logoEN
cocacola
ޝާއިރެއް، އެދުރެއް - އުމުރު ހޭދަކޮށްލީ އުނގަންނައިދިނުމުގައި

ޝާއިރެއް، އެދުރެއް - އުމުރު ހޭދަކޮށްލީ އުނގަންނައިދިނުމުގައި

# ގާފު ޚިދުމަތްތެރިން

Ajeeb_Sir_feature

ހުވަދު އަތޮޅު ދެކުނުބުރީގެ ވެރިކަންކުރާ ގދ. ތިނަދޫ ފަހަގަވަނީ އެކި ދާއިރާތަކުގެ ފަންނީ ބޭބޭފުޅުންގެ މިންނެތް މަސައްކަތުން ތަރައްގީވެ ތަހުޒީބުވަމުން އަންނަ މުޖުތަމައެއް އޮތް މަރުކަޒީ ރަށެއްގެ ގޮތުގައެވެ. ތަޢުލީމީ ގޮތުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ވަނަތައް ޙާސިލްކޮށްފައިވާ ދަރިވަރުންތަކެއް ބިނާކޮށްފައިވާ ބިމެއްގެ ގޮތުގައެވެ.

ގޮސިޔާ

"ގާފު ޚިދުމަތްތެރިން" ސެގްމެންޓުގައި މިފަހަރު ފީޗަރ މިކޮށްލަނީ ގދ. ތިނަދޫއަށް އުފަން، އެރަށަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ އަދި މިހާރުވެސް ޚިދުމަތްކުރައްވަމުންގެންދަވާ އެދުރެކެވެ. މުޙައްމަދު އަޖީބު, ނުވަޔަ އާންމު ނަމުން ނަމަ އެންމެންގެ "އަޖީއްބެ"ގެ ޕްރޮފައިލެވެ.

މިހާރު އުމުރުން 52 އަހަރުގެ އަޖީއްބެ އުނގަންނައިދިނުމުގެ ދާއިރާއަށް ޚިދުމަތްކުރަން އަތުކުރި އޮޅައިލީ މީގެ 32 އަހަރު ކުރިންނެވެ. އެއީ 1980ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. އެއީ ގްރޭޑުތަކަށް ބަހާލައިގެން ކިޔަވައިދިން ދުވަސްވަރެއް ނޫނެވެ. އޭރު ރާއްޖޭގައި ތައުލީމް ފޯރުކޮށްދިނީ ސްކޫލުތަކުގައި ބާއްވާ ޚާއްސަ ކްލާސްތަކެއް މެދުވެރިކޮށެވެ. އެއީ މިހާރުގެ ތައުލީމީ ފެންވަރާ އަޅައިކިޔާނަމަ ގްރޭޑް 7 ނުވަތަ ގްރޭޑް 8ގެ ފެންވަރެވެ.

އަޖީއްބެ ތައުލީމް ޙާސިލްކުރީ ތިނަދޫގައި އޭރު ހުރި ސްކޫލް ކަމުގައިވާ ގދ. އަތޮޅު ސްކޫލުގައެވެ. ތައުލީމް ހާސިލްކުރަމުން ދިޔަ ދުވަސްވަރު އެ ސްކޫލު ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ބަދަލުވި އިރު އެ ސްކޫލުގެ އެންމެ ފުރަތަމަ ބެޗްގެ ދަރިވަރުންގެ ތެރޭގައި އަޖީއްބެ ހިމެނުނެވެ. އެއީ އެހާ ތައުލީމީ ދުވަސްވަރެއް ނޫނެވެ. ނަމަވެސް އަޖީއްބެ އަކީ އޭރުވެސް ތޫނުފިލި ކުއްޖެކެވެ. ސްކޫލު ނިމިގެން އުނގަންނައިދިނުމުގެ ދާއިރާއަށް އަޖީއްބެގެ ޝައުގުވެރިކަން އުފެދުނީ އޭރު އަޖީއްބެގެ ހެޑްމާސްޓަރ ފަރާތުން "އިންސްޕަޔަރ" ވެގެންނެވެ.

undefined

"ސްކޫލް ނިންމާލާފަ، އަޅުގަނޑުގެ ހެޑްމާސްޓަރ، އަޅުގަނޑަށް އިރުޝާދު ދެއްވީ ތިނަދޫއަށް ޚިދުމަތެއް އެބަޖެހެއޭ ކޮށްދޭން. އެއީ މިހާރުވެސް ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް، ސައީދު އަޙުމަދު. އެއީ އޭރު އަޅުގަނޑުގެ ހެޑްމާސްޓަރ، ވަރަށް ހިތްވަދު ދެއްވި އަޅުގަނޑުމެންނާއެކު ސްކޫލް ނިންމި ހުރިހާ ދަރިވަރުންގެ ތެރެއިން ކުދިންކޮޅެއް އެއްކޮށްލާފަ ވިދާޅުވީ ތިނަދޫއިން އެބަޖެހެއޭ ޓީޗަރުން ތަމްރީންވާން،"

އެހިސާބުން އަޖީއްބެ ނިންމީ މުދައްރިސްކަމުގެ ސަނަދު ހޯދުމަށެވެ. އޭރު އުމުރުން 18 އަހަރުވެސް ނުވާނެ އެވެ. ހެޑްމާސްޓަރުގެ ފަރާތުން ލިބުނު ހިތްވަރާއެކު މާލެ ގޮސް "ޓީޗަރ ޓްރެއިނިން" ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް އަޖީއްބެ އައީ އުމުރުން 18 އަހަރުގައެވެ. އެއީ 1987 ވަނަ އަހަރެވެ. އަޖީއްބެގެ ތައުލީމީ ކެރިއަރ ފެށުނު އަހަރެވެ.

ރަށަށް ޚިދުމަތް ކުރުމުގެ މަގްސަދުގައި މުދައްރިސްކަމުގެ ތަމްރީން ހާސިލްކޮށްގެން އައިސް އަޖީއްބެ ޚިދުމަތްކުރީ ޚުދު އަޖީއްބެވެސް ތަޢުލީމް ޙާސިލްކުރި ގދ. އަތޮޅު ތައުލީމީ މަރުކަޒަށެވެ. މިހާރު މުޅި ރާއްޖެއަށްވެސް މަޝްހޫރު އެ ސްކޫލުގައި އަޖީއްބެ ފުރަތަމަ އަދާ ކުރީ "ޕްރައިމަރީ ޓީޗަރެއް"ގެ މަގާމެވެ. ނަމަވެސް އޭރު ރާއްޖޭގެ ތައުލީމީ ޙާލަތު މިހައި ކުރިއަރާފައި ނުވުމުން އަޖީއްބެގެވެސް ތައުލީމީ މާ ބޮޑު ފެންވަރެއް ނެތް ކަމަށް އަޖީއްބެ ބުންޏެވެ.

undefined

"އޭރު އަޅުގަނޑުމެން ފެށިއިރުގަ ޙަގީގަތުގަ ތައުލީމީ ގޮތުން އަޅުގަނޑުމެންގެވެސް މާ ބޮޑު ފެންވަރެއް ނެތް. ހަމަ އެހެންމެ އޭރު ސްކޫލުގަ ކިޔަވާ ކުދިންގެވެސް އޭރު ފެންވަރު ވަރަށް ދަށް. އެއީ ރާއްޖެއަށް ޒަމާނީ ތައުލީމް ތައާރަފްވެގެން ދިޔަ ދުވަސްކޮޅު. އޭރު ވަރަށް ދަތި އުނދަގޫތަކަކާއެކީގަ ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުން ދިޔައީ،"

އަޖީއްބެ އަކީ އޭރުވެސް ފަރުވާތެރިކަމާއެކު ބުރަކޮށް މަސައްކަތް ކުރި މުދައްރިސެކެވެ. ވީހާވެސް ގިނަ ވަގުތު އުނގަންނައިދިނުމުގެ މަސައްކަތުގައި ސްކޫލުތެރޭ ހޭދަ ކުރެއެވެ. އެއިރު ނިދާލަން ލިބޭ ވަގުތުކޮޅަކީ އެއީ ލިބޭ ހަމަ އެކަނި ހުސް ވަގުތުކޮޅެވެ. އަޖީއްބެ ކިޔައިދިން ގޮތުގައި އެއިރު ދަރިވަރުންނަށް ކިޔަވައިދިނުމުގައި ގާތްގަނޑަކަށް 24 ގަޑިއިރު ހޭދަ ކުރެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މާލެ ގޮސް ފުރިހަމަކުރި ޓީޗިން ތަމްރީނުގެ އިތުރުން، އޭގެ ފަހުން އެކި ފަހަރު މަތިން ހިންގުނު އެކި ތަމްރީންތަކުގައި ބައިވެރިވެ އަޖީއްބެ ވަނީ އަމިއްލަ ކުރިއެރުމާއި، ދާއިރާއިން އިތުރު ތަމްރީން ހޯދާފައެވެ.

"އެގޮތުން ޖީސީ އޯލެވެލް އަޅުގަނޑު ހެދީ ތައުލީމީ މަރުކަޒުގަ، ދަރިވަރުންނާއެކީގަ ޓީޗަރަކަށް ހުރެގެން. އިތުރު ޓީޗަރުންތަކެއް ކައިރިއަށް ގޮސްގެން ތިން މާއްދާއަކުން އޯލެވެލް ކުރިއަށް ގެންދިޔައިން. އޭގެ އިތުރުން އިނގިރޭސި ބަހަށް އަހުލުވެރިވުމަށްޓަކައި އީޑީސީގެ ފަރާތުން ހިންގި ފަސްޓް ސެޓްފިކެޓް އޮފް އިންގްލިޝް އަޅުގަނޑު ފުރިހަމަ ކުރިން މާލޭގަ. އެއަށްފަހުގަވެސް ޚިދުމަތުގަ ދެމި ހުރެ ކުރިއަށް މިދަނީ،"

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ފާއިތުވި އަހަރުތަކުގައި ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެބަދަލުތައް އަންނަން ފެށުމާއެކު އަޖީއްބެ އަނެއްކާވެސް އަތުކުރި އޮޅައިލީ އެބަދަލުތަކަށް "ކޭޓަރ" ކުރެވޭނެ މުދައްރިސަކަށް ވުމަށެވެ. އެގޮތުން ބެޗެލާ އޮފް އެޑިއުކޭޝަން ހާސިލް ކުރުމަށްފަހު ދާދިފަހުން އަޖީއްބެ ވަނީ އެޑިއުކޭޝަން ދާއިރާއިން މާސްޓާސް ޑިގްރީވެސް ޙާސިލްކޮށްފައެވެ. އަޖީއްބެ އަދިވެސް ބޭނުންވަނީ ދާއިރާއިން އިތުރަށް ކުރިއަރައި ދިއުމަށެވެ.

undefined

ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކެރިއަރ ފަށައިގެން ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އަޖީއްބެއަށް އައީ ޕްރޮމޯޝަންތައް ލިބެމުންނެވެ. އެގޮތުން އެކި ފަހަރު ލިބުނު ޕްްރޮމޯޝަންތަކާއެކު އެސިސްޓެން ސުޕަވައިޒަރެއްގެ މަގާމުން ފެށިގެން ގޮސް ހެޑްމާސްޓަރުގެ މަގާމަށް އަޖީއްބެއަށް މަޤާމުގެ ކުރިއެރުން ލިބުނެވެ.

ތިނަދޫގެ އިތުރުން އަތޮޅުގެ އެހެން ސްކޫލެއްގައިވެސް އަޖީއްބެ ވަނީ މަތީ މަޤާމެއް ފުރުއްވާފައެވެ. އެއީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރި އިރު، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ހިންގުމާ ހަވާލުވުމެވެ. އެ ފުރުސަރު އަޖީއްބެ ބަލައިގަންނަނީ ދާއިރާއަށް ލޯ ހުޅުވައިލަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ.

"އެއީ އަޅުގަނޑަށް ރަށުން ބޭރުގަ ތަޖުރިބާކޮށްލަން ލިބުނު ވަރަށް މުޙިއްމު ފުރުސަތެއް. އަދި އަޅުގަނޑަށް މިދާއިރާއަށް އެންމެ ބޮޑަށް ލޯ ހުޅުވައިދިން އެއް ފުރުސަތަކަށްވި ވިލިނގިލީގަ އަޅުގަނޑު ހޭދަކުރި އެއް އަހަރު ދުވަސް. އެއީ ތަފާތު މާޙައުލެއްގަ ތަފާތު މުވައްޒަފުންނާއި ތަފާތު ކަންތައްތަކެއް ހުރި މާހައުލެއްގަ މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ހަގީގަތުގަ އަޅުގަނޑަށް މިދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް"

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އެއް އަހަރު ހޭދަކުރުމަށްފަހު އަނެއްކާވެސް އެނބުރި ތިނަދޫއަށް އައިސް ޚިދުމަތް ކުރެއްވީ ތިނަދޫ ސްކޫލުގައެވެ. އެއީ ތިނަދޫ ސްކޫލު ފުރަތަމަ ހުޅުވި އަހަރެވެ. އެ ސްކޫލާ އަޖީއްބެ ގުޅިވަޑައިގަތީ އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުގައެވެ. އެއަށްފަހު ދާއިރާއިން ގްރެޖުއޭޓް ވުމާއެކު އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ލިބުނީ އެވެ. އަޖީއްބެ މިހާރުވެސް ހުންނެވީ ތިނަދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައެވެ.

undefined

ގިނަ ގޮންޖެހުންތަކާއެކުވެސް ތައުލީމް އުނގެނުމުގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. އުނގަންނައިދިނުމުގެ ދާއިރާގައި އަޖީއްބެ ހޭދަކުރި 32 އަހަރުގެ ތެރޭ އަޖީއްބެ ވަނީ އެދާއިރާ ނޫން އެހެން ދާއިރާއަކުންވެސް ތަމްރީން ހޯދާފައެވެ. އެއީ ޅެންވެރިކަމެވެ. ކާމިޔާބު އެދުރެއްގެ އިތުރުން އަޖީއްބެ އަކީ މިއަދު، ތިނަދޫއަށް މަޝްހޫރު ޅެން ވެރިއެކެވެ. ރަށުގައި ފާހަގަކުރާ އެކި އެކި މުނާސަބާތަކަށް ޅެން ހެދުމާއި ސްކޫލު ކުދިންނަށް ޅެން ހެދުމުގެ މަސައްކަތުގައި އަޖީއްބެ މަސްއޫލުވެ އުޅެވެ.

އަޖީއްބެ އަކީ ޅެންވެރިކަމުގެ ހަމަ އެކަނި ޅެން ހެދުމުގެ ހުނަރު ލިބިފައިވާ މީހެއްވެސް ނޫނެވެ. ޅެމާއި ބަންޖާއި ރައިވަރުވެސް ހަދައި އުޅެއެވެ. އަޖީއްބެ ކިޔައިދިން ގޮތުގައި އެކަންކަމަށް އެހާ ޝައުގުވެރިވަނީ އެކަމާ ގަޔާވެވޭ ބޮޑުކަމުންނެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް ގަޔާވެވޭ އެއްކަމެއް އެއީ އަދަބިއްޔާގެ ރޮނގުން މަސައްކަތް ކުރުން. އޭގެ ތެރެއިންވެސް ވަރަށް ބޮޑަށް ޚާއްސަކޮށްލެވޭ ޅެންވެރިކަން. މި ފަންނަށް އަޅުގަނޑަށް ވަދެވުނީ އަޅުގަނޑުގެ ވަރަށް ގާތް އުޘްތާޛުންގެ އެހީތެރިކަމާއެކު،"

އޭގެ ތެރެއިންވެސް އަޖީއްބެ ފާހަގަކޮށްލަން ބޭނުންވި ޚާއްސަ ދެ ނަމެއް ވެއެވެ. އެއީ ތިނަދޫއަށް މަޝްހޫރު ޝާއިރު، އަބްދުﷲ އަފީފް (އަފީފްބެ) އާއި ހަމަ ތިނަދޫއަށް އުފަން ޝާއިރާ، ރަޝީދާ އިބްރާހިމް ރަޝީދު (ރަޝީދާއްތަ)ގެ ނަމެވެ.

undefined

"މި ދެ ބޭފުޅުންގެ އެހީތެރިކަންވެސް ވަރަށް ގިނައިން ވަރަށް ބޮޑަށް ލިބެމުން ގޮސްފަވޭ. އަޅުގަނޑު ދާއިރާއަށް ހުރި ޝައުޤެއްގެ ތެރެއިން ޅެން ހަދަން ފަށައިގަތް އިރުގަ މި ދެ ބޭފުޅުންގެ އެހީތެރިކަމާއެކީގަ ކުރިއަށްދެވުނީ. މިހާރު ވަރަށް ގިނަ އަދަދެއްގެ ޅެން އެކި އެކި މުނާސަބަތުތަކަށް އަޅުގަނޑަށް ހުންނާނީ ހެދިފަ. ގާތްގަނޑަކަށް ދެ ތިން ސަތޭކައެއްހާ ޅެން އަޅުގަނޑަށް ހުންނާނެ ހެދިފަ،"

އަޖީއްބެގެ ޅެންވެރިކަމުގެ ޙަޔާތުގައި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މުޅި ރާއްޖެއަށްވެސް މަޝްހޫރުވެގެން ދިޔަ "ފަތެވަރެ" އަލަބަމްގެ "އާޝިގާ" ލަވައެވެ. އެ ލަވަ ވެގެން ދިޔައީ އެ ދުވަސްވަރު ވަރަށް ބޮޑަށް ވައިގައި ހިފާލި ލަވައަކަށެވެ. އެ ލަވައިގެ އިތުރުން ދެން އަޖީއްބެއަށް ފާހަގަކޮށްލެވޭ އެންމެ ފުރިހަމަ އަނެއް މަސައްކަތަކީ 2018 ވަނަ އަހަރުގެ މުދައްރިސުންގެ ދުވަހަށް ހެދި ލަވައިގެ ޅެމެވެ. އެ ލަވަވެސް ވެގެން ދިޔައީ ގިނަ ބައެއްގެ މަޤުބޫލުކަން ލިބިގެން ދިޔަ ލަވައަކަށެވެ.

އަޖީއްބެ އަކީ މުދައްރިސެއްގެ އިތުރުން ކުޅަދާނަ ޅެންވެރިއެއްވެސް މެއެވެ. އަދި ޅެން ވެރިއެއްގެ އިތުރުން ކުޅަދާން މިއުޒީޝަނެއްވެސް މެއެވެ. އަދި ލަވަ ކިޔައި އުޅުނު މީހެއްވެސް މެއެވެ. އަޖީއްބެ މިއުޒިކަށް ޝައުގުވެރިވީ ކުޑައިރުއެވެ.

undefined

"އޭރު އޮންނާނީ ރަށުގަ ދެ ކްލަބް. އަޅުގަނޑަކީ އޭރު ޒުވާނުންގެ ކްލަބުގެ މެމްބަރެއް. އަދި އޭރު ހިންގި ހަމަ ފޯރިގަދަ ކްލަބެއް އެއީ މަސްވެރިންގެ ރޫހު، އަޅުގަނޑުމެންގެ ކްލަބުން އިސްނަގައިގެން ބޭންޑެއް އުފެއްދިން ހުރިހާ ސާމާނަކާ އެކު. އޭގެ ތެރޭގަ އަޅުގަނޑަކީވެސް ލައިވްކޮށް މިއުޒިކް ކުޅެމުން އައި މީހެއް. ލައިވްކޮށް ގިޓަރ އަދި ކީބޯޑު ކުޅެފަ ހުންނާނެ. ހަމައެހެންމެ ޝޯ ތަކުގަ ލަވަކިޔައިދިނުމާ އެފަދަ ކަންތައްތައް ކޮށްފަ ހުންނާނެ އެ ދުވަސްވަރު، އަދި ބައެއް ކުދިންނަށް އެ ފަންނު އުނގަންނައިދިނުމުގައިވެސް ބައިވަރު މަސައްކަތްތައް ކުރެވިފަ ހުންނާނެ."

އެ ޖަމިއްޔާގެ އިސްނެގުމުގެ މަތިން އުފެއްދި ބޭންޑުގެ ނަން ފަހުން ބަދަލު ކުރީ "ކޮމްބޯ މިއުޒިކް ބޭންޑް" އަށެވެ. އެ ނަމަށް ބޭންޑުގެ ނަން ބަދަލުކޮށްގެން ތިނަދޫއިންވެސް ނެރުނު ފުރަތަމަ އެއް އަލްބަމްގެ ގޮތުގައި ފާހަގަކޮށްލެވެނީ ރާއްޖެއަށްވެސް މަޝްހޫރުވެގެންދިޔަ "ފަތެވަރެ" އަލްބަމެވެ. އެ އަލްބަމަށްވެސް އަޖީއްބެ ވަނީ ޅެމެއް ހަދައިފައެވެ. އެއީ ކުރިން ފާހަގަކޮށްފައިވާ ފަދައިން "އާޝިގާ" ލަވަ އެވެ. އެލަވައިގެ ޅެމުގެ އިތުރުން ހަމަ އެއަލްބަމްގައި ހިމެނޭ "ފިޔަ ރީތި ނަލަވި މުނިޔާ" ގެ ނަމުން ނަން ދެވުނު ލަވައިގެ ރާގާއި މިއުޒިކް ކޮމްޕޯސްކުރީވެސް އަޖީއްބެ އެވެ. އެލަވައަކީ އޭރުގެ މަޝްހޫރު ލަވަކިއުންތެރިޔާ އަލީ ރަމީޒުގެ އަޑުން ކިޔާފައިވާ ލަވައެކެވެ.

"ފަތެވަރެ އަލްބަމަކީ އަޅުގަނޑުމެންގެ ޕްރޮޑަކްޝަނެއް. އޭގެ ތެރޭގަ އަޅުގަނޑުގެވެސް ވަރަށް ބޮޑު ހިއްސާއެއް އޮންނާނެ. އޭރު އަޅުގަނޑަކީވެސް އެ އަލްބަމްގެ އެއް ޕްރޮޑިއުސަރ. އެ އަލްބަމްގަ އޮންނާނެ އަޅުގަނޑުގެ އަމިއްލަ ރާގެއް. އެއީ ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ ލަވައެއް. މިހާރުވެސް ވަރަށް ބޮޑަށް ހިނގާ އެއް ރާގު އެއީ ފިޔަ ރީތި ނަލަވި މުނިޔާ. އެއީ އަޅުގަނޑުގެ އަމިއްލަ ރާގެއް"

އަޖީއްބެ ތިނަދޫއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ކިތައްމެހާވެސް ގިނަ އެވެ. ތައުލީމީ ދާއިރާގައި އުނގަންނައިދިނުމުގެ ރޮނގުން ދިގު މުއްދަތަކަށް ރަށަށް ޚިދުމަތްކޮށްދެއްވާފައިވާއިރު ހަމަ ގައިމުވެސް މިހާ ހިސާބަށް އަންނަ އިރު އަޖީއްބެގެ ދަރިވަރުންތައް ބައިވަރު އުޅޭނެ އެވެ. އެ ދަރިވަރުންނަށް އަޖީއްބެ ދިން ނަސޭހަތަކީ ޤައުމަށް ޚިދުމަތްތެރި ވަފާތެރި އަދި އަޚްލާޤު ރަނގަޅު ދަރިންނަށް ވުމަށެވެ.

"އަޅުގަނޑަށް ވަރަށް ގިނަ ދަރިވަރުންނާ ބައްދަލުވެ ﷲގެ އިރާދަފުޅާއެކު ވަރަށް ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ނަސީބު ވަނީ ލިބިފަ. ހުރިހާ ދަރިވަރުންނަށްވެސް އަޅުގަނޑު ދޭން އޮތީ އެންމެ މެސެޖެއް. އަޚުލާޤު ރަނގަޅު ދަރިވަރުންނަށް ވާށޭ. ޤައުމަށް ވަފާތެރި ޚިދުމަތްތެރި ދަރީންނަށް ވާށޭ. ހީވާގިކަމާއި މުރާލިކަމާއެކީގަ އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ނުބަލާށޭ. ކޮންމެ ކުއްޖަކަށްވެސް ކާމިޔާބު ކުއްޖަކަށް ވެވޭނޭ. އެކުއްޖަކަށް ބޭނުންވަނީ އަޒުމަކާއެކީ މަސައްކަތް ކުރުމޭ. ކޮންމެ ކުއްޖަކަށްވެސް ކާމިޔާބު އޮންނާނެ."

undefined

އަޖީއްބެގެ ޙަޔާތުގައި އެންމެ ހިތާމަވެރި ކަމަކަށް ކުރިމަތިވީ އެނަމާ ކާރިސާއެވެ. އެ ހާދިސާ ހިނގި ދުވަހު ބޯޓު ކައިރިއަށް ދޯނިތައް ފޮނުވުމުގައި އެންމެ އިސް ސަފުގައި ހުރެގެން މަސައްކަތް ކުރި އެކަކީ އަޖީއްބެ އެވެ. އެދުވަހު އެ ހާދިސާގެ ޚަބަރު އެންމެ ފުރަތަމަ ލިބުނު މީހުންގެ ތެރޭގައި އަޖީއްބެވެސް ހިމެނެއެވެ. މުޅި މުޖުތަމައު ގުޅިގެން ކުރި މަސައްކަތެއްގެ ގޮތުގައި އަޖީއްބެ އެދުވަހުގެ ހަނދާންތައް އާކުރި އެވެ.

"ވަރަށް ހިތާމަވެރި ދުވަހެއް ކަމުގަ ފާހަގަކޮށްލަން. އަޅުގަނޑުގެ ވަރަށް ގާތް އަޚުން، އެކުވެރިންތަކެއް އޭގެ ތެރޭގަ، އެނަމާ ކާރިސާގަ ނެތިވެގެން ދިޔަ ދިއުން އެއީ ވަރަށް ހިތްދަތި ހަނދާންތަކެއް. އަޅުގަނޑުމެން މިރަށުގެ ވަރަށް ގިނަ އަޚުންތަކެއް އޭގަ ނިޔާވެގެން ދިއުމާ ގުޅިގެން އަޅުގަނޑަށް ވަރަށް ހިތްދަތި ހަނދާނެއްގެ ގޮތުގަ އަދިވެސް އެވާހަކަ ދައްކަންވެސް ދަތިވޭ،"

"ގާފު" އިން އަޖީއްބެއާ ކުރި އިންޓަވިއު ނިންމައިލީ ދަރިވަރުންނަށް ދޫކޮށްލި ޅެންވެރި މެސެޖަކުންނެވެ.

"އަދަބު އަޚުލާޤު މީހާގައި، ހުރުން ހަމަގައިމު ލާޒިމްވޭ

ޤަދަރުހުރި ޠާލިބުލް ޢިލްމެއް، ކަމަށް ވެވުމަށް އެދޭ ނަމައީ"

އަޖީއްބެގެ ޚިދުމަތްތަކަކީ ތިނަދޫގެ އެންމެހާ ރައްޔިތުން އެ ޚިދުމަތްތަކަށް ފަޚުރުވެރިވާނެ ޚިދުމަތްތަކެކެވެ. ހަމަ ޔަގީނުންވެސް އެޚިދުމަތްތަކުގެ ސަބަބުން ތިނަދޫ ފަސްގަނޑުން ޤައުމަށް ޚިދުމަތްތެރި ޤާބިލް ދަރިވަރުންތަކެއް ބިނާ ކުރެވިއްޖެ އެވެ.

"ގާފު" ޓީމުގެ ފަރާތުން އަޖީއްބެގެ ޚިދުމަތްތަކަށް މުޅި ތިނަދޫއާއި ހުވަދު އަތޮޅުގެ ނަމުގައި ފަށްފަށުން ޝުކުރު ރައްދުކުރަމެވެ.

ރޫޙުދިރެމުން ދާއުފާވެރި ގޮތްތަކެއްގާ އުންމަތަށް،

ނޫރުޢިލްމުގެ ފެތުރިފައިވާ ފެންނަނީ ރަންއަޞްރެކޭ

(އައިމިނަތު ފާއިޒާ)

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ