logoEN
ޕީއެންސީ 2
ރާއްޖެ އަށް އިސްލާމްދީނުގެ ހިދާޔަތް ލިބުން: ނިޢުމަތެއް، ނަސީބެއް، އަދި ބުރަ މަސައްކަތެއް

ރާއްޖެ އަށް އިސްލާމްދީނުގެ ހިދާޔަތް ލިބުން: ނިޢުމަތެއް، ނަސީބެއް، އަދި ބުރަ މަސައްކަތެއް

އަޙްމަދު ޖަމީލު

logo

11/17/2020, 3:37:18 PM

# ދިވެހިރާއްޖެ

9204fRWpeylnw3l9qJtO

ޝައްކެއް ވެސް ނެތް ގޮތުގައި ދިވެހިރާއްޖެ އަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބިގެން ދިއުމަކީ އަޅުގަނޑުމެން އެންމެނަށް ލިބުނު ނަސީބެކެވެ. ނިޢުމަތެކެވެ. ދިވެހިރާއްޖެ އިސްލާމްވުމާއެކު ދިވެހީންގެ ބަހާއި، ތާރީޚާއި، އާދަކާދައާއި، ދިވެހީންގެ އުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށް ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކުން ލިޔުއްވައެވެ. ރާއްޖެ އިސްލާމްދީނަށް އެނބުރުމުގެ ވާހަކައަކީ ދިވެހި ތާރީޚު އޭގެ މައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު ހާދިސާއެކެވެ. ބޭރުން ވަޑައިގެންނެވި ބޭކަލަކު އޭރު ހުންނެވި ރަސްގެފާނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވުމުން އެ ރަސްގެފާނު އިސްލާމްދީން ގަބޫލުފުޅު ކުރައްވައި ރާއްޖޭގެ ރައްޔިތުންނަށް އިސްލާމްވުމަށް އަމުރުފުޅު ކުރެއްވީއެވެ. މި ހާދިސާއަކީ ދިވެހި ތާރީޚުގައި އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް މަޢުޟޫވެސް މެއެވެ. ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާ މެދުއެވެ. ނޫނީ ރަންނަމާރީގެ ހަގީގަތާއި މެދުއެވެ. ނުވަތަ އިސްލާމްދީނަށް އެނބުރުނު ދުވަހަކާއި މެދުއެވެ.

ޝަރީ 2024

ރާއްޖެ އިސްލާމްވި ތާރީޚު

ރާއްޖެ އިސްލާމްވި ތާރީޚު އެނގެން އޮންނަ އެންމެ ދުވަސްވީ ލިޔުމަކީ މާލޭ ހުކުރު މިސްކިތުގައި އައްޞުލްޠާން އަޙުމަދު ޝިހާބުއްދީން ބެހެއްޓެފި ފިލައެވެ. ދިވެހިރާއްޖެ އިސްލާމްވި އިރު ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވީ ތީމުގޭ ދަރިކޮޅުގެ އައްޞުލްޠާން މުޙައްމަދު އިބްނު ޢަބްދުالله ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. ރަސްކަލުން އިސްލާމްވުމަށް ފަހު މާލޭ ހުކުރު މިސްކިތް ބިނާކުރެއްވުމަށް އަމުރުކުރެއްވިއެވެ. އެ މިސްކިތް ބައުވެގެން ހަމަ އެ ތަނުގައި އަލުން ހުކުރު މިސްކިތެއް ބިނާކުރެވުނީ ޢުމަރުވީރު ދަރިކޮޅުގެ ފުރަތަމަ ރަސްކަލުން އައްޞުލްޠާން އަޙުމަދު ޝިހާބުއްދީން ސިރީ ލޯކަ އާދީއްތަ މަހާރަދުންގެ ރަސްކަމުގައި ހިޖުރައިން 738 ވަނަ އަހަރުއެވެ. އެއީ މީލާދީން 1338 އެވެ. މި ރަދުން ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނު ތާރީޚު ކަމަށް ލިޔުއްވާފައިވަނީ ހިޖުރައިން 548 (މީލާދުން 1153) ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހެވެ. ވަކި ދުވަހެއް ލިޔުއްވާފައެއް ނެތެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސް ކަނޑައެޅުއްވީ އަލްއަމީރު މުހަންމަދު އަމީން ދޮނިމޭނާ ކިލެގެފާނުއެވެ. އެ މަނިކުފާނުގެ ފޮތް "ތަންޤީހުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު" ގައި ވެސް ރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށް އަމުރުކުރެވުނީ 2 ރަބީއުލްއާޚިރު 548 ގައި ކަމަށް ލިޔުއްވާފައި ވެއެވެ. ރަސްމީ ސިފައެއްގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވުނީ ހިޖުރައިން 1367 (މީލާދުން 1948) ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރުން ފެށިގެން 14 އަހަރު ވަންދެން ފާހަގަކުރުމަށްފަހު ރާއްޖެ އިސްލާމްވި ދުވަސް ރަސްމީގޮތުން ފާހަގަކުރެއްވުން ހުއްޓުނެވެ. އޭގެ ގާތްގަނޑަކަށް 30 އަހަރު ފަހުން އެ ދުވަސް އަލުން ފާހަގަކުރައްވަން ފެއްޓުނީ ހިޖުރައިން 1421ގައެވެ.

ރާއްޖޭގެ ހުރިހާ ރަށްތައް އިސްލާމްވުން

ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ގަބޫލުކުރެއްވުމަށް ރަސްގެފާނު އަމުރުފުޅު ކުރެއްވީ ހިޖުރައިން 548 ގައި ނަމަވެސް ރާއްޖޭގެ ހުރިހާ ރަށްތައް އެ އަހަރު ތެރޭގައި އިސްލާމް ވެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އޭރު އޮތް ދަތުރުފަތުރު ކުރުމުގެ ދަތިތަކާއި އެކު ދުރު ރަށްތަކަށް ދީނުގެ ހިދާޔަތު ފޯރުން ލަސްވީއެވެ.

އައްޞުލްޠާން މުޙައްމަދު ޢަބްދުالله ގެ ރަސްކަމުގައި ވެސް ރާއްޖޭގެ އެކި ރަށްތަކަށް ދީން ފެތުރުއްވުމަށް ވަރަށް ގިނަ މަސައްކަތްޕުޅު ކުރެއްވިއެވެ. އެގޮތުން ފ. ނިލަންދޫއަށް ޚުދު ރަދުން ވަޑައިގެން އެ ރަށުގައި ވެސް ހުކުރު މިސްކިތެއް ބިނާކުރެއްވި ކަމަށް ތާރީޚީ ލިޔުއްވުންތަކުގައި ވެއެވެ. އޭގެ އިތުރުން އެހެން ރަށްތަކުގައި ވެސް މިސްކިތަތައް ބިނާކުރެއްވުމަށާއި ދީނުގެ ކަންތައްތައް ހިންގެވުމަށް ރަދުން އަމުރުކުރެއްވިއެވެ.

އައްޞުލްޠާން މުޙައްމަދު ޢަބްދުالله ގެ ރަސްކަން ނިމުނީ ހިޖުރައިން 561ވަނަ އަހަރުއެވެ. އެއީ ރާއްޖެ އިސްލާމްވިތާ ގާތްގަނޑަކަށް 13 އަހަރު ފަހުންނެވެ. އޭގެ ފަހުން ރަސްކަމަށް އިސްކުރެވުނު އައްޞުލްޠާން މުތެއި ކަލަމިންޏާގެ ރަސްކަމުގެ ދުވަސްވަރު ވެސް އިސްލާމްދީން ފެތުރުއްވުމުގެ މަސައްކަތް ކުރެވިފައިވުން އެކަށީގެންވާކަމަށް ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން ފޮތުގައި ނަސީމާ މުޙައްމަދު ލިޔުއްވާފައި ވެއެވެ.

ރާއްޖެ އިސްލާމްވިތާ ގާތްގަނޑަކަށް 31 އަހަރުފަހުން ވެސް ރާއްޖޭގައި ޣައިރުދީންތަކަށް އަޅުކަން ކުރަމުން ދިޔަ މީހުން ތިބިކަމަށާއި އެމީހުން އިސްލާމްކުރެއްވުމުގެ މަސައްކަތް އޭރު ހުންނެވި ރަދުން އައްޞުލްޠާން ޢަލީ ކަލަމިންޏާގެ ރަސްކަމުގައި ކުރެވުނު ކަމަށް ނަސީމާ މުޙައްމަދު ބަޔާންކުރައްވައެވެ.

އޭގެ ފަހުން ރާއްޖޭގައި ރަސްކަން ކުރެއްވީ އައްޞުލްޠާން ދިނެއި ކަލަމިންޏާ ސިރީ ގަޑަނާދީއްތަ މަހާރަދުންނެވެ. އެ ރަދުންގެ ރަސްކަމުގައި 3 ލޯމާފާނެއް ލިޔެވިފައިވެއެވެ. އެއީ ގަމު ލޯމާފާނާއި އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނެވެ. މި ލޯމާފާނުތަކުގައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި ލާމު ގަން އިސްދޫ އަދި ދަނބިދޫ އިސްލާމްކުރެވުނީ އެ ރަދުންގެ ރަސްކަމުގައެވެ. އެ ލޯމާފާނުތަކާއި ހަވާލާދެއްވައި ނަސީމާ މުޙައްމަދު ބަޔާންކުރައްވާފައިވަނީ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގައި ހައްދުންމަތީގެ ރަށްތަކުގައި ހުރި ބުޑިސްޓު ވޭރުތައް ތަޅުއްވައި ބުދުތައް ނަންގަވައި ހާމަދުރުން ވެސް ގަތުލުކުރެއްވި ކަމަށެވެ. އަދި ރައްޔިތުންނަށް އިސްލާމްދީނަށް ވެންނެވުމަށް އަމުރުކުރައްވަވައި އެކަމަށް ދެކޮޅު ހެދި މީހުން ވެސް ގަތުލުކުރެއްވިއެވެ. މިއީ ރާއްޖެ އިސްލާމް ކުރެވުނުތާ ގާތްގަނޑަކަށް 42 އަހަރު ފަހެވެ.

މިގޮތަށް ފާހަގަކުރެވޭ އަނެއް ތާރީޚީ ހާދިސާއަކީ ހަވަރު ތިނަދޫގެ ހާދިސާއެވެ. އައްޞުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވުމަށް ފަހު ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެއްގައި ތިނަދޫގެ މީހުން ތަބާވަމުން ދިޔައީ ޣައިރު ދީނަކަށެވެ. އެ ރަދުން އިސްލާމްދީނަށް ގޮވާލެއްވީމާ އެމީހުން އިސްލާމްވި ނަމަވެސް ފަހުން އަނެއްކާ ވެސް ކުރިން އުޅެމުން ދިޔަ ދީނަށް ބަދަލުވިއެވެ. މިކަން ރަދުންނަށް އެނގިވަޑައިގަތުމުން ހަވަރު އެއްކުރައްވައި ހަނގުރާމަކުރެއްވިއެވެ. އަދި ތިނަދޫ އަކީ ހަވަރުގެ ބެލުމުގެ ދަށުގައިވާ ރަށެއްގެ ގޮތުގައި ވެސް ކަނޑައެޅުއްވިއެވެ. މިއީ ރާއްޖެ އިސްލާމްވިތާ ގާތްގަނޑަކަށް 400 އަހަރަށް ވުރެ ވެސް ގިނަ އަހަރު ވެދާނެއެވެ.

ކޮންމެއަކަސް އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި މިގައުމު މިއޮތީ الله ތަޢާލާގެ ރަޙުމަތާއި ވަރަށް ވެސް ގިނަ ބައެއްގެ މަސައްކަތުންނެވެ. ހިޖުރައިން 548 ވަނަ އަހަރު ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށް އަމުރުކުރެވުނު ނަމަވެސް އޭގެ އެތަކެއް އަހަރު ފާއިތުވެގެން ދިޔަ އިރުވެސް ދީނުގެ ހިދާޔަތު ނުލިބި ހުރި އެތައް ރަށެއް ހުއްޓެވެ. އެ ރަށްތަކަށް އިސްލާމް ދީން ފޯރުކޮށްދެއްވުމަށް ރާއްޖޭގައި ރެދަލި ކުރެއްވި ކޮންމެ ރަސްކަލެއްގެ ވެސް ވާޖިބެއް ކަމުގައި ދެކެވަޑައިގެން އެ މަސައްކަތްޕުޅު ކުރެއްވިކަމަށް ތާރީޚީ ލިޔުންތަކުން ހެކިދެއެވެ. މިއަދު ރާއްޖޭގެ ހުރިހާ ރަށްތަކަކީ އިސްލާމްދީނުގެ ނޫރުން އަލިވެފައިވާ ރަށްތަކަކަށް ވިޔަސް އެ ނޫރު ދެމެހެއްޓުމަކީ މިއަދު އަހަރުމެން އެންމެންގެ ވެސް ޒިންމާއެކެވެ. ދީނީ އެއްބައިވަންތަކަން ދަމަހައްޓައި ޅަދަރީންގެ ހިތްތަކުގައި ދީނީ ލޯބި އަށަގެންނެވުމަކީ އަހަރުމެންނަށް އޮތް މަސްއޫލިއްޔަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ