އިންތިޒާރުގެ ފަހު ވަގުތު – ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ފަށައިފި

ތިނަދޫގެ ވޯޓުލާ މަރުކަޒެއްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ --- ގާފު ފޮޓޯ

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ބައެއް ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފިއެވެ.

މުޅި ރާއްޖޭގައި މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި މިހާތަނަށް 180،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، މުޅި ރާއްޖެ އޮތީ ވޯޓުގެ ނަތީޖާގެ އިންތިޒާރުގައެވެ. ބައެއް ފޮށި ތަކުގެ ވޯޓު ގުނަން ފަށާފައިވާއިރު، ބައެއް ފޮށިތަކަށް އަދިވެސް ވޯޓު ލުން ދަނީ ކުރިއަށެވެ. ވޯޓު ގުނަން ފަށާފައިވަނީ އަތޮޅު ތެރޭގެ ރަށްރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް، އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭ 18:50 އާ ހަމައަށް ވޯޓު ލި މީހުންގެ އަދަދަކީ 178،280 ކަމަށެވެ. އަދި މިހާތަނަށް 523 ފޮށްޓެއްގެ ވޯޓުލުން ބަންދުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ފަރާތުން 647 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަ ކުރާއިރު ޖުމްހޫރީ ޕާޓީން ވެސް 115 ކެންޑިޑޭޓުން ނެރެފައިވެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް