
FgjKVdWaUAApmns
ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބައެއް މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ.

އޭޖީ އޮފީހުން މިއަދު ބައްދަލުކޮށްފައިވަނީ ހޯޕް ފޮ ވުމަން، މޯލްޑިވްސް ޔޫތު، ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލް ކާފު، އަދި އަބަ މޯލްޑިވްސް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭ.ޑީ.އެމް) އަދި ދިވެހިރާއްޖޭގެ އަދަބީ ޅެންވެރިންގެ ޖަމްޢިއްޔާ އާ އެވެ.
ޖޭއެސްސީ އިސްލާކުރުމުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާއިރު، މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށް ހުޅުވާލީ މިދިޔަ މަހު 7 ވަނަ ދުވަހުއެވެ. އެގޮތުން ބައްދަލުވުމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 11 އާ ހަމައަށް ހުޅުވާލިއެވެ. އޭޖީ އޮފީހުން މިހާރު ވަނީ ރަޖިސްޓްރީކުރި ހުރިހާ މަދަނީ ޖަމިއްޔާތަކާ މިހާރު މަޝްވަރާކުރައްވާފައެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގައި 10 މެމްބަރުން ތިއްބަވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ޤާނޫނީ ވަކީލެވެ.
ޤާނޫނުއަސާސީގެ ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނާކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤުވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތައް އޭޖީ އޮފީހުން އެކުލަވާލާ ބިލްގައި ހިމަނާނެ ކަމަށް އެ އޮފީހުން ބުނެއެވެ.
ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖަޢާކޮށް، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަކީ، ޝަރުޢީދާއިރާ އިސްލާޙުކުރުމަށް މިސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ. އެގޮތުން ސަރުކާރުން އަމާޒުހިފާފައިވަނީ ޖޭއެސްސީއަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތް މިނިވަން ތަނަކަށް ހެދުމެވެ.