logoEN
cocacola
ދިވެހިރާއްޖެ އިސްލާމްވުން!

ދިވެހިރާއްޖެ އިސްލާމްވުން!

ގާފު އެޑިޓޯރިއަލް

logo

11/17/2020, 12:10:43 AM

# ދިވެހިރާއްޖެ

22

މީލާދީން ގާތްގަނޑަކަށް 2500 އަހަރު ކުރިން ދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވެފައިވާކަމަށް ތާރީޚީ ހޯދުންތަކުން އެނގިފައިވެއެވެ. ތާރީޚީ ހެކިތަކުން ސާބިތުވާގޮތުން، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އިންޑިޔާގެ ކާލިބަންގާއޭ ކިޔުނު ތާކުން އައިސްފައިވާ (ދޭވީސް) ނުވަތަ (ދީވީން) ނޭ ކިޔުނު ބައެއްކަމަށް މުޙަންމަދު އިބުރާހިމް ލުތުފީ ހާމަކުރައްވައެވެ. މިބައިމީހުން ޤުދުރަތީ ބާރުގަދަ ތަކެއްޗަށް އަޅުކަންކޮށް އުޅުނެވެ. މީގެ އިތުރުން ދިވެހިރާއްޖެ އަށް އިސްލާމީ ޙިދާޔަތުގެ ނޫރު ލިބުމުގެ ކުރިން ރާއްޖޭގައި ބުދުދީނާއި، ހިންދުއިޒަމްގެ އަސަރުތައް ވާކަމަށް ނަސީމާ މުހަންމަދު ބަޔާންކުރައްވައެވެ. މިގޮތުން ރާއްޖޭގެ ތާރީޚް ދިރާސާކުރެއްވި ބޭރުގެ ބައެއްފަރާތްތަކުން ވަނީ މިދެންނެވި ދީން ތަކުގެ އާޘާރުތައް ހޯދާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައިވާ ހަވިއްތަ، ދާގަބާ، ވޭރު، އިސްތޫބާ ފަދަ ތަންތަން ފާހަގަކޮށްލެވެއެވެ.

ގޮސިޔާ

ޖަހާލަތާއި ޝިރުކުކުރުމުގެ ނުބައި ކަމުގެ ތެރޭގައި ދިވެހިން ވަނިކޮށް، އިސްލާމްދީނުގެ ހިދާޔަތު ދިވެހިންނަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. މިދުވަހަކީ އޭރުހުންނެވި ރަދުން ތީމުގޭ މަހާކަލަމިންޖާ، ފުރިހަމަނަމުންނަމަ ސްރީ ކައްތިރިބަވަނަ މަހާރަދުން އިސްލާމްދީން ޤަބޫލުކުރެއްވި ދުވަސްކަމެއް ނުވަތަ ރާއްޖޭގެ އެންމެން އިސްލާމްދީން ޤަބޫލުކުރި ދުވަސްކަމެއް ތާރީޚީ ލިޔުންތަކުން ސާބިތުވާކަށް ނެތެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އެރަދުންގެ ނަންފުޅަކީ އައްސުލްޠާން މުހައްމަދު ބިން ޢަބުދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންނެވެ. މިރަދުންގެ ނަން ދަރުމަވަންތަ ރަސްގެފާނުގެ ނަމުން މަޝްހޫރުވެފައިވެއެވެ. ރާއްޖޭގެ ހުރިހާ ރައްރަށެއްގެ އަހުލުވެރިން އިސްލާމްދީން ޤަބޫލު ކުރުމަށްޓަކައި 20 އަހަރާ 40 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވިކަމަށްވެއެވެ. މިހާ ދިގުމުއްދަތެއް މިކަމަށް ހޭދަވުމުގައި އެދުވަސްވަރުގެ މުއާޞަލާތީ ޙާލަތުއޮތްގޮތް ސަބަބަކަށްވުމީ އެކަށީގެންވާ ކަމެއް ކަމުގައި ތާރީޚު ޢިލްމުވެރިން ހާމަކުރެއެވެ.

ގިނަ ތާރީޚީ އިލްމުވެރިންނަށް ބުރަވެ އެއްބަސްވެވޭގޮތުގައި، ދިވެހިރާއްޖެ އިސްލާމްކުރެއްވީ މަޣްރިބު ކަރައިގެ ވަލީވެރި ބޭކަލެއް ކަމަށްވާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ. ދިވެހި ރާއްޖެ އިސްލާމްވި ގޮތާއި ގުޅުވައިގެން މަޝްހޫރު ފޯކުލޯރު ވާހަކައެއް ކަމުގައިވާ "ރަންނަމާރި ވާހަކަ" އޭ ކިޔުނު ވާހަކައެއް ކިޔާ އުޅެއެވެ. ނަމަވެސް މިއީ ގިނަބަޔަކު ދަންނަ، ދިގު ވާހަކައަކަށް ވުމުން މިވާހަކައިގެ އިތުރު ތަފްޞީލު ގެންނާކަށް ނެތީމެވެ.

'' ތަންޤީހުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު '' މިފޮތުގައި ސުއްމުވުލްއަމީރު މުޙައްމަދު އަމީން ލިޔުއްވާފައިވާ ގޮތުގައި އަބުލްބަރަކާތުލް ބަރުބަރީގެފާނަށް ރާއްޖޭގެމީހުން އިސްލާމް ކުރެވުނީ ވަރަށް މަސައްކަތާއި ހިއްމަތުންނެވެ. އޭނާ ދުރުވެ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމްދީނަށް އެނބުރުމަށް ގޮވާލެއްވި ގޮވާލެއްވުމަށް ފުރަތަމަ ދިނީ ބީރު ކަންފަތެކެވެ. އޭނާގެ އަގުހުރި ނަޞޭޙަތްތަކުންނާއި، މަތިވެރި ވަޢުޒު ތަކުން ރާއްޖޭގެ ރައްޔިތުންނަށް ފުރަތަމަ އެއްވެސް އަސަރެއް ނުކުރިއެވެ. އޭނަގެ ގޮވާލެއްވުމަށް ރާއްޖޭގެ ރައްޔިތުން ވިސްނުމުގެ ނަޒަރެއް ހިންގާލިކަމުގައި ބެލެވެނީ އެތައް ކަރާމާތްތަކެއް ދެއްކުމަށްފަހުއެވެ. އިސްލާމްވެ ވަޑައިގަތުމަށްފަހު އައްސުލްޠާން މުހައްމަދު ބިން ޢަބުދިﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނު ރަސްކަން ކުރައްވަމުން ގެންދެވީ އަބުލްބަރަކާތުލްބަރުބަރީގެ ލަފާފުޅުގެމަތިންނެވެ. ނަމަވެސް މާގިނަ ދުވަސްތަކެއްނުވެ، އެކަލޭގެފާނު ދެމިއޮތުގެ އާލަމަށް ދަތުރު ކުރެއްވިއެވެ. ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި އަބުލްބަރަކާތުލްބަރުބަރީ ފަސްދާނު ލެވިފައިވަނީ މާލޭގެ މެދުޒިޔާރަތް ހުރިތަނުގައެވެ. އަބުލްބަރަކާތުލްބަރުބަރީ އަވަހާރަ ވުމަށްފަހުގައިވެސް މިރަދުން 13 އަހަރު ވަންދެން އިސްލާމްދީންނުގެ މަތީގައި ރަސްކަން ކުރައްވާފައިވާކަމަށް ތާރީޚުގައި ލިޔެފައިވެއެވެ.

ދިވެހި ރާއްޖެ އިސްލާމްވުމަކީ މިރާއްޖޭގައި ކުރިން އޮތް ޘަޤާފަތާއި އާދަކާދަތަކަށް ވަރަށްބޮޑު ބަދަލުތަކެއް ކުރިމަތި ކުރިވިކަމެކެވެ. އެގޮތުން ޚާއްޞަކޮށް ދިވެހިންނަށް ކިޔާ ނަންތައް އިސްލާމީ ނަންތަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ކުރީގެ ނަންތައް އިސްލާމީ ނަންތަކަށް ބަދަލުވެގެން ދިޔައީ ވަރަށްގިނަ އަހަރުތަކަކަށް ފަހުއެވެ. އިސްދޫ ލޯމާފާނުގެ ލިޔުންތަކުން އެނގޭ ގޮތުގައި ރަސްމީގޮތުން ރާއްޖެއިސްލާމްވެ ސާޅީހަކަށް އަހަރުވީއިރުވެސް އެޒަމާނުގެ ނަންތަކުގެ ތެރޭގައި ޢަރަބިނަންތައް ލިޔެވިފައެއް ނުހުރެއެވެ.

މާތްވެގެންވާ އިސްލާމްދީނާއެކު ދިވެހި ބަހަށާއި ދިވެހިންގެ އާދަ ކާދައަށް ވަރަށްބޮޑެތި ބަދަލުތަކެއް އައެވެ. ޢަރަބި އަކުރު އުނގެނުމާއި، އަރަބި ލަފުޒުތަކާއި ފާރިސީ ލަފުޒުތައް ދިވެހިބަހަށް ތަޢާރަފުވެފައިވާކަން މިގޮތުން ފާހަގަކުރެވެއެވެ. މީގެ އިތުރުން ޢަދުލު އިންޞާފުގެ ކަންތައްތައް އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހިންގަންފަށައި، ޢަރަބި ތަޢުލީމަކީ ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލު ތަޢުލީމުކަމުގައި ވެގެންދިޔައެވެ.

އިސްލާމްދީނުގެ އެންމެ މުޤައްދަސް ފޮތް ކަމުގައިވާ ކީރިތި ޤުރުއާން އޮތީ ޢަރަބި ބަހުންކަމަށްވާތީ ދިވެހީންގެ ހިތްތަކުގައި ޢަރަބިބަހަށް ވަރަށްމަތިވެރި ގަދަރަކާ ލޯތްބެއް ދެވިގެން ދިޔައެވެ. ޤުރުއާން ފަހުމުކޮށް ދެނެގަތުމަށްޓަކައި ޢަރަބިބަސް އުނގެނުމުގެ ޝައުޤުވެރިކަން ދިވެހިންގެ ތެރޭގައި ބޮޑުވެގެންދިޔަ އެވެ. ނަމަވެސް ހިތާމަޔަކީ، މިފަހަކަށް އައިސް ހުޅަނގުގެ ތަހުޒީބީ އޮއިވަރުގައި ދިވެހިން ޖެހި، ޤުރުއާނަށް ދިވެހިން ހިތްތަކުގައި ދެވިފައިވާ ޤަދަރާއި ލޯބި ދުވަހުން ދުވަހަށް ދަށްވަމުން ދާތަން ފެނުމެވެ. ޒަމާންތަކެއް ކުރިން، މަޢުރިބް ނަމާދާއި، އިޝާ ނަމާދާއި ދެމެދު، ދިވެހި ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ގެއެއްގެ އޮޅި ހުރަސްކުރިކަމުގައި ވިޔަސް، ގޭގައި އުޅޭ ހުރިހާ ކުޑަކުދިންނާއި، ބޮޑެތި މީހުން ޤުރުއާން ކިޔަވާ އަޑު ނުއިވި ނުދާނެއެވެ. ނަމަވެސް މިއަދު މިކަން ބަދަލުވެފައިވަނީ ގޭގެ ސިޓިންގ ރޫމް ތަކުން ޓީވީން ބަލާ، ކޮންމެވެސް ހިންދީ ޑްރާމާއެއްގެ ބެރުތަޅާ އަޑަށެވެ. ހުޅަނގުގެ ތަހުޒީބީ އޮއިވަރުގައި ދިވެހިން ޖެހުމުގެ ނަތީޖާއަކަށްވީ މިކަންކަން މިހާރު ބަދަލުވެގެން ދިއުމެވެ. އެއްބަސްވެވެން އޮތް ހަޤީގަތަކީ، އަހަރަމެންގެ މާދަރީ ދިވެހިބަހަށްވުރެ، ދިވެހި ޒުވާނުން، އިނގިރޭސި ބަހަށް ފަރިތަކަމެވެ. ނީލަ ގެރި އެތް ނޭނގޭ ކިތަންމެ ކުޑަ ކުދިންނަށް "އެލެފެންޓް" އެގެއެވެ. ދިވެހި މުޖުތަމަޢުގައި ހުޅަނގުގެ ސަޤާފަތް ގަދަވެ، ދިވެހި ބަހަށްވުރެ އިނގިރޭސި ބަހުގެ ނުފޫޒު ގަދަވެފައި ވުމެވެ.

ދިވެހި ރާއްޖެ އިސްލާމްވުމުގެ ދުވަހުގެ އުފާ ފާޅުކުރާ މިފަދަ ދުވަހެއްގައި، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ އަޅުގަނޑުމެންގެ ކިބައިގައިވާ އިސްލާމީރޫޙް މަތިވެރިކުރުމެވެ. އަޅުގަނޑުމެންގެ އުޅުމާއި އަޚްލާޤު އިސްލާމީ ގިއުގަނޑަށް ފެތޭގޮތަށް ބައްޓަން ކުރުމުގެ އަޒުމް ކަނޑައެޅުމެވެ. ދީނީ ކަންކަމަށް އަޅުގަނޑުމެންދޭ ސަމާލުކަމާ ޝައުޤުވެރިކަން އިތުރުކުރުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރުމެވެ. ހުޅަގުން އިރުމައްޗަށް ދެމެމުން އަންނަ ލާދީނީ އޮއިވަރުގައި ނުޖެހި އަޅުގަނޑުމެންގެ އީމާންކަން ރައްކާތެރިކުރަން، މިއީ އަޒުމް ކަނޑައަޅަންވީ ވަގުތެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފުސުގެ ފާރަވެރިން ކަމުގައި ވެގެން ތިބެ، އެންމެހާ ފާފަތަކާއި، މުންކަރާތްތަކުން ސަލާމަތްވުމަށް މަސައްކަތް ކުރާށެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ހިތްތަކުގައި އީމާންކަމުގެ ރޫޙު މަތިވެރި ކުރައްވާށި! އަޅަމެންގެ ހިތްތަކުން އީމާންކަމުގެ ނޫރު ނެތިގެން ދިޔަ ނުދެއްވާށި! އަޅަމެން އިސްލާމްދީންމަތީގައި ސާބިތުވެ ތިބުމުގެ އާރާއި ބާރު ދެއްވާށި!

إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ