logoEN
ކޮކާކޯލާ
ވާހަކަ : ޒުވާން ލޯބި – 01

ވާހަކަ : ޒުވާން ލޯބި – 01

Admin

logo

11/25/2020, 6:53:50 PM

Zuvaan loabi

"މިފަހަރު ޕްރެޒެންޓޭޝަން ހުށައަޅައިދޭނީ އާހިލް." އާހިލް ގެ ނަން މުދައްރިސު ގޮވާާލެއްވުމުން އޭނާ ގެ ހިތުގެ ތެޅުން އަވަސްވި އެވެ. އެކަމަކު އާހިލް އަށް ނުވާވަރެއް 'އޭނާ' އަށް ވާންވީ ކީއްވެގެން ހެއްޔެވެ؟

އަބުޅޯ

ޕްރެޒެންޓޭޝަން ހުށައެޅުމަށް ބޭނުންވާ ނޯޓުތައް ހިފައިގެން އެއްވެސް ފަސްޖެހުމެއް ނެތި އާހިލް ކޮޅަށް ތެދުވެއްޖެ އެވެ. އޭރު 'އޭނާ' އަށް އިނދެވުނީ އެއް އަތުގެ އިނގިލިތަކުން އަނެއް އަތުގެ ނިޔަފަތިތައް ކޮއްޓާށެވެ. އެއްވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައީ ޕްރެޒެންޓޭޝަން ހުށައެޅުމަށްޓަކައި އާހިލް ތެދުވެގެން ގޮސް ކުލާސް ކުދިންގެ ކުރިމަތީގައި ހުއްޓޭނެ ވަގުތަކަށެވެ.

'ދެން މައިތިރި ވެބަލަ މަގޭ ހިތާ!' އޭނާ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށްޓަކައި އޭނާގެ މޮޔަ ހިތަށް ވިސްނައިދިނުމަށް މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް އިސް އުފުލައި ބެލެމުން ދިޔައީ މުދައްރިސު ގެ މޭޒު ކައިރީގައި އާހިލް ގޮސް ހުއްޓޭތޯ އެވެ.

"އާނ ދެން ފައްޓާ އާހިލް." މޭޒުގެ އެއްފަރާތުގައި ގޮސް އާހިލް ހުއްޓުމުން މުދައްރިސް ބުނުއްވިއެވެ. އޭރު އާހިލް ހުރީ އިސްދަށަށް ޖަހައިގެންނެވެ.

ހުރިހައި ކުދިންގެ ލޯތައް ވަނީ އާހިލް އަށް އަމާޒުވެފައެވެ. އޭގެ ތެރެއިންވެސް ޚާއްޞަ ދެލޮލަކުން އާހިލް އަށް ބަލަމުން ދިޔައީ ކަޅިވެސް ޖަހައިނުލަ އެވެ. އާހިލް ފެނިފައި އެސްފިޔަވެސް ޖަހައިލަން ހަނދާން ނެތިފައި ހުރި ކަހަލައެވެ. އާހިލް އިސް އުފުލައި ބަލައިލަމުން ޕްރެޒެންޓޭޝަން ދޭން ފެށި އެވެ. ކުލާސް ކުދިންނަށް ބަލަމުން، އަތުގައި ހުރި ކާޑުތައް ބޭނުންކޮށްގެން ވާހަކަ ދައްކަމުން ގެންދިޔަ އެވެ. ނަމަވެސް އޮޅިގެންވެސް ކަނާތްފަރާތުގައި ތިބި ކުދިންނަށް ބަލައިނުލަ އެވެ. އެއީ އެ ކުއްޖާ އިށީންދެ އިންނަ ފަޅި އެވެ. އޭރުވެސް އެކުއްޖާގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ހަމަސީދާ އާހިލް އަށެވެ. ލޮލުން އެއްމެ އެސްފިޔައެއް ވެސް ހަރަކާތްކޮށްލަން ހިތަށްވެސް ނާރުވާ ކަހަލަ އެވެ. އޭރުވެސް އެކުއްޖާގެ ހިތް މަތަނުވެ ތެޅެމުން ދެއެވެ. އަމިއްލަ އިޚްތިޔާރުން ހިތް ވަނީ މުޅިން އޮޔާ ގޮސްފަ އެވެ. އާހިލް އެކުއްޖާ އަށް ނުބަލާނެކަންވެސް އޭނާ އަށް އެނގެއެވެ. ދުވަހަކުވެސް އާހިލް އޭނާ އަށް ބަލާލަފައެއް ނުވެ އެވެ. ހަމަ ޔަޤީނުންވެސް ޤަސްދުގައި ބަލައެއް ނުލައެވެ. ބަލާލެވިފައިވަނީ އިއްތިފާޤުން އެކަކު އަނެކެއްގެ ކުރިމައްޗަށް ގޮސް ހުއްޓެވޭ ފަހަރެއްގައި އެކަންޏެވެ.

އެމީހުންނަށް އެގޮތަށް ދިމާވި ފުރަތަމަ ދުވަސް މަތިންވެސް އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. ހަމަ ދެންމެ ވީ ކަމެއްހެންނެވެ. އެއީ އެމީހުން ގްރޭޑް 5 ގައި އުޅުނު އިރުއެވެ. އެކުއްޖާ އާހިލް ގެ ސްކޫލަށް ފުރަތަމަ ދާންފެށި ދުވަހުގަ އެވެ. އައު ސްކޫލަކަށް، އައު ކުލާހަކަށް ދެވުމުން އޭނާ ހުރީ ވަރަށް އުފާވެފައެވެ. އައު ރައްޓެހިން ލިބެންފެށުމުން އަދި އެއަށްވުރެން ބޮޑަށް އޭނާ އުފާވި އެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ވަރަށް އަވަދިނެތި ޕަޒުލް އެއް ހެދުމަށް އިން ފިރިހެން ކުއްޖަކަށެވެ. އެފަހަރު ބަލައިލި ފަހުން އޭނާ އެކުއްޖާއަކަށް ނުބަލައެވެ. އެކުއްޖާ ވެސް ބަލައެއް ނުލައެވެ. އެކުއްޖާ އަބަދުވެސް އިންނަނީ ވަރަށް މަޑުންނެވެ. ކުލާހުގެ ގިނަކުދިން މަޖާކޮށް ސަކަރާތްޖަހާއިރު އެކުއްޖާ އިންނަނީ މާ ސޯލިހުކޮށެވެ. އަބަދުވެސް ފެންނަފަށުގައި އިނަސް، އޭނާ އަށް އިށީންނަން ޖެހިފައިވަނީ އެކުއްޖާ އާއި މާދުރުގައެވެ. ހިޔަންޏެއް ފަދައިން ކައިރީގައި އިނަސް އެ ހިޔަނިން ހިޔާ ނުލިބޭތާނގައި ބަލާވެސް ނުލައެވެ. އަނގައިންވެސް ނުބުނެއެވެ. ދެކުދިންވެސް ކިޔެވުމުގައި އަވަދިނެތި ދުވަސްތައް ވޭތިކުރަމުން ދިޔައެވެ. ނަމަވެސް އެއްދުވަހަކު ދިމާވި ކަމަކުން އެކުއްޖާ އާއި އޭނާއަށް ކައިރިވެވޭގޮތް މެދުވެރިވި އެވެ.

އެއީ އެމީހުން ހަވަނަ ގްރޭޑްގައި އުޅުނު ދުވަސްވަރެވެ. ވަގުތަކީ އިންޓަވަލް ގަޑި އެވެ. އެ އަންހެން ކުއްޖާ އާއި އޭނާ ގެ ރައްޓެހިން ސަކަރާތްޖެހުމާއި މަޖާކުރުމުގައި ކުޅޭ ބިމުގައި އުޅުނީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެވެ. ކުދިންތައް ތެރެއަށް ދުވެފައިކަހަލަ ގޮތަކަށް ވަދެގެން ދިޔަ ފިރިހެން ކުދިންތަކެއްގެ ތެރެއިން ކުއްޖެއްގެ ފައިގައި އަޅައިގަނެފައި އަންހެން ކުއްޖާ ވެއްޓެން ދިޔަވަގުތު ހިފުނީ އާހިލް ގެ އަތުގައެވެ. ވަރަށް ހުޝިޔާރުކަމާއެކު އެކުއްޖާ ވެއްޓުނަ ނުދީ އާހިލް ސަލާމަތް ކޮށްދިނެވެ. އެވަގުތު އެކުއްޖާއަށް އާހިލް ގެ އެ ހިތްގައިމު މޫނަށް ބަލައިލެވުނެވެ. އޭނާއަށް ހީވީ ހިނދުކޮޅަކަށް ނަމަވެސް ހިތުގެ ހިނގުން އެއްކޮށް ހުއްޓުނުހެންނެވެ.

"ޔޫ އޯކޭ ތަ؟" ފުރަތަމަ ފަހަރަށް އާހިލް ވާހަކަދެއްކި އަޑު އެކުއްޖާ އަށް އިވުނެވެ. ހީވީ ބިއްލޫރިތަކެއް ވިރި ކެކިގަތްހެންނެވެ. އާހިލް ގެ އަޑުގެ ހިތްގައިމުކަން އެއްމެ ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ. ފުރަތަމަ ފަހަރަށް އާހިލް ގެ ލޮލަށް ބަލައިލެވުނެވެ. އެކުއްޖާ ގެ ލޮލާއި ހަތަރުކަޅި ހަމަވެފައިވާ އެ ދެލޮލުން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުކަން އިޙްސާސް ކުރެވުނެވެ.

"އައިއޭމް..... އޯކޭ." އެކުއްޖާ އަށް ޖަވާބުދެވުނީވެސް ހަމަ ކިރިޔާ އެވެ. އޭނާގެ އަތުގައި ހިފަހައްޓާލާފައިވާ އާހިލް ގެ އަތަށް ބަލައިލަމުންނެވެ.

އާހިލް ހާދަހާވާ ހިތްގައިމެވެ. އެއީ އެތައް ދުވަހަކުއްސުރެ އެ ކުއްޖާގެ ހުވަފެންތަކުގައި އާބަދުކުރުވަމުން އައި ރީތި ފިރިހެނާގެ މޫނަށް އެހައި ކައިރިން އެއްމެ ފުރަތަމަ ބަލައިލެވުނު ފަހަރެވެ. ހާދަހާވާ ފުރިހަމަ އެވެ. އެކުއްޖާގެ ހިތަށް އެރި އެވެ. ތަނަވަސް ނިތްކުރިއެކެވެ. ފަންފަން އިސްތަށިކޮޅެކެވެ. ކަނޑުގެ ފުންކަން އެކުލެވިފައިވާ ކޮފީކުލައިގެ މަސްތީ ދެލޮލެކެވެ. ދޮންކުލައިގެ ތެރެއިން ފިޔާތޮށިކަން ފާއްދާލާފައިވާ އޮމާން މޫނެކެވެ. މަޑުމައިތިރި މިޒާޖެކެވެ. އާހިލް އަކީ އެކުއްޖާ އެއްމެ ހިތް އެދޭ ހުރިހައި ސިފަތަކެއް ލިބިފައިވާ ހެދެމުން އަންނަ ޒުވާނެކެވެ. ރީތިކަމުގެ ސިހުރަހީ ޒުވާންކަމުގެ މަސްތުކަން އިތުރު ކުރުވާ ކަމެކޭ މީހުން ބުނާ ބުނުމަކީ ވަރަށް ބޮޑު ތެދެއްކަން އެހައި ގާތުން އާހިލް ފެނުމުން އެކުއްޖާ އަށް ޤަބޫލު ކުރެވުނެވެ.

"އާހިލް." ތަންކޮޅެއް ދުރުގައި ހުރި ކުއްޖެއް އާހިލް އަށް ގޮވައިލި އެވެ. އެވަގުތު އާހިލް އަށް ފަހަތަށް ޖެހިލެވުނެވެ. އެކުއްޖާގެ އަތުން ދޫކޮށްލެވުނެވެ.

ރަހްމަތްތެރިންނާއި ދިމާއަށް އެނބުރެމުން، އެކުއްޖާ އާއި ދުރަށް އާހިލް ހިނގައިގަތެވެ. އޭރުވެސް އެކުއްޖާ އަށް ހުރެވުނީ އާހިލް އަށް ގެއްލިފައެވެ. އޭނާގެ ހިތާއި، ފުރާނައާއި ހަމަޖެހުން ވަނީ ހައްދުން ނައްޓާފައެވެ.

"އާހިލް." ހިތާހިތުން އެ ހިތްގައިމު ނަން ކިޔައިލެވުނެވެ. އަތުގެ ކުޑަހުޅުގައި އަނެއް އަތުން ފިރުމާލެވުނެވެ. އާހިލް ގެ އަތުގެ ބީހިލުން އިހްސާސް ވޭތޯ އެވެ.

އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެކުއްޖާ ލޯބިވަނީ ހަމަ އެކަނި އާހިލް ދެކެއެވެ. މިހާރު އެމީހުން ކިޔަވަމުން ގެންދަނީ ގްރޭޑް 10 ގައެވެ. ފަސްވަނަ ކުލާހުންފެށިގެން އަދާއި ހަމައަށްވެސް އުޅެން ޖެހިފައިވަނީ އެކުއްޖާ އެއްމެ އެދޭގޮތަށް އެއް ކުލާހުގައެވެ. ކޮންމެ ދުވަހަކުވެސް އެކުއްޖާ އަބަދުވެސް އެދެމުންދަނީ އާހިލް ފެންނާނެ ވަގުތަކަށެވެ. އާހިލް އޭނާއަށް އެއްފަހަރު ނަމަވެސް ބަލާލާނެ ނަމައޭ އަބަދުވެސް ހިތަށް އަރަމުންދެއެވެ. އެކަމަކު ހަމަ އެއްމެ ފަހަރަކުވެސް އާހިލް ބަލައެއް ނުލައެވެ.

"ވެލް ޑަން އާހިލް." އެކުއްޖާ ގެ ޚިޔާލީ ދުނިޔެއަށް ސުނާމީއެއް އައީ މުދައްރިސް ގެ އަޑު ޖެހުމުންނެވެ. އެވަގުތު އަވަސް އަވަހަށް އިސްދަށަށް ޖަހައިލި އެވެ.

"އަހަރެން މޮޔަވެދާނެ." އަމިއްލަ ނަފުސަށް އެކުއްޖާ ބުނެލިއެވެ. އޭރު އާހިލް ގޮސް އާހިލް ގެ ގޮނޑީގައި އިށީންދެއްޖެ އެވެ.

"އާއިމާ ޝިރާޒް." މުދައްރިސް އެ ގޮވާލެއްވީ އާއިމާ އަށެވެ. ފުން ނޭވައެއްލަމުން ހިތްހަމަ ޖައްސައިލެވޭތޯ މަސައްކަތް ކުރަމުންނެވެ.

"ފުންކޮށް ނޭވާލާބަލަ!" އަމިއްލަ ނަފުސަށް އާއިމާ ހިތްވަރުދެމުން ވަރަށް ޔަޤީން ކަމާއިއެކު ތެދުވެގެން ހިނގައިތެވެ.

ކުލާސް ކުދިންގެ ކުރިމަތީގައި ގޮސް މަޑުކޮށްލުމާއިއެކު އާއިމާ ގެ ދެލޮލުގެ ހަރަކާތްތައް ހުއްޓުނީ އެއްމެ ދިމާއަކަށެވެ. އެއީ އާހިލް އިށީންދެ އިން ދިމާއަށެވެ. ނޫނެކެވެ. ހަމަ ސީދާ އާހިލް އާއި ދިމާއަށެވެ. އޭރުވެސް އާހިލް އިނީ އިސްޖަހައިގެންނެވެ. ބެލުން ތިރިކޮށްގެންނެވެ. އެކަން އެހެންވީ ހަމައެކަނި އާއިމާ ޕްރެޒެންޓޭޝަން ދިނުމަށް ކުލާސް ކުދިންގެ ކުރިމައްޗަށް ހުއްޓުމުންނެވެ. އާހިލް ކުރިމައްޗަށް އާއިމާ ހުއްޓޭ ހަމަ ކޮންމެ ފަހަރަކު ކަން ހިނގަނީ އެހެންނެވެ. އާހިލް ގެ ބެލުންތިރިކޮށް އިސްޖަހަ އެވެ. އެފަދަ ހަމަ ކޮންމެ ފަހަރަކު އާއިމާ ގެ ހިތް ކުދިކުދިވެގެންދަނީ ބިންމައްޗަށް ވެއްޓި ތެޅި ކުދިކުދިވެގެންދާ ބިއްލުރި ތަށްޓެއް ފަދައިންނެވެ. އާއިމާ އިންތިހާއަށް ދެރަވެއެވެ. ކިތަންމެ ދެރަވިޔަސް ޕްރެޒެންޓޭޝަން ދޭންފެށި އެވެ. އިރުއިރުކޮޅުން އާހިލް އިން ދިމާއަށް ބަލައިލަމުންނެވެ. އެކަމަކު ހަމަ އެއްމެ ފަހަރަކު ނަމަވެސް އާހިލް ގެ ޖެހިފައިވާ އިސް އުފުލޭތަނެއް ނުފެނުނެވެ.

އާއިމާ ޕްރެޒެންޓޭޝަން ދެމުން ގެންދިޔައިރު އާހިލް ގެ ހާލަކީތޯ އެވެ. އާހިލް އަށް އިނދެވުނީ ގޮށްމުށް ކަވައި ބާރުކޮށްލައިގެންނެވެ. އެވަގުތު އޭނާގެ ހިތް ރޮއެ ގިސްލަމުން ދެއެވެ. ހަމަ އެއްމެ ފަހަރަކު ނަމަވެސް އާއިމާއަށް ބަލައިލުމަށެވެ. އޭނާގެ ދެލޯ ސަލާން ޖަހަމުންދަނީ އިސްއުފުލައި ބެލުމަށެވެ. އެކަމަކުވެސް އާހިލް އެއިން އެއްވެސް އެދުމަކަށް އިޖާބައެއް ނުދިނެވެ. އަމިއްލަ ނަފުސަށް ބާރު ފޯރުވައި ވަރުގަދަ ވި އެވެ. އެހެނަސް އޭނާގެ އެތެރެ ވަރަށް ބަލިކަށްޓެވެ. ހިތް އެދި ގޮވަމުން ދަނީ ހަމަ އެއްމެ ފަހަރަކު، ކުޑަ ހިނދުކޮޅަކަށް ނަމަވެސް އާއިމާ އަށް ބަލައިލުމަށެވެ. އާހިލް ގެ ހިތު ވިންދުގެ ޙައްޤަށްޓަކައި ނަމަވެސް މެއެވެ. އޭނާގެ ހިތުގައި ޖަހަމުން ދާ ހަމަ ކޮންމެ ވިންދަކުން އިވެމުންދަނީ އޭނާގެ ހިތުގެ ދުލުން ކިޔަން ބޭނުންވާ ނަމެވެ. އާއިމާ ގެ ނަމެވެ.

(ނުނިމޭ)

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ