ކުރީގެ މެންބަރުންނަށް ދޭ އިނާޔަތް އުވާލުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތް - އަލްސަން
އައިޝަތު އިފާޝާ
4/25/2024, 10:17:17 AM
މަޖިލިސް އިންތިޚާބުގައި އަލްސަން އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ސައިކަލުބުރުގެ ތެރެއިން - ފޮޓޯ: އަލްސަން ކެމްޕެއިން ޓީމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މެންބަރުންނަށް ދޭ އިނާޔަތް އުވާލުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރައްވާނެ މަސައްކަތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ވިދާޅުވެއްޖެއެވެ.
އަމިއްލަ ގޮތުން ތިނަދޫ ދެކުނު ދާއިރާއަށް ވާދަކޮށް ހޮވިވަޑައިގެންނެވި އަލްސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގައި ކުރީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާޔަތަކީ ދައުލަތުން ކުރާ ބޭކާރު ޚަރަދެއެއް ކަމަށެވެ.
އެހެން ކަމުން އެއިނާޔަތް އުވާލުމުގެ މަސައްކަތަކީ މަޖިލީހުގެ ދައުރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ވަކާލާތު ކުރާނެ އެއް މަސައްކަތް ކަމުގައި އަލްސަން ވިދާޅުވިއެެވެ.
މަޖިލިސް މެންބަރުކަން ކުރައްވާ ބޭފުޅުންނަށް، އެކި މިންވަރަށް މާލީ އިނާޔަތް ދޭން ގާނޫނުން ލާޒިމް ކުރެއެވެ. އެގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެންބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެއެވެ. މެންބަރުންނަށް އެ އިނާޔަތް ލިބޭނީ މަގާމުން ވަކިވުމަށް ފަހުގައި އަދި އުމުރުން 55 އަހަރުވުމަށް ފަހުގައެވެ. މީގެ އިތުރުން މަޖިލިސް މެންބަރުންނަށް ދެވޭ ހެލްތު ސްކީމްގެ ފުރުސަތުތައް ވެސް ކުރީގެ މެމްބަރުންނަށް އޮވެއެވެ.
ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް އިންތިޚާބު އަލްސަން ކާމިޔާބު ކުރެއްވީ އެދާއިރާއަށް ކުރިމަތިލެއްވި ހަތަރު ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ. އިންތިޚާބުގައި އަލްސަން އަށް ލިބުނީ 870 ވޯޓެވެ. އަލްސަންއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓްއަށް 799 ވޯޓު ލިބުނު އިރު, އެމްޑީޕީގެ ކެންޑިޑޭޓް ޒިފްލީނާ ޙަސަން އަށް ލިބުނީ 519 ވޯޓެވެ.