.jpeg?w=3840&q=75)




.jpeg?w=3840&q=75)

.jpeg?w=3840&q=75)

ވިލާ ކޮލެޖް
ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާކޮށް، ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމެއް ބިނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ދަނީ އެޅެމުންނެވެ. މިގޮތުން، މަތީ ތަޢުލީމުގެ ޤާނޫނުގެ ދަށުން "ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ޤަވާއިދު" މިހާރު ވަނީ އެކުލަވާލައި ޢާންމުކޮށްފައެވެ. މި ޤަވާއިދުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓްރީކުރުމާއި، ހިންގުމާއި، އަދި ޔުނިވަރސިޓީ އުވާލުމާ ގުޅޭ އެންމެހައި ކަންކަމުގައި އެއް މިންގަނޑަކުން ޢަމަލުކުރާނެ އުޞޫލުތައް ކަނޑައަޅައި، ޔުނިވަރސިޓީތަކުގެ ފެންވަރު ހިފެހެއްޓުމެވެ.
އަލަށް އެކުލަވާލެވުނު ޤަވާއިދުގައިވާ ގޮތުން، ރާއްޖޭގައި ކޮލެޖެއް ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދެވޭނީ އެ ތަނެއް ކޮލެޖެއްގެ ގޮތުގައި ހިންގާތާ މަދުވެގެން 15 އަހަރު ވުމުންނެވެ. އަދި ބޭރު ޤައުމެއްގެ ޔުނިވަރސިޓީއެއް ރާއްޖޭގައި ރަޖިސްޓްރީކުރާ ނަމަ، އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގާތާ 10 އަހަރު ވެފައިވާންޖެހެއެވެ. މީގެ އިތުރުން 3 ދާއިރާއަކުން ބެޗެލާސް ޑިގްރީއާއި މާސްޓާސް ޑިގްރީއާ ދެމެދުގެ ކޯސްތައް މެދުކެނޑުމެއް ނެތި 5 އަހަރު ދުވަހުގެ މުއްދަތަށް ހިންގާފައިވުމާއި، ޑިގްރީ އަދި މާސްޓާސް ފެންވަރަށް ކިޔަވާ ދަރިވަރުންގެ ޢަދަދު މަދުވެގެން 1000 އަށް އެރުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އިންޓަނޭޝަނަލް ޔުނިވަރސިޓީ ރޭންކިންގައި ބައިވެރިވެ ރޭންކު ކުރެވިފައިވުމާއެކު، ބައިނަލްއަޤުވާމީ ޔުނިވަރސިޓީތައް ތަމްސީލުކުރާ ޖަމްޢިއްޔާއެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ހޭދަކޮށްފައިވާން ޖެހެއެވެ.
ތަޢުލީމީ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން، ބައިނަލްއަޤުވާމީ ފެންވަރުގެ ރިސާޗު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެކަޑެމިކް ފުލްޓައިމް މުވައްޒަފުންގެ %10 އަކީ ޕީއެޗްޑީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ހާސިލްކޮށްފައިވާ މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ޔުނިވަރސިޓީއަކަށް ބަދަލުވާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ފަށަންޖެހެއެވެ. މީގެ އިތުރުން ބޭރު ޤައުމުތަކުގެ ޔުނިވަރސިޓީތައް ރާއްޖޭގައި ރަޖިސްޓްރީ ކުރުމުގެ ޚާއްޞަ ޝަރުތުތަކެއްވެސް މި ޤަވާއިދުގައި ހިމަނާފައިވެއެވެ.
ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދި ޕްރޮޕޯޒަލް ހުށަހަޅަންޖެހެނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިކަމަށް ޚާއްޞަކުރާ ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށަހަޅާތާ 2 ހަފުތާގެ ތެރޭގައި އެޕްލިކޭޝަން ބަލައިގަތްކަން ލިޔުމުން އަންގަންވާނެއެވެ. އެޕްލިކޭޝަންތައް އިވެލުއޭޓު ކުރުމަށްޓަކައި 5 މެންބަރުންގެ ފަންނީ ކޮމިޓީއެއް އެކުލަވާލަންޖެހެއެވެ. މި ކޮމިޓީގައި ހިމެނެނީ މަތީ ތަޢުލީމީ ދާއިރާގެ ދެ ތަޖުރިބާކާރުންނާއި، މިނިސްޓްރީގެ އިސް މުވައްޒަފަކާއި، އެމްކިއުއޭ (MQA) ގެ އިސް މުވައްޒަފެއްގެ އިތުރުން ފައިނޭންސް ދާއިރާގެ މެމްބަރެކެވެ. އަދި ބޭނުންވެއްޖެ ޙާލަތެއްގައި އިތުރު ފަންނީ މެންބަރުން ޢައްޔަންކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މި ކޮމިޓީން ޕްރޮޕޯޒަލް ބަލައިގަންނަތާ 3 މަސް ދުވަހުގެ ތެރޭގައި އެސެސްމަންޓް ރިޕޯޓް ނިންމައި ގޮތެއް ކަނޑައަޅަންޖެހެއެވެ.
މި ޤަވާއިދުގެ ދަށުން ރަޖިސްޓްރޭޝަނާއި އެހެނިހެން ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީތަކަށް ބަލާއިރު:
ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އެކަންޏެވެ. ނަމަވެސް، މި އައު ޤަވާއިދާއެކު ރާއްޖޭގައި ގިނަ ދުވަސްވީ އަމިއްލަ ކޮލެޖުތަކަށް ޔުނިވަރސިޓީގެ ދަރަޖައަށް ވާޞިލުވުމުގެ މަގު ފަހިވެ، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާވެ، ދާއިރާގެ ވާދަވެރިކަމާއި ފެންވަރު އިތުރަށް މަތިވެގެންދާނެއެވެ.
.jpeg?w=3840&q=75)



