށް ވެގެން ދިއުން,"

ތިނަދޫ ކައުންސިލަށް މިފަހަރު އިންތިޚާބުވެފައި ތިބި މެމްބަރުންނަށް ބަލާއިރު, އެންމެންނަކީވެސް ފަންނުވެރި މެމްބަރުންނެވެ. ހަމަ އެގޮތުން ޒަލީފަކީވެސް ކުރިން ފާހަގަކުރި ފަދައިން ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިއެކެވެ. އެ އަޑުގެ ޖާދޫގައި ނުޖެހި ހުރި ދިވެއްސަކު މަދުވެސް ވާނެ އެވެ. ޒަލީފް ވިދާޅުވި ގޮތުގައި ލަވަކިއުމަކީ އޭނާ "ހޮބީ"އެއްގެ ގޮތުގައި ކުރާ ކަމެކެވެ. އެހެން ކަމުން ކައުންސިލަށް ހޮވުމާ ގުޅިގެން ކުރިއަށް އޮތް ފަސް އަހަރު ކޮންމެވެސް ވަރަކަށް އޭނާގެ އަޑު މިއުޒިކީ ދާއިރާއިން ފަނޑުވެދާނެ އެވެ.

"ކައުންސިލަށް ހޮވިފަ ވީމަ ބްރޯޑްކޮށް މިއުޒިކީ ދާއިރާގަ މި ފަސް އަހަރު އަޅުގަނޑު ފަނޑުކޮށް ދިއުން އެކަށީގެންވޭ. ސަޕޯޓަރުންނަށް އަޅުގަނޑު ބުނެލާނީ މިއުޒިކީ ދާއިރާއާ އަޅުގަނޑު އެކަހެރި ނުވަމޭ. އެކަމަކު މި ދަނޑިވަޅުގަ އަޅުގަނޑު ބޮޑަށް ބަލާނީ އަޅުގަނޑާ ހަވާލުކޮށްފައިމިވާ މަސްއޫލިއްޔަތު އަދާ ކުރެވޭތޯއޭ"

"ގާފު"ގެ ފަރާތުން ޒަލީފަށް އެދެނީ އުޖާލާ ކުރިމަގަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ