logoEN
ޕީއެންސީ 2
ޒުވާން ލޯބި – 06

ޒުވާން ލޯބި – 06

Admin

logo

12/12/2020, 9:26:38 PM

# ޒުވާން ލޯބި# ވާހަކަ

Zuvaan loabi

ފަސްވަނަބައިގެ ތެރެއިން... "ބަލާބަލަ." އާހިލް ބުންޏެވެ. އެވަގުތު އާހިލްގެ ބަސްނާހާ ހިތުގެ ތެޅުމުގެ އިހްސާސް ޒަކީ ގެ އަތްތިލައިގެ ބަނޑުފުށަށް ހަމަ ރަނގަޅަށްވެސް ކުރެވެމުން ދެއެވެ....

ޝަރީ 2024

"ކޮންމެ ސިކުންތެއްގަ އަހަރެންގެ ހިތުން ގޮވަމުން ދަނީ އޭނާގެ ނަން." އާހިލްގެ ހިތުގައި އާއިމާއަށް ދެވިފައިވާ ލޯބި ޒަކީ އަށް ހާމަކޮށްދެމުން އިތުރަށް މިހެން ބުނެފައި ދެއަތުން ބާރަށް އޭނާގެ ބޮލުގައި ހިފަހައްޓާލި އެވެ.

ބުނާނެ އެއްޗެއް ދުލަށް ނައި ތާނގައި ހިތަށްވެސް އެއްޗެއް ނައުމުން ޒަކީ އަށް އިނދެވުނީ އެވެ.

"ހަދާނެ ގޮތެއް، ކުރާނެ ކަމެއްވެސް މަށަކަށް ނޭނގޭ. އަހަރެން އޭނާ ދެކެ ހިތާވާކަށް ބޭނުމެއް ނޫން. އޭނާ މަތިން ހަނދާން ކުރާކަށްވެސް ބޭނުމެއް ނޫން. އެކަމަކުވެސް ހަމަ ކޮންމެ ސިކުންތަކަށްފަހު އަހަންނަށް އޭނާދެކެ ވެވިފައިވާ ލޯބި އަންނަނީ އިތުރުވަމުން." އާހިލްގެ ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައިރު އެ އުދާސްތަކަށް ކަރުނައިގެ ސިފަޖެހިގެން އާހިލްގެ ލޮލުންވެސް ފައިބަން ފަށައިފިއެވެ.

"އާއިމާ." ޒަކީ ގެ އަނގައިން އާއިމާގެ ނަން ކުއްލިއަކަށް ބޭރުވުމާއެކު އާހިލް އިސްއުފުލައި ބަލައިލި އެވެ.

"ތި ކިޔަނީ އާއިމާ ގެ ވާހަކަ ދޯ؟" ޒަކީ ސުވާލުކުރިއެވެ. އާހިލް އަށް ލިބުނީ ހައިރާން ކަމެކެވެ. އެ ކުއްޖަކީ އާއިމާ ކަން ޒަކީ އަށް އެނގިފައިވާތީ އެވެ.

ޒަކީ ހިނިތުންވެލަމުން އެނދުން ބާލީހެއް ނަގައި އުނގުމަތީގައި ބާވަމުން ބާލީހުގައި އަތް ވިދެލި އެވެ. ހައިރާންވެފައި އިން އާހިލްގެ މޫނަށް ބަލައިލި އެވެ.

"ކިހިނެތް ހޭ މަށަށް އެނގުނީ ދޯ؟" އާހިލް ކުރަން ބޭނުންވެފައި އިން ސުވާލު ކުރީ ޒަކީ އެވެ. އާހިލް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

"ތިދެން ކާކަށް ނޭނގޭނެ ކަމެއް. އާހިލް ފެންނަ ކޮންމެ ފަހަރަކު އާއިމާ އަށް އެހެން ދިމާއަކަށް ނުބެލޭ. ލޮލުގެ އެސްފިޔަވެސް ޖަހައިނުލާ އޭނާ އާހިލް އަށް ބަލަމުންދާތަން އަހަރެން ދެކެން. ޕްރެޒެންޓޭޝަނެއް ހުށައަޅަން އޭނާ އަރާއިރަށް އާހިލް އިންނަނީ އިސްޖައިގެން. އެހެން އާހިލް އިންނަނީވެސް އާއިމާގެ ނަޒަރު އެހެން ދިމާއަކަށް ނުހުއްޓޭކަން އެނގޭތީ." އުފާވެރި ހިނިތުންވުމަކާއެކު ޒަކީ ބުންޏެވެ.

އާހިލް އާއި ދިމާކުރާ ފާޑަށް ޒަކީ ބަލަން ފެށުމުން އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ.

"އެކަމަކު މިއީކީ އެހާ ރަނގަޅު ކަމެއް ނޫނެއްނު. މަށަށް މިކުރެވޭ އިހްސާސަކީ ރަނގަޅު އިހްސާސެއް ނޫން. ކިހިނެތް އަހަރެން އޭނަދެކެ ލޯބިވާނީ؟" މިހެން ބުނަމުން އަނެއްކާވެސް ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލި އެވެ.

"މީހެއް ދެކެ ލޯބިވެވުމަކީ ފާފައެއް ނޫން. އަދި އެއީކީ ކުށެއްވެސް ނޫން." ޒަކީ ބުންޏެވެ. ނަމަވެސް އެ ވާހަކަތައް އާހިލް އަށް ގަބޫލުނުކުރެވޭތީ ދެފަރާތަށް ބޯހޫރާލި އެވެ.

"ސްކޫލުން އޭނާ ފުރަތަމަ ފެނުނު ދުވަހު އެގޮތަށް އޭނާއަށް ނުބެލުނު ނަމަ. މި ހުރިހައި ކަމެއްވެސް ފެށުނީ އެދުވަހަށް ފަހު. އަހަރެން... އަހަރެން... އޭނާއާމެދު ވިސްނަން ފެށުނީ ކިހިނެތްވެގެން ކަމެއްވެސް ނޭނގޭ." އާހިލް ބުންޏެވެ. ރަހުމަތްތެރިޔާގެ ވާހަކަތަކާއި ވިސްނުން ހުރިގޮތުން ޒަކީ އަށް އިނދެވުނީ ހައިރާން ކަމެއްގެ ތެރޭގަ އެވެ.

"ސްކޫލަށް ފުރަތަމަ ދިޔަ ދުވަހުއޭ؟" ތަންމިނަށް އަނގަހުޅުވައިގެން އިނުމަށްފަހު ޒަކީ އަށް އަހައިލެވުނެވެ. އެވަގުތު އާހިލް އާނއެކޭ ބުނުމަށް ބޯޖަހައިލި އެވެ.

"ދިހަ އަހަރު. މީގެ ދިހަ އަހަރު ކުރިން ފެށިގެން އާހިލް އަށް ތިވަނީ އާއިމާ ދެކެ ލޯބިވެވިފަ؟ ޕިސް، ޕިސް، މަވާ ކޮސްޑް އިނގޭ!" ޒަކީ އަށް ލިބުނު ޝޮކްގައި އަނެއްކާވެސް ސުވާލުކުރި އެވެ.

"މިއީކީ ރަނގަޅު ކަމެއް ނޫން. އޭރު އަހަންނަކީ ކުޑަކުއްޖެއް. އޭރަކު މަށަކަށް ނޭނގޭ ރަނގަޅެއް ގޯހެއް. އޭނަ ކުލާހަށް އަލަށް ވަތް ވަގުތު ހާދަ ސަޅިވެފަ ހިތްގައިމޭ. އެދުވަހުން ފެށިގެން އިއްތިފާގުން ނަމަވެސް އަހަންނަށް މި އުޅެވެނީ އޭނާ ފެންނަ ހިސާބުގަ އަބަދުވެސް. އޭނާގެ އެ ހުންނަ ދަގަތްފާނީ ބާރަށް އަހަރެން ދަމުން ގެންދަނީ. އެކަމަކު މަށަށް ކުރެވެމުން ދިޔައީ ގޯސް ކަމެއްކަން އެނގުނު ހިސާބުން ވިސްނިއްޖެ އޭނަދެކެ އަހަރެން ލޯބިވެގެން ނުވާނެކަން. އެއީކީ ހަލާލު ކަމެއް ނޫން. އެއީ ގޯހެއް." ދެފަރާތަށް ބޯހޫރަމުން އާހިލް ބޮޑުފަތިވަރެއް އަމުނާލި އެވެ.

"އާހިލް ނިކަން ހަމަޖެހިބަލަ. އެހެން މީހަކާ ދޭތެރޭގައި ޠާހިރު އިޙްސާސެއް ކުރެވުމަކީ ފާފައެއް ނޫނޭ. އަދި ތިބުނީ މީގެ ދިހަ އަހަރު ކުރިން ފެށިގެން ތި ހުންނަނީ ލޯބިވެވިފައޭ. އިޓްސް ނޮޓް އަ ޖޯކް އޯކޭ. އަހަރުމެންގެ ދީނަކީ ހަރުކަށި ދީނެއް ނޫން. އެއީކީ މީހާ ގައިގަ ކަސްތޮޅެއް އަޅާހެން މީހާ ބަނދެލާ ދީނެއް ނޫން. އިސްލާމް ދީނަކީ މީހުންނަށް ވޭން ލިއްބައިދޭ ދީނެއް ނޫން. އިސްލާމް ދީނަކީ ސުލްހަވެރިކަމުގެ ދީން. އެއީ ދިރިއުޅުމަށް ހަމަޖެހުމާއި އުޖާލާކަން ގެނެސްދޭ ދީން. އިސްލާމް ދީނުގެ ސަބަބުން އަހަރެމެންނަށް ވަނީ ކަންތައްތައް ފަސޭހަ ވެފަ. އެކަމަކުވެސް ޝައިޠާނާގެ ކިބައިން އަހަރެން ރައްކާތެރިވެގެން އުޅުމަށް މާތްﷲ އެދިވޮޑިގަންނަވާ. އެހެންވެގެން އަހަރެމެންނަށް އަނގަވާފަ ވަނީ ބެލުންތައް ތިރިކުރުމަށް. އެއީ އެ ޝައިޠާނާގެ ނުބައިކަމުން ސަލާމަތްވެ ތިބުމަށް. ނަމަވެސް އޭގެ މާނައަކީ އެހެން އިންސާނެއްދެކެ ލައިކް ވުމަށް ނުވަތަ ލޯބިވުމަށް އެކަލާންގެ ހުއްދަ ނުކުރެއްވުމެއް ނޫން. ލޯތްބާ ސުލްހަ މަސަލަސް ކަމަކީ އަހަރުމެންނަށް އިސްލާމްދީނުން ލިބިފައިވާ ކަމެއް. ދެން ކީއްވެ އާހިލް ތިހާ ނެގެޓިކްކޮށް ތި ވިސްނަނީ؟"

ޒަކީ މަސައްކަތް ކުރަމުން ގެންދިޔައީ އާހިލް އަށް ވިސްނައިދިނުމަށެވެ. އެކަމަކުވެސް ޒަކީގެ ވާހަތަކަށް އެއްބަސް ނުވެވޭކަން ދެއްކުމަށް އާހިލް ބޯހުރަމުން ގެންދިޔައެވެ.

"ނޫން. އަހަންނަކީ ގޯސް މީހެއް ވީމަ މިގޮތަށް އޭނާދެކެ ލޯބި މިވެވެނީ. އަދި އެއަށްވުރެން ބޮޑަށް އަހަރެންގެ ސަބަބުން އެހެން މީހަކު ރޯން ޖެހުމަކީ ހަމަ އަހަރެންގެ ގޯސްކަމުން ވާކަމެއް." ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން އިނދެ އާހިލް ބުންޏެވެ.

"އަސްލު ޚުދު އަހަންނަށްވެސް މިވަނީ އަހަރެންގެ އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލިފަ. އަހަރެން އޭނާއާއި ދުރަށް ދާން ބޭނުންވާ ކޮންމެ ފަހަރަކު އަހަންނަށް ދެވެނީ އޭނާއާއި ކައިރިވެވެމުން. އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް އަހަރެން އަބަދުވެސް ވިސްނަމުންދަނީ އޭނާއާމެދު. މި ހުރިހައި ކަމެއްގެ ތެރެއިން އަހަންނަށް މި ކުރެވޭ ކަމަކީ އަހަރެންގެ ރައްބު ރުހިވޮޑިގެން ނުވާ ކަންކަން. ހަދާނެ އެއްވެސް ގޮތެއް މިހާރު މަށަކަށް ނޭނގެ."

އެނދުމައްޗަށް ވެއްޓިގަންނަމުން އާހިލް ބުންޏެވެ.

އެންމެ ގާތް ރަހުމަތްތެރިޔާ އަށް ޖެހިފައިވާ ހާލު ފެނުމުން ޒަކީގެ ހިތުގައި ހަމަ ރަނގަޅަށް ޖެހިއްޖެ އެވެ. ރަހުމަތްތެރިޔާ އެގޮތަށް ހަލާކުވެ ދާތަން ދުށުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

"އާހިލް އޭނަދެކެ ތި ލޯބިވާވަރަށް އޭނަ އާހިލް ދެކެ ލޯތްބެއް ނުވޭދޯ؟" ޒަކީ މިހެން ބުނުމާއެކު އާހިލް އިސްއުފުލާ ޒަކީއަށް ބަލައިލި އެވެ.

"އޭނަވެސް ލޯބިވޭ." ހިނިތުންވެލަމުން އާހިލް ބުންޏެވެ.

"ކިހިނެތް ތިޔެއް އެނގެނީ؟" ހީވާކަހަލަ އެވެ. ޒަކީ ބޭނުންވަނީ އާހިލް ގެ ހިތުގެ ހުރިހައި އުދާހެއް ބޭރުކޮށްލާށެވެ.

"މަށަށް ހަމަ އެނގެނީ. ކޮންމެ ދުވަހަކު އޭނާ އަހަންނާދިމާއަށް ކަޅިޖަހައިލުމެއް ނެތި ބަލަމުންދާކަން މަށަށް އިހްސާސް ކުރެވޭ. އެ ބެލުމުން ބުނެދެނީ އޭނާ އަހަރެންދެކެ ލޯބިވާ މިންވަރު. އެކަމަކުވެސް މަށަށް އެނގޭ މީކީ ރަނގަޅު ކަމެއް ނޫންކަން. މިއީ މާތްﷲ ރުހިވޮޑިގެން ނުވާކަމެއް. އަހަރުމެން އެކަކު އަނެކަކު ފެންނަ ހިސާބަށް ވެސް ދިއުން ރަނގަޅެއް ނޫން. އަހަރުމެންގެ ހިތުގައި އެކަކު އަނެކަކާމެދު މި އިހްސާސް އުފެދުމުގެ ފުރުޞަތު ދެވުނުކަމީވެސް ހެދުނު ބޮޑު ގޯހެއް. މިއީ އަހަރުންނަށް އިތުރު ވޭނެއް ލިއްބައިދޭ ކަމެއް. މިއީ އަހަރެންގެ ރައްބު ރުހިވޮޑިގެން ނުވާކަމެއް." މިހެން ބުނުމާއެކު އާހިލް އެނދުން ތެދުވިއެވެ.

"އަޅޭ... ތީދެން ވަރަށް ހެއްވާ ކަމެއް. އާހިލް ތި ހީކުރަނީ ތިބުނާ އިހްސާސަކީ ދެމީހުންގެ ހިތުގައި އޭގެ އަމިއްލަ ޒާތުން އުފެދިގެން އައި އެއްޗެކޭތަ؟ ދެން އިރުއިރުކޮޅާ ތިބުނަނީ ތީ ގޯހެކޭ. އެކަމަކު ބުނަންތަ ވާހަކައެއް. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ތި ދެމީހުންގެ ހިތުގައި އެކަކު އަނެކަކާމެދުގަ ލޯތްބާއި ކުލުނުވެރިކަން ލެއްވެވީ ތި ދެމީހުން ހަޔާތުގެ ބައިވެރިންނަށް ވުމަށްކަމަށް އަހަންނަށް ހީވަނީ. ތި ދެމީހުންދެކެ އެކަލާންގެ ލޯބިވެ ވޮޑިގަންނަވާ." އަނެއްކާވެސް އާހިލް އަށް ވިސްނައިދިނުމަށް ވަރަށް ހިކުމަތްތެރި ވާހަކަކޮޅެއް ޒަކީ ބޭރުކޮށްލުމަށްފަހު އާހިލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ