logoEN
Sto top
ކޮލަމް: ނަރުހުންނީ ފަރިބަހާރެކޭ، ދިރި ދެމިވާ ހެޔޮ ޝިފާއެކޭ

ކޮލަމް: ނަރުހުންނީ ފަރިބަހާރެކޭ، ދިރި ދެމިވާ ހެޔޮ ޝިފާއެކޭ

ކ.ތ.ޒ

logo

5/12/2021, 9:00:47 PM

# ކޮލަމް# ނަރުހުންގެ ދުވަސް

Thinadhoo covid sample

Wamco

ނަރުހުންނީ ފަރިބަހާރެކޭ، ދިރި ދެމިވާ ހެޔޮ ޝިފާއެކޭ, ކަރުނައިން ލޯފުރިދިޔަސް ލިބޭ ފަރުވާއަށް އިތުރު ބާރެކޭ

ކޮންމެ އަހަރެއްގެ މެއި 12 ވަނަ ދުވަހަކީ އިނަޓަނޭޝަނަލް ކައުންސިލް އޮފް ނާރސެސް (އައި.ސީ.އެން) ގެ ފަރާތުން ފާހަގަ ކުރާ ބައިނަލް އަޤުވާމީ ނަރުހުންގެ ދުވަހެވެ. މި ފަޚުރުވެރި ދުވަސް ޙާއްސަ ވެގެން ވަނީ ނަރުހުންގެ ބާނީ މިސް " ފްލޮރެންސް ނައިޓިންގަލް" އަށެވެ.

ކޮންމެ އަހަރަކު ވަކި ތީމް އަކަށް ނަރުހުންގެ ދުވަސް ފާހަގަ ކުރެވޭ އިރު، މި އަހަރުގެ ތީމަކީ، " ނާރސެސް: އަ ވޮއިސް ޓޫ ލީޑް: އަ ވިޝަން ފޯރ ފިއުޗާރ ހެލްތް ކެއަރ" އެވެ. މިހަރުގެ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން އައީ.ސީ.އެން ގެ ރައީސާ ވިދާޅުވީ " ކޮވިޑް 19 ގެ ޢާލަމީ ބޮޑު ވަބާގެ ސަބަބުން ނަރުހުންގެ ޙިއްސާ އާއި ބޭނުންތެރިކަން މުޅި ދުނިޔެއަށް އެނގިގެން ގޮސްފި" ކަމަށެވެ.

ކޮންމެއަކަސް ނަރުހުންގެ ބާނީ ފްލޮރެންސް ނައިޓެންގަލް މީގެ 150 އަހަރު ކުރިން 1870 އަހަރު ތަކުގައި އެކަމަނާގެ ޑައިރީއެއްގައި ލިޔުއްވާފައި ވަނީ އެކަމަނާ ބިނާކުރި ނަރުހުންގެ ބޭނުންތެރިކަން މީގެ 150 އަހަރު ފަހުން ދުނިޔެއަށް އެނގިގެން ދާނެކަމަށެވެ. ޤުދުރަތުގެ ނިޔާ އިން ކޮވިޑް 19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ވެރިވެ 2020 ވަނަ އަހަރު ވެގެން ދިޔައީ ނަރުހުންނާއި ސިއްޙީ އެޙީތެރިންނަށް ބޮޑު އަހަރަކަށެވެ. ކަންދިމާ ކުރިގޮތުން އެކަމަނާ އަންދާޒާ ކުރި ގޮތަށް 150 އަހަރު ފަހުންނެވެ. ކޮވިޑް 19 ގެ ރާޅުތައް ނެގުމާއެކު ނަރުހުންނާއި، ޑޮކްޓަރުން އަދި ސިއްޙީ ހުދުމަތްތެރިން އަތުކުރި އޮޅާލީ އެބައެއްގެ ޤައުމާއި ވަތަނައްޓަކައި މޭ އައްޑަނަ އަކަށް ދިއްކޮށްގެން ތިބެމެއެވެ.

މިފަދަ އެއްބަޔަކީ އަޅުގަނޑުމެން މި ދިވެހި ބިން އެބަޔަކަށް ފަޚުރުވެރިވާ އަޅުގަނޑުމެންގެ ނަރުހުންނެވެ. ކޮވިޑް ގެ ކޭސްތައް ރާއްޖެއިން ފެންނަން ފެއްޓުމާއެކު ނަރުހުން އެލާޓް ވީ ކޮންމެ ފަދަ ކަމެއް ދިމާވިނަމެސް ފަހަތައް ނުޖެހޭނަމޭ ބުނެއެވެ. ދިވެހި ރައްޔިތުންގެ ހިމަޔަތާއި ސިއްޙަތުގެ ދިފާއުގައެވެ. އަމިއްލަ ދަރިންނާއި އާއިލާ ދޫކޮށް ފެސިލިޓީ ތަކުގައި އާއި ހޮސްޕިޓަލް ތަކުގައި ހެޒްމެޓް ސޫޓްތަކުގައި ދިގު ޝިފްޓް ތައް ހަދަމުންދަނީ އެއްވެސް ޝަކުވާއެއް ނުކޮށެވެ. ދުވާލަކު އެތަށް ސުންކު ތަކެއް ނެގުމަށް ރަތް ދައްކާ އަވީގައި އާއި ވެހޭހާ ވާރޭ ތެރޭ އުޅެނީ ދިވެހީންގެ ހައްޤުގައެވެ. އެކުދިން އެދެނީ ދިވެހިންގެ ކިބައިން އެންމެ ކަމެކެވެ. ސިއްޙީ މާޚިރުންގެ ލަފަޔާއި އެއްގޮތަށް އުޅުމަށެވެ.

ކޮވިޑް 19 ގެ ޝިކާރަ އަށް ވެފައިވާ އަޅުގަނޑުމެންގެ ދިވެހި ޤައުމު ސަލާމަތު ގެ އައްސޭރިއަކށް ގެންދިޔުމަށް ތިޔަ ނަރުހުން ތިޔަ ކުރަށްވާ މިންނެތް މަސައްކަތަކީ އެންމެ ޝުކުރަކުން އަގު ކުރެވޭނެ ކަމެއްނޫނެވެ. ފަންނީ މާޚިރުންގެ ލަފާގެ މަތިން އަމިއްލަ ނަފްސައް ބެލުމެއް ނެތި ތިވާ ޤުރުބާނީ އަކީ ގުނާ އަދަދު ކުރެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް 19 ހަނގުރާމައިގައި އެތައް ނަރުހުންނާއި ސިއްޙީ މާޙިރުން ވަނީ މި ފަނާވެނިވި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ލޮލުން އަންނަ ކަރުނަތައް ފޮހެމުން ތިޔަ ކުރާ ހިތްވަރަށް ސެލިއުޓް މިކުރަނީ ފަޚުރުވެރިކަމާ އެކުގައެވެ.

ވަމުން ޤުރުބާނީ އަދު ޤައުމަށްޓަކައި، ފިދާވެ އެދަނީ އަދު ނަރުހުން

ހިތްތައް އަދު ބަންޑުން މިވަނީ، ޤުރުބާންވެ ތިޔަދެއްވާ ހިދުމަތުން

އައްޑަނައަކަށް ދިއްކޮށް މޭ، ކުރާ ތިޔަ ހިދުމަތް އަދު

ބަންޑުން ކުރަނީ ޝުކުރާއި ވެދުމާއި ތަހާނީޔެ އަދު

ނޯޓު: މަތީގައިވާ ޅެންބައިތު ނެގިފައި ވަނީ 2015 ވަނަ އަހަރު ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހުން، ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ކިޔާފައިވާ ލަވައިން

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside