logoEN
WAMCO TOP 1
 ޤައުމީ ދުވަހުގެ ތަހާނީޔާއެކު ދުވަހުގެ ތާރީޚަށް ނަޒަރެއް!

ޤައުމީ ދުވަހުގެ ތަހާނީޔާއެކު ދުވަހުގެ ތާރީޚަށް ނަޒަރެއް!

# ޤައުމީ ދުވަސް

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު

މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ފާހަގަ ކުރަންފެށިތާ 84 ވަނަ ގައުމީދުވަހެވެ. ޤައުމީ ދުވަހުގެ ތަހާނިޔާ ގުލްހާރުތައް ޢިއްޒަތްތެރި ދިވެހި ލޮބުވެތި ކުދިބޮޑު އެންހައި ރައްޔިތުންނަށް އަރިސްކުރަނީ ޤައުމީ ކުލަތަކުން ޖަރީވެގެންވާ ގުލްދަސްތާގެ ޢަބީރުތަކުންނެވެ. ޤައުމީ އުފަލުގެ ތަރާނާތައް ހުރިހާ ދިވެހި ލޮބިވެތި ރައްޔިތުންނަށް އަރިސްކުރަނީ ޤައުމީ ޝައުގާ ޖޯޝުން އުފެދޭ ނަލަކުލަތަކުގެ ބަނޅިދާ ކޮކާތަކުންނެވެ.

THE TRAVELLER AD

މިއަދަކީ ގައުމީ އަބުޠާލުންގެ ޒިކުރާ އާކުރެވޭ ދުވަހެވެ. އެއަބުޠާލުން ގައުމަށްޓަކައި ކުރެއްވި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީތަކުގެ ހަނދާންތައް ހިތްމައްޗަށްގެނެސް ހަނދާން އާކުރާދުވަހެވެ. ދިވެހި ގައުމަށްޓަކައި ގުރުބާންވެވަޑައިގެންނެވި ހުރިހާ އަބުޠާލުންގެ ނަންފުޅުތައް ހަނދާންކޮށް މާތްﷲ އެބޭކަލުންނަށް ހެޔޮރަޙްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ގިނަ ދުޢާ ކުރަންވީ ދުވަހެއްމެއެވެ.

ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ ހިޖުރީ ސަނަތުން 1365 ވަނަ އަހަރުގެރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 4 ފެބްރުވަރީ 1946ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަކުރަމުން އައިސްފައެއް ނުވެއެވެ. ދިވެހި ދައުލަތުން މިފަދަ ދުވަހެއް ފާހަގަކުރެއްވުމަށް ވިސްނައިވަޑައިގަތް ހިނދު، އެންމެ ފުރަތަމަވެސް އެދުވަހެއް ކަމުގައި ދިވެހީން ކަނޑައެޅި ދުވަހަކީ ދިވެހީންގެ މިނިވަންކަން މުޅީން ގެއްލިފައިވަނިކޮށް، މިނިވަންކަމުގެ އަލިގަދަ ނޫރުން ދިވެހިއުންމަތް އަލިވެ އުޖާލާވެގެންދިޔަ ދުވަހެވެ. ޤައުމުދެކެ ލޯބިވާ އެއްވެސް މުވާޠިނަކު އެދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރުމާ މެދު ކުޑަވެސް އިންކާރެއް ނުކުރާނޭކަން ޔަޤީނެވެ.

މިހެނީ 15އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެއަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ ޙިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަޠީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީމުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.

ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ "ޤައުމީ ދުވަސް" މިނަމުގެބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މިނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސް އައެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26 އަށެވެ.

ހިޖުރީ ގޮތުން 1368ވަނަ އަހަރުން ފެށިގެން 1398 ވަނަ އަހަރާ ހަމައަށް ރަބީޢުލްއައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެސަލާމަތްވި ދުވަސް" ގެ ގޮތުގައެވެ. މިކަން މިގޮތުގެ މަތިން ހަމަޖައްސައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނެއްގައި ވަނީ ކުރީގެ ޤައުމީ ދުވަސް (1 ރަބީޢުލްއައްވަލް) އަކީ،ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެދުވަހު އޮންނާނީ ދީނީ ކަންތައްތައްކުރުން ކަމަށާއި، އެއީ ފޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (26 ޖުލައި) މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އަދި މިހެންކަމުން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހުކަމުގައިވެސް މި އިޢުލާނުގައި ލިޔުއްވާފައިވެއެވެ.

މިހާ ހިސާބުން 1 ރަބީޢުލްއައްވަލް ފާހަގަ ކުރަމުން އައިގޮތުގެ ޕްރޮގްރާމްތަކަށް ވެސް ބަދަލުތަކެއް ގެނެވުނެވެ. ދުވަސް ފާހަގަ ކުރުމުގެގޮތުން ހުކުރު މިސްކިތު ހަރުގޭގައި ޞަލަވާތް ކިޔެވުމާއި، ކޮންމެވެސްބޭފުޅެއްގެ ވާހަކަފުޅު ދެއްކެވުން ބޭއްވެމުން އައިސްފައިވެއެވެ.

މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު 1978 ވަނަ އަހަރު ސަރުކާރުންއިޢުލާން ކުރެއްވީ މާރިޗު މަހުގެ 19 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ "މިނިވަން ޤައުމީ ދުވަސް" ކަމުގައެވެ. ސަބަބަކީ މާރިޗު 29 އަކީ އައްޑުއަތޮޅު ގަމުންއިނގިރޭސިން ފޭބި ދުވަސް ކަމުގައިވާތީއެވެ. ވީމާ، އެދުވަހަކީ ސިޔާސީގޮތުން ފުރިހަމަ މިނިވަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގެންނެވިއެވެ. ނަމަވެސް މިދެންނެވި މިނިވަން ޤައުމީ ދުވަސް ފާހަގަކުރެވުނީ ހަމައެކަނި 78 ވަނަ އަހަރުއެވެ. އެ އަހަރު އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމި، 11 ނޮވެންބަރު 1978 ގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއިޙަވާލުވެ ވަޑައިގެންނެވުމަށްފަހު ސަރުކާރުގެ ސިޔާސަތަށާއި ޤާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާ އަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތަކެއް ފާސްވީއިރު ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއް ދުވަސްކަމުގައި ޤައުމީ ދުވަސް ހިމެނިގެން ދިޔުމެވެ.

އެ ޤާނޫނުގައި ބުނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެހެން ކަމުން ދިވެހީންގެ ޤައުމީ ދުވަސް ކަމުގައި 1 ރަބީޢުލްއައްވަލްއަނެއްކާވެސް ހަމަޖެހި ނިމުނީއެވެ.

ކޮމެންޓް
ފަހުގެ
HDC