
ރައީސް ނަޝީދު އިންތިޚާބުގައި ވާދަކުރެއްވުން ވެގެންދާނީ އެމްޑީޕީއަށް ލިބޭ ބޮޑު އުފަލަކަށް - މަލީހް
# މުހައްމަދު މަލީހްmaleeh

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރެއްވުން ވެގެންދާނީ، އެމްޑީޕީގެ ގްރާސްރޫޓަށް ލިބޭ ބޮޑު އުފަލަކަށް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވުމާއި ގުޅިގެން، މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ގްރާސްރޫޓުގައި އެންމެ ބޮޑު ތާއީދެއް އޮތް ރައީސް ނަޝީދު 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ވެގެންދާނީ އެމްޑީޕީގެ ގްރާސް ރޫޓަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި، އެމްޑީޕީ ގަޑުބަޑުވެގެން އުޅެނީ ޑީއާރުޕީ ފެކްޝަންގެ ނުފޫޒުގެ ސަބަބުން ކަމަށެވެ.
ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އީވާ އިއުލާންކޮށްފައިވީ ނަމަވެސް މިހާތަނަށް މިކަމާއި ގުޅިގެން ރައީސް ނަޝީދު އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އެހެން ނަމަވެސް މީގެ ކުރިން ރައީސް ނަޝީދު ވަނީ، 2023 ގައި ރިޔާސީ އިންތިޚާބެއް ނޯންނާނެ ކަމަށް ބުނެފައެވެ.
މިފަހަކުން އައިސް ރައީސް ނަޝީދު ގެންދަވަނީ މިސަރުކާރަށާއި ރައީސް ސޯލިހުއަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ. އަދި މިސަރުކާރުން އެމްޑީޕީ ވަކިވުމަކީ މިވަގުތަށް އެމްޑީޕީއަށް އޮތް އެންމެ ރަނގަޅުގޮތް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.