
l_2021_12_14_032424_374tbkcugv5x9y2p8wieq1dlr6mfoazhsnj_EN_
ފައިސާގެ ސްކީމްތައް ހިންގާ މީހުންގެ ސައްހަކަން ކަށަވަރުކުރުމަށް ސީއެމްޑީއޭއިން އިލްތިމާސްކޮށްފިއެވެ.

ސީއެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާފަރާތަކީ ރާއްޖޭގައި ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަލިބިފައިވާ ނުވަތަ އެފަދަ ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓުނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ގޮތް ނޭނގޭ ސްކީމްތަކާއި ފަންޑުތަކުގައި އިންވެސްޓްކުރުމުގެ ކުރިން ސަމާލުވުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން އިލްތިމާސްކުރީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ސްކީމްތަކެއް ހިންގާކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓް ވެސް ވަނީ ފްރީޒްކޮށްފައެވެ.
އެ އޮތޯރިޓީން ބުނީ ސެކިއުރިޓީޒް މުޢާމަލާތްތަކުގައި ޙަރަކާތްތެރިވުމަށް އެ އޮތޯރިޓީން ލައިސަންސްދީފައިވާ ފަރާތްތަކާއި ފަންޑު ހިންގާ ބެލެހެއްޓުމަށްޓަކައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުގައި ލިބެން ހުންނާނެކަމަށެވެ. އެހެންކަމުން ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަކީ ހުއްދަ ލިބިފައިވާ ސްކީމެއްތޯ ބެއްލެއްވުމަށްފަހު ނޫނީ އެއްވެސް ފަންޑެއްގައި ނުވަތަ އެއްވެސް ސްކީމެއްގައި ބައިވެރިނުވުމަށް އެދޭ ކަމަށެވެ.
އެމްއެމްއޭއިންވެސް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ހިންގާ ސްކީމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މަރުކަޒީ ބޭންކުން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސް ބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިިބިފައިވާކަމަށެވެ.





