logoEN
cocacola
ކޮލަމް: ތިނަދޫ ލޮކްޑައުނަށް ނަޒަރެއް

ކޮލަމް: ތިނަދޫ ލޮކްޑައުނަށް ނަޒަރެއް

ކ.ތ.ޒ

logo

6/10/2021, 5:40:25 PM

# ގދ.ތިނަދޫ# ކޮވިޑް19# ކޮލަމް

DSC_2896

ތިނަދޫ އަށް ބީއްސާލި ކޮވިޑް ރާޅުގެ ބާރުމިން މިދަނީ ދުވަހެއް ދުވަހަކަށް ގަދަ ވަމުންނެވެ. ރާޅުގެ ޝިކާރައަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ވަމުންދެއެވެ. ފައްސި ވި ޖުމްލަ އަދަދު 300 އާއި ކައިރި ކުރާ އިރު އެކްޓިވް ކޭސް 100 އަށް ވުރެ މައްޗަށް އަރައިފިއެވެ. ހާލަތު ރަނގަޅު ވަމުން އަންނަ ކަމުގެ އިޝާރާތެއް ލިބިފައި އަނެއްކާވެސް މާޔޫސް ކުރުވައިފިއެވެ. ރަށުގެ ހާލަތު ދެނެގަތުމަށް ނެގުނު ރެންޑަމް ސާމްޕަލް ތަކެއް ފައްސިވުމުން އިހުނަށްވުރެ ހާލަތު ގޯސް ކަން އަންގައިދިނެވެ. މީގެއިން ބުނެދެނީ އަދިވެސް ހިތްވަރާ އެކީ މަސައްކަތް ކުރަން ވެއްޖެ ކަމެވެ. ޤަވާޢިދުތައް ކުރިއަށް ވުރެ ވަރުގަދަ ކުރަން ވެއްޖެ ކަމެވެ.

ގޮސިޔާ

ތިނަދޫ އިން ކޭސް ތައް ފެނުމާއެކީ ރަށް މޮނިޓަރިންގ ހާލަތަށް ގެނެވި ރަށަށް އަރާ ފޭބުން މަނާކުރެވިގެން ދިޔައެވެ. އިޖުތިމާޢީ ގައި ދުރުކަން ބެހެއްޓުމާއި މާސްކު އެޅުން މަޖުބޫރު ވެގެން ދިޔައެވެ. ތިމާ އާއި އެއްތާވި މީހުން މަދު ކުރުމަށް އިލްތިމާސް ކުރަމުން ދިޔައެވެ. ނަމަވެސް ގިނަ މީހުން އެއިރު ދިނީ ބީރު ކަންފަތެކެވެ. ކަރަންޓީނުގައި މަޑުކުރުމަށް އިލްތިމާސް ކުރެވިފައިވާ މީހާ ފެންނަނީ މަގުމަތިންނެވެ. ރައްޓެހިންނާ އެކީ ސައިކަލް ބުރު ޖެހުމުގައެވެ. ނޫނީ ކޮފީ ތަކުގައެވެ. ތިމާގެ ސަބަބުން އަނެކާއަށް ލިބިދާނެ ދެރައަކަށް ވިސްނާލުމެއް ނެތިއެވެ.

ދުވަހެއް ދުވަހަކަށް ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން ރަށުގައި ކާފިއު ޢިއުލާން ކުރެވިގެން ދިޔައެވެ. ފުރަތަމަ ރޭގަނޑު 2100 އިން ފަތިހު 0400 އަށެވެ. އަދި މިއާއެކު ކުރިން އަޅައިފައިވާ ގިނަ ފިޔަވަޅުތައް ވަރުގަދަ ކުރެވިގެން ދިޔައެވެ. ހޮޓާ ރެސްޓޯރެންޓް ތައް ބަންދު ކުރެވުނެވެ. ނަމަވެސް ފައްސިވާ އަދަދަށް ބަދަލު ނައިސް ގިނަ ދުވަސްތަކެއް ވަމުން ދިއުމުން އަނެއްކާ ވެސް ކާފިއު ގަޑި އިތުރު ކުރެވިގެން ދިޔައެވެ. ހަވީރު 1600 އިން ފަތިހު 0400 އަށެވެ. 5 ކެޓަގެރީ އެއްގެ މީހުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް ބޭރުގައި ނޫޅެވޭ ގޮތަށެވެ. ނަމަވެސް ހިތާމައަކީ މިފަދަ ގަޑި ތަކުގައި ވެސް ބަޔަކު މީހުން ބޭރުގައި އުޅެމުން ދިޔަ ކަމެވެ. އެއްވެސް ޖެހިލުމެއް ނެތި ކަރަންޓީނު ކުރެވިފައިވާ ގެތަކުން ނުކުމެގެން ގޮސް ފިހާރަ ތަކުން ވިޔަފާރިކޮށް ހަދަމުން ދިޔައީ އެހެން މީހުން ނުރައްކަލަށް ހުށަހަޅަމުންނެވެ. ގޯތީގެ ބޭރު ދޮރާށީ ގައި ކަރަންޓީނު ކުރެވިފައިވާ ކަމުގެ ލިޔުން ނެތިއްޔާ އަދި އެލިބުނީ ޢީދެކެވެ. ކައުންސިލަށާއި ހޮސްޕިޓަލަށް އިނގިލި ދިގު ކުރަމުން ކުށްވެރި ކުރަމުން ބޭރުތެރޭ ތެޅެނީ ތިމާ މިހާ މިކުރަނީ ވަރަށް ގަޓު ކަމެއް ކަމުގައި ދެކިގެންނެވެ.

ކޮންމެއަކަސް ވަރުގަދަ ފިޔަވަޅު ތަކާއި އެކުވެސް ކޭސް ތައް މަދު ނުވެ ދިޔުމަކީ ވިސްނާލަން ވެއްޖެ ކަމެކެވެ. ޕްލޭން ތައް އަލުން ރިވިއު ކޮށް، އާ ޕްލޭން ތައް ހަދަން ޖެހޭ ވަގުތު މިވަނީ އައިސް ފައެވެ. ވެރިން ވެރިންގެ ގޮތުގައި ތިބެގެން ވާކަށް ނެތެވެ. ނިކަން ކެރި ތިބެ ރަނގަޅަށް ލޫޕް ހޯލްސް ތައް ހޯދައި އެ ފަދަ ކަންތައްތައް ތަކުރާރު ވިޔަނުދީ ބަލަހައްޓަން ޖެހިއްޖެއެވެ. ފުލުހުންނާއި ގުޅިގެން ރަށުގެ އެކި ސަރައްހައްދު ތަކުގައި ޕޯސްޓް ތައް ބަހައްޓައި ރަށް މޮނިޓަރ ކުރުން ރަނގަޅު ކޮށްލެވިދާނެއެވެ. ރަށުގެ ހަލާތާއި ގުޅިގެން އެންމެން މަސައްކަތް ކުރާ އިރު، ތިނަދޫ އެމް.އެން.ޑީ.އެފް ގެ އެހީ އަށް ނޭދެންވީ ކީއްވެގެން ތޯއެވެ. މަގުތައް ބަލަހައްޓަން ފުލުހުންނަށް އެހީ ވުމުގައި ސިފައިން ބައިވެރި ކުރުމަކީ ކުރެވިދާނެ ކަމެކެވެ.

އެއްތާ ވާ މީހުން މަދު ކުރުމަށް " ވޯރކް ފްރޮމް ހޯމް" ގެ އުސޫލު ތިނަދޫ ގައި ވެސް އެޕްލައި ކުރަން މިވަނީ ވެފައެވެ. މާލޭގެ އެންމެހާ އޮފީހެއްގައި މިހާރު މުއައްޒިފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ވާއިރު އެފަދަ ފިޔަވަޅުތައް އަތޮޅު ތެރޭގައިވެސް އެޅެންވާނެއެވެ. އެގަހު ކޭލެއް މި ގަހު ކޭލެއް ނޭނގޭހެން މަގުމަތީ ގައި އާއި ފަހާރަތަކުގައި އުޅެވޭ އުސޫލަށް ބަދަލު ގެނެވި ހަރުކަށި ވާންވީ އެވެ. ޕޯރޓަލް ގައި ރަޖިސްޓްރީ ނުވެ ރަށަށް އަންނަ މީހުންނާ މެދު އިސްލާޙީ ފިޔަވަޅު އަޅަން ލަސްވެސް ވެއްޖެއެވެ. ފުރަން ދިއުމަށް މީހާގެ އައިޑެންޓިޓީ އެއް ބޭނުންވާހެން ޕޯޓަލް ގައި ރަޖިސްޓަރ ވި ލިޔުން ވެސް ގެންދާ އުސޫލެއް ގާއިމް ކުރަން ވީއެވެ.

ކާފިއު ހިންގައިގެން ވެސް ރަށުގެ ހާލަތަށް މާބޮޑު އަސަރެއް ނުކުރުމުން ދެން ވެރިން ވިސްނަންވީ ރަށް " ލޮކްޑައުން" ކޮށްގެން ނަމަވެސް މިކަމުން ސަލާމަތް ވޭތޯއެވެ. 14 ވަރަކަށް ދުވަހު ލޮކްޑައުން އެއް ކޮށް ރަނގަޅު ނަތީޖާ އެއް ނެރެވޭތޯ މަސައްކަތް ކުރެވިދާނެއެވެ. އެހެނީ ވެރި ރަށް 'މާލެ" އިން އެދަނީ އޭގެ ނަތީޖާ ފެންނަމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ކޭސްތައް ވަކި ވަރަކަށް ވުރެ މައްޗަށް ދިޔުމުން ލޮކްޑައުން ކޮށް އަދަދު ތިރި ކޮށް ލައެވެ. އެހެން ކަމުން ތިނަދޫ ރައްޔިތުންގެ ލާބަޔާއި، ސިއްޙަތަށް ވިސްނައި ރަށް ލޮކްޑައުން ކޮށްލުމީ އޭގެއިން ނަތީޖާ ނެރެވިދާނެ ކަމެކެވެ. ލޮކްޑައުން އަކަށް ދިޔުމުން ހިތްހަމަ ނުޖެހިދާނެ ބަޔަކު ތިބި ނަމަވެސް ހާލަތަށް ރިޔާޢަތް ކޮށް މިފަދަ ޕްލޭނެއް ގެންގުޅުމަކީ މި ދަނޑިވަޅުގައި އަޅަން އެންމެ ރަނގަޅު އެއް ފިޔަވަޅެވެ.

އަތޮޅު ތެރޭގައި ކޮވިޑް ވަބާ ހަލުވިކަމާއެކު ފެތުރެމުން ދާތީވެ ހާލަތު ގާތުން މޮނިޓަރ ކުރުމަށް ކޮންމެ އަތޮޅަކަށް " ކޮވިޑް ކޯޑިނޭޓާރ" އެއްވަނީ ޢައްޔަން ކުރެވިފައެވެ. ގދ. އަތޮޅުގެ ހާލަތު ބެލުމަށް ޢައްޔަން ކުރެވިފައިވާ ފަރާތުން އަތޮޅުގެ ރައްޔިތުންނާއި ކިތައްފަހަރު މުޚާތަބު ކޮށްފިތޯއެވެ؟ ހަމަ އެކަނި މަޤާމުގެ ގޮނޑި ހޫނު ކުރިޔަސް ކަމަކު ނުދާނެއެވެ. އަތޮޅުގެ ރައްޔިތުންގެ ހައްޤުގައި ބަސް ބުނެވެން ވެސް ވާނެއެވެ. އެންމެ ރަނގަޅު ގޮތް ހޯދައިދޭން ވާނެއެވެ.

މި ނާޒުކު ދަޑިވަޅުގައި ތިނަދޫ ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެންމެހާ މުއައްޒަފުން ކުރަމުންދާ ހިތްވަރަށް އައްސެރިބަހާއި ސާބަސް ރައްދުކުރަމެވެ. ޚާއްސަ ކޮށް ޕަބްލިކް ހެލްތް ޔުނިޓާއި ނަރުހުން އަދި ޑޮކްޓަރުންނަށް ސެލިއުޓް ކުރަމެވެ. އަދި އެހެނިހެން ވުޒާރާތަކުން ފްރަންޓްލައިންގައި ތިކުރާ މިންނެތް މަސައްކަތަށް ވެސް ފަށްފަށުން ޝުކުރު ދަންނަވަމެވެ. ވޮލެންޓިއާރ ކޮށް ހޮސްޕިޓަލުގެ ޓީމާއި އަދި ކައުންސިލް ގެ ހެލްޕް ޑެސްކުގައި މަސައްކަތަށް ނުކުތް ހިތްވަރުގަދަ ހިދުމަތްތެރިންނަށް ވެސް ޝުކުރު ދަންނަވަމެވެ.

އުއްމީދަކީ ތިނަދޫ " ލޮކްޑައުން" ކޮށްގެން ނަމަވެސް މި ޢާލަމީ ވަބާއިން ތިނަދޫ ރައްޔިތުން ސަލާމަތް ކުރުމަށް ރަށުގެ އިސްވެރިން ވިސްނުމެވެ. އީ.އޯ.ސީ ގެ ޖަލްސާތައް ކުރިއަށް ވުރެ ހަރުދަނާ ކުރުމެވެ. ރައްޔިތުން، ރަށުގެ ވެރިން ނިންމާ ނިންމުންތަކަށް ކިޔަމަންގަނެ އެއަށް އަމަލު ކުރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ