logoEN
ކޮކާކޯލާ
ރައްޔިތުންގެ ދަރިން, ރައްޔިތުންގެ ޚިދުމަތުގައި - އެމްޓީސީސީގެ އަސަރުގަދަ ވީޑިއޯއެއް!

ރައްޔިތުންގެ ދަރިން, ރައްޔިތުންގެ ޚިދުމަތުގައި - އެމްޓީސީސީގެ އަސަރުގަދަ ވީޑިއޯއެއް!

# އެމްޓީސީސީ

Screenshot 2021-04-20 at 04.55.22

ދައްކުވައިދެނީ ދިވެހި ޢާއިލާއެއްގެ އާދައިގެ ދިރިއުޅުމެވެ. ފަގީރު އާއިލާއެކެވެ. ރަމަޟާން މަހަށް ގޭތެރޭގެ ޚަރަދު ބަރަދު ބަލަހައްޓާނެ ގޮތެއް ނެތިފައި ހުރި ބައްޕައެކެވެ. އާއިލާގެ އެއްވެސް މީހަކު ވަޒީފާގައި ނޫޅެ އެވެ. ނަމަވެސް ވަޒީފާއެއް ހޯދަމުންދާ ކަން ހާމަވެއެވެ.

އަބުޅޯ

"އަންހެން ކުއްޖަކަށް ލިބޭނީ ކޮންމެވެސް ކައުންޓަރަކުން ދޯ ވަޒީފާ. މާ ބޮޑު އެއްޗެއް ނުލިބޭނެ" މިއީ ބައްޕައަކު އޭނާގެ އަންހެން ދަރިފުޅަށް ވަޒީފާއެއް ލިބުން ދަތިވާނެ ކަމަށް ބުނެ ދިން ޖަވާބެވެ.

މިއީ ރާއްޖޭގެ ޒަމާންވީ އާދައެކެވެ. އަންހެނުންނަށް ވަޒީފާ ލިބުމަކީ, ނުވަތަ އަންހެނުން ވަޒީފާގައި އުޅުންވެސް އޮންނަނީ ހުތުރު ކަމަކަށް ހަދާލާފައެވެ. މި ވީޑިއޯއިން ދައްކުވައިދެނީ އަންހެނަކަށް ރަނގަޅު ވަޒީފާއެއް ނުލިބޭނެ ކަމަށް ބުނުމުން އަންހެން ދަރިއަކަށް ވަޒީފާ ލިބި, ކުރިއެރުން ލިބޭ ގޮތާއި އެކަމުން އެ އާއިލާއަށް ލިބޭ އުފާވެރިކަމެވެ.

އަންހެން ކުއްޖާ ދަނީ އެމްޓީސީސީގެ "ފަޅުވެރި"އެއްގެ އިންޓަވިއު އަށެވެ.

"ކައުންޓަރެއްގެ ފަހަތުގައި އިންނަން ނުޖެހެންޏާ އަޅުގަނޑަށް ހަމަ އެންމެ ރަނގަޅު" މިއީ އިންޓަވިއުގައި އެ ކުއްޖާ ބުނެލި ބަހެވެ. ބައްޕަގެ ދުލުން އަޑު އިވުނު ބަސްތައް އެ ކުއްޖާގެ ހިތާއި ސިކުނޑި ޒަޚަމްކޮށްލާފައިވާ ކަން ވަރަށް ރަނގަޅަށް ސާފު ވެގެން ދެއެވެ. ނަމަވެސް އެ ކުއްޖާގެ ވަރުގަދަ އަޒުމް ފެނި އިންޓަވިއު ބޯޑުން އެކުއްޖާއަށް ވަޒީފާން ދޭން ނިންމައެވެ.

ދެން ފެންނަނީ އެމްޓީސީސީގެ ފެރީތަކުގައި ފަޅުވެރިއެއްގެ ވަޒީފާ އަދާ ކުރާ މަންޒަރެވެ. ޓާމިނަލްތަކަށް ކައިރިކޮށްލުމުން ވާ އެއްސުމާއި ކެޕްޓަނަށް ރާސްތާ ދައްކައި ހަދާ މަންޒަރު ފެނެއެވެ. އާންމުކޮށް ފިރިހެނުން ކުރާ އެ މަސައްކަތް އެ އަންހެން ކުއްޖާ ކުރަނީ ކުރާ ހިތުންކަން އެ ވީޑިއޯއިން ދައްކުވައިދެއެވެ.

ދެން ފެންނަނީ އެމްޓީސީސީގެ ބަހެއްގައި ޓިކެޓު ކަނޑަށް އެކުއްޖާ އުޅޭ މަންޒަރެވެ. އެ ކަމަކީވެސް އާންމުކޮށް އަންހެން ކުދިން ގަޔާވާ ކަމެއް ނޫނެވެ. އަދި އެ ފަދަ ވަޒީފާތަކުގައި ގިނަ ފަހަރު އުޅޭތަންވެސް ފެންނަނީ ފިރިހެނުންނެވެ. ނަމަވެސް އަޒުމާއި ހިތްވަރާއެކު އެ ކުއްޖާ ދިޔައީ ކުރިއަށެވެ. އޭގެ ފަހުން ކުންފުނީގެ މެރިން ޑިޕާޓްމަންޓަށް ބަދަލުވާން ފުރުސަތު ލިބި, ސުޒޫކީ ޝޯރޫމުގައި ސޭލްސް ގާލްއެއްގެ ގޮތުގައިވެސް މަސައްކަތް ކުރާތަން ފެނެއެވެ.

ދެން ފެނިގެން ދަނީ ކުންފުނީގެ ތެރެއިން ތަމްރީނުގެ ފުރުސަތު ލިބި, އަންޑަރ ވޯޓާ ވެލްޑިން ކޯހެއް ފުރިހަމަކުރާ މަންޒަރެވެ. އަދި ޕްރޮޖެކްޓް މެނޭޖްމަންޓު ދާއިރާއިންވެސް ތަމްރީން ހޯދައެވެ. އެއަށްފަހު އެ ކުއްޖާއަށް ވަޒީފާގެ ކުރިއެރުން ލިބި, ކުންފުނީގެ ޕްރޮޖެކްޓް ސައިޓުތައް ސުޕަވައިޒް ކުރާ މަންޒަރުވެސް ދައްކުވައިދެއެވެ.

އަންހެން ކުއްޖާއަށް ލިބުނު ކުރިއެރުމާއެކު އެ ކުއްޖާގެ އާއިލާއަށްވެސް ތަނަވަސްކަން ލިބި, ރަމަޟާން މަހަށް ބޭނުންވާ ކާޑުގެ ބާވަތްތައްވެސް ލިބޭ ގޮތް ވީ އެވެ.

ވީޑިއޯގައި އެންމެ ފަހުން ދައްކުވައިދެނީ އައްޑޫ ސިޓީގެ މަގުތަކުގެ މަޝްރޫއެއްގެ ތެރެއިން މީޑިއާއަށް މައުލޫމާތު ދޭ މަންޒަރެވެ. އެ މަންޒަރު ޓީވީ މެދުވެރިކޮށް އެ އަންހެން ކުއްޖާގެ އާއިލާއަށް ފެނި, އާއިލާގެ ތެރޭގައި އުފާވެރިކަމުގެ މާހައުލެއް ފެނެއެވެ. އެއާއެކު ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއިން އެކުއްޖާއަށް ގުޅައެވެ.

އެ މަންޒަރު ވެގެން ދިޔައީ ގައިން ހީބިހި ނަގާ ފަދަ މަންޒަރަކަށެވެ. އެއްކަލަ ދުވަހު އަންހެން ދަރިއަށް އިތުބާރު ނުކޮށް, އަންހެނަކަށް ވަޒީފާ ނުލިބޭނެ ކަމަށް ބުނި ބައްޕަ ކަރުނުން ފޯވެ ރޯން އިންނަ މަންޒަރު ފެނެއެވެ. އުފަލުންނެވެ. އަމިއްލަ އަންހެން ދަރިފުޅަށް ލިބުނު ކުރިއެރުމާމެދު އަޖައިބުވެ, ކުރިން އިތުބާރު ނުކުރެވުނީތީއެވެ. އަދި އެފަދަ ބަހެއް ބުނެވުނީތީ ކަމަށްވެސް ވެދާނެ އެވެ. ބައްޕައަށް އެކުއްޖާއާ ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ހަމަ އެހިނދު, ގިސްލެވޭ ޙާލު, އެ އަންހެން ކުއްޖާގެ ލޮލުންވެސް ކަރުނަތައް ދިޔައީ އޮހޮރެމުންނެވެ. ހުއްޓުމެއް ނެތިއެވެ. ބައްޕަގެ މޫނުމަތިން އުފާވެރިކަން ފެނި ފެންކަޅިވީއެވެ.

ބައްޕައަށް ވާހަކަ ނުދެކެވުމުން, ފިރިހެން ކޮއްކޮ ފޯނު ނަގައި ދައްތަ ގާތު ބުނެލީ އަދި އެއަށްވުރެ މާ އަސަރު ގަދަ ޖުމްލަ އެކެވެ.

"ބައްޕަ މިހާރު ބޭނުންވަނީ ހުސް އަންހެން ދަރިން" މިހެންނެވެ.

އެމްޓީސީސީގެ މި ވީޑިއޯއިން ފެނިގެން ދަނީ ދިވެހިންގެ އާންމު އާދަކާދައާއި ގުޅިފައިވާ އިޖްތިމާއީ މައްސަލައެކެވެ. އެއީ އަންހެނުންނާއި އަންހެން ދަރިން ނިކަމެތިކޮށްލަން ނޭނގި ނަމަވެސް ކުރެވޭ ނުވަތަ ބުނެވޭ ބަސްބަހެވެ. ވީޑިއޯއިން ދައްކުވައިދެނީ އަންހެނުންނަކީވެސް މުޖްތަމައާއި ގައުމަށް, ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތް ކުރެވޭނެ ބައެއް ކަމެވެ. އަދި އަންހެނުންނަށް އެ ކުންފުނިން ފުރުސަތު ލިބޭނެ ކަމާއި އެ ފުރުސަތު އެހެން ކުންފުނިތަކުންވެސް ފަހި ކުރަން ޖެހޭ ކަމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ