logoEN
WAMCO TOP 1
ފޭނުންގެ ދިގު އިންތިޒާރަށް ނިމުމެއް: އައްޔުގެ ބޮޑު ސަޕްރައިޒާއެކު ވީޑިއޯ ލަވަ މާދަމާ ރޭ ނެރެނީ!

ފޭނުންގެ ދިގު އިންތިޒާރަށް ނިމުމެއް: އައްޔުގެ ބޮޑު ސަޕްރައިޒާއެކު ވީޑިއޯ ލަވަ މާދަމާ ރޭ ނެރެނީ!

ސާރާ އަހުމަދު

logo

8/12/2026, 3:12:47 PM

# އަލީ އިނާން ސައީދު (އައްޔު)

-

ދިވެހި މިޔުޒިކީ ދާއިރާގައި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ހުނަރުވެރި ޒުވާން ލަވަކިޔުންތެރިޔާ އަލީ އިނާން ސައީދު (އައްޔު) ގެ ފުރަތަމަ އަމިއްލަ ވީޑިއޯ ލަވައިގެ އޮފިޝަލް ޓްރެއިލާ މީސްމީޑިއާގައި މިހަފްތާގެ ކުރީކޮޅު ވަނީ ލޯންޗުކޮށްފައެވެ. މި ޓްރެއިލާއާއެކު ބެލުންތެރިންނަށް ވަނީ ހީނުކުރާ ފަދަ ބޮޑު ސަޕްރައިޒެއް ލިބިގެންގޮސްފައެވެ. އެގޮތުން، މި ލަވައިގެ ޓީޒާ ވީޑިއޯއިން އައްޔާއެކު ފެނިގެންދަނީ ޕޮލެންޑަށް ނިސްބަތްވާ ރީތި އަންހެން ކުއްޖެކެވެ.

THE TRAVELLER AD

މިއީ މުޅި ޓްރެއިލާއިންވެސް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް އަތުލައިގަތް އެއް ކަންތަކެވެ.

މި ލަވައިގެ އޮރިޖިނަލް ލަވައަކީ ލަމްއާން ހިދާދު ގެ އަމިއްލަ އުފެއްދުމެކެވެ. ލަމްއާން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ އޭނާގެ ލޯބިވާ އަނބިމީހާއަށް ޚާއްސަކޮށްގެން ހަދާފައިވާ ވަރަށް އަސަރުގަދަ ލަވައެކެވެ. ނަމަވެސް، މި ލަވައިގެ ރެޑެމްޕްޝަން ކޮމްޕޯޒްކޮށްފައިވަނީ އައްޔު އަމިއްލައަށެވެ. މިޔުޒިކީ ގޮތުން ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން، ލަވައިގައި ލައިވް ގިޓާ ކުޅެދީފައިވަނީ ހުނަރުވެރި މިއުޒީޝަން ލިޒާން އެވެ.

މީގެ ކުރިން އައްޔު ނެރުނު މެޝަޕްއެއްގައި މި ލަވަ ހިމެނިފައިވުމުން، ގިނަ އަދަދެއްގެ އަޑުއެހުންތެރިންނާއި ފޭނުން ދިޔައީ މި ލަވައިގެ ފުރިހަމަ ވީޑިއޯއެއް ނެރެދިނުމަށް އެދެމުންނެވެ. އެހެންކަމުން، އައްޔުގެ ފުރަތަމަ ވީޑިއޯ ލަވައިގެ ގޮތުގައި މި އުފެއްދުން ނެރެން ނިންމި އެންމެ ބޮޑު ސަބަބަކީވެސް ސަޕޯޓަރުންގެ އެ ބޮޑު އެދުމެވެ.

މި ލަވައިގެ ސިނެމެޓިކް ވިޝުއަލްސްތަކުގެ މަސައްކަތް ކޮށްފައިވަނީ މިފަހުން ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ދޯދި" ގެ ވީޑިއޯ ޕްރޮޑަކްޝަން ޓީމު ކަމަށްވާ "ޝެޕަރޑް މޯލްޑިވްސް" އިންނެވެ.

ލަވައިގެ މަންޒަރުތައް ނަގާފައިވަނީ އއ. އުކުޅަހުގެ ގުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް ފެންނަ ގޮތަށެވެ. އެގޮތުން އެ ރަށުގެ "އާރިއާ ބީޗް" ގެ ހިތްގައިމު މާހައުލު މި ވީޑިއޯއިން ވަރަށް ފުރިހަމައަށް ދައްކުވައިދޭނެއެވެ.

އައްޔު ބުނި ގޮތުގައި މި މި ލަވައިގެ ޝޫޓިންގއަށް އާރިއާ ބީޗް ހިޔާރުކުރީ އެތަނަކީ މިހާރު އަރި އަތޮޅު ރީޖަންގައި އޮތް އެންމެ ރީތި އެއް ތަން ކަމަށް ވުމާއި ބަލާލި ކޮންމެ ދިމާލަކުންވެސް ވީޑިއޯ ލަވައަކަށް މެޗްވާ ގޮތަށް އެތަން ބިނާކޮށްފައި ހުރުމެވެ.

އަދި މި ލަވައިގެ ސްޕޮންސަރަކީވެސް އާރިއާ ބީޗް އެވެ. އައްޔު ވަނީ، އާރިއާ ބީޗްގެ ސަމީ އަދި ފައި އަށް އޭނާގެ ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ޚާއްޞަކޮށް މި ވީޑިއޯ ލަވައިގެ ޕްލޭން ފުރަތަމަ ފެށިގެން އައީ ސަމީ އާއި އޭނާއާއި ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ތެރެއިން ދެކެވުނު ވާހަކައަކުންކަން އައްޔު ފާހަގަކުރެއެވެ.

މި ލަވައިގެ މަސައްކަތުގައި އެހީތެރިވެދިން މޮވާނު އަދި ލައު އަށް އައްޔު ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. މީގެ އިތުރުން، އައިލެންޑް ޕާފިއުމް އިން އަލަށް މާކެޓަށް ތައާރަފުކުރި ސެންޓުގެ ޚާއްޞަ މަންޒަރުތަކެއްވެސް މި ލަވައިގެ ވީޑިއޯއިން ފެނިގެންދާނެ ކަމަށް އައްޔު ފާހަގަކުރިއެވެ. މިއީ ގިނަ ބަޔެއްގެ އެހީތެރިކަމާއިއެކު ނެރެވޭ ވަރަށް ޚާއްސަ ލަވައެކެވެ.

ލަވައިގެ ޓްރެއިލާ އާންމުވުމާއެކު މީސްމީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ވަރަށް އަވަހަށް ޔޫޓިއުބް އަދި އެހެނިހެން މިޔުޒިކީ ސްޓްރީމިންގ ޕްލެޓްފޯމްތަކަށް މި ލަވަ ދޫކޮށްލާނެ ކަމަށް އައްޔު ވަނީ ބުނެފައެވެ.

އަދި އެންމެ ފަހު ކަމަކަށް އައްޔު ބުނެފައިވަނީ، ވީޑިއޯ ލަވައިން ބެލުންތެރިންނަށް ވަރަށް ޚާއްސަ ސަޕްރައިޒެއް ފެނިގެންދާނެ ކަމަށެވެ. މިއާއެކު ސަޕޯޓަރުންގެ އިންތިޒާރު މިވަނީ އިތުރަށް ބޮޑުވެފައެވެ.

މި ލަވަ ރިލީޒްކުރުމަށް ނިންމާފައިވަނީ މާދަމާ ރޭ 20:00 ގައި އެވެ.

ކޮމެންޓް
ފަހުގެ
HDC