އުރީދޫ މޯލްޑިވްސްގެ އޭޖީއެމް މާޗު ދޭއްގައި

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

މިއަހަރުގެ އަަހަރީ އާންމު ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ވާޗުއަލްކޮށް "ފަހިވޯޓް" މެދުވެރިކޮޮށެވެ. "ފަހިވޯޓް" އަކީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ)ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމެކެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ މިމަހުގެ 28ވަނަ ދުވަހުގެ ރޭ 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވާން ރެޖިސްޓާ ކުރައްވާ ފަރާތްތަކަށް އެކަނި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި އިއްޔެ މެންދުރު 2:30 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަން ޖެހެ އެވެ. އަދި، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހަޅަން ވެސް ޖެހެ އެވެ.

ޖަލްސާގެ އެޖެންޑާގެ ގޮތުގައި 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މި އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން އަދި މިދިޔަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން ހިމެނެ އެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެ އެވެ.

މި ޖަލްސާގައި މިދިޔަ އަހަަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34ރ. ބެހުމަށް އުރީދޫގެ ބޯޑުން ވަނީ ނިންމައިފަ އެވެ. މި އަދަދު ފާސް ކުރާނީ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް