








މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އައު އޮފީސް ހުޅުމާލޭގައި ހުޅުވައިފިއެވެ.
މި އޮފީސް ހުޅުވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
ހުޅުމާލެ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް ތަރައްޤީކުރެވިފައިވާ މި އިމާރާތުގައި، އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއް އެއް ހުރެއެވެ. އަދި ބޭސްމަންޓް ޕާކިންގ ވެސް ވަނީ ޤާއިމުކޮށްފައެވެ.
މި ޢިމާރާތުން ކުލީގެ ގޮތުގައި ކުންފުންޏަށް މެދުނުކެނޑި އާމްދަނީ ލިބެމުންދާނެ މަގު ފަހިވެ، މާލީ ހަމަޖެހުން އިތުރުވެގެންދާނެ ކަމަށާއި މިއީ ކުންފުނީގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، އާމްދަނީ ހޯދާނެ އައު ދާއިރާތައް ހޯދުމަށް ކުންފުނިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ރަމްޒުކޮށްދޭ މަޝްރޫޢެއް ކަމަށް އެމްޓީޑީސީ އިން ބުނެއެވެ.
މީގެއިތުރުން މި ޢިމާރާތަކީ އެމްޓީޑީސީގެ ކުރިމަގުގެ ތަޞައްވުރާއި، ކުރިއެރުމާއި، އަދި އިޤްތިޞާދީ ގޮތުން ކުންފުނި ކުރިޔަށްދިއުމަށް ކުރެވޭ މަސައްކަތް ދައްކުވައިދޭ ރަމްޒެއް ކަމަށް ވެސް ބުނެއެވެ.
މިއީ 10 ފަންގިފިލާގެ ޒަމާނީ އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް ފެށީ 30 މޭ 2022 ގައި އެޗްޑީސީ އާއެކު ވެވުނު ބިން ގަތުމުގެ އެއްބަސްވުމާއެކުއެވެ. އެއަށްފަހު، 25 ސެޕްޓެންބަރު 2023 ގައި ހުނާން ސިކްސްް އިންޖިނިއަރިންގ ކޮމްޕެނީއާ މި މަސައްކަތް ޙަވާލުކުރިއެވެ. އިމާރާތުގެ ބިންގާ އެޅީ 17 ޖުލައި 2024 ގައެވެ.




