logoEN
WAMCO TOP 1
ޤިޔާމަތް ދުވަސް ކާމިޔާބު ކުރެވޭނީ އަތްފޯރާފަށުގައި އެދުވަސް އޮތްކަމަށް ޤަބޫލުކުރާ މީޙުންނަށެވެ!

ޤިޔާމަތް ދުވަސް ކާމިޔާބު ކުރެވޭނީ އަތްފޯރާފަށުގައި އެދުވަސް އޮތްކަމަށް ޤަބޫލުކުރާ މީޙުންނަށެވެ!

# ޤިޔާމަތް

އިރުއޮއްސޭ މަންޒަރެއް ---

ޤިޔާމަތް ދުވަހަކީ ޝައްކެތްވެސް ނެތް ގޮތުގައި އަންނާނޭ ދުވަހެކެވެ. އެދުވަހަކީ ދާދިގާތުގައި އޮތް ދުވަހެކެވެ. އެހެނީ މަރުވުމުން އެމީހަކަށް އެވަނީ ޤިޔާމަތްވެފައެވެ. އެހިސާބުން އެމީހަކަށް ޤިޔާމަތް ދުވަސް އެވަނީ ފެށިފައެވެ. މަރުވެ ވަޅުލެވުމާއިއެކު ފެށިގެންދާ ބަރުޒަޚްގެ ޢާލަމްގެ ދުވަސްތަކަކީ ފުރަތަމަ މަރުހަލާއެވެ.

THE TRAVELLER AD

ޤިޔާމަތް ދުވަސް ކާމިޔާބު ކުރެވޭނީ އަތްފޯރާފަށުގައި އެދުވަސް އޮތްކަމަށް ޤަބޫލުކުރާ މީޙުންނަށެވެ! ފަތިހު ނިދީން ހޭލެވިއްޖެ ނަމަ އެދުވަހުގެ އިރުއޮއްސެންދެން ދުނިޔޭގައި ނުހުރެދާނެ ކަމަށާއި އިރުއޮއްސިއްޖެނަމަ އިރުއަރަންދެން ދުނިޔޭގައި ނުހުރެދާނެކަމަށް ޤަބޫލުކުރަން އޮންނަނީ މި ސަބަބަށްޓަކައެވެ!

މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ.

"އޭ އީމާންވި މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤްވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރި ވާށެވެ! އަދި މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާ ހުށިކަމެވެ.”

އަދިވެސް މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ. “ހެޔޮކަމައިގެން އަތުވެއްޖެމީހާ ދަންނާށެވެ! ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ޘަވާބު (އާޚިރަތުގައި) ހުށްޓެވެ. އަދި އެދުވަހުން، އެބައިމީހުންވަނީ ހުރިހައި ބިރުވެރި ކަމަކުން އަމާންކަން ލިބިގެންނެވެ.”

އަދިވެސް މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެއެވެ. އަދި ބުރަދަންހުރި ދުވަހެއް އެބައިމީހުންގެ ފަހަތަށް ދޫކޮށްލައެވެ."

ޤިޔާމަތް ނުވަތަ އާޚިރަތް ދުވަހަކީ ދުނިޔަވީ ޙަޔާތް ނިމޭ ދުވަހެވެ. އެ ދުވަހުގެ ބިރުވެރިކަމާއި މުހިންމުކަން އަހަރެމެން ދެނެގަނެ އެ ދުވަހަށް ތައްޔާރުވާން ޖެހެއެވެ.

އާޚިރަތް ދުވަސް އަންނާނެ ވަގުތެއް މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ނޭނގޭނެއެވެ. އެ ދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެން ގޮސް އިރުގެ އަލި ނެތިގެންދާނެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ މީހަކާއިމެ ސީދާ ބަސްފުޅު ވަޙީކުރައްވާނެއެވެ.

اللهُ سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހައި ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހައިރުން އެއުރެން ތެދުވެ (މަޙުޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ."

އެއީ ފަންސާސް ހާސް އަހަރާއި އެއްވަރުގެ ދިގު ދުވަހެކެވެ. އެ ދުވަހު އިރު ހުންނާނީ މީސްތަކުންނާ މޭލަކަށް ކައިރިކުރެވިފައެވެ.

އެ ދުވަހުން، މީސްތަކުންގެ ޢަމަލުތައް ހުންނަ ގޮތުން، އެއްބަޔަކު ތިބޭނީ އެ މީހުންގެ ގައިން އޮހޮރޭ ދަލުގެ ތެރޭގައި ތަނބިކަށްޓާއި ހަމައަށެވެ. އަނެއް ބަޔަކު އެ ބަޔެއްގެ ކަކުލާއި ހަމައަށެވެ. އަނެއްބަޔަކު އެބައެއްގެ އުނަގަނޑާއި ހަމައަށެވެ. އަނެއް ބަޔަކު ތިބޭނީ އެ ބަޔެއްގެ އަނގައާއި ހަމައަށް ގެނބިފައެވެ.

އެ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން ނަޖާކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި އެކަލާނގެއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނެއެވެ.

ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭނެއެވެ. ރެވިއޮށްޓަރެއްގެ މިންވަރުގެ ހެޔޮ ކަމެއް ވިޔަސް އަދި ނުބައި ކަމެއް ވިޔަސް އެ ދުވަހުން ގެނެވޭނެއެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ކަމަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ ބޭއިންސާފެއް ނުކުރައްވާނެއެވެ.

މުޖުތަމަޢުގައި މިއަދު މިވަނީ އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައެވެ. މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން، ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ބަޔަކު އަވަދިނެތި އުޅޭ އިރު، އެމީހުންނަށް މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ހީވެސްނުވާ ކަހަލައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ ނަމަ، މިފަދަ ކަންކަމުން ދުރުހެލިވެެލިވެ، ރައްކާތެރިވާންޖެހެއެވެ.

ބުއްދިވެރި މީހަކީ ތިމާގެ ނަފުސު ހިސާބުކޮށް ޢަމަލުތައް ވަޒަންކޮށް އަންނަން އޮތް ދުވަހަށް ތައްޔާރުވާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ، ހަވާނަފުސަށް ތަބާވެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ފޮނި އުންމީދުކުރާ މީހާއެވެ.

އިންސާނާ ކިތަންމެ ގިނަ ހެޔޮކަމަކާއިގެން ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ބައްދަލުކުރިޔަސް، މީސްތަކުންގެ ޙައްޤުތަކަށް އޭނާ ރައްކާތެރި ނުވެއްޖެ ނަމަ، އެ ހެޔޮ ޢަމަލަކުން އޭނާއަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެއެވެ.

ޤިޔާމަތް ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޙައުޟުކޮޅު ދެއްވާނެއެވެ. އޭގެ ފެން ކިރަށް ވުރެ ހުދުވާނެއެވެ. މާމުޔަށް ވުޔަށް ވުރެ ފޮނިވާނެއެވެ. އެއިން ފެންބުއިމުގެ ނަސީބު ލިބިގެންދާނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެއަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކޮށް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވާ މީހުންނަށެވެ.

އާޚިރަތް ދުވަހަށް ތައްޔާރުވުމުގެ ގޮތުން ދުނިޔޭގައި ހެޔޮ ޢަމަލުތައް ކުރުމަށާއި، ނުބައި ކަންކަމުން ދުރުހެލިވުމަށް އިރުޝާދު ދެމެވެ. އަދި މީސްތަކުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ނަސޭޙަތްތެރިވަމެވެ.

ޤިޔާމަތް ދުވަސް ކާމިޔާބު ކުރެވޭނީ އަތްފޯރާފަށުގައި އެދުވަސް އޮތްކަމަށް ޤަބޫލުކުރާ މީޙުންނަށެވެ!

ކޮމެންޓް
ފަހުގެ
HDC