
--
މީލާދީ ކަލަންޑަރުގެ އެއް އަހަރެއްގެ ތެރޭގައި ތިން އީދު ފާހަގަކުރުމުގެ ނާދިރު ފުރުސަތެއް 2039 ވަނަ އަހަރު މުސްލިމުންނަށް ލިބިގެންދާނެކަމަށް ފަލަކީ އިލްމުވެރިން ހާމަކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ މަޝްހޫރު މޫސުމާއި ފަލަކީ އިލްމުވެރިޔާ ޑރ. އަބްދުﷲ އަލް މިސްނަދު ވިދާޅުވި ގޮތުގައި، މި ނާދިރު ހާދިސާ މެދުވެރިވަނީ އިސްލާމީ ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރާ ދެމެދު އޮންނަ ތަފާތުގެ ސަބަބުންނެވެ. އިސްލާމީ ކަލަންޑަރު ބިނާވެފައިވަނީ ހަނދުގެ ނިޒާމަށް ކަމަށްވެފައި، މީލާދީ އަހަރަކަށްވުރެ ހިޖުރީ އަހަރެއްގައި ގާތްގަނޑަކަށް 11 ވަރަކަށް ދުވަސް މަދުވުމުގެ ސަބަބުން، ކޮންމެ އަހަރަކުވެސް އިސްލާމީ މުހިންމު މުނާސަބަތުތައް އަންނަނީ 11 ދުވަސް ކުރިއަށެވެ.
މި އަންނަ ބަދަލާއެކު، 2039 ވަނަ އަހަރު ފެށިގެންދާނީ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އަންނަ އަޟްޙާ އީދުންނެވެ. (އެއީ 1460 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހެވެ). އޭގެ ފަހުން އެ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ފިޠުރު އީދު އަންނާނެއެވެ. އަދި އަހަރު ނިމުމުގެ ކުރިން، ހިޖުރީ އައު އަހަރެއް ފުރިހަމަވެ، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު (1461 ވަނަ އަހަރުގެ ޛުލްޙިއްޖާ 10 ގައި) އަނެއްކާވެސް ދެވަނަ އަޟްޙާ އީދެއް ފާހަގަކުރާނެއެވެ.
މީގެ މާނައަކީ، މީލާދީ އެއް އަހަރެއްގެ ތެރޭގައި ދެ ޙައްޖު މޫސުން އަދި ދެ އަރަފާތް ދުވަސް އައުމެވެ. މިއީ ވަރަށް ނާދިރު ހާދިސާއެކެވެ. އެއް އަހަރެއްގެ ތެރޭގައި ގުރުބާންކުރުމުގެ ދެ އީދާއި، ރޯދައިގެ އުފާވެރިކަމުގެ އެއް އީދު އައުމަކީ މުސްލިމުންނަށް ލިބިގެންދާނެ ވަރަށް ތަފާތު ރޫޙާނީ ތަޖުރިބާއެކެވެ.
މީގެ އިތުރުން، ފަލަކީ އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން 2030 ވަނަ އަހަރުގެ ތެރޭގައި މުސްލިމުން ދެ ފަހަރަށް ރަމަޟާން މަހުގެ ރޯދަ ހިފާނެއެވެ. އެއީ 2030 ގެ ޖަނަވަރީ މަހުގައާއި ޑިސެމްބަރު މަހުގައެވެ. މީގެ ކުރިން މިގޮތަށް މީލާދީ އެއް އަހަރެއްގެ ތެރޭގައި ދެ ރަމަޟާން މަސް އައިސްފައިވަނީ މީގެ 33 އަހަރު ކުރިން، 1997 ވަނަ އަހަރުގައެވެ.



