ކޮވިޑް-19 ޖެހިގެން 79 އަހަރުގެ ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއަދު ނިޔާވި މީހާއަށް ފަރުވާ ދެމުންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ. އެމީހާއަކީ ކޮވިޑް-19 ޖެހިގެން ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް ހާލު ބޮޑު މީހުންގެ ތެރެއިން އެކަކެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް މަދެވެ. އެކަމަކު، ކޮވިޑް-19 ޖެހިގެން ފަހަކަށް އައިސް ނިޔާވާ މީހުންގެ އަދަދު ވަނީ ގިނަވާން ފަށައިފައެވެ. އެގޮތުން ވޭތުވެދިޔަ އެންމެ 10 ދުވަސް ތެރޭގައި މި ބަލީގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޮވިޑް-19 ފެތުރެން ފެށިތާ ހަތް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މީގެ ކުރިން ރާއްޖޭގައި ކައިރި ކައިރީގައި މި ބަލީގައި މީހުން ނިޔާވެފައެއް ނުވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް، އާންމު ތަންތަނުގައި މާސްކު އެޅުމާއި، ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ފިޔަވައި ބޭރަށް ނުނިކުތުމަށާއި، އަދި ގިނަ ގިނައިން އަތް ދޮވުން ނުވަތަ ސެނިޓައިޒާއިން އަތް ސާފްކުރަން ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.
ރާއްޖެ އިން މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން ފައްސިވެފައިވާ އިރު، ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު 11،000 އަށް ވުރެ މައްޗަށް އަރައެވެ. އަދި މި ބަލީގައި މިވަގުތު ފަރުވާދެމުން ދަނީ 800 އަށް ވުރެ ގިނަ މީހުންނަށެވެ.
މިއާއެކު، ރާއްޖެ އިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 43 އަށް އަރައިފައެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެ އިން ނިޔާވެފައި ވަނީ 35 ދިވެހިންނާއި އަށް ބިދޭސީންނެވެ. މި ބަލި ޖެހިގެން ފަހަކަށް އައިސް ނިޔާވަނީ ވެސް ދިވެހިންނެވެ.
ކޮވިޑް-19 ޖެހިގެން ދިވެއްސަކު މިއަދު ނިޔާވި އިރު، އިއްޔެ ވެސް 57 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.