
ibrahim mohamed didi
އިދިކޮޅު ޕާޓީތަކަށް މިހާރު "އިންޑިއާ އޯކޭ" ވެއްޖެ ކަމަށް ވިދާޅުވެ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

އިބްރާހީމް ދީދީ މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ގެ ނަމުގައި ބޮޑު ސިޔާސީ ޙަރަކާތެއް ހިންގަމުން އަންނަ އިދިކޮޅު ޕާޓީތަކުގެ އެންމެ އިސް ވެރިން، ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަންއާ ބައްދަލުކޮށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން ޕީޕީއެމްގެ ރައީސް ޔާމީންޖަލުގައި ހުންނެވުމުން އެކަމުގެ ޝަކުވާ ކޮށްފައި ވާތީއެވެ.
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅުން ކުޅެނީ މުޅިންވެސް ސިޔާސީ ގޭމް ކަމަށާއި، އެފަރާތްތަކުން ދައްކާ ވާހަކަތަކުގައި އިޚްލާޞްތެރިކަމެއް ނެތްކަމަށެވެ.
"ކުރީގައި ދީނާއި ޤައުމު، މިދޭތެރެއިން މިނިވަންކަން. މިހާރު އިންޑިއާ އޯކޭ."
އިދިކޮޅުން ގެންގުޅޭ ސިޔާސީ ޝިޢާރުތަކަށް ފާޑު ވިދާޅުވަމުން ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.
އިދިކޮޅުން އިންޑިއާގެ ފޮރިން ސެކްރެޓަރީއާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލް ދެމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ، އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ އިންޑިއާއިން އަބަދުވެސް ދިވެހިރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީ ފާހަގަކޮށްފައި ކަމަށެވެ.