
MicrosoftTeams-image (7)
ބޭންކް އޮފް މޯލްޑިވްސް މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލާއި ޑައިވް ޑެސްކާއި ގުޅިގެން ބީއެމްއެލް އިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ލޯކަލް މާކެޓުގައި ކުލަލާފައިވެއެވެ.
މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބީއެމްއެލްގެ 200 އެއްހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މިއީ، މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު ވިދާޅުވީ ސާފުކުރެވުނު ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރިކަމަށާއި، މި ހަރަކާތުގައި އެ ބޭންކުގެ މުވައްޒަފުންގެ ބައިވެރިވުން ފުރިހަމައަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.
"މި ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. އެއް ނަންބަރު ފާލަން ކައިރިއަށް ކުރި ޑައިވްގައިވެސް ޓަޔަރާއި ފުޅިފަދަ ތަކެތި ނެގުނު. އަދި ވަކިން ހާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގުނު. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު. ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މާލޭ ސިޓީ ކައުންސިލް އިންވެދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން." - މުޙައްމަދު ސައީދު
މާލެއިން ގާތްގަޑަކަށް ޖުމްލަ 8 ކިލޯގެ ކުނި ނަގާފައިވެއެވެ. އަދި ޕާލޭގެ ޖަމްބޯ ބޭގުގެ 6 ބޭގް ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭއާ ވަނީ ހަވާލުކޮށްފައެވެ. ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.
ގުޅުންހުރި

ބީއެމްއެލްގެ ވިސާކާޑުން ވިޔަފާރިކޮށްގެން އާއިލާއާއެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް!

ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާއަށް 497 މިލިއަން ރުފިޔާ!

ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރްސީއާއި ދެމެދު އެއްބަސްވުމެއް!
