
iStock-944453634
2020 އަހަރުމެން ތަސައްވަރު ކުރީމެވެ. އުދުހޭ ކާރުތަކާއި، ބޮޑެތި ބިލްޑިންގްތަކާއި، އިންސާނުން ގޭތަކުގައި އަރާމްކުރަން ދާނުގައި ތިބޭހިނދު، ރޮބޮޓްތަށް އިންސާނުން ކުރަމުންދިޔަ މަސައްކަތްތަށް ކުރަމުންދާނެކަމަށް ވިސްނީމެވެ. އިންސާނުން މިދުނިޔެ ދޫކޮށް މާރސްގައި އުޅޭނެކަމަށްވެސް ހީކުރީމެވެ. 2020 އަކީ ދުނިޔެއަށް ޓެކްނޮލޮޖީގެ ގޮތުން އަދި ހުރިހާ ގޮތަކުންވެސް ބޮޑެތި އިންގިލާބުތަކެއް ގެނެސްދޭނެ އަހަރެއްކަމަށް އަހަރުމެން ނިންމީމެވެ. 2020 އަކީ އިންސާނުންނަށް ދިމާވާނެ އެންމެ އުފާވެރި އަހަރަށްވާނެ ކަމަށްވެސް އަހަރުމެން ނިިންމީމެވެ. ނަމަވެސް ކަންހިނގީ ކިހިނެއް ހެއްޔެެވެ؟

ކަންހިނގީ އަހަރުމެން ތަސައްވަރުކުރި ގޮތާއިދިމާ އިދިކޮޅަށެވެ. ކަންހިނގީ އަހަރުމެން ހީވެސް ނުކުރާ ގޮތަށެވެ. ކަންހިނގި ގޮތާއި ގާތަށްވެސް އަހަރުމެން ނުވިަސްނަމެވެ. 2020ވީ ދުނިޔެ މިހާތަނަށް ދުށް އެންމެ ދެރަ އެއް އަހަރަށެވެ. ދުނިޔެ ދައްކާ އަދި ދެއްކި އެންމެހާ ދަޅަތަކަކީ އަގު ހުރި އެއްވެސް އެއްެޗެއްނޫން ކަން ސާބިތުވެގެން ދިޔަ އަހަރަށެވެ. މާމުއިގެ ދާނުގައި، ފޮނިކޮޅު ބޯލަން ކިތަންމެ އިރަކު ތިއްބަސް، އެއީ ވަގުތީ އެއްޗެއްކަން އަންގައިދިން އަހަރަށެވެ. އިންސާނުންގެ ނިކަމެތިކަމާއި، ނުކުޅަދުންތެރިކަން ދައްކުވައިދިން އަހަރަށެވެ. ލޮލަށް ނުފެންނަ ކުޑަ ކުޑަ ސޫފެއްގެ ފައި ދޮށަށް ވެއްޓި އެތަކެއް އިންސާނަކު ދުނިޔެ ދޫކުރި އަހަރަށެވެ. އެތަކެއް މިލިއަން އިންސާނެކެވެ.
2020 އަހަރުމެންނަށް އަންގައިދިނީ ކޯއްޗެއްހެއްޔެވެ؟ ދުނިޔޭގެ އަރާމާއި، ލައްޒަތާއި އުފަލަކީ ވަގުތީއެއްޗެއްކަމެވެ. ކުޑަ ކުޑަ ހިނދަކު، ކުޑަ ކުޑަ ވަގުތަކުވެސް ކަންކަން ބަދަލުވެދާނޭ ކަމެވެ. ދުޅަހެޔޮ، ރަނގަޅު ސިއްޙަތުގެ މުހިއްމުކަމެވެ. މަރަށް ތައްޔާރުވާންޖެހޭކަމެވެ. މަރުއަންނާނީ ކޮންއިރަކުން ކަމެއް ނޭނގޭކަމެވެ. ތިމާގެ އެންމެ ލޯބިވާ، ގާތް އާއިލާ މީހާއަށް ދާންދެން ތިމާގެ ނުދަންނަ މީހާވެސް އެންމެ ފަހު ނޭވާ މި ދުނިޔެއަށް ދޫކޮށްލާނީ ކޮންއިރަކުން ކަމެއް ނޭނގޭ ކަމެވެ. ދުނިޔޭގައި ތިމާގެ ކުރިމަތީީގައި އޮތީ ކޮންފަދަ ބޮޑު އިމްތިހާނެއްކަމެއް ނޭނގޭކަމެވެ. އަބަދަކު ކަންކަން ތިމާ އެންމެ ހިތްއެދޭ ގޮތަށް ނުވެދާނޭކަމެވެ. ކަންކަން ހަމަ ނޭނގިވެސް ބަދަލުވެދާނޭކަމެވެ.
ހައްތަހާވެސް ފިލާވަޅުތަކެވެ. އުދުހޭ ކާރުތަކުގެ ބަދަލުގައި މަތިންދާބޯޓުތަށް އުދުހުންވެސް ހުއްޓުމަކަށް އައެވެ. ރޮބޮޓްތަށްވެސް މަސައްކަތެއްނުކުރެއެވެ. އެތަކެއް ބައެއް ހައިހޫނު ކަމުގައި މަރުވެ ދިޔައީއެވެ. އެތަކެއް ބައެއްގެ މުޅި ދިރިއުޅުން އަލުން ކޮޅަށް ޖަހަން ޖެހުނު އިރު އެތަކެއް ބައެއްްގެ މުޅި ދިރިއުޅުން އެއްކޮށް ހަލާކުވެދިޔައީއެވެ. އެތަކެއް ބަޔަކު ރެއާ ދުވާލު ހުއްޓައިނުލާ އާއިލާާއާއި މުޅި ދިރިއުޅުން ދޫކޮށްފައި އެހެން މީހުންނަށްޓަކައި މަސައްކަތްކުރިއެވެ. އެތަކެއް މިލިއަން ކެރޭ ބަތަލުންތަކެވެ. ނަމަވެސް، އެތަކެއް ބައެއްގެ އިއްޔެ ފަރިވި މާ މިއަދަށް މޯޅިވެސް ވީއެވެ. މީވެސް ދުނިޔޭގައި އިންސާނުންގެ ދިރިއުޅުމުގެ އެއްބައެވެ. ކުރިއަށްވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގެއެވެ. ކުރެވޭނީވެސް ރަނގަޅު އުންމީދެކެވެ.
ގުޅުންހުރި
