ވެެރިކަމުގައި 3 އަހަރު، ރިޔާސަތުގައި 4 އަހަރު: ދައުރު ހަމަކުރަން ނޭގުނު ވެރިޔެއް؟

ގާފު ގްރެފިކްސް: އާހިލް ވަހީދު

ރާއްޖޭގެ ސިޔާސީ ހަލަބޮލި ދުވަސްވަރު އައިސް މި ޖެހުނީތާއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގެ " ނެލްސަން މަންޑޭލާ " ނުވަތަ ރާއްޖޭގެ ޑިމޮކްރަސީގެ " އައްޕަ " ކަމަށް ގިނަ ބަޔަކު ދެކޭ ރައީސް މުހައްމަދު ނަޝީދުއަކީ ކޮންމެ ސިޔާސީ ހަލަބޮލި ދުވަސްވަރެއްގައިވެސް އެންމެ ޓްރެންޑިންގ އެއް ސިޔާސީ ފަހުލަވާނެވެ.

މިއަދު ރާއްޖެ މިއޮތް ސިޔާސީ ހަލަބޮލި ކަމުގައިވެސް ރައީސް މުހައްމަދު ނަޝީދު ވެގެން ގޮސްފައިމިވަނީ އެންމެ ޓްރެންޑިންގ ބޭފުޅާއަށެވެ. ނަމަވެސް މިފަހަރު ރައީސް ނަޝީދު ޓްރެންޑިންގ ވާ ސަބަބު ތަފާތެވެ. ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ކުރައްވާ މުހައްމަދު ނަޝީދުގެ ރިޔާސަތު މިއަދު މިއޮތީ ވަރަށް ނުބައި ފައްތަރެއްގައި އެވެ. އަމިއްލަ ޕާޓީތެރެ އެމަނިކުފާނު ހަލަބޮލި ކޮށްލައިފި އެވެ. ނުވިތާކަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުންވެސް ހަލަބޮލި ކޮށްލައިފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުންނަށް މިކަމަށް ކެތް ނުކުރެވޭ ހިސާބަށް ގޮސް ރައީސް ނަޝީދުގެ އިތުބާރެ ނެތްކަމުގެ މައްސަލައެއް މިވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދާފައެވެ. 56 މެމްބަރުންގެ ޕީޖީ ގްރޫޕުން މި މައްސަލަ މަޖިލީހަށް ވައްދާފައިމިވަނީ 54 މެމްބަރުންގެ ސޮއާއިއެކުގައި އެވެ. އެއީ އެޕީޖީ ގްރޫޕުގެ 50 މެމްބަރުންގެ ސޮއާއި އަދި އިތުރު 4 މެމްބަރެއްގެ ސޮއާއި އެކުގައި އެވެ.

މި މައްސަލަ ރައީސް ނަޝީދާއި ދެކޮޅަށް ނިމި މަޖިލީހުގެ ރިޔާސަތުން އެމަނިކުފާނު " ބާލާނެ " ކަމާއިމެދު ރާއްޖޭގެ ސިޔާސީ މައިދާން އެނެލައިޒްކުރާ ފަރާތްތަކުގެ ޝައްކެތް ނެތެވެ. ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ބޭރުކުރަން ބޭނުންވަނީ ޖުމުލަ 44 މެމްބަރެއްްގެ ވޯޓެވެ. ނުވަތަ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާއިރު މަޖިލީހުގެ ތަޅުމުގައި ތިބޭ މެމްބަރުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މެމްބަރުންގެ ވޯޓެވެ.

މި ވޯޓުން ނަޝީދު ނާކާމިޔާބު ވެއްޖެ ނަމަ ދެން މިއޮތީ ގިނަ ބަޔަކު އެވާހަކައެއް އެންމެ ބާރަށް ދައްކާނެ އެއްވާހަކައެވެ. ރާއްޖޭގެ އެންމެ މަތީ ތިން ބާރުގެ ކޮންޓްރޯލްވެސް ދައުރެއް ހަމަ ނުވެ ރައީސް ނަޝީދަށް ގެއްލުނު ވާހަކައެވެ. އެގޮތުން ރާއްޖޭގެ ރައީސްކަމަށް 2008 ވަނަ އަހަރު އިންތިހާބުވި ނަމަވެސް ދައުރު ހަމަނުވެ އެންމެ ތިން އަހަރުން އެކޮންޓްރޯލްވެސް ރައީސް ނަޝީދަށް ގެއްލުނެވެ. ރައީސް ނަޝީދު ސިފަކުރައްވާ ގޮތުން ނަމަ " ބަޤާވާތަކުން " 2012، ފެބްރުއަރީ 7 ވަނަ ދުވަހު އެމަނިކުފާނު ރައީސުލްޖުމްހުރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވީ އެވެ. އެފަަހަރު ރައީސް ނަޝީދަށް ވެރިކަމުގައި ހުންނެވުނީ 3 އަހަރާއި 2 މަހާއި 27 ދުވަހަށެވެ.

ވެރިކަމުގެ ބާރުތަކުން ދުރުގައި ހުންނެވި ރައީސް ނަޝީދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވި އެވެ. ނަމަވެސް ނަޝީދަށް އެފަހަރު ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނެވެ. ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީން އަބްދުލްގައްޔޫމް އެވެ. ވެރިކަމަށް ވަޑައިގެން ޔާމީން އަބްދުލް ގައްޔޫމް ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ ނަޝީދުގެ ސިޔާސީ ހަޔާތް "ޚަތަމް" ކޮށްލަން ކުރެއްވި މަސައްކަތެވެ. އެގޮތުން ޓެރަރިޒަމް ގާނޫނުގެ ދަށުން އެމިކުފާނަށް އައީ 13 އަހަރުގެ ޖަލު ހުކުމެކެވެ. މިއާއި އެކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭނެ މަގު ބަންދު ވެގެން ދިޔައެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ މައްޗަށް އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދެވުމާއި އެކު ނަޝީދުގެ ހުކުމް މުރާޖާކޮށް އެމަނިކުފާނު މިނިވަން ވެގެންދިޔައެވެ. މިއާއިއެކު އިތުރު ހިތްވަރަކާއި އެކު ނަޝީދު ސިޔާސީ މައިދާނަށް ނުކުތީ ކުރިޔަށް ވުރެ ގަދަކޮށެވެ. ސުޕަ މެޖޯރިޓީއަކާއި އެކު 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރައްވައި މިބުނި ސުޕާ މެޖޯރިޓީގެ އެހީއާއިއެކު އެމަނިކުފާނު ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީގުގެ ރިޔާސަތަށެވެ. އެއީ ގައުމުގެ ދެވަނަ ބާރެވެ. މި ބާރާއިއެކު އެމަނިކުފާނަށް ދައުލަތުގެ ތިންވަނަ ބާރު ކަމުގައިވާ ޖުޑީޝަރީގެ ބާރުވެސް ޖޭއެސްސީ މެދުވެރިކޮށް ލިބިގެން ދިޔައެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްތުން އެމަނިކުފާނަށް ޖޭއެސްސީގެ ޖާގައެއް ޔަގީންވި އެވެ.

އެމްޑީޕީގެ ރައީސް ކަމުގައި މަގާމުގައި އަދިވެސް ހުންނެވި ރައީސް ނަޝީދު އާއި އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިޔާ ރައީސް ސޯލިހުއާއި ދެމެދެ " ކުނި " ޖެހުނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގައި ބޭއްވި ޕްރައިމެރީގައި އެވެ. ނަމަވެސް އޭގެ ކުރިންވެސް މިބުނާ " ކުނި " އޮތީ ޖެހިފައެވެ. ސަބަބަކަށްވީ ނަޝީދު ބޭނުންފުޅުވި ގޮތަށް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅު ނުވުމުންނެވެ.

ޕްރައިމަރީގައި ނަޝީދު ގެންގުޅުއްވި ފިކުރެއްގެ ދިރުން ޝިޔާރާއިއެކު އެމްޑީޕީގެ ތެރޭގައި ފެކްޝަނެއް ހެދުމަށްފަހު ނަޝީދު ނުކުންނެވީ ރައީސް ސޯލިހުއާއި "ހަނގުރާމަ" ކުރައްވާށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވައި މަޖިލީސް ކޮންޓްރޯލް ކުރައްވަން ފެއްޓެވީއެވެ. މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތް އެމްޑީޕީގެ ރައީސް ސޯލިހަށް ތާއީދުކުރާ މެމްބަރުންނާއި މަޖިލީހުގެ ތަޅުމުގައި ޒުވާބުވެސް ކުރައްވަނީ އެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް މަޖިލިސް ހިންގުމުގެ ގޮތުން އެމެމްބަރުންނަށް ލިބެދޭ ހައްގުތަށް އެމަނިކުފާނު ހަނިކުރައްވާ ކަމަށް އެމެމްބަރުން ގެންދަވަނީ ތަކުރާކުކޮށް ވިދާޅުވަމުންނެވެ.

ކަންކަން ބޮއްސުން ލައިގެން ގޮސް މިފަހަރު އެމްޑީޕީގެ ޕީޖީ ގްރޫޕުން މި ނިންމީ އެމަނިކުފާނު އެމަގާމުން ދުރުކުރުމަށެވެ. މިއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި އަންނާނެ އަޑިގަނޑެއް ކަމެއް ނުވަތަ އުސްގަނޑެއްކަން ނިންމާނީ ރައްޔިތުންނެވެ. ޔަގީންވާ އެއްކަން އެބައޮތެވެ. ރާއްޖޭގެ ވެރިކަމުގެ ބާރުތަކުގެ ދައުރަކީ 5 އަހަރެވެ. މަޖިލީހުގައި ނަގާ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި އެކު އެމަނިކުފާނު ރިޔާސަތުން " ބާލައިފި" ނަމަ އެމަނިކުފާނު ވެގެންދާނީ މި ތިން ބާރުގެ ކޮންޓްރޯލް ލިބުނު ނަމަވެސް ދައުރު ހަމަނުވި ހަމައެކަނި ފަރާތަށެވެ. ނަޝީދުއަށް ވެރިކަމުގެ 5 އަހަރުން 3 އަހަރު ފުރިހަމަ ކުރެވުނު އިރު މަޖިލީހުގެ ރައީސް ކަމުގެ 5 އަހަރުން ފުރިހަމަ ވެގެންދާނީ 4 އަހަރެވެ. ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވީ 2019 ވަނަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު އެވެ. މިއަދަށް ވަނީ 4 އަހަރާއި 12 ދުވަހެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން މި މަހު ދުރުކޮށްފި ނަމަ ރައީސް ނަޝީދަށް މަޖިލީހުގެ ރިޔާސަތުގައި ހުންނެވުނު ކަމަށްވާނީ 4 އަހަރާއި އެއްމަސްދުވަހެވެ.

މިއާއިއެކު ގައުމުގެ 3 ބާރުގައިވެސް ރައީސް ނަޝީދަށް ދައުރު ހަމަނުވުމުގެ ރެކޯޑް ލިބިގެންދާނެ އެވެ.

ހަނދާނަށް އަންނަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވިދާޅުވި ނައިފަރު ދޮހޮއްކޮގެ ބައިތަށެވެ. "ޖުންޖުލައި ގަދަ ކުރިމަތިވަނީއޭ ދުއްވާނު އޮޑި މަޑުކޮށްގެން ނުވާނޭ ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ ކޮޅުވަތުގައި ހުރި ގޮތް ރަނގަޅަށް ބަލާށޭ،". ނަޝީދު އެދުވަހު ވިދާޅުވި މި ބައިތުގައި ބުނާހެން ނަޝީދުއަށް މި ކޮޅިގަނޑުން ސަލާމަތް ވެވޭނެ ހެއްޔެވެ. ޖޫން ޖުލައިގެ ގަދައިގައި ރައީސް ނަޝީދު ރަނގަޅަށްވެސް ޖެހިއްޖެ އެވެ. ދެން އިންތިޒާރު ކުރެވެނީ ނަޝީދު ދެން އަޅާނެ ފިޔަވަޅަކަށެވެ.

 

 

ކޮމެންޓް

3 Responses

  1. މަ މި ހުންނަނީ ތިހެން ނުބުނަން. ވަރަށް ފުރިހަމަ އިނގޭތޯ..

  2. އަންނިއާ ތިހެން ގެޅިގެން ނޫޅެވޭނެ. ކަލޭމެންވެސް ސަރުކާރުން ދިނީމަ ކައިގެންބޮއެގެން ތި ތިބެނީ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް