.webp?w=3840&q=75)
--
ސަރުކާރުން އުފައްދާ ޓެކްސީލައިން މަޝްރޫޢު 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމައިފިއެވެ.
މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައި އެވެ. އެގޮތުން މި ޓެކްސީލައިން އޮޕަރޭޓްކުރާނީ އެމްޓީސީސީއިންނެވެ.
މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި އަދި ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި ޓެކްސީލައިން ޚިދުމަތް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ. ޓެކްސީލައިން ގެ ޚިދުމަތް ދިނުމުގެ ކަންކަން ރޭވިފައިވާ ގޮތުން، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި 2025 ވަނަ އަހަރު ފެށުމަށް ވަނީ ރޭވިފައެވެ. މި ފިޔަވަހީގެ ދަށުން މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ޓެކްސީލައިން ޚިދުމަތް ފެށޭނެއެވެ.
ދެވަނަ ފިޔަވަހީގެ ދަށުން 2026 އަދި 2027 ވަނަ އަހަރު ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށީގައި މި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ ފިޔަވަހީގެ ދަށުން 2028 އަދި 2029 ވަނަ އަހަރު ރަސްމާލެ އަދި ގިރާވަރުގައި ޓެކްސީލައިން ޚިދުމަތް ފެށުމަށް ވަނީ ނިންމާފައި އެވެ.
މީގެ އިތުރުން، ތިންވަނަ ފިޔަވަހީގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ވެސް މި ޚިދުމަތް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.
ޓެކްސީ ލައިން މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫޢެކެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުގައި އަދި ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި ދަތުރުފަތުރުގެ ނިޒާމު ފަސޭހަވެ، ރައްޔިތުންނަށް ލުއިފަސޭހަ އަގެއްގައި ދަތުރުފަތުރުކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫޢުގައި ބޭނުން ކުރަނީ އިލެކްޓްރިކް ވެހިކަލް ކަމުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ، ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރެވޭނެ ކަމަށެވެ.












